ގައުމުގެ އިގުތިސާދީ އަދި މާލީ ހާލަތު މި ހިސާބަށް ވެއްޓުނީ ނިމުނު އެމްޑީޕީ ސަރުކާރުން މޫނާއި ކަނދުރާއަށް ބަލައިގެން ކަންކަން ކޮށްފައި ހުރުމުން ކަމަށާއި ކަންކަން ނިންމަން ޖެހުނު ވަގުތުގައި އެކަން ކުރަން އެމްޑީޕީއަށް ނުކެރުނީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
މާލީ ހާލަތު ދަށްވީ މި ސަރުކާރަށް މެނޭޖްކުރަން ނޭނގިގެން ކަމަށް ބުނެ، އިދިކޮޅު ފަރާތްތަކުން އަންނަނީ ވަރަށް ބޮޑަށް ސަރުކާރަށް ފާޑުކިޔަމުންނެވެ.
މި ހަފުތާގައި 'ސަން'އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ނާޒިމް ވިދާޅުވީ، އެމްޑީޕީއަށް މިހާރު ރައްޔިތުން އިތުބާރު ނުކުރާ ކަމަށާއި ފާއިތުވި ދެ އިންތިޚާބުގައި ވެސް ރައްޔިތުން ނުކުމެ އެމްޑީޕީއަށް ނޫނެކޭ ބުނީ އެ ސަބަބާ ހުރެ ކަމަށެވެ.
އެއާ ހިލާފަށް މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންނަށް ދެއްވާ ޔަގީންކަމަކީ ކަންކަން ކުރަން ކެރޭނެކަމާއި އަތްލަން ނުކެރޭ މީހަކު ނުހުންނާނެ ކަމަށާއި ކުރަންޖެހޭ ކޮންމެ ކަމެއްގައި މޫނަކަށް ކަނދުރާއަކަށް ނުބަލައި ކަންކަން ކޮށްދެއްވާނެކަން ކަމަށް ނާޒިމް ވިދާޅުވިއެވެ. އެކަމަކު، މިދިޔަ ފަސް އަހަރު އެމްޑީޕީއަށް އެ ކަންކަން އެ ގޮތަށް ކުރައްވަން ނުކެރުނު ކަމަށް އޭނާ ވިދާޅުވިއެވެ.
"އެ ގޮތަށް މޫނަށް ކަނދުރާއަށް ބަލަމުން ގޮސް ދެއްތޯ މިހާ ހިސާބަށް އަޅުގަނޑުމެންގެ ކަންތައްތައް ގޯހުން ގޯހަށް މި ދިޔައީ. އެހެންވީމާ އަޅަންވާ ފިޔަވަޅު އަޅަންވާ ރަނގަޅު ވަގުތުގައި ނޭޅީ،" ނާޒިމް ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް އެބައޮތޭ އެނގެން ވަރަށް ސާފުކޮށް މި ހުރިހާ ކަމެއް އެމްޑީޕީއަށް އެނގޭކަން،"
މިސާލެއްގެ ގޮތުން ނާޒިމް ދެ ތާރީޚެއް ވިދާޅުވިއެވެ. އެއީ، ފެބްރުއަރީ 12، 2023 އާއި ފެބްރުއަރީ 26، 2023 އެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ދެ ތާރީޚުގައި ވެސް އާސަންދައިން އޭރުގެ އިކޮނޮމިކް ކައުންސިލަށް އާސަންދަ އިސްލާހުކުރުމާ ބެހޭ ކަރުދާހެއް ހުށަހެޅިއެވެ. އެއަށް އެ ތަނުގައި ބަހުސް ވެސް ކުރި ކަމަށާއި އެކަމަކު އަޅަން ޖެހޭ ފިޔަވަޅު އަޅަން އެމްޑީޕީއަށް ނުކެރުނީ ކަމަށް ނާޒިމް ވިދާޅުވިއެވެ.
"މި ހުރިހާ ކަރުދާހަކަށް އިކޮނަމިކް ކައުންސިލްގައި ޑިސްކަސްކޮށްފައި ނެތޭ ނަގަންވާ ޑިޒިޝަން ނަގާފަކާއެއް. އެހެންވީމާ ނޫންތޯއޭ މި މައްސަލަ ދިމާވެގެން މި އުޅެނީ،" އޭނާ ވިދާޅުވިއެވެ.
މިދިޔަ އެމްޑީޕީ ސަރުކާރު ނިންމާފައި ދިޔައިރުގައި އާސަންދައިން އެކަނި ދައްކަންޖެހި ނުދައްކާ ހުރި ބިލުތަކުގެ އަގު 1.1 ބިލިއަން ރުފިޔާއަށް އަރާކަން ފާހަގަކުރައްވައި އޭނާ ވަނީ މިދިޔަ ސަރުކާރުގެ އިކޮނަމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލާއި ފިނޭންސް މިނިސްޓަރުކަން ކުރެއްވި އިބްރާހިމް އަމީރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
ނާޒިމް ވިދާޅުވީ، މި ސަރުކާރަށް މެނޭޖްކުރަން ނޭނގެނީއޭ ވިދާޅުވާއިރު މިދިޔަ ސަރުކާރަށް މެނޭޖްކުރެވުނު ނަމަ މި ހާލަތަށް ނުދާނެ ކަމަށެވެ.
މީގެ އިތުރުން، ގައުމީ ބޭންކް، ބީއެމްއެލަށް މި ވަގުތު ދިމާވެފައި އޮތް ޑޮލަރުގެ ދަތިކަމާއި ޖުމުލަކޮށް މުޅި އިގުތިސާދަށް ދިމާވެފައި ހުރި މައްސަލަތައް ވެސް މަނިޓަރީ ސިޔާސަތުތައް އިސްލާހުވެގެން އަންނައިރު ރަނގަޅުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ގޮތުން، ރައީސް އިއުލާނުކުރެއްވި ބަދަލުތަކާ އެކު ޑޮލަރުގެ މައްސަލައަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވަނީ ޑޮލަރު އާމްދަނީ ލިބޭ މީހުން ދައުލަތަށް ދައްކަން ޖެހޭ ޓެކްސްތަކާއި އިމްޕޯޓު ޑިއުޓީތައް ޑޮލަރު ދައްކަން ޖެހޭ ގޮތް ހެދުމުގެ އިތުރުން ސީދާ ބޭންކަށް ޑޮލަރު މާރުކުރަން މަޖުބޫރުކުރުވާނެ ކަމަށް ވިދާޅުވެފައެވެ.
"ސިޔާސީ ގޮތުން އަޅުގަނޑުމެން ބޭނުންވަނީ އެ އަޒުމު ދައްކައިދޭން ރައްޔިތުންނަށް ވެސް، އަދި ބޭރު ގައުމުތަކަށް ވެސް އަދި އިންވެސްޓަރުންނަށް ވެސް. އެހެންވީމާ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މަނިޓަރީ ސިޔާސަތަށް މި ގެންނަ ބަދަލުން، އަދި މަނިޓަރީ ގަވާއިދުތަކަށް މި ގެންނަ ބަދަލުތަކުން މި ކަން ފަހިވެގެންދާނެ،" ނާޒިމް ވިދާޅުވިއެވެ.
މިހާރު މަނިޓަރީ ސިޔާސަތުގެ ތެރެއިންނާއި އެ ނޫން ވެސް ކަންތައްތަކުގެ ތެރެއިން އިގުތިސާދުގައި ހުރި ބާގަނޑުތައް ބެއްދުމުން ޑޮލަރުގެ މައްސަލައަށް ހައްލެއް ލިބޭނެ ކަމަށް އޭނާ ގަބޫލުކުރައްވައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސައީދު މީގެ ކުރިން ވަނީ ރައީސް އިއުލާނުކުރެއްވި ބަދަލުތަކާ އެކު ރާއްޖެއަށް ލިބޭ އާމްދަނީއަށް 40 މިލިއަން ޑޮލަރާއި 80 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް އިތުރުވާނެ ކަމަށް ލަފާކުރައްވާ ކަމަށް ވިދާޅުވެފައެވެ.
މާލީ ހާލަތު ގޯސްވެ، ޚަރަދު ކުޑަކުރަން ރާއްޖެއަށް މަޖުބޫރުވެފައިވާއިރު ސަރުކާރުން ވަނީ އާސަންދަ އިސްލާހުކުރުމާއި ސަބްސިޑީތައް ޓާގެޓުކުރުން ފަދަ މުހިންމު ބަދަލުތަކެއް އިއުލާނުކޮށްފައެވެ.
ޑޮލަރުން ލިބޭ އާމްދަނީ އިތުރުނުވެ، ތިންގުނަ އިތުރަށް ހޭދަކުރަންޖެހޭ ކަމަށް ބުނެ ބީއެމްއެލުން ރުފިޔާ ކާޑުތަކަށް ދެމުން އައި ޑޮލަރު އެއްކޮށް ހުއްޓައިލަން ވެސް މި ހަފުތާ ތެރޭގައި ނިންމިއެވެ. އެކަމަކު، މަރުކަޒީ ބޭންކް، އެމްއެމްއޭގެ އިރުޝާދާ އެއްގޮތަށް ބީއެމްއެލުން ފަހުން ވަނީ އެ ނިންމުން ބަދަލުކޮށްފައެވެ.
ސަރުކާރުގެ ބައެއް އިސްވެރިން އެ ކަމާ ގުޅުވައި ބަޣާވާތެއްގެ ތުހުމަތުކުރައްވާއިރު ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.