ސަރުކާރުގެ އަމަލާ ހެދި ބީއެމްއެލްއާއި މާލީ ނިޒާމުގެ އިތުބާރު ގެއްލޭނެ: އަމީރު

ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު: ވިދާޅުވީ މި ސަރުކާރުން އެ ކުރާ ކަމަކީ ބީއެމްއެލްއަށް އޮތް އިތުބާރު ގެއްލުވައިލުން ކަމަށް -- ސަން ފޮޓޯ/ އަމަން ލަތީފް

މި ސަރުކާރުގެ އަމަލުތަކުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށާއި ގައުމުގެ މާލީ ނިޒާމަށް އޮތް އިތުބާރު ގެއްލެމުންދާ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މިއަދު ވިދާޅުވެއްޖެއެވެ.

މިދިޔަ އާދިއްތަ ދުވަހު ބީއެމްއެލްއިން ވަނީ ރުފިޔާ ކާޑަށް ޑޮލަރު ލިމިޓް ދިނުން ހުއްޓާލުމަށް ނިންމައިފައެވެ. އަދި، ކްރެޑިޓް ކާޑަށް ވެސް މަހަކު 100 ޑޮލަރު އެކަނި ދޭން ނިންމައިފައެވެ. ބޭންކުން އެ ނިންމުން ނިންމީ އެ ބޭންކަށް ޑޮލަރުން ލިބޭ އާމްދަނީ ދަށްވުމުން އެހެން ގޮތެއް ނެތިގެން ކަމަށް ބުނެފައެވެ.

އެ ކަމާ ގުޅިގެން ސަރުކާރުންވަނީ، އެއީ އެމްޑީޕީން އިސްވެ ތިބެ، ބީީއެމްއެލްގެ ބޯޑުގެ ޑިރެކްޓަރުންނާ ގުޅިގެން ހިންގަން އުޅުނު ބަޣާވާތެއް ކަމަށް ތުހުމަތުކޮށްފައެވެ. އަދި ފުލުހުން ވަނީ އެ މައްސަލަ ތަހުގީގު ކުރަން ވެސް ފަށައިފައެވެ.

https://sun.mv/195994

މި ކަމާއގުޅިގެން އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަމީރު ވިދާޅުވީ ބީއެމްއެލްއިން ބަޣާވާތެއް ހިންގަން އުޅޭކަމަށް ރައީސް ވިދާޅުވުމުން، އެއިން ދައްކުވައިދެނީ ކޮން ކަމެއްތޯ ވިސްނައިލަން ޖެހޭ ކަމަށެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން: އަމީރު ވިދާޅުވީ މާލީ ހާލަތު މިހާ ގޯސްވީ ސަރުކާރު ނާގާބިލްވުމުން ކަމަށް -- ސަން ފޮޓޯ/ އަމަން ލަތީފް

ރޭ އޮތް ޕީއެންސީގެ ޖަލްސާގައިވަނީ ބީއެމްއެލްގެ ސީއީއޯ އިސްތިއުފާދިނުމަށް ގޮވާލައި، އެ ކުންފުނީގެ ބޯޑު މެންބަރުންނަށް ފިޔަވަޅު އެޅުމަށް ވެސް ގޮވާލައިފައެވެ.

މި ކަމާ ގުޅިގެން އަމީރު ވިދާޅުވީ އިގުތިސާދެއްގެ އެންމެ މުހިންމު އެކައްޗަކީ އިތުބާރު ކަމަށާއި އެ އިތުބާރު ގެއްލޭ ގޮތަށް ދައުލަތެއްގެ ވެރިއެއް ނުވަތަ ދައުލަތަކުން ކޮށްގެން ނުވާނެ ކަންތައްތަކެއް ހުންނާނެ ކަމަށެވެ.

"ރާއްޖޭގެ މާލީ ނިޒާމަށް އިތުބާރު ގެއްލޭ ގޮތަށް، ޚާއްސަކޮށް ރާއްޖޭގެ އެންމެ މުހިންމު ބޮޑު ބޭންކުގެ އިތުބާރު ގެއްލޭ ގޮތަށް ވާހަކަ ދެއްކުމަކީ އަޅުގަނޑުމެންގެ އިގުތިސާދު އަދި މާލީ ނިޒާމުގެ އިތުބާރު ގެއްލޭނެ ކަންތައްތަކެއް،" އޭނާ ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ ބޭރުގެ ބޭންކުތަކާއި މާލީ އިދާރާތަކުގެ އިތުރުން އިންވެސްޓަރުންނާއި ވިޔަފާރިވެރިންނަށް ރާއްޖޭގެ މާލީ ނިޒާމާ ދޭތެރޭގައި އިތުބާރު ގެއްލުމުން ދިމާވާނެ ދަތިތަކަށް ސަރުކާރުން ވިސްނަންޖެހޭނެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި މާލީ ހާލަތު ގޯސްވެފައިވަނީ ސަރުކާރުގެ ނާގާބިލު ކަމުންނާއި ފާއިތުވި ނުވަމަސް ތެރޭގައި ވަރަށް ގިނަ ގޯސްތަކެއް ހަދައިފައި ވުމުންނެވެ.

މީގެ އިތުުރުން އަމީރުވަނީ މި އަހަރު އާމްދަނީ އިތުރުވާއިރު، ދައުލަތުގެ ރިޒާވް ދަށްވާންވީ ކީއްވެގެންތޯ ސުވާލު ކުރައްވައިފައެވެ.

"އިންވެސްޓާސް އާ ޑިޕޮޒިޓާސްއާ އަދި ރާއްޖޭގެ ބޮޑެތި ވިޔަފާރިތަކުގެ ކޮންފިޑެންސް އެބަ އޮތްތޯ؟ މާދަމާ ވެސް ރާއްޖޭގެ ބޮޑެތި ވިޔަފާރިތަކުގެ ޑިޕޮޒިޓްސްތައް ބޭންކް އޮފް މޯލްޑިވްސްއިން ނަގާފައި އެހެން ތަންތަނަށް ބަދަލު ކުރުމުގެ ފުރުސަތު ސީދާ އެ ހުޅުވާލަނީ ރައީސުލްޖުމްހޫރިއްޔާ. ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓުން،" އަމީރު ވިދާޅުވިއެވެ.

މީގެ އިތުރުން އަމީރު ވިދާޅުވީ އިންތިގާލީ މަރުހަލާގައި އައު ސަރުކާރަށް ގައުމުގެ މާލީ ހާލަތު ރަނގަޅަށް އޮޅުވަންފިލުއްވައި ދެއްވާފައިވާނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އޭރު އިންތިޚާބީ ސަރުކާރުން ތިބީ އެކި ގައުމުތަކުން ޖުމްލަ ދެ ބިލިއަން ޑޮލަރު ލިބޭނެ ކަމުގެ އުންމީދުގައި، ހާސްކަމެއް ނެތި ކަމަށެވެ.

އިންތިޚާބީ ރައީސްގެ އިންތިގާލީ ކޮމިޓީއާއި ރައީސް އޮފީހުގެ ކޮމިޓީއާ ދެމެދު ބައްދަލުކުރުން -- ފޮޓޯ/ ރައީސް އޮފީސް

"މިހާރުގެ މިނިސްޓަރު ސައީދު ވިދާޅުވީ އަމީރު ތި ދައްކަވަނީ ކޮން ވާހަކައެއްހޭ. ތިމަންނާމެން ތި ރިފޯމްތައް ގެންނާނީ ތިމަންނާމެންނަށް ދެވަނަ ޓާމެއް ލިބުނީމައޭ. ފުރަތަމަ ޓާމުގައި މީހުން ކުރާ ކަހަލަ ކަންކަމެއް ނޫނެއްނުހެއްޔޭ... އަޅުގަނޑު އޭރު ވެސް ދެންނެވިން އެހެން ފައިސާއެއް ނުލިބޭނޭ، ތިއީ ރަނގަޅު ވާހަކައެއް ނޫނޭ. އެ ބޭފުޅުން ވަރަށް ޔަގީންކަމާ އެކުގައި ތިބީ،" އަމީރު ހާމަ ކުރެއްވިއެވެ.

ބީއެމްއެލްއިން ރުފިޔާ ކާޑަށް ޑޮލަރު ދޫކުރުން ހުއްޓާލަން އިއުލާން ކުރުމާ ގުޅުވައި އިދިކޮޅުން ބަޣާވާތްކުރަން އުޅުނު ކަމަށް ތުހުމަތުކޮށް، ފުލުހުން ތަހުގީގެއް ފަށައިފައިވާކަން އިއުލާން ކުރީ ރޭގައެވެ.

https://sun.mv/196034

އެމްޑީޕީން ވަނީ ފުލުހުން އެ މައްސަލަ ބަލަން ނިންމީ ސިޔާސީ ނުފޫޒުން ކަމަށާއި މިހާރުން މިހާރަށް ފުލުސް ކޮމިޝަނަރު އަލީ ޝުޖާއު އެ މައްސަލައިގައި އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާކަމަށް ބުނެފައެވެ.

comment ކޮމެންޓް