ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)އާ ގުޅޭ އެއްވެސް ކޮރަޕްޝަނެއްގެ މައުލޫމާތު މިހާތަނަށް ލިބިވަޑައިގެންފައިނުވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ވަނީ އެންސްޕާ ހިންގާ އިމާރާތް ކުއްޔަށް ހޯދުމުގައި ކުރެވުނު މުއާމަލާތާ ގުޅުވާ ތުހުމަތުތައް ކޮށްފައެވެ.
ތުހުމަތު ކުރެވެނީ ވަރަށް ފަހުން ފެށި އެމްއެމްޓީވީއިން ކުއްޔަށް ނަގާފައިވާ އޮފީސް އިމާރާތެއް އެންސްޕާއަށް ކުއްޔަށް ދީފައިވާ ކަމަށެވެ.
އެގޮތުން އެންސްޕާ ހިންގާ އޮފީސް އިމާރާތެއް ހޯދަން 34.8 މިލިއަން ރުފިޔާގެ މުއާމަލާތެއް ގޭގެ ވެރިފަރާތް ނޫން އެހެން ފަރާތަކާ ކުރިކަމަށް ބުނެ ތުހުމަތުތަކެއް ސޯޝަލް މީޑިއާގައި ކުރިއެވެ. އެ މައްސަލަ ބޮޑުވުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ މައްސަލަ ބަލަން ވެސް ފަށައިފައެވެ.
ރައީސް އޮފީސް ދޮރުމަތީ ބައެއް ނޫސްވެރިންނާއެކު މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ވަނީ ރައީސަށް އެންސްޕާގެ ކޮރަޕްޝަން މައްސަަލަ އެނގިވަޑައިގެންފައިވޭތޯ ސުވާލުކޮށްފައެެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ މިހާތަނަށް އައިއިރު ވެސް އެންސްޕާއާ ގުޅޭ ކޮރަޕްޝަނެއްގެ އެއްވެސް މައުލޫމާތެއް އެ މަނިކުފާނާ ހަމައަށް ލިބިފައިނުވާ ކަމަށެވެ.
"އަޅުގަނޑާ ހަމައަށް ލިބިއްޖެޔާ އަޅުގަނޑު ހަމަ ކަމާ ބެހޭ ފަރާތްތަކަށް ދެންމެގައި ވެސް މި ދެންނެވި ގޮތަށް ހުށަހަޅާނަން،" ރައީސް ވިދާޅުވިއެވެ.
އެންސްޕާއަށް ކުރާ ތުހުމަތުތައް އެ އެޖެންސީން ފުރަތަމަ ދޮގުކުރި ނަމަވެސް ފަހުންވަނީ، އެ އޭޖެންސީ ހިންގަމުންދާ މޫކައި ސުއިޓްސް އިމާރާތް މަރާމާތު ކުރުމަށް ޓަކައި ހުސްކުރުމަށް އަންގައިފައިވާތީ، އެ އޭޖެންސީ ހިންގާނެ ތަނެއް ހޯދުމަށް ފިނޭންސް މިނިސްޓްރީގެ އޯޕަން ޓެންޑާއިން ހުޅުވާލައިގެން، އެކަމާ ގުޅުންހުރި ގަވައިދުތަކާއި އުސޫލުތަކުގެ މަތިން އެމްއެމްޓީވީއަށް އިމާރާތުގެ ފަންގިފިލާތަކެއް ކުއްޔަށް ދިން ކަމަށް އެއްބަސްވެފައެވެ.
އެހެން ނަމަވެސް އެ މުއާމަލާތާ ގުޅިގެން އެމްއެޓީވީގެ އަގު ވައްޓާލައި، ބަދުނާމުކުރުމަށް ހަގީގަތާ ޚިލާފު އެތައް ވާހަކަތަކެއް ދައްކައި، މީޑިއާގެ އެކި ވަސީލަތްތައް ބޭނުންކޮށްގެން އެއްވެސް އަސްލެއް ނެތް ދޮގު ވާހަކަތައް ފަތުރަމުން ދިޔުމުގެ ސަބަބުން އެ ކުންފުންޏަށް މާއްދީ ގޮތުންނާއި މައުނަވީ ގޮތުން ފޫނުބެދޭ ވަރުގެ ބޮޑު ގެއްލުމާ ކުރިމަތިވެފައިވާ ކަމަށް އެންސްޕާއިން ބުންޏެވެ.
އެހެންވެ، އެ އެއްބަސްވުން ބާތިލުކުުރުމަށް އެމްއެމްޓީވީން ހުށަހަޅައިފައިވާތީ، އެންސްޕާއިން ފިނޭންސް މިނިސްޓްރީއާ މަޝްވަރާކުރުމަށް ފަހު އެއްބަސްވުން ބާތިލުކުރަން ނިންމައިފައިވާ ކަމަށް އެ އޭޖެންސީން ބުންޏެވެ.