ޑޮލަރުން ލިބޭ އާމްދަނީން ޑޮލަރުން ޓެކްސް ނެގުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށާއި އެއީ އިގުތިސާދަށް ކުރިއެރުމެއް އަންނާނެ ބަދަލެއް ކަމަށް ގަބޫލުކުރާ ކަމަށް، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) ބުނެފިއެވެ.
މަޓާޓޯއިން ނެރުނު ބަޔާނެއްގައި މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކަށް އިޝާރާތްކޮށް ބުނެފައި ވަނީ، ޑޮލަރުން ޓެކްސް ނެގުމާ އެ އެސޯސިއޭޝަނުން އެއްވެސް ވަރަކަށް ދެކޮޅު ނޫން ކަމަށެވެ. އެކަމުގައި މަޓާޓޯގެ މައިގަނޑު އަމާޒަކީ އެ އިސްލާހުތައް ތަންފީޒު ކުރެވިގެންދާއިރު އެއީ ފަތުރުވެރިކަމުގެ ދާއިރާގެ އަމަލީ ކަންކަމާ އެއްގޮތްވާ ގޮތުގެ މަތިން ކުރެވޭ ކަމެއްތޯ ބެލުމަށް ކަމަށް އެ އެސޯސިއޭޝަނުން ބުންޏެވެ.
ހަރުދަނާ މާލީ ސިޔާސަތުތަކުގެ މުހިންމު ކަމާއި އާމްދަނީ ހޯދުން އިތުރުކޮށް، ނިޒާމުގެ ހުރި މައްސަލަތަކަށް އެކަށީގެންވާ ހައްލު ގެނެވޭ ފަދަ އިސްލާހުތަކެއް ގެނައުމުގެ މުހިންމުކަން ފާހަގަކޮށް މަޓާޓޯއިން ބުނީ، މި ވަގުތަކި އިސްލާހުތަކަށް ވަރަށް މުހިންމު ވަގުތެއް ކަމަށެވެ.
އެހެންވެ، ސަރުކާރުގެ މާލީ މަގުސަދުތަކަށް ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމަށާއި ފަތުރުވެރިކަމުގެ ސިނާއަތުގެ މަސްލަހަތު ހިމާޔަތްކޮށް، އިގުތިސާދަށް ފައިދާ ކުރާނެ ގޮތަކަށް ޖީއެސްޓީ ނެގުމުގެ ސިޔާސަތުތަކަށް ގެނެވޭ ކޮންމެ ބަދަލެއް ތަންފީޒު ކުރުމަށް ވެސް ސަރުކާރާ ގުޅިގެން މަސައްކަތް ކުރާނެ ކަމަށް އެ އެސޯސިއޭޝަންގެ ބަޔާނުގައިވެއެވެ.
"އަދި މި މުހިންމު ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި ގުޅުންހުރި ހުރިހާ ފަރާތްތަކާއެކު މަޝްވަރާކޮށް އެއްބާރުލުން ދެމިއޮންނާނެ ކަމަށް އުއްމީދު ކުރަމެވެ." އެ ބަޔާނުގައިވެއެވެ.
މަޓާޓޯއިން ބުނީ ރާއްޖޭގެ މިހާރުގެ އިގުތިސާދީ ހާލަތު ބަދަލުކުރުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ގެންގުޅުއްވާ އިސްތިރާޖީ ދުރު ވިސްނުންފުޅަށް އެ އެސޯސިއޭޝަނުން ތާއިދުކުރާ ކަމަށެވެ. އަދި އިގުތިސާދުގެ މާލީ ހަމަޖެހުމާއި ދެމެހެއްޓެނިވި ގޮތެއްގައި ޚަރަދު ކުޑަކޮށް، ޚަރަދުތައް ސަލާމަތް ކުރުމަށް ޓަކައި ފިޔަވަޅުތައް ތައާރަފު ކުރުމުގެ މަގުސަދުގައި ފުޅާ ދާއިރާއެއްގައި މާލީ ސިޔާސަތުތައް އިސްލާހު ކުރުމުގެ އެޖެންޑާއެއް ތަންފީޒު ކުުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް މަޓާޓޯއިން ތާއިދުކުރާކަން ވެސް ބަޔާނުގައި ފާހަގަކުރިއެވެ.
މަޓާޓޯއިން ވަނީ އެ މަސައްކަތްތަކަށް ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ދީފައެވެ.
ރާއްޖޭގައި ބޭރު ފައިސާގެ ރިޒާވް ދަށްވެފައިވާ މި ދަނޑިވަޅުގައި، ބޭރު ފައިސާ އިތުރުކުރަން އަޅާ ފިޔަވަޅުތަކުގެ ތެރެއިން، ބޭރު ފައިސާއިން އާމްދަނީ ލިބޭ ކުންފުނިތަކުގެ ކޯޕަރޭޓް އިންކަމް ޓެކްސް އެމެރިކާ ޑޮލަރުން ދައްކާ ގޮތަށް ބަދަލު ކުރުން ކެބިނެޓުން ވަނީ ނިންމައިފައެވެ.