ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދަށް ކޮރަޕްޝަންގެ ތުހުމަތުކުރައްވައި، އެ ކުންފުނީގެ ކުރީގެ ޗެއާމަން އަހްމަދު ޒުހޫރު ފޮނުއްވި ސިޓީފުޅު ލިބިވަޑައިނުގަންނަވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާ އާއި ބައެއް ނޫސްތަކުން ރިޕޯޓް ކޮށްފައިވާގޮތުގައި ޒުހޫރު ވަނީ އޭނާ އެޗްޑީސީގެ ޗެއާމަންއަކަށް ހުންނެވިއިރު އެމްޑީ ފަޒުލްއާ ގުޅޭގޮތުން ހުށަހެޅުނު ޝަކުވާތައް ރައީސްގެ ސަމާލު ކަމަށް ގެނައުމަށް މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި ހަތް ސޮފްހާގެ ސިޓީއެއް ރައީސަށް ފޮނުއްވައިފައެވެ. އެ ސިޓީގައި ފަޒުލްއަށް ކުރެވޭ ތުހުމަތު ތަކުގެ ތަފްސީލު ހިމެނޭ ކަމަށް ރިޕޯޓްކޮށްފައިވެއެވެ.
ނުހައްގުން ގޯތިތަކެއް ދިން މައްސަލައިގައި އެޗްޑީސީގެ ވެރިންނަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް އަމާޒުވެފައިވާ މި ދަނޑިވަޅުގައި މިއަދު ރައީސް އޮފީސް ދޮރުމަތީ ބައެއް ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ އެ ސިޓީ ލިބިވަޑައިނުގަންނަވާ ކަމަށެވެ.
ސިޓީ ލިބުނު ނަމަ އެ ސިޓީގައިވާ ކަންކަން ބައްލަަވައި އެއަށް އަމަލުކުރައްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑު ހަމަ ދަންނަވައިލަން ބޭނުންވަނީ އަޅުގަނޑެއް ކޮރަޕްޝަންގެ އަމަލެއް ނޫނީ ގަވައިދާ ޚިލާފަށް ކުރާ ކަމެއް ހުއްޓުވުމުގެ ފަހަތަަކަށް ނުޖެހޭނަން،" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ މިއަދާ ހަމައަށް އައިއިރު ވެސް އެ ފަދަ މައުލޫމާތެއް ލިބިވަޑައިގެންފިނަމަ ކަމާ ގުޅުންހުރި އިދާރާތަކަށް ފިޔަވަޅު އަޅަން އަންގަވައިފައިވާނެ ކަމަށެވެ. އެ މަނިކުފާނު ވިދާޅުވީ އެޗްޑީސީގެ މައްސަލަ ސަމާލުކަމަށް އައުމާއެކު ފުލުހަށް އެ ކަން ތަހުގީގުކުރަން އަންގަވައިފައިވާ ކަމަށެވެ.
އަދި އެ ތަހުގީގު ކުރިއަށްދާތީ އުފާކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑު މަގާމުތަކަށް މީހުން ލަނީ ވައްކަން ކުރާކަށް ނޫން. ކޮރަޕްޝަން ހިންގާކަށް ނޫން. ގަވައިދާ ޚިލާފު ކަމެއް ކުރާކަށް ވެސް ނޫން. އޭގެ ބަދަލުގައި ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކީގައި ރައްޔިތުންނަށް ޚިދުމަތް ދިނުމަށް. އެހެންވީމާ އެ ކަމަށް ހުރަސް އެޅޭ ގޮތަކަށް ނޫނިއްޔާ އެ ނޫން ގޮތަކަށް ކަމެއް ކުރާ ކަމަށް ގަބޫލުކުރެވޭ ނަމަ އަޅުގަނޑު އެ މީހަކު އެ ތަނުން ދުރުކުރާނަން. ނޫނިއްޔާ އެ ކަން ހުއްޓުވާނަން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ ދައުލަތުގެ އެއްވެސް މުއައްސަސާއެއްގައި ކޮރަޕްޝަން ހިންގާކަމުގެ މައުލޫމާތެއް ލިބޭނަމަ އެ ކަމެއް ބަލަން މިނިވަން މުއައްސަސާތަކަށް ގޮވައިލައްވައިފައެވެ.
މި ވަގުތު އެޗްޑީސީގެ ޗެއާމަން އަހުމަދު ނާސިފް ފިޔަވައި ޑިރެކްޓަރުންގެ ބޯޑުގެ ހުރިހާ މެންބަރުން ވަނީ ސަސްޕެންޑުކޮށްފައެވެ. ހަމައެއާއެކު އެ މީހުންގެ ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓައިފައެވެ.
ނުހައްގުން ގޯތިތަކެއް ދިން މައްސަލަ ފެންމަތިވެފައި އޮއްވައި އިިއްޔެ ވަނީ ފްލެޓު އެޅުމުގެ ނަމުގައި ސީލައިފް ގްލޯބަލްއިން ހިންގި ސްކޭމްގައި ގެއްލުންވި މީހުންނަށް ވިނަރެސް ފުލެޓުތަކެއް ދޭން އެންގުމުން، ސީލައިފަށް ފައިސާ ދެއްކި ކަމުގެ ފޭކު ލިޔުންތަކެއް ހަދައިގެން ވިނަރެސް ފުލެޓުތަކެއް ދީފައިވާކަން ވެސް ހާމަވެފައެވެ.
މި މައްސަލަތައް ފެންމަތިވެފައިވަނިކޮށް ރޭ ފަޒުލް ވަނީ އިސްތިއުފާ ދެއްވައިފައެވެ. އަދި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ކުރީގެ މިނިސްޓަރު މުޙައްމަދު މައުރޫފް ޖަމީލް މިއަދު ވަނީ އައްޔަން ކުރައްވައިފައެވެ.