އައްދޮ ކިޔާފައި ވެސް އުނގަށް: ގޮނޑި ކޮއްކޮ ސިޔާސަތު ހިތި

ރައީސް މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ -- ފޮޓޯ/ ރައީސް އޮފީސް

"ވީ މޭބީ ސްމޯލް، ބަޓް ދެޓް ޑަޒަންޓް ގިވް ޔޫ ދި ލައިސަންސް ޓު ބުލީ އަސް،"

ދިގު ސަގާފަތާ ހިލާފަށް، ވެރިކަމާ ހަވާލުވުމަށް ފަހު، އަވައްޓެރި އިންޑިއާއަށް ވުރެ ކުރީގައި ޗައިނާއަށް ވަޑައިގެންފައި އެނބުރި މާލެ ވަޑައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ނުސީދާ ގޮތެއްގައި އިންޒާރުތަކެއް އަމާޒުކުރެއްވީ އިންޑިއާއަށެވެ.

ރާއްޖެއަކީ އެއްވެސް ބައެއްގެ 'ބެކް ޔާޑް'ގައި އޮތް ގައުމެއް ނޫން ކަމަށް ވިދާޅުވިއެވެ.

އެއަށް ފަހުގައި ޒަމާނުއްސުރެ ފައްކާކޮށްފައި އޮތް އިންޑިއާއަށް ބަރޯސާވާ ނިޒާމަށް ނިމުމެއް ގެންނަވާނެކަން ނުސީދާ ގޮތެއްގައި އިއުލާނުކުރެއްވިއެވެ. ރައީސް ވިދާޅުވީ، ހަޑޫ، ހަކުރު، ފުށް އެއީ ހަމައެކަނި އެންމެ ގައުމަކުން ގެންނަ އެއްޗެއް ގޮތުގައި ބާއްވައިގެން މިކަން ނުވާނެ ކަމަށެވެ. އާސަންދައިން ބޭސްފަރުވާކުރަން މިހާރު ދާ ގައުމުތަކަށް ވުރެ މާ ފަރުވާގެ ގޮތުންނާއި އެ ނޫން ގޮތްގޮތުން ވެސް 'ކުރިއަރާފައިވާ' ގައުމުތަކަށް ދެވޭނެ އިންތިޒާމުތައް ހަމަޖައްސަވާނެކަން އިއުލާނުކުރެއްވިއެވެ.

https://sun.mv/189425

ދުނިޔޭގެ މީޑިއާއިން 'ޕްރޯ ޗައިނާ' ރައީސްގެ ގޮތުގައި ސިފަކުރެއްވި ނަމަވެސް އެކަން ދޮގުކުރައްވައި ވިދާޅުވީ 'ޕްރޯ މޯލްޑިވްސް' ކަމަށެވެ.

އިންޑިއާ ސިފައިން ބޭރުކުރުމާއި އިންޑިއާއާ ދުރުވެގަތުމުގެ ސިޔާސަތެއް އުފަންކުރިއެވެ. ކަންކަމުގައި އިންޑިއާއަށް ބަރޯސާވާ މިންވަރު ކުޑަކުރަން ނިންމެވުންތަކެއް ނިންމެވިއެވެ. އެކަމަކު، އޭގެ ނަތީޖާއަކާ ހަމައަށް ވާސިލުވުމުގެ ކުރީގައި 'އަތް އަނބުރާލައި'ފިއެވެ.

އަތް އަނބުރާލުން

ދެ ގައުމުގެ ގުޅުން ހީނަރުވެފައި އޮއްވައި ފިތުނައިގެ ހުޅުކޮޅު ރަނގަޅަށް ހިފާލީ މި ސަރުކާރަށް އައްޔަންކޮށްފައި ތިބި 150 އަށްވުރެ ގިނަ ޑެޕިއުޓީ މިނިސްޓަރުންގެ ތެރެއިން ތިން 'ބޭފުޅަކު' ނުކުންނަވައި އިންޑިއާގެ ބާރުގަދަ، ނުފޫޒުގަދަ ބޮޑު ވަޒީރު ނަރެންދްރަ މޯދީއާ ދިމާކޮށްލުމުންނެވެ. އެ ހިސާބުން ދެ ގައުމުގެ މެދުގައި ހޫނުވަމުން އައި ދިލަ އަލިފާނަށް ބަދަލުވާކަށް މާ ގިނަ ވަގުތެއް ނުނަގައެވެ.

އެ ހިސާބުން އިންޑިއާގެ ނުފޫޒުގަދަ ބޮލީވުޑް ސްޓާރުން ނުކުމެ 'ބޮއިކޮޓް މޯލްޑިވްސް' ހަރުލައްވައިލިއެވެ. އިންޑިއާ ފަތުރުވެރިން އައުން މަޑުޖެހި، ރާއްޖޭގެ އިގުތިސާދުގައި ހިތި ރަހަ ލައްވައިލީއެވެ.

މުޅި އިގުތިސާދު އެއް ކަމަކަށް ބަރޯސާވާ ފަތުރުވެރިކަމުން ބިލިއަން ޑޮލަރުގެ ގެއްލުމެއް ވެދާނެކަމުގެ ބިރު ހީވެ، ސިނާއަތުގެ ތަޖުރިބާކާރުންގެ ރުޅިގަނޑު ފަޅައިގެންދިޔައެވެ. ހިސާބުތައް ދައްކާ ގޮތުން އިންޑިއާ ފަތުރުވެރިން ޒިޔާރަތްކުރި މިންވަރު 42 އިންސައްތަ ދަށްވިއެވެ. އެއީ، 73،785 ފަތުރުވެރިންނާ ހަމައިން 42،638 އާ ހިސާބަށް ވެއްޓުނު ވެއްޓުމެކެވެ. އެ ލޮޅުމުގައި ސިނާއަތް ވެސް ހަމަ ހެޔޮވަރު ވަރަކަށް ހެލިގަތެވެ.

ފާއިތުވި ތިން އަހަރު އެއްވަނައިގައި އޮތް އިންޑިއާ މާކެޓު އެ ވަރަށް ސޮއްސައިލީމާ އެ ލޮޅުން ސިނާއަތަށް އެރިއޭ ބުނަނީ، އެ ކަމުގެ ސަބަބުން ރާއްޖެއަށް 1.8 ބިލިއަން ޑޮލަރާއި ދެ ބިލިއަން ޑޮލަރާ ދެމެދުގެ ގެއްލުމެއް ލިބިދާނެ ކަމަށް ދާއިރާގެ ތަޖުރިބާކާރުން ލަފާކުރާތީއެވެ. އިންޑިއާ ފަތުރުވެރިން ގެންނަ ބައެއް ޓްރެވަލް އެޖެންސީތަކުން ބުނާގޮތުގައި އެ މީހުންގެ އާމްދަނީ 80 ޕަސެންޓް މިހާރު ވެއްޓިއްޖެއެވެ.

https://sun.mv/189740

އޭގެ މާލީ އަސަރުކުރިއިރު، ދޮންވެފައި ހުރި ދަރަނިތައް ވެސް ދައްކަން އޮތީ އިންޑިއާއަށެވެ.

ފަތުރުވެރިކަމަށް ބަރޯސާވެފައި އޮތް ދިވެހި އިގުތިސާދު އޮތީ ދަރަނި ދަންތުރައެއްގައި ރަނގަޅަށް ވެސް ޖެހިފައެވެ. ރާއްޖޭގެ ޖީޑީޕީގެ 113 އިންސައްތައަށް ދަރަނި އަރާފައިވާ ކަމަށް މާލީ ހިސާބުތައް ދައްކާއިރު، އޭގެ ތެރެއިން ބޮޑު ބައެއް އޮތީ އިންޑިއާއާއި ޗައިނާއަށެވެ.

"ރާއްޖެއަށް މާލީ އެހީތެރިކަން ބޭނުންވާނެ، މެދުއިރުމަތިން ވިޔަސް ޗައިނާއިން ވިޔަސް އަދި އިންޑިއާއިން ނަމަވެސް،" މާލީ ދާއިރާގެ ތަޖުރިބާކާރަކު ވިދާޅުވިއެވެ.

އެކަމަކު، ރާއްޖެއަށް އެ ބޭނުންވި އެހީތެރިކަމެއް ނުލިބުނެވެ. މާލީ ގޮތުން ކުރިއަށްދާން ބަޖެޓު ސަޕޯޓަށް އޮތީ ފެންބޮއައިގެންފައެވެ. ކޮޅެއް މެދެއް ނުފެނުނީމާ އެ އެހީ ހޯދަން އެންމެ ފަހުން ދާން ޖެހުނީ އަވައްޓެރި އިންޑިއާ ގާތަށެވެ.

https://sun.mv/191793

"ވެރިކަން ބަދަލުވާން އަންނަ ވަގުތު އެ މީހުން ބޭނުންވާ ކަހަލަ 'ސޮފްޓް' ލީޑަރުންގެ އަތުގައި ހިފައި ނެގޭތޯ ބަލައެވެ. އަދި އަންނަ ވެރިޔަކު އޮޅުކުރެވޭތޯ ވެސް މަސައްކަތް ކުރެއެވެ،" ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވިއެވެ.

"އެކަން ނުކުރެވިއްޖެ ނަމަ އެ މީހަކަށް ބިރު ދައްކައެވެ. ދާދި ފަހުން ރާއްޖޭގެ މަސްދޯނި ފަހަރަށް އިންޑިއާގެ ކޯސްޓް ގާޑުން ތިން ފަހަރެއްގެ މަތިން އެރި އެރުމަކީ މީގެ ހެއްކެކެވެ. އެއީ 'ކޮމިޔުނިކޭޝަން ގައި އެރި އޮޅުމަކުން' އެރި އެރުމެއް ނޫނެވެ. މިއީ އެ ދުވަސްވަރު ދެ ސަރުކާރުގެ ދެމެދުގައި ހިނގަމުން ދިޔަ މަޝްވަރާތަކަށް ނުފޫޒު ފޯރުވައި، 'ބިގް ބޮސް'އަކީ ކާކުކަން އަންގައިދިނުމަށްޓަކައި ކުރި ކަމެކެވެ. އަދި އޭގެ ސަބަބުން ދިވެހި ސަރުކާރުން ވަކާލާތު ކުރަމުން ގެންދިޔަ ރާގު ބަދަލުކޮށް، 'ޕްލެޓްފޯރމް' ގައި ޔުނީފޯރމް ނާޅައި ތިބުމަށް އެއްބަސްވިއެވެ،"

ރާއްޖެ އޮތް ހާލަތުގެ ގޮތުން އަތް އަނބުރާލައި، ރީތި ހިނިތުންވުމެއްގައި ހުރެ ކުޑަކޮށް އައްދޯ ބުނާ ވަރަށް ތަދުކޮށްލާކަށް އިންޑިއާއަކަށް އުނދަގުލެއް ނޫނެވެ.

ހިމޭންވުން

ދެ ގައުމުގެ ގުޅުން ގޯސްވެ، ޖެހި ފިތި ބާރުވެފައި އޮއްވައި ޚާރިޖީ ވަޒީރު މޫސާ ޒަމީރު މި ފަހުން ވަނީ އިންޑިއާއަށް ދަތުރުފުޅެއް ކުރައްވައިފައެވެ. އެ ދަތުރުފުޅުގެ ބޭނުމަކީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމެވެ. ސީދާ ބަސްފުޅުން ނަމަ "ޓު ޑީޕެން ދަ ޓައިސް،" އެވެ.

އިގުތިސާދީ މަޖުބޫރިއްޔަތާއި އަތް އަނބުރާލުމުންވި ތަދު އެ ދަތުރުފުޅުން ފެނުނެވެ.

"ފުރަތަމަ ބައްދަލުކުރެއްވުމުގައި ވެސް ރީތި ބަހުން ބަވާލީ. ބުނީ، މި ހުރީއޭ އަހަރެމެން ކޮށްދީފައި ހުރިހާ ކަންކަން. ތެދުތެދަށް ބުނަންޏާ ހާލުގައި ޖެހި، ގޮތް ހުސްވެގެން އަނެއްކާ ވެސް ދިޔައީމާ މި ބުނަނީ އެ ވަރު ނުދަންނަމޭނުންހޭ،" ޚާރިޖީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްކުރެއްވި ބޭފުޅަކު ނަން ނުޖަހާ ގޮތަށް ވިދާޅުވިއެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު ބައްދަލުކުރެއްވުން -- ފޮޓޯ/ ފޮރިން މިނިސްޓްރީ

އެ ދަތުރުފުޅުގައި ޒަމީރު އެދިވަޑައިގަތީ އިންޑިއާއަށް ދައްކަން އޮތް ލޯނެއްގެ މުއްދަތު އިތުރުކޮށްދޭށެވެ. އެ އެދުމަށް އިހުތިރާމުކުރުމުގެ ގޮތުން، އިންޑިއާއިން ވަނީ 50 މިލިއަން ޑޮލަރު ދެއްކުން ފަސްކޮށްދީފައެވެ.

އެ ދަތުރުފުޅަށް ފަހުގައި ސަރުކާރުގެ ދަށް ފަންތީގެ ބޭބޭފުޅުން އިންޑިއާއަށް އަމާޒުކުރަމުންދިޔަ ބަސްތައް ވެސް ފާޑަކަށް ހުއްޓުނެވެ. ސިފައިން ފޮނުވާލާނެ ކަމަށްވި ވައުދުފުޅުގައި ވެސް ކުނި ޖެހުނެވެ. ތަޖުރިބާކާރުން ވިދާޅުވާ ގޮތުން ނަމަ، ޔުނީފޯމް ބާލުވާފައި ވައުދުފުޅު ފުއްދުނީއޭ ބުނަން މަޖުބޫރުވީއެވެ. ޚުދު ރައީސް މުއިއްޒު އިންޑިއާއަށް ވަރަށް އަވަހަށް ދަތުރުފުޅެއް ކުރައްވާނެކަމުގެ އިޝާރާތެއް ވެސް ޒަމީރު އޮތީ ދެއްވައިފައެވެ.

ސަރުކާރުން ހަގީގަތުގައި ވެސް 'އައްދޮ' ކިޔާފައި، މަޑުމަޑުން ހިމޭންވެލީއެވެ. އިންޑިއާއާ ދުރުނުވެވޭނެކަން ފަހުމުވީއެވެ. ވަގުތުކޮޅެއް ނެގީ، އަރުތެރޭގައި އެ ރަހަ ލާށެވެ.

"އަޅުގަނޑުގެ ނަޒަރުގައި އިންޑިއާއާ ދުރުވުމަށް ފަހު، މިހާރު އަޅުގަނޑުމެން މި ތިބީ، ކުރިއަށްވުރެ މާ ބޮޑަށް ނާޒުކުވެފައި. އަޅުގަނޑުމެން މުދަލާއި ސަލާމަތާއި ރައްކާތެރިކަން ބޭނުންވޭ. މިއީ އިންޑިއާއާ ގުޅިފައިވާ ކަމެއް،" ތިން އަހަރާ ދުވަސްކޮޅެއްގައި ދިވެހި ވެރިކަން ކުރެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވިއެވެ.

https://sun.mv/191844

އެ މަނިކުފާނު ގަބޫލުފުޅުކުރައްވާ ގޮތުގައި އިންޑިއާއާ ދުރުވާން ކިތަންމެ ބޭނުންވިއަސް އެ ކަމެއް ނުކުރެވޭނެއެވެ. އެއީ، އަވައްޓެރިޔާވީމައެވެ. އެއީ، އެ މަނިކުފާނު ވިދާޅުވިޔަސް ހަގީގަތެވެ. އެންމެ ގާތުގައި އޮތީ އިންޑިއާއެވެ. އެއީ ހަލުވިކަމާ އެކު ދިރެމުން ކުރިއަރަމުން އަންނަ ބިޔަ ބޮޑު އިގުތިސާދެކެވެ. ދަސްކުރަންވީ އޭގެ ފައިދާ ނަގާށެވެ.

"އިންޑިއާއަށް ބަލާއިރު އަވައްޓެރިޔާއާ އެކު ދިރިއުޅުން ނޫން ގޮތެއް ނެތް. ގިނަ ފަހަރަށް އެއީ ލޯތްބާއި ނަފުރަތުގެ ގުޅުމެއް،" އެ މަނިކުފާނު ވިދާޅުވިއެވެ.

"އިންޑިއާއާ އެކު މަސައްކަތްކުރަން ދަސްކުރަން އެބަޖެހޭ. އަޅުގަނޑުމެންގެ ތަނަވަސްކަމުގެ މަގަކީ އިންޑިއާއާ ގުޅިފައިވާ މަގެއް. ޖިއޮގްރަފީ ގޮތުންނާއި ސަގާފީ ގޮތުންނާއި ތާރީޚީ ގޮތުން ވެސް އަޅުގަނޑުމެން ގުޅިފައި އެބަހުރި،"

ޚާރިޖީ ގުޅުމުގެ މާޒީ

އެންމެ ފުރަތަމަ ވަކި ގައުމަކަށް ބަރޯސާވުމުގެ އާދައެއް ފެއްޓެވި ބޭފުޅަކީ ވެސް ނަޝީދެވެ. އެ މަނިކުފާނުގެ ވެރިކަމުގައި ވަރަށް ބޮޑަށް އެކިއެކި ކަންކަމުގައި އިންޑިއާއަށް ބަރޯސާވިއެވެ. އެ ގުޅުމުގެ ތެރެއިން މައްސަލަ ބޮޑުވެގެން އުޅޭ އިންޑިއާ ހެލިކޮޕްޓަރުތަކާއި އެ ގައުމުގެ ސިފައިން ވެސް ދިވެހި ފަސްގަނޑަށް އައީ އެ ވެރިކަމުގައެވެ.

އޭގެ ފަހުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ނުފޫޒު ހިނގި، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމާ ހިސާބުން އަނެއްކާ ވެސް އެ ގުޅުން ބަދަލުކޮށްލެއްވިއެވެ. ދެން ގާތްވީ ޗައިނާއާއެވެ. އިންޑިއާއާ އެކު އޮތް ގުޅުން ހީނަރުވެ، ތަޣައްޔަރުވާ ވަރަށް ޗައިނާ ކޮޅަށް ގޮސް ހުސްވީއެވެ.

ބަދަލުގައި ޗައިނާއިން އުމްރާނީ ތަރައްގީގެ އާ އުސްމިންތަކެއް ދިވެހީންނަށް ދެއްކިއެވެ. ސިނަމާލެ ބުރިޖާއި 25 ބުރީގެ ހޮސްޕިޓަލާއި ހުޅުމާލެ ދެއަކާއި އެ ތަނުގައި ހުރި ހިޔާ ޓަވަރުތަކަކީ ފަސް އަހަރުގެ ވެރިކަމެއްގައި ޗައިނާގެ ބޮޑު އެހީގައި ޕީޕީއެމުން ކުރި ކަންކަމެވެ.

https://sun.mv/187492

އެއަށް ފަހުގައި އަނެއްކާ ވެސް އެމްޑީޕީގެ ވެރިކަމެއް އައުމުން ޗައިނާ ދޫކޮށްލާފައި އިންޑިއާ ކޮޅު އިޚުތިޔާރު ކުރީއެވެ. އިންޑިއާއިން ބަދަލުގައި މަޝްރޫއުތައް ހިންގައިދިނެވެ. ތިލަމާލެ ބުރިޖާއި ހަނިމާދޫ އެއާޕޯޓާއި ރަށްރަށުގައި ހިންގި ކުދިކުދި ގިނަބޮޑު މަޝްރޫއުތައް އެއީ އެ ކަމުގެ ދަލީލެވެ.

އޭގެ ފަހުން އަނެއްކާ ވެސް ޕީޕީއެމް ފިކުރަށް ވެރިކަން ލިބުނީމާ ޗައިނާކޮޅު އިޚުތިޔާރުކުރީއެވެ.

މި ސަކަރާތެއްގައި، އިންޑިއާ - ޗައިނާގެ ކޯޅުން ތެރޭގައި ދެއަތަށް ކިރިކިރި އޮއްވާ ރާއްޖެ އޮތީ ސަލާމަތްނުވެވޭ ވަރަށް އެ ދެ ގައުމަށް ދަރައިފައެވެ. ދެ ގައުމަށް، ކޮންމެ ގައުމަކަށް 1.6 ބިލިއަން ޑޮލަރަށް ވުރެ ބޮޑެތި އަދަދުތަކުން އޮތީ ދަރާފައެވެ.

ޗައިނާ - އިންޑިއާ ކޯޅުމުގެ ކުޅޭ ބޯޅައަކަށް ވެގަނެގެން ޕާޓީތަކުން ގެންގުޅުނު 'ގޮނޑި ކޮއްކޮ' ޚާރިޖީ ސިޔާސަތުގެ ނަތީޖާއަކީ ދެ ގައުމުން ކުރެ ގައުމަކާ ދިމާލަށް ވެސް 'ތަދުވެޔޭ' ބުނެވޭ ވަރަށް ވުރެ ވެސް ބޮޑަށް ދަރުވައިލާފައި އޮތުމެވެ. ރާއްޖޭގެ ވެރިން ދަސްކުރަންވީ ވަކި ގައުމެއްގެ ކޮޅު އިޚުތިޔާރުނުކޮށް، މެދުމިނުގެ ތެރޭގައި އުޅޭށެވެ. ދެ ގައުމުން ވެސް ލިބެން އޮތް އެހީތެރިކަމެއް ހޯދައިގެންނެވެ. އެންމެންނާ ވެސް ގުޅިގެންނެވެ. ފޫގަޅާނީ ފޯރާ ފޮތިންނެވެ.

https://sun.mv/191944

ހަނދާނަށް އަންނަނީ 19 ވަނަ މަޖިލީސް ނިންމާލަމުން އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ވިދާޅުވި ބަސްފުޅެެވެ.

"އަޅުގަނޑު އާ ސަރުކާރަށާއި އާ މަޖިލީހަށް ހަމަ އެންމެ ނަސޭހަތެއް ދަންނަވާލަން އޮތީ. އެއީ،

ލިބޭ މިންވަރު ނިކަން ދަނެގެން،

ވި ބޭނުންތައް ބަހާލައިގެން،

ތިބޭނަމައީ ފިކުރުކޮށްގެން،

ވި ބޭޒާރެއް ނުވެސް ވާނޭ،"

ތަދުވީމާ އައްދޮ ކިޔާފައި ވެސް ގޮސް އެ އުނގަށް އަރަން ޖެހެނީ އަޅުވެތިވެވިފައި އޮތްލެއް ބޮޑުކަމުންނެވެ. ދަށުވެފައި ތިބި މިންވަރުންނެވެ. ސަރުކާރުތަކުން ގެންގުޅޭ 'ގޮނޑި ކޮއްކޮ' ޚާރިޖީ ސިޔާސަތު ދޫކޮށްލަން ޖެހެއެވެ. އެންމެންނާ ގުޅިގެން އުޅެން ނޭނގެންޏާ ބާކީވުން ނޫން ކަމެއް ނުވާނެއެވެ.

މީހެއް ވެސް، ގައުމެއް ވެސް އަނެކާއަށް މާ ބޮޑަށް ބަރޯސާވީމާ އޭގެ ނަގީޖާ އާޚިރުގައި ހިތިވާނެއެވެ. އިންޑިއާ - ޗައިނާ ކޯޅުމުގެ ނާޖާއިޒު ފައިދާ ނަގަން ފެހި ގާނޫނުއަސާސީގެ ދަށުން އުފެދުނު ހުރިހާ ވެރިކަމެއްގައި ވެސް ގެންގުޅޭ 'ގޮނޑި ކޮއްކޮ' ޚާރިޖީ ސިޔާސަތުގެ ނަތީޖާއަކީ އައްދޮވީމާ ނުރުހުންވެފައި ހުރެ ވެސް ވަރިހަމަވާން ޖެހުމެވެ.

މި ހިތި ފިލުވާން ރާއްޖެއިން އެންމެންނާ ގުޅޭ، ހަމަހަމަ ޚާރިޖީ ސިޔާސަތެއް ގެންގުޅެން ޖެހެއެވެ. އެންމެ މުހިއްމު ކަމަކަށް، ކޮންމެ ވެރިކަމަކާ އެކު، ޚާރިޖީ ގުޅުމަށް މި އަންނަ ބޮޑު 'ޝިފްޓް' ނާންނާނެ ސިޔާސަތެއް ބައްޓަންކުރަން ޖެހެއެވެ.

comment ކޮމެންޓް