"ޚަރަދު ކުޑަ ނުކޮށެއް ނުވާނެ، އެއީ އެންމެންނަށް ވެސް މިހާރު އެނގޭ ކަމެއް. ބޭރު ގައުމުތަކުން ފައިސާއެއް ވެސް ނުދޭނެ ޚަރަދު ކުޑަ ނުކުރަނީހެއް،"
މާލީ ދާއިރާގެ އިސް އޮފިޝަލަކު މި ވާހަކަ ފެއްޓެވީ މިހެންނެވެ. ޚަރަދު ކުޑަކުރުމަކީ އެއީ، މިހާރު ނުކޮށް ނުވާނެ ކަމެކެވެ. ކޮންމެ އަހަރަކު ޓެކްސްތައް ބޮޑުކުރުމަކީ ދެކޮޅުޖެހޭނެ ކަމެއް ނޫނެވެ. ޚަރަދު ކުޑަނުކޮށް، ޓެކްސް ކިތަންމެ އަވަސް އަވަހަށް ބޮޑު ކުރިޔަސް ދުވަހަކު ވެސް ކޮޅާކޮޅެއް ނުޖެހޭނެއެވެ. އަބަދު ތިބެންޖެހޭނެ ފަހައި ދުވެދުވެއެވެ.
މުހިންމު ތިން ޓެކުހެއް ބޮޑުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިއިރު ސަރުކާރަށް ވެސް މިކަން އެނގޭނެއެވެ. އެނގެއެވެ.
ސަރުކާރަށް އެކަން ވަރަށް ސާފެވެ. ޚަރަދު ކުޑަކުރުމުގެ މުހިންމުކަން ވެސް އެނގެއެވެ. އެކަން ނުކުރަންޏާ ދެން ކުރާ ހުރިހާ ކަމެއް ނަފީވާނެކަން ވެސް އެނގެއެވެ. އެކަމަކު، އަދި އެ ފިޔަވަޅު ނޭޅެނީއެވެ. ވަރަށް ޔަގީންކަމާ އެކު ދެއްވާ ތަސައްލީއަކީ 'ކުރާނަމޭ، މި އުޅެނީ އެ ކަމާއޭ'އެވެ.
ސަރުކާރުގެ ފަރާތުން މަޖިލީހަށް އިއްޔެ ވަނީ ތިން އިސްލާހެއް ހުށަހަޅާފައެވެ. އެއީ، ޓީޖީއެސްޓީ، ގްރީން ޓެކްސް، އަދި އެއާޕޯޓް ޑިވޮލޮޕްމަންޓް ފީ ވެސް ބޮޑުކުރަން ހުށަހަޅާފައެވެ. އެ އަދަދުތަކަކީ:
- ޓީޖީއެސްޓީ 16 އިންސައްތައިން 17 އިންސައްތައަށް ބޮޑުކުރުން
- ގްރީން ޓެކްސް، ގެސްޓްހައުސްތަކުން - 3 ޑޮލަރުން 6 ޑޮލަރަށް ބޮޑުކުރުން
- ގްރީން ޓެކްސް، ސިޓީ ހޮޓާ އަދި ރިސޯޓުތަކުން - 6 ޑޮލަރުން 12 ޑޮލަރަށް ބޮޑުކުރުން
މީގެ އިތުރުން، އެއާޕޯޓު ޑިވޮލޮޕްމަންޓް ފީގެ ގޮތުގައި ޑޮލަރުން ނަގަމުން އައި ޓެކުހަށް ވެސް ވަނީ ބަދަލުތަކެއް ހުށަހަޅައިފައެވެ. އެ ބަދަލުތަކަކީ:
- އިކޮނަމީ ކްލާހުން ދަތުރުކުރާ ބިދޭސީން އަތުން ނަގައި ފީ 30 ޑޮލަރުން 50 ޑޮލަރަށް ބޮޑުކުރުން
- އިކޮނަމީ ކްލާހުން ދަތުރުކުރާ ދިވެހީން އަތުން ނަގައި ފީއަށް ބަދަލެއް ނުގެންނާނެ
- ބިޒްނަސް ކްލާހުން ފުރާ މީހުން އަތުން ނަގައި ފީ 60 ޑޮލަރުން 120 ޑޮލަރަށް ބޮޑުކުރުން
- ފަސްޓް ކްލާހުން ފުރާ މީހުން އަތުން ނަގައި ފީ 90 ޑޮލަރުން 240 ޑޮލަރަށް ބޮޑުކުރުން
- ޖެޓުގައި ފުރާ މީހުން އަތުން ނަގައި ފީ 120 ޑޮލަރުން 480 ޑޮލަރަށް ބޮޑުކުރުން
މި ބަދަލުތައް ހުށަހެޅީ ވެސް އެ ކަމާ ހިތްހަމަނުޖެހިދާނެ ބަޔަކު ތިބޭނެކަން އެނގިގެންނެވެ. ނުރުހުންވުމެއް އަތުވެދާނެކަން ވެސް ވިސްނައިގެންނެވެ. އެކަމަކު، ކުރު ރާސްތާއެއްގައި އާމްދަނީ އިތުރުކުރަން ބޮޑެތި ފިޔަވަޅުތަކެއް އަޅަން ޖެހިފައި އޮތީއެވެ.
މި ބަދަލާ އެކު ތިން ބިލިއަން ރުފިޔާއާ ގާތްކުރާ އަދަދަކަށް އާމްދަނީ އިތުރުކުރެވޭނެ ކަމަށް މާލީ ވުޒާރާއިން އަންދާޒާކުރެއެވެ.
އެ ބޭފުޅުންގެ 'އިކޮނަމިސްޓް'އިންގެ އަންދާޒާއަކީ، އަންނަ އަހަރުން ފަށައިގެން ޖީޑީޕީގެ ތިން އިންސައްތައާ އެއްވަރުގެ އިތުރު އާމްދަނީއެއް ލިބެން ފެށުމެވެ. އެ ގޮތުން، އެއާޕޯޓު ޓެކްސްތަކުން އަންނަ އަހަރުން ފަށައިގެން 1.6 ބިލިއަން ރުފިޔާ އިތުރުކުރެވޭނެ ކަމަށް އަންދާޒާ ކުރެއެވެ. ގްރީން ޓެކުހުން 963.6 މިލިއަން ރުފިޔާއާއި ޓީޖީއެސްޓީން 201.9 މިލިއަން ރުފިޔާ އިތުރުކުރެވޭނެ ކަމަށް އޮތީ ހިސާބު ޖަހައިފައެވެ.
ކޮންމެ ފަހަރަކު ޓެކްސް ބޮޑުކުރުމަކީ ގޮތެއް ނޫން
ތަފާސްހިސާބުތަކަށް ބަލާނަމަ، ސިޔާސީ މުވައްޒަފުންނަށް ކުރާ ހޭދައާއި ސަރުކާރުގެ ބައެއް ދަތުރުފުޅުތަކަކީ ނިސްބަތުން ކުޑަ ހޭދައެކެވެ. އެއަށް ވުރެ، އާސަންދައާއި ކުންފުނިތަކުގެ ރިފޯމާއި ސަބްސިޑީތައް ޓާގެޓްކުރުމުން ލިބޭ ފައިދާ ވެސް ބޮޑެވެ. އެކަމަކު، އެ ދެ ކަމަކީ ވެސް ސަރުކާރުން ލަސްނުކޮށް ކުރަންޖެހޭ ކަމެކެވެ.
ލަސްވެގެން މި އުޅެނީ އެ ފިޔަވަޅެވެ. އަވަސް ކުރަންޖެހެނީ ވެސް އެ ފިޔަވަޅެވެ. އާމްދަނީ އިތުރުކޮށްގެން އަދި "ނުފުދޭނޭ ނުފުދޭނޭ" ބޭރުގެ މާލީ އިދާރާތަކުން އެ އަންނަނީ ބުނަމުންނެވެ. މާލީ އިސްލާހީ ފިޔަވަޅުތައް އިއުލާނުކުރި ނަމަވެސް އެކަން ތަންފީޒުނުވާކަމުގެ ކަންބޮޑުވުން ވޯލްޑް ބޭންކުގެ ވެސް އެބައޮތެވެ.
"ޚަރަދުތައް ކުޑަކުރުމާއި މާލީ އިސްލާހުތައް އަދި ސަބްސިޑީތައް ޓާގެޓުކުރުމަކީ އިގުތިސާދީ ހިރާސްތަކުން އަރައިގަންނަން މުހިންމު ކަމެއް،" ވޯލްޑް ބޭންކުން މި ސަރަހައްދަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިރެކްޓަރު ޑޭވިޑް ސިސްލެން ވިދާޅުވިއެވެ.
އިގުތިސާދީ ދުވެލި މަޑެއް ނޫނެވެ. މައްސަލަ ޖެހިގެން އުޅެނީ ކޭޝްފްލޯގައެވެ. ދަރަނި ހުރީ ޖީޑީޕީގެ ނިސްބަތުން 116.5 އިންސައްތައިގައެވެ.
ރާއްޖޭގެ މާލީ ހާލަތު ގޯސްވެ، ބައިނަލްއަގުވާމީ އެންމެ ބޮޑު ދެ ރޭޓިން އެޖެންސީން ވަނީ ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކޮށްފައެވެ. މޫޑީސްއިން ވަނީ ރާއްޖޭގެ ރޭޓިން 'ސީއޭއޭ2'އަށް ދަށްކޮށްފައެވެ. އޭގެ ކުރިން މިދިޔަ އޮގަސްޓު މަހުގެ 29 ގައި ފިޗުން ވެސް ވަނީ ރާއްޖޭގެ ރޭޓިން 'ސީސީ'އަށް ދަށްކޮށްފައެވެ.
ރިޒާވް ވެސް ވަނީ 443.9 މިލިއަން ޑޮލަރަށް ވެއްޓިފައެވެ. އެއީ، މަހެއްހާ ދުވަހުގެ އިމްޕޯޓަށް ބޭނުންވާ ފައިސާއެވެ. ބޭރުގެ ދަރަނި ދައްކަން ހެދި ސޮވެރިން ޑިވޮލޮޕްމަންޓް ފަންޑުގައި ވެސް ހުރީ 65 މިލިއަން ޑޮލަރެވެ. މި އަދަދުތަކާ މެދު ވޯލްޑް ބޭންކުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މިއީ އެއްގޮތަކަށް ވެސް އެކަށޭނަ އަދަދުތަކެއް ނޫނެވެ.
ވޯލްޑް ބޭންކްގެ އިގުތިސާދީ އަދާހަމައިގައި ވެސް ފާހަގަކޮށްފައިވާ މައިގަނޑު ކަންބޮޑުވުމަކީ އެއީއެވެ.
ދަރަނި ހުރީ ކަންބޮޑުވާ މިންވަރެއްގައެވެ. އިސްކޮޅުނުކާ ވަރުގައެވެ. އަންނަ އަހަރު ދަރަންޏަށް 600 މިލިއަން ޑޮލަރު ދައްކަންޖެހެއެވެ. އޭގެ އަނެއް އަހަރު، 2026 ވަނަ އަހަރު އެއް ބިލިއަން ޑޮލަރު ދައްކަން ޖެހެއެވެ.
އެނގޭ އެނގޭ، އެކަން ކުރާނަން؛ 'ވީ އާ ސީރިއަސް'
ހަމަ ހަގީގަތުގައެވެ. މި ކަމުގެ ސީރިއަސްކަމާއި މުހިންމުކަމާއި އަވަސްކުރަންޖެހޭކަން ސަރުކާރަށް އެނގެއެވެ. އެކަން ނުކޮށް ނުވާނެކަން ވެސް ޔަގީނަށް އެނގެއެވެ. ސަރުކާރުން ބޭނުންވަނީ ވެސް އެ ފިޔަވަޅުތައް ލަސްނުކޮށް އަޅާށެވެ. ނޭނގެނީ ފަހަތު ފަޔަށް ބުރަވާ ސަބަބެކެވެ.
"ވީ އާ ވެރީ ސީރިއަސް އެބައުޓް ދިސް [މި ކަމުގައި އަޅުގަނޑުމެން ވަރަށް ސީރިއަސް]،" ސަރުކާރުގެ ސީނިއާ ބޭފުޅަކު ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް އެނގޭ ޚަރަދު ކުޑަކުރުމުގެ މުހިންމުކަން އަދި އެކަން ކުރަންޖެހިފައި އޮތްކަން. އެކަން އަޅުގަނޑުމެން ކުރާނަން. އެ މަސައްކަތް އަޅުގަނޑުމެން މި ކުރަނީ. ރެވެނިއު ރިފޯމްތަކާ އެކު އެކްސްޕެންޑިޗާ ރިފޯމް ވެސް ގެންނާނެ،"
އެ ބޭފުޅާ ކިޔައިދިނީ މިހެންނެވެ. ސަބްސިޑީތަކާއި އާސަންދަ ފަދަ ކަންކަން އެއީ ރައްޔިތުންނާ ވަރަށް ބޮޑަށް ގުޅިލާމެހިފައި އޮންނަ ކަންކަމެވެ. ކިރިޔާ ވެސް ގޯހެއް ހެދިއްޖެއްޔާ އޭގެ އަސަރު އެ މީހުންގެ ދިރިއުޅުމުން ފެންނާނެއެވެ. އަނެއް ކަމަކަށް، ކުއްލިއަކަށް މާ ވަރުގަދައަށް ޚަރަދުތައް ކުޑަކޮށްފިއްޔާ އެ ކަމުގެ ހީނަރުކަން ވެސް އިގުތިސާދުން ފެންނާނެއެވެ.
ސަރުކާރުން ބޭނުންވަނީ ބެލެންސެއް ގެންގުޅޭށެވެ. ވަގުތު ނަގަނީ ކަމުގެ ގޮތުން، ވިސްނަން ޖެހޭ ވަރާއި މަޝްވަރާ ކުރަން ޖެހޭ ފުޅާކަމުގެ ސަބަބުންނެވެ.
އެކަމަކު، އާމްދަނީ އިތުރުކުރަން އިސްލާހަކަށް ފަހު އިސްލާހެއް ހުށަހަޅާއިރު، އަމުދުން ޓެކުހަކަށް ފަހު ޓެކުހެއް ބޮޑުކުރާއިރު ސަރުކާރުގެ ސީރިއަސްކަން ވެސް ރައްޔިތުންނަށް އަންގައިދޭން އެބަޖެހެއެވެ. ބޮޑު ނުކުރާނެ ކަމަށް ބުނި ޓެކްސް ބޮޑުކުރަން ނިންމާނީ ވެސް މަޖުބޫރީ ހާލަތެއް އޮތީމައެވެ. ނުކުރެވިގެން އުޅޭ ކަމަކީ ޚަރަދުތައް ކަނޑާލުމެވެ. މަދުކޮށްލުމެވެ.
ސަރުކާރުން ކިތަންމެ ޔަގީންކަމެއް ދިނަސް މި ކުޑަކުޑަ ގައުމުގައި 22 ވުޒާރާ ހައްދަވައިގެން، އެ ތަންތަނަށް އެތައް ސަތޭކަ ޑެޕިއުޓީ މިނިސްޓަރުންނެއް ލައްވައިގެން، އެތައް ސްޓޭޓް މިނިސްޓަރުންނާ އެކު ތިއްބަވައިގެން ޓެކްސް ބޮޑުކުރުމަކީ މީހުން ރުހޭނެ ކަމެއް ނޫނެވެ. ރުހެވޭނެ ކަމެއް ވެސް ނޫނެވެ. މި ގައުމު ހިންގާކަށް 22 ވުޒާރާއެއް ބޭނުމެއް ނުވާނެއެވެ. އަމުދުން އެ ހުރިހާ ސިޔާސީ މުވައްޒަފުން ކުރާހާ ވެސް ކަމަކީ އަޑުގަދަ ކުރުމެވެ.
ފުރަތަމަ ކުރަންވީ ކަމަކީ އެއީއެވެ. ޚަރަދު ކުޑަކުރުން ނޫން ގޮތެއް ނެތެވެ. އަމަލުން އެކަން ދައްކަން ވެސް ޖެހެއެވެ.