ކޮލަމް: އިންޑިޔާގެ އަސްކަރިއްޔާ ކުރިންވެސް އޮތް ގޮތަށް އަދިވެސް އެބައޮތެވެ.

އިންޑިއާއިން ހަދިޔާކުރި ހެލިކަޕްޓަރެއްގައި ބަލި މީހަކު ގެންދަނީ -- ފޮޓޯ/ އެމްއެންޑީއެފް

އިންޑިޔާގެ ނޭވީ ގައި ރަޖިސްޓްރީ ކޮށްފައިވާ ދެ ހެލިކޮޕްޓަރާއި، ޑޯނިޔާ މަތިންދާ ބޯޓަކާއި، ރާޑަރު ތަކާ އަދި އެތަކެތި އޮޕަރޭޓް ކުރުމަށް އައިސް ތިބި، އިންޑިޔާގެ އަސްކަރިއްޔާގެ މުވައްޒަފުން އަދިވެސް ރާއްޖެގައި ގާއިމްވެ ކުރިންވެސް ތިބި ތަންތާ ހަމަ އެގޮތަށް އެބަތިއްބެވެ. ލ އަތޮޅުގައާއި، އައްޑުއޮތޮޅުގައާއި އަދި ހަނިމާދޫގައި ކުރިންވެސް އޮޕްރޭޓް ކުރަމުން ގެދިޔަ އިންޑިޔާގެ އަސްކަރީ އުޅަނދުތައް އަދިވެސް އެގެންދަނީ އިންޑިޔާގެ މީހުން އޮޕަރޭޓް ކުރަމުންނެވެ. މިއަހަރުގެ މެއި މަހުގެ 10 ވަނަ ދުވަހާ ހަމައަށް ގެނެވުނު ބަދަލަކީ ޔުނިފޯރމް އަޅައިގެން މި މަސައްކަތުގައި ތިބި އިންޑިޔާގެ ސިފައިން އަނބުރާ ގެންގޮސް، 'ޔުނިފޯރމް ނާޅާ ބަޔަކު އެ މަސައްކަތުގައި ބައިތިއްބައިފިން' ކަމަށް އިންޑިޔާ އިން ބުނަންފެށީއެވެ. އާ 'ނެރެޓިވް' އެއް އުފަންކުރީއެވެ.

އިންޑިޔާ ސިފައިން ފައިބާނަމަ ފައިބާނީ އެމީހުންގެ އަސްކަރީ އުޅަނދުތަކާއި އެހެނިހެން ސާމާނުތައް ހިފައިގެންނެވެ. އެތަކެތި ބަހައްޓާފައެއް ނޫނެވެ. ދިވެހިން ވަކާލާތު ކުރީ އިންޑިޔާގެ އަސްކަރިއްޔާ ފޮނުވާލުމަށެވެ. އެއީ އެމީހުންގެ އުޅަނދުތަކާއި، ރާޑަރުތަކާ އެތަކެތި އޮޕަރޭޓް ކުރަން ތިބި އެމީހުންގެ މީހުން ފޮނުވާލުމަށް އެންމެން އެއްއަޑަކުން ގޮވި ގޮވުމެކެވެ. އަދި އެކަމަށް ދިން ވޯޓެކެވެ. އެއީ ޔުނިފޯރމްގައި ތިބި މީހުން ކުލަހެދުމަށް ބަދަލު ކުރުމަށް ދިން ވޯޓެއް ނޫނެވެ. ނުވަތަ ދުއްވަންތިބި އިންޑިޔާ މީހުން ފޮނުވާލާފަ، ހަމަ އިންޑިޔާގެ އެހެން ބަޔަކު ގެނައުމަށް ދިން ވޯޓެއްވެސް ނޫނެވެ. މިއީ އަސްކަރިއްޔާ ބޭލުމަށް ގޮވިގޮވުމެކެވެ.

ދިވެހި ސަރުކާރުން، އިންޑިޔާގެ މި އާ 'ނެރެޓިވް' ގަބޫލު ކޮށްފިއްޔާ، މިއީ އިންޑިޔާގެ ޑިޕްލޮމެޓުން ބަނޑަށް ހޭނެކަމެކެވެ. މިއީ ހިންޏަށް ހަކުރު އޮޅުވާލުމަށް، ހަކުރު ފުޅީގެ ބޭރުގައި، ލޮނު އުނގުޅުން ފަދަ ކަމެކެވެ. ދިވެހި ސަރުކާރުން މި 'ނެރެޓިވް' ގަބޫލުކޮށްގެން ނުވާނެއެވެ.

އިންޑިޔާއިން އެމީހުންގެ ކަނޑުގެ ސިފައިންގެ ކުޑަ މަރުކަޒެއް ރާއްޖޭގައި ގާއިމް ކުރީ 2010 ވަނަ އަހަރު މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ. އެ ފުރުޞަތު އެމީހުން ހޯދީ ވަރަށް ޙީލަތްތެރިކަމާ އެކުއެވެ. އެމީހުން ހުށަހެޅީ 2 ހެލިކޮޕްޓަރު ދިވެހި އަސްކަރިއްޔާ އަށް ހަދިޔާ ކުރުމަށެވެ. އަދި އެދުވަސްވަރު ސަރުކާރު ހިންގަވަން ތިއްބެވި ބޭފުޅުން ހީފުޅު ކުރެއްވީ މިއީ ޙަޤީޤަތުގައި ވެސް ހަދިޔާ އެއް ކަމަށެވެ. އަދި އެއްބަސް ވުމުގައި އޮތީ 2 އަހަރު ތެރޭ ދިވެހީން ތަމްރީންކޮށް މި ދެ އުޅަނދު ދިވެހިންނާ ޙަވާލުވެގެން ދާނެ ކަމަށެވެ. ނަމަވެސް 14 އަހަރު ފުރިގެންދާއިރު އަދިވެސް މި ދެންނެވި މާއްދާ އެ އެގްރީމެންޓްގައި އޮތްގޮތަށް އޮތީ އެވެ. ޢަމަލެއް ނުކުރެއެވެ. ކޮންމެ ސަރުކާރެއް އަލަށް އިންތިޚާބުވެގެން އަންނަ ދުވަސްވަރު މި އެގްރީމެންޓް ނަގައިގެން އެ މާއްދާ ގެ ވާހަކަ ދައްކައެވެ. އަދި ބަޔަކު ތަމްރީން ކުރަން ގެންގޮސް ތަމްރީންވެސް ކުރެއެވެ. ނަމަވެސް ތަމްރީން ލިބިގެން އަންނަ ދިވެހި ޕައިލެޓުން އަތަށް މިތަނުން އުޅަނދެއްގެ ހުންގާނެއް ނުލިބެއެވެ. 2013 ވަނަ އަހަރު އިންތިޚާބުވި ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރަށްވެސް އަދި 2018 ގައި އިންތިޚާބުވި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރަށްވެސް ހަމަ މި ލަނޑު މި ގޮތަށް ދިނެވެ.

އިންޑިއާއިން ދިވެހި އަސްކަރިއްޔާއަށް ހަދިޔާކޮށްފައިވާ ހެކިލަޕްޓަރަކަށް ބަލި މީހަކު އަރުވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އިންޑިޔާގެ ކަޑުގެ ސިފައިންގެ އުޅަނދެއް، ސިފައިންގެ ހުވައި ކޮށްގެން، ތަމްރީން ވެގެން ހުންނަ އެ ޤައުމުގެ މީހަކަށް މެނުވީ ނުދުއްވޭނެއެވެ. މިއީ ހުރިހާ މިލިޓަރީ އެއްގައިވެސް މިކަން އޮންނަ ގޮތެވެ. ދިވެހި އަސްކަރިއްޔާގައި ވެސް މިކަން އޮންނަނީ މިހެންނެވެ. އެންމެ ކުޑަމިނުން އަސްކަރިއްޔާގައި ރަޖިސްޓްރީ ކޮށްފައި އޮންނަ ލޮރީއެއްގެ ހުންގާނަށްވެސް އެރޭނީ ހުވައި ކޮށްގެން ތަމްރީން ހަދައިގެން ހުންނަ މީހަކަށެވެ. ދިވެހި ޕައިލެޓުން އަތަށް ހުންގާނު ނުދެނީ މި ސަބަބަށް ޓަކައެވެ. އަދި މިހާރު ހުންގާނުގައި ހިފައިގެން އެތިބަ އިންޑިޔާ މީހުންނަކީ ވެސް އިންޑިޔާގެ އަސްކަރިއްޔާގެ ހުވައި ކޮށްގެން، ތަމްރީން ހަދައިގެން ތިބި އިންޑިޔާ އަސްކަރިއްޔާގެ މުސާރަވެރިން ކަމާމެދު އެއްވެސް ޝައްކެތް ނެތެވެ. މިއީ ކުލަހެދުމުގައި ތިބި އިންޑިޔާގެ ސިފައިންނެވެ.

ރާއްޖޭގައި އުފެދޭ ކޮންމެ ސަރުކާރެއް މިކަމުގައި މިދަނީ ވާ ވަންނަމުންނެވެ. ފުރަތަމަ، 2008 ގެ ސަރުކާރަށް އިންޑިޔާއިން ވިސްނައި ދިނީ މި އުޅަނދު ތަކަކީ 'ހަދިޔާ' އެއްކަމަށެވެ. 2013 ގެ ސަރުކާރަށް ވިސްނައި ދިނީ މިއުޅަނދު ތަކަކީ 'އެމްބިޔުލަންސް' ތަކެއް ކަމަށެވެ. 2018 ގައި އައި ސަރުކާރަށް ވިސްނައިދިނީ 'ހަނގުރާމައިގެ ބޭނުމަކަށް' ސިފައިން ނުތިބޭނެ ކަމަށެވެ. 2023 ގެ ސަރުކާރަށް މިހާރު ވިސްނައި ދެނީ 'ޔުނިފޯރމް' އެޅި މީހުން ނުތިބޭނެކަމަށާއި، މިއީ 'ޕްލެޓްފޯރމް' ތަކެއް ކަމަށެވެ. ('ޕްލެޓްފޯރމް' މި ލަފްޒަކީ، އަސްކަރިއްޔާގެ އުޅަނދުގެ ނަން ކަނޑުވާލައި، މަދަނީ އެއްޗެއްކަން ދެއްކުމަށް ޓަކައި އިންޑިޔާގެ ޑިޕްލޮމެޓުން އަލަށް ބޭނުން ކުރަން ފެށި ލަފްޒެކެވެ.)

އިންޑިޔާގެ އަސްކަރިއްޔާ އިން ރާއްޖޭގެ ފަސްގަނޑުގައި ތިބޭތާ 14 އަހަރު ވެފައިވާ އިރު، އެމީހުންގެ ފައިތިލަ އިތުރަށް ވަރުގަދަ ކުރުމަށް ޓަކައި ސަރުކާރުތަކަށާއި، ސިޔާސީ ބޭ ބޭފުޅުންނަށާއި، ސިޔާސީ ޕާޓީތަކަށާއި އަދި މީޑިޔާއަށް ވެސް އެކިއެކި ޚަރަދު ކުރުމާއި، އެކި ކަހަލަ ހަދިޔާ ދިނުން ކުރިޔަށް ގެންދެއެވެ. ކެމްޕޭންތަކަށް ޚަރަދު ކޮށް ދިނުމާއި، ނޫސްވެރިންނަށް ހިލޭ ދަތުރުތައް ދިނުމާއި، މި ފަދަ ކަންތައްތަކުގެ ތެރެއިން އެމީހުންގެ އަސްކަރިއްޔާގެ ވާހަކައިގެ އަޑު ކަނޑުވާލައެވެ. މި މީހުން ހިތް ރުހޭ ސަރުކާރެއް އަންނަ ފަހަރަކު އެމީހުންނަށް ނުއުފުލޭ ވަރަށް ދަރަނި ދެއެވެ. އެމީހުން ހިތް ނުރުހޭ ސަރުކާރެއް އަންނަ ފަހަރަކު އެ ދަރަނިތައް ވަގުތުން ދައްކަން އަންގައި ބިރު ގަންނަވައެވެ.

ވެރިކަން ބަދަލުވާން އަންނަ ވަގުތު އެމީހުން ބޭނުންވާ ކަހަލަ 'ސޮފްޓް' ލީޑަރުންގެ އަތުގައި ހިފައި ނެގޭތޯ ބަލައެވެ. އަދި އަންނަ ވެރިޔަކު އޮޅުކުރެވޭތޯ ވެސް މަސައްކަތް ކުރެއެވެ. އެކަން ނުކުރެވިއްޖެ ނަމަ އެމީހަކަށް ބިރު ދައްކައެވެ. ދާދި ފަހުން ރާއްޖޭގެ މަސްދޯނި ފަހަރަށް އިންޑިޔާގެ ކޯސްޓް ގާރޑުން ތިން ފަހަރެއްގެ މަތިން އެރި އެރުމަކީ މީގެ ހެއްކެކެވެ. އެއީ 'ކޮމިޔުނިކޭޝަން ގައި އެރި އޮޅުމަކުން' އެރި އެރުމެއް ނޫނެވެ. މިއީ އެދުވަސްވަރު ދެ ސަރުކާރުގެ ދެމެދުގައި ހިނގަމުން ދިޔަ މަޝްވަރާތަކަށް ނުފޫޒު ފޯރުވައި، 'ބިގް ބޮސް' އަކީ ކާކު ކަން އަންގައި ދިނުމަށް ޓަކައި ކުރި ކަމެކެވެ. އަދި އޭގެ ސަބަބުން ދިވެހި ސަރުކާރުން ވަކާލާތު ކުރަމުން ގެންދިޔަ ރާގު ބަދަލުކޮށް، 'ޕްލެޓްފޯރމް' ގައި ޔުނީފޯރމް ނާޅައި ތިބުމަށް އެއްބަސް ވިއެވެ.

މި މީހުން ރާއްޖޭގެ ފަސްގަނޑަށް ފޭބިތާ 14 އަހަރު ވީއިރު، ވެރިކަމަށް އައި އެއްވެސް ސަރުކާރަކަށް، މި މީހުންގެ އުޅަނދުތައް މަދެއް ނުކުރެވުނުވެ. ދަނީ ގިނަ ވަމުންނެވެ. މީހުންގެ ޢަދަދު މަދެއް ނުވިއެވެ. ނުބޭލުނެވެ. މި ސަރުކާރަކީ އެކަން ކުރާނެ ކަމުގެ އަޑުގަދަ ވަޢުދާ އެކު އައި ސަރުކާރެކެވެ. ނަމަވެސް އަދި ފެންނަނީ މާޔޫސް ކުރުވަނިވި މަންޒަރެކެވެ. މި ސަރުކާރުގެ ކެމްޕޭން ގެ ވަޢުދަކީ ސިފައިން ބޭލުމެއް ނޫނެވެ. ސިފައިން މުދަލާއެކު ބޭލުމެވެ. އިންޑިޔާގެ މިލިޓަރީ ބޭލުމެވެ. 'އިންޑިޔާ އައުޓް' އަކީ އިންޑިޔާއާއި ގުޅުން ކަނޑާލުމަށް ގޮވާލި ޙަރަކާތެއް ނޫނެވެ. އެއީ 'އިންޑިޔާ މިލިޓަރީ އައުޓް' ކުރުމަށް ގޮވި ގޮވުމެކެވެ.

އިންޑިއާއިން ދިވެހި އަސްކަރިއްޔާއަށް ހަދިޔާކޮށްފައިވާ ހެކިލަޕްޓަރެއް: މޫދަށް ގޮސް އުޅެނިކޮށް ނުވަތަ މަސްބާނަން އުޅެނިކޮށް ގެއްލޭ މީހުން ހޯދަން ވެސް ހެލިކަޕްޓަރު ބޭނުންކުރޭ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އިންޑިޔާ އަކީ ދިވެހިންނާ ވަކި ނުކުރެވޭ ވަރުގެ ގާތް ޤައުމެކެވެ. ކޮންމެ ބަޔަކު ވެރިކަން ކުރިޔަސް އެކަން އޮންނާނީ އެހެންނެވެ. އަދި އޮންނަންވާނީވެސް އެހެންނެވެ. އިންޑިޔާގެ ކަނޑުގެ ރައްކާތެރިކަމަކީ އަޅުގަނޑުމެންގެ ވެސް ރައްކާތެރިކަމެވެ. އިންޑިޔާއާއި ސްރީލަންކާއަށް ނުރައްކަލެއް ފޯރާނެ އެއްވެސް ކަމެއް އަޅުގަނޑުމެންގެ ރަށްތަކުގަޔާއި، އަޅުގަޑުމެންގެ ވަށައިގެންވާ ކަޑުގައި ނުހިނގާނެ ކަން ކަށަވަރު ކޮށްދިނުމަކީ، އަވަށްޓެރިއެއްގެ ޙައިޞިއްޔަތުން އަޅުގަނޑުމެންގެ ޒިންމާ އެކެވެ. އިންޑިޔާގެ ކުރިއެރުމަކީ އަޅުގަނޑުމެންނަށްވެސް ލިބޭނެ ކުރިއެރުމެކެވެ. އެމީހުންނާ މެދު ބަދު ބަސް އަޅުގަނޑުމެން ބުނެގެންނުވާނެއެވެ. ނަމަވެސް އިންޑިޔާގެ އަސްކަރިއްޔާ މި ފަސްގަނޑުގައި ތިބުމަށް ޖާގައެއް ނުދެވޭނެއެވެ. 'ހަދިޔާ'އެއް ހިފައިގެން އެ ހަވާލުކުރަން އައި ބަޔަކުނަމަ، އެ ދީފައި ދާންވީއެވެ. 'ހަދިޔާ' އެއް ނޫންނަމަ ހިފައިގެން ދާންވީއެވެ.

ޖުމްލަ 14 އަހަރު ވަންދެން އިންޑިޔާގެ އަސްކަރިއްޔާއިން ރާއްޖޭގެ ފަސްގަނޑުގައި ފައި ހަރުކޮށްގެން މިތިބެވުނީ އަޅުގަނޑުމެންގެ ވެރިންގެ އަދި ސިޔާސީ ބޭފުޅުންގެ ވިސްނުން ތިލަ ކަމުންނެވެ. ބޭރުގެ އެކިއެކި އަސްކަރިއްޔާތައް އެކިއެކި ނަންނަމުގައި އެހެން ޤައުމުތަކަށް އަރައި ފައިގަދަ ކުރުމަކީ ޒަމާނުއްސުރެ ހިނގަމުންދާ ކަމެކެވެ. އެކަމަށް ލޯހުޅުވައިގެން ތިބުމަކީ އަޅުގަނޑުމެންގެ ވެރިން ކުރަންޖެހޭ ކަމެކެވެ. އިންޑިޔާ، ޗައިނާ، އެމެރިކާ އަދި ރަޝިޔާ ފަދަ ބޮޑެތި ހުރިހާ ޤައުމަކުން ހަންފަތުރަން މަސައްކަތް ކުރާނެއެވެ. އަޅުގަނޑުމެންގެ ގޭދޮރުމަތީ އެ ހަންގަނޑު ފަތުރަން ހުއްދަ ނުދީ ހިފެހެއްޓުމަކީ އަޅުގަނޑުމެންގެ ޒިންމާ އެކެވެ.

ދިވެހިން އަދިވެސް އެދެނީ، އިތުރު ބަހަނާއެއް ދެއްކުމަކާނުލާ، އިންޑިޔާގެ އަސްކަރިއްޔާގެ ހުރިހާ އުޅަނދުތަކާއި، ރާޑަރުތަކާ އަދި އެތަކެތި އޮޕަރޭޓް ކުރަން ތިބި އެޤައުމުގެ މީހުންނާ އެކު ރާއްޖޭން ފޭބުމަށެވެ.

ނޮވެންބަރު 3ގައި ރާއްޖެ އައި އިންޑިޔާ ސިފައިން ވެސް ފޭބިއެވެ. އެމީހުން ފޭބީ އެމީހުންގެ އުޅަދުތަކާ އެމީހުންގެ ހުރިހާ އެއްޗެއް ހިފައިގެންނެވެ. އެހެން ބަޔަކު އިންޑިޔާއިން ގެނެސް އެތަކެތި ދުއްވަން ހަވާލުކޮށްފައެއް ނޫނެވެ.

ނޯޓް: އުމަރު ނަސީރަކީ މީގެ ކުރިން އެމްއެންޑީއެފްގައި ޚިދުމަތް ކުރައްވައި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ދެ އަހަރު ހޯމް މިނިސްޓަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. ދެ ފަހަރެއްގެ މަތިން ރައީސް ކަމަށް ވާދަކުރައްވާފައިވާ އުމަރަކީ ފުލުހުންނާއި ސިފައިންގެ މުއައްސަސާތަކަށް ގެންނަން ޖެހޭ އިސްލާހުތަކާއި ކުށް ކުރުން ހުއްޓުވުމަށް އަޅާ ފިޔަވަޅުތައް ހަރުކަށި ކުރުމަށް ވަކާލާތު ކުރައްވާ ބޭފުޅެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް