ދެކެވުނު ވާހަކައެއްގެ ތެރެއިން ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގެ ވަޒީރަކު ވިދާޅުވިއެވެ. އަވައްޓެރި ގައުމަކަށް އޭރު ކުރެއްވި ރަސްމީ ދަތުރުފުޅުތަކުގެ ތެރެއިން ރަސްމީ ބައްދަލުވުންތަކަށް ފަހު އެ ގައުމުގެ ބައެއް ވަޒީރުންގެ އޮފީސް ކޮޓަރިކޮޅަށް ވަޑައިގަތުމަށް ދައުވަތު އަރުވައެވެ. ކޮޓަރިކޮޅަށް ގެންގޮސް މުޅިންހެން ސުވާލު ކުރައްވަނީ އެ ގައުމު ނޫން އެހެން ގައުމުތަކުން އެހީތައް ރާއްޖެއަށް ހޯދާ ސަބަބާ ގުޅޭގޮތުންނެވެ. އަދި, ރާއްޖެއަށް އެހީތެރިވާނީ، އަދި ރާއްޖޭން އެހީ ހޯދަން ވާނީ އެ ގައުމުން އެކަނިކަން ތަންކޮޅެއް ހަރުކަށިކޮށް ރާއްޖޭގެ ވަޒީރަށް ވިސްނައިދޭން މަސައްކަތް ކުރެއެވެ.
އެއީ, މީގެ އެތައް އަހަރެއް ކުރީގެ ހަގީގަތެވެ. ނަމަވެސް އެ ހަގީގަތަށް އަދި ވެސް ބަދަލު ނައިސް އޮތުމަކީ ވަރަށް ގާތް ކަމެކެވެ. އަދި އެއީ ރާއްޖެއަށް އެކަނި ކުރިމަތިވާ ކަމެއް ނޫނެވެ. ކައިރި އޮންނަ ބޮޑެތި ގައުމުތަކުން ގިނަ ފަހަރަށް މަސައްކަތް ކުރާނީ އެ ގައުމުތަކުގެ އަވައްޓެރި ކުދި ގައުމުތައް ކޮންޓްރޯލް ކުރުމަށެވެ. އެ ބޮޑެތި ގައުމުތަކަށް ބަރޯސާވެގެން ނޫން ގޮތަކަށް ކުދި ގައުމުތައް އުޅުނަ ނުދިނުމަށެވެ. އަވައްޓެރި ކުޑަ ގައުމެއް އަމިއްލަ ފައި މައްޗަށް ތެދުވެ، ހިންދެމިލައިފިނަމަ އެއީ ބޮޑު ގައުމުގެ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ދެކި، ޖިއޯ ޕްލިޓިކްސްގެ ތެރެއިން އެކިއެކި ނުފޫޒުތައް ފޯރުވައިގެން ކުދި ގައުމުތަކުގެ ތަރައްގީ ހުއްޓުވުމަކީ ހިނގާފައި ހުރި ކަންކަމެވެ.
ގުދުރަތީ ރީތިކަމުގެ ސަބަބުން މި ރާއްޖެއަށް އައިސް ޗުއްޓީ ހޭދަކޮށްލުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އެތައް ބައެއްގެ އުއްމީދެވެ. އެ މީހުންނަށް މި ރާއްޖެއަކީ ދުނިޔެމަތީގެ ސުވަރުގެއެވެ. ނަމަވެސް ދުނިޔެމަތީގެ މި ސުވަރުގޭގެ ގިނަ އަހުލުވެރިންނަށް އެ އިހުސާސް ނުކުރެވެއެވެ. ދުނިޔޭގެ ބައެއް ކުންފުނިތަކުގެ މުވައްޒަފުންނަށް ވުރެން އާބާދީ ކުޑަ މި ރާއްޖޭގެ ގިނަ ބަޔަކު އުޅެމުން އަންނަނީ އެންމެ އެކަށީގެންވާ ދިރިއުޅުމެއް ނޫނެވެ. އެއީ ދިވެހީންނަށް އޮތް ހައްގު މިންވަރެއް ނޫނެވެ. މި ހާލަތު ބަދަލު ކުރަން "ޖިހާދު" ފަށަން މިހާރު ވެސް ލަސްވެއްޖެއެވެ. ވަކި ގައުމަކަށް ބަރޯސާވެގެން ޒަރޫރީ ބޭނުންތައް ފުއްދައިގެން ޒަމާނުންސުރެއް އުޅެމުން އަންނަ އުޅުން ނިމުމަކަށް ގެންނަން ޖެހެއެވެ. ޓޫރިޒަމް ކުރިއެރުވުމާއެކު، ރާއްޖެ އުފެދިފައި އޮތް ލޮކޭޝަންގެ ބޭނުން ހިފައި ޓްރާންސްޝިޕްމެންޓް ބަނދަރާއި ބަންކަރިން ފަދަ ހިދުމަތްތައް ފަށައި އެތައް މިލިއަން ރުފިޔާގެ އާމްދަނީ ހޯދަން ފަށަން ޖެހެއެވެ. އެކަން ކުރަން ވާނީ ވިސްނުންތެރިކަމާ އެކުއެވެ.
ކުރިއަށް ދާންވީ ދަށުނުވެ، ޖެހި ނުގަނެ!
ހަގީގީ މާނައިގައި މިނިވަންކަން ހޯދަން ދިވެހީން ފަށަން މިޖެހޭ ޖިހާދު ފަށާއިރު ވިސްނައިލަން ޖެހޭ ކަންކަން އެބަހުއްޓެވެ. އޭގެ ތެރެއިން އެންމެ މުހިންމު އެއް ކަމަކީ ވަކި ގައުމަކަށް ބަރޯސާނުވާން ވެގެން ގޮސް އެހެން ގައުމެއްގެ އުނގަށް ނުވެއްޓުމެވެ. ޚާރިޖީ ސިޔާސަތުގައި ހަމަހަމަ ކަމެއް ގެންގުޅުމެވެ. ކުރީގެ ރައީސް މައުމޫންގެ ވެރިކަން ނިމުނުފަހުން ރާއްޖޭގައި އުފެދުނު ހުރިހާ ސަރުކާރެއް ވެސް ފެނިގެން ދިޔައީ ވަކި އެއް ގައުމަކަށް މާ ބޮޑަށް ބަރޯސާވާ މަންޒަރެވެ. އެ ސަރުކާރަކުން ހިންގާ މަޝްރޫއުތައް ވެސް މުޅިންހެން ދެނީ އެ ސަރުކާރެއް ބަރޯސާވާ ގައުމަކަށެވެ. ލޯނެއް ނެގިޔަސް، ތަރައްގީގެ މަޝްރޫއެއް ހަވާލު ކުރިޔަސް، އެހެން ގައުމުތަކާ ގުޅުން ބަދަހި ކުރި ނަމަވެސް ވަކި ގައުމަކަށް ރާއްޖޭގެ ރިމޯޓް ދެނީއެވެ.
މިއަދަށް ދެ މަސް ފުރުނު ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން ރާއްޖެއަށް ހަގީގީ މާނައިގައި މިނިވަންކަން ހޯދައި ދެއްވަން ކުރައްވާ މަސައްކަތުގައި މާޒީގެ އެ ތަޖުރިބާއިން ފިލާވަޅު ލިބިގަންނަން ޖެހެއެވެ. ރާއްޖެ ތަރައްގީކުރަން ވެސް އަދި ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް ވެސް އެންމެ ރަނގަޅު އެއް ގޮތަކީ ވަކި ގައުމަކަށް ބަރޯސާ ނުވެ، ގިނަ ގައުމުތަކަކާ ގުޅުން ބަދަހިކޮށްގެން ކުރިއަށް ދިއުމެވެ. އިގުތިސާދީ އިތުރު ހަރަކާތްތައް ފަށާއިރުގަޔާއި ލޯން ނެގުމުގެ އިތުރުން ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ވެސް އެންމެ ގައުމަކަށް ބަރޯސާވުމުގެ ބަދަލުގައި ގިނަ ގައުމުތަކަކަށް ފުރުސަތު ދޭން ޖެހެއެވެ. ގައުމުތަކަށް ހަމަހަމަ ފުރުސަތުތަކެއް ރާއްޖޭން ދޭން ޖެހެއެވެ. ތަރައްގީގެ ދުވެލި ހަލުވިކުރެވި، ރާއްޖޭގެ މިނިވަންކަމަށް ވެސް އެންމެ ރައްކާތެރި އެއް ގޮތަކީ ގިނަ ގައުމުތަކަކާ އޮންނަ ގުޅުން ބަދަހި ކުރުމެވެ.
ޖިއޯ ޕޮލިޓިކްސް ދިރާސާ ކުރައްވާ، ރާއްޖޭގެ ދިފާއީ ބާރެއްގައި މަސައްކަތް ކުރައްވާ އިސް އޮފިޝަލަކު ނަން ނުޖަހަން ޝަރުތުކޮށް ވިދާޅުވި ގޮތުގައި ރާއްޖެ ފަދަ ކުޑަ ގައުމަކަށް މިއަދުގެ ދުނިޔޭގެ ސިޔާސީ މަޝްރަހުގައި ހަމަޖެހިގެން ތިބުމަށް އެންމެ މުހިންމު، އަދި ރައްކާތެރި ގޮތަކީ ހަމަހަމަ ޚާރިޖީ ސިޔާސަތެއް ގެންގުޅުމެވެ.
"އިންވެސްޓްކުރަން ވެސް ފުރުސަތު ދޭންވީ ހުރިހާ ގައުމަކަށް ވެސް. އޭރުން ހުރިހާ ގައުމެއްގެ މަސްލަހަތު ރާއްޖޭގައި އޮންނާނެ. އިންވެސްޓްމަންޓުތައް ހިމާޔަތްކުރުމުގެ ބޭނުމުގައި ވެސް ހުރިހާ ގައުމެއް ރާއްޖެއާ ގުޅޭނެ،" ދިފާއީ ބާރެއްގައި މަސައްކަތް ކުރައްވާތާ 20 އަހަރަށް ވުރެން ގިނަ ދުވަސްވެފައިވާ އެ އޮފިޝަލް ވިދާޅުވިއެވެ.
ގައުމުތަކާ ޖެހި ނުގަނޭ، އެއީ ނުރައްކަލެއް
ދައުލަތުގެ އިންޝްއަރެންސް ނިޒާމުގެ ދަށުން ދިވެހީން ބޭސްފަރުވާއަށް ދިއުމަށް ތައިލޭންޑާއި ޔޫއޭއީ ހަމަޖެއްސުމަކީ ހަމަ ރަނގަޅު ކަމެކެވެ. އެކަން ކުރެވޭނެ ގާބިލުކަން ދިވެހި ދައުލަތުގައި އޮތްނަމަ އެއީ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެކެވެ. ނަމަވެސް އެކަން ކުރާއިރު މިހާރު ދިވެހިން ބޭސްފަރުވާއަށް ދާ ގައުމަށް ކުޑާމީސްކޮށް އެއްޗެއް ވިދާޅުވުމަކީ ދިވެހި ވެރިން ކުރަން ޖެހޭ ކަމެއް ނޫނެވެ. ކާޑުގެ ބާވަތްތައް ގެނައުމަށާއި ފުޑް ސެކިއުރިޓީ ޔަގީން ކުރުމަށް އެއް ގައުމަކަށް ބަރޯސާ ނުވުމަކީ ވެސް ރަނގަޅު ކަމެކެވެ. ބޭހާއި އެހެން އަސާސީ ތަކެތި ވެސް ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުތަކުން ގެނެސް ދިވެހި ރައްޔިތުންނަށް ފޯރު ކޮށްދިނުމަކީ ހަމަ ވަރަށް ރަނގަޅު ކަމެކެވެ. ނަމަވެސް އެކަން ވެސް ކުރަން ވާނީ މިހާރު އެ ތަކެތި ގެންނަ ގައުމުތަކަށް ބަހުގެ ހަމަލާތައް ދިނުމަށް ފަހުގައެއް ނޫނެވެ.
ދޭދޭ ގައުމުތަކާ އޮންނަ ގުޅުން ރަނގަޅު ކުރުމަކީ ގައުމެއްގެ މިނިވަން ކަމަށް ވަރަށް މުހިންމު ކަމެކެވެ. ހާއްސަކޮށް ރާއްޖެފަދަ ކުޑަ ގައުމަކުން އަދާވާތްތެރީން އުފެއްދުމަކީ ކުރާ ވަރު ކަމެއް ނޫނެވެ. ގައުމެއްގެ ހަމަޖެހުން ގުޅިފައި ވަނީ ހަމައެކަނި އެތެރޭގެ ސިޔާސީ ކަންކަމަކާ ނޫނެވެ. ޖިއޯ ޕްލިޓިކްސްއަކީ ވަރަށް މުހިންމު ރޯލެއް ކުޅޭ ކަމެކެވެ. އެއީ ޖިއޯގްރަފީގެ ސަބަބުތަކާހުރެ ދައުލަތްތައް ހިންގުމާއި ބާރުތައް ބެހުމާއި އިއްތިހާދުތައް އުފެދުމާއި ޑިޕްލޮމެސީ ހިންގުމަށް އަސަރު ކުރާތީއެވެ. ޖިއޯޕޮލިޓިކްސްއިން ވިސްނަނީ ބޯޑަރުތަކާއި ގުދުރަތީ ވަސީލަތްތަކާއި އެހެން ގައުމުތަކާ ގާތްވުން ފަދަ ކަންކަމުގެ ސަބަބުން ގައުމެއްގެ ޚާރިޖީ ސިޔާސަތާއި ސްޓްރެޓެޖިކް ނިންމުންތައް ބައްޓަން ކުރެވިދާނެ ގޮތަށެވެ.
ދުނިޔޭގެ ބޮޑު ދެ ބާރު ކަމަށްވާ ޗައިނާއާއި އިންޑިއާއިން އެއް ގައުމަށް ވުރެ އަނެއް ގައުމު ކުރިއަރައި ދިއުމަށް އުފެދިފައިވާ ޒަމާންވީ ބޮޑު ވާދައިގެ ތެރެއަށް ވަދެވޭވަރަށް ވުރެ ރާއްޖެއަކީ މާ ކުޑަ ގައުމެކެވެ. އިގުތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ބެލިނަމަވެސް އެއީ ރާއްޖެއާ އެކަށީގެންވާ ކަމެއް ނޫނެވެ. ނަމަވެސް މިހާރު މި އޮތީ އެކަމުގެ ތެރޭގައޭ ބުނުން އެއީ ދޮގަކަށް ނުވާނެއެވެ. އެ ކަމުގެ ތެރެއިން ރާއްޖެ ވިސްނުންތެރިކަމާ އެކު ނުކުންނަން ޖެހެއެވެ. ނޫނީ ރާއްޖެއަށް ކުރިމަތިވާނެ ގޮންޖެހުންތައް ބޮޑެވެ.
އިންޑިއާގެ ނޫސްތަކާއި އެ ގައުމުގެ ބައެއް އާއްމުން ސޯޝަލް މީޑިއާގައި ރާއްޖެއާ ގުޅުވައިގެން މިހާރު ދައްކާ ވާހަކަތަކަށް ބެލުމުން ވެސް އެކަން ހާމަވެއެވެ. ބޮއިކޮޓް ކެމްޕެއިންގެ ތެރެއިން ރާއްޖެއާ ދެކޮޅަށް އެކިއެކި ކަންކަން އެ އަންނަނީ ކުރަމުންނެވެ. މި ކަންތައް މިހާ ބޮޑުވީ ދިވެހި ސަރުކާރުގެ އިސް މަގާމުތަކެއްގައި ތިބި ބައެއް އެ ރޯނުގައި ޖެހުމުގެ ސަބަބުންނެވެ. އެންމެ ފަހުން ބައިނަލްއަގުވާމީ މީޑިއާތަކުގެ ސަމާލުކަން އެކަމަށް ހުއްޓުނެވެ. މިއަދުގެ ދުނިޔޭގައި ކުރި ހޯދާގޮތަކީ ގެރި ޒުވާބުކޮށް، އަތްފައިބަޅުކޮށް ވައްތަރު ޖައްސައިގެންނެއް ނޫނެވެ. އެއީ މިއަދުގެ ދުނިޔެ ބަލައި ނުގަންނަ ހުތުރު ކަންކަމެވެ. އެހެންކަމުން މިފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ސަރުކާރުގެ އިސް މަގާމުތަކަށް އައްޔަން ކުރައްވާ މީހުންނަކީ ގާބިލު، ދުނިޔެއަށް ލޯ ހުޅިވިފައި ތިބި މީހުންނަށް ހަދަން ޖެހެއެވެ.
އެކި ކަންކަމުގައި ހުރިހާ ގައުމަކުން އަމަލު ކުރާނީ އެއްގޮތަކަށް ކަމަށް ގަބޫލު ކުރާކަށް ނުވާނެއެވެ. އޭގެ އެއް މިސާލަކީ ޗައިނާއެވެ. ރާއްޖޭގައި އުފެދޭ ސަރުކާރެއްގެ ސިޔާސަތުތައް ޗައިނާއާ ދުރުވި ނަމަވެސް ރާއްޖޭގެ ދާޚިލީ ކަންކަމަކާ އެ ގައުމަކުން ބެހޭތަނެއް ނުފެނެއެވެ. އަދި ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓް ކުރުމަށާއި ރާއްޖެ ބަދުނާމު ކުރުމަށް އެ ގައުމުގެ މީޑިއާތަކާއި އާއްމުން އުޅޭ މަންޒަރެއް ވެސް ނުފެނެއެވެ. ނަމަވެސް ޗައިނާއިން އެ އަމަލު ކުރާ އުސޫލަށް އެހެން ގައުމުތަކުން އަމަލު ކުރާނެ ކަމަށް ދިވެހީން ގަބޫލުކޮށްގެން ނުވާނެއެވެ.
ދެން އެންމެ ސަމާލުކަން ދޭން ޖެހޭ އެއް ކަމަކީ ގައުމުގެ އެތެރޭގެ ހަމަޖެހުމަށް ގެނެސްފާނެ ލޮޅުމަކަށެވެ. އަވައްޓެރި ބައެއް ގައުމުތަކަށް ބަލާއިރު ވެސް ދާޚިލީ ހަނގުރާމަތާއި ޓެރަރިސްޓް ހަމަލާތަކުގެ ސަބަބުން އެތައް ދައްޗަކާ ކުރިމަތިލާން ޖެހިފައި އެބަހުއްޓެވެ. އަވައްޓެރި ސްރީލަންކާއާއި ޕާކިސްތާން މިސާލަކަށް ފުދޭނެއެވެ. މިފަދަ ހަމަނުޖެހުންތައް ގައުމެއްގެ އެތެރޭގައި އުފެއްދުމަކީ އަދާވާތްތެރި ގައުމަކަށް ފަސޭހަ ކަމަކަށް ވެދާނެއެވެ. އެހެންކަމުން މިއީ ސަމާލުވާން ޖެހޭ ކަމެކެވެ. ރާއްޖެ ފަދަ ޓޫރިޒަމަށް ބަރޯސާވެފައިވާ ގައުމެއްގައި އަމާންކަމާއި ރައްކާތެރިކަން ވަރަށް ވެސް މުހިންމެވެ. ނޫނީ މުޅި އިގުތިސާދު ހުއްޓުމަކަށް އަތުވެދާނެއެވެ. އެހެންކަމުން ބޮޑު ހަމަލާއެއް ނުވަތަ ހަމަނުޖެހުމެއް އުފައްދަފާނެ ހުރިހާ މަގެއް ބަންދުކުރަން ޖެހެއެވެ.
ހަގީގަތަކީ ސިންގަޕޫރު ހިންދެމިލުމަށް މަސައްކަތް ކުރިއިރު ވެސް އެ ގައުމަށް ވެސް ބޮޑެތި ގައުމުތަކުގެ އުނދަގޫތައް ޖެހުނު ކަމެވެ. އެހެންކަމުން ރާއްޖެ ވެސް ހަގީގީ މާނައިގައި މިނިވަންކަން ހޯދަން އުޅޭއިރު އެ ގޮންޖެހުންތަކާ ކުރިމަތިވާނެއެވެ. އެހެންކަމުން އެންމެ މުހިންމު ކަމަކީ ޖަޒުބާތުން ސަލާމަތްވެ ތިބެ، ވިސްނުންތެރިކަމާ އެކު މިނިވަންކަމުގެ މަސައްކަތް ކުރުމެވެ. މިނިވަންކަން ހޯދުމުގެ ދަތުރުގައި ވަކި އެއް ގައުމަކަށް ބަރޯސާ ނުވުމާއި ވަކި ގައުމަކާ ޖެހި ނުގަތުމަކީ އެންމެ މުހިންމު އެއް އަސާސެވެ.