ޗައިނާއިން ޖަހަނީ 'ދަރަނި ދަންތުރަތަކެއް' ކަމަށާއި އަވައްޓެރި އިންޑިއާއާ އެކު އޮތް ގާތް ގުޅުން ހީނަރުވުމުން، ރާއްޖެ ބަލިކަށިވެއްޖެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ރާއްޖެއާއި އިންޑިއާއާ ދެމެދު އެންމެ ފުރަތަމަ ނުތަނަވަސްކަމެއް އުފެދުނީ މީގެ ކުރިން ހިންގި 'އިންޑީއާ އައުޓް' ހަރަކާތުގެ ސަބަބުންނެވެ. އެއަށް ފަހު މި ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުންތަކެއް އެ ގައުމުގެ ބޮޑުވަޒީރަށް ކުޑައިމީސްކޮށް ވާހަކަދެއްކުމާ ގުޅިގެން އިންޑިއާގެ ނުފޫޒުގަދަ ބައެއް ބޭފުޅުން ވަނީ ރާއްޖެ ބޮއިކޮޓްކުރަން ގޮވާލާފައެވެ.
ސްރީލަންކާގެ ނޫހެއް ކަމަށްވާ 'ދަ މޯނިން'އަށް ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ ރާއްޖެއިން އިންޑިއާ ބޭރުކުރުމަކީ ވަރަށް ބޭކާރު ކަމެއް ކަމަށެވެ. އިންޑިއާއަކީ ހަލުވިކަމާ އެކު ތަރައްޤީވަމުން އަންނަ ޤައުމެއް ކަމަށާއި، އެ ތަރައްޤީގެ ތެރެއަށް ރާއްޖެ ވަންނަން އެބަޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑުގެ ނަޒަރުގައި އިންޑިއާއާ ދުރުވުމަށް ފަހު، މިހާރު އަޅުގަނޑުމެން މި ތިބީ، ކުރިއަށްވުރެ މާ ބޮޑަށް ނާޒުކުވެފައި. އަޅުގަނޑުމެން މުދަލާއި ސަލާމަތާއި ރައްކާތެރިކަން ބޭނުންވޭ. މިއީ އިންޑިއާއާ ގުޅިފައިވާ ކަމެއް،" ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން، އެ މަނިކުފާނު ވަނީ ޗައިނާއަށް ވެސް ފާޑު ވިދާޅުވެފައެވެ.
އެގޮތުން، އެ ގައުމުން ރާއްޖޭގައި މަޝްރޫއުތައް ކުރިއަށް ގެންދަނީ އެ މީހުންގެ ފައިސާއާއި މުދަލާއި މީހުން ގެނެސްގެން ވިސްނުންތެރިކަމާ އެކު ގަސްތުގައި އަޑު ބޮޑުކޮށްގެން ކަމަށް އެ މަނިކުފާނު ތުހުމަތުކުރެއްވިއެވެ. އެއީ، ޗައިނާއިން ޖަހާ ދަރަނީގެ ދަންތުރަތަކެއް ކަމަށް ވިދާޅުވާ ވާހަކަފުޅު އެ މަނިކުފާނު ތަކުރާރުކުރެއްވިއެވެ. ނަޝީދު ގަބޫލުކުރައްވާ ގޮތުގައި އެއީ އަނބުރާ ދެއްކޭނެ ލޯނުތަކެއް ނޫނެވެ.
އިންޑިއާ ކަނޑުގެ ގައުމުތަކުން އިންޑިއާ ކަނޑުގެ ގައުމުތައް ބަލަހައްޓަން ޖެހޭކަން ފާހަގަކުރައްވާ އެ މަނިކުފާނު ވިދާޅުވީ، އެކަމުގައި ޗައިނާގެ އެއްވެސް ދައުރެއް ނެތް ކަމަށެވެ.
"އަޅުގަނޑަށް އެނގޭ، އަޅުގަނޑަކީ ސިޔާސީ ގޮތުން ވަރަށް ގިނަ ބައެއްގެ ނަޒަރުގައި ގޯސް މީހެއްކަން. އެހެންނަމަވެސް، އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަކީ އަޅުގަނޑުމެން، އިންޑިއާ ކަނޑުގެ ޤައުމުތަކުގެ މަސްއޫލިއްޔަތެއް،" ނަޝީދު ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ އެތައް ހާސް އަހަރެއްވީއިރު ވެސް އަވައްޓެރި ގައުމެއްގެ ގޮތުގައި ދުރަށް ނުގޮސް އޮތީ އިންޑިއާ ކަމަށެވެ. އިންޑިއާއާ ދެކޮޅު ހަދައި، އެހެން ގައުމުތައް ގެނައުމަކީ ބޭކާރު ކަމެއްގެ ގޮތުގައި އެ މަނިކުފާނު ސިފަކުރެއްވިއެވެ.
"އިންޑިއާއަށް ބަލާއިރު އަވައްޓެރިޔާއާ އެކު ދިރިއުޅުން ނޫން ގޮތެއް ނެތް. އެއީ ގިނަ ފަހަރަށް ލޯތްބާއި ނަފުރަތުގެ ގުޅުމެއް،" އެ މަނިކުފާނު ވިދާޅުވިއެވެ.
"އިންޑިއާއާ އެކު މަސައްކަތްކުރަން ދަސްކުރަން އެބަޖެހޭ. އަޅުގަނޑުމެންގެ ތަނަވަސްކަމުގެ މަގަކީ އިންޑިއާއާ ގުޅިފައިވާ މަގެއް. ޖިއޮގްރަފީ ގޮތުންނާއި ސަގާފީ ގޮތުންނާއި ތާރީޚީ ގޮތުން ވެސް އަޅުގަނޑުމެން ގުޅިފައި އެބަހުރި،"
އިންޑިއާ - ރާއްޖެ ގުޅުން ގޯސްވި ނަމަވެސް، ދެ ގައުމުގެ މެދުގައި މިހާރު އެއްވެސް ނުތަނަވަސްކަމެއް ނެތް ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު އިއްޔެ ވަނީ ވިދާޅުވެފައެވެ. އަދި، ވަރަށް އަވަހަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ގައުމަށް ވަޑައިގަންނަވާނެކަމުގެ އިޝާރާތެއް ވެސް މީގެ ކުރިން ޒަމީރު ދެއްވާފައިވެއެވެ. އޭނާ ވެސް މި ހަފުތާ ބަންދުގައި އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވިއެވެ.
އެ ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ނަޝީދަކީ އަބަދު ވެސް ވަރަށް ބޮޑަށް އިންޑިއާއާ އެއްކޮޅަށް ވަކާލާތު ކުރައްވާ ބޭފުޅެކެވެ. އަދި، އަބަދު ވެސް ޗައިނާގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއެވެ.