އާރާއި ބާރާ އެކު ހިންގަމުންދިޔަ އެމްޑީޕީގެ ވެރިކަން ބަދަލުކުރީ ދެވަނަ ދެކަމެއް ކޮށްގެންނެއް ނޫނެވެ. އިންޑިއާ މިލިޓަރީ އެއްކޮށް ރާއްޖޭން ބާލާނެކަމުގެ ވައުދާ އެކުއެވެ. އޭރު އިދިކޮޅުގައި އޮތް ޕީޕީއެމް/ޕީއެންސީން ކާމިޔާބު ހޯދި ކާލާމަންނައަކީ "އިންޑިއާ އައުޓް"އެވެ. މައިގަނޑު ކެމްޕެއިނަކީ ވެސް އެއީއެވެ. ހާހުން، ދެ ހާހުން އިންޑިއާ ސިފައިން ތިބިކަމުގެ ބިރު ދެއްކިއެވެ. ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ފަހު ރައީސް ޑރ. މުޙައްމަދު މުއިއްޒު ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ ބޭރު ސިފައިންގެ އެންމެ ބޫޓު ކިބައެއް ވެސް ރާއްޖޭގައި ބެހެއްޓުމުގެ ފުރުސަތު ނުދެއްވާނެ ކަމަށެވެ. އަދި، މިދިޔަ ހުކުރު ދުވަހު މިވަނީ މި ވައުދު ފުދިއްޖެކަމަށް ސަރުކާރުން އިއުލާންކޮށްފައެވެ. އެކަމަކު، ސުވާލަކީ ހަމަ އެކަން ވެއްޖެތޯއެވެ؟
ކަންކަމުގައި އިންޑިއާއަށް ވަރަށް ބޮޑަށް ބަރޯސާވާ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރު ރާއްޖެ ގެނައި އިންޑިއާގެ ދެ ހެލިކޮޕްޓަރަކީ ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ބޮޑުވި މައްސަލައެކެވެ. އިންޑިއާއަށް ބަރޯސާވެގެން ވެރިކަން ކުރާ އެމްޑީޕީގެ ދެ ވެރިކަން ފިޔަވާ ދެން ހުރިހާ ވެރިކަންތަކެއްގައި މި ދެ ހެލިކޮޕްޓަރު ފޮނުވައިލާ ވާހަކަ ދެކެވެއެވެ. އެއީ، ސަބަބުތަކެއް އޮވެގެންނެވެ.
ނަޝީދުގެ ވެރިކަމުގައި ހަދިޔާއެއްގެ ގޮތަށް ރާއްޖެއަށް ދެ ހެލިކޮޕްޓަރު ދިނީ "މޮހޮނަށް އޮޑި ދިން" އުސޫލުންނެވެ. އެއީ، އެއްޗަކީ ދިވެހީންނަށް ދިން ހިލޭ އެހީއެކެވެ. ނަމަވެސް، އެ އޮޕަރޭޓްކޮށް ދުއްވައި މަރާމާތުކުރަނީ އިންޑިއާގެ ސިފައިންނެވެ. އޭގެން ދެވޭނީ އެ މީހުން ދިޔަ ތާކަށެވެ. ކުރެވެނީ އެ މީހުން ކޮށްދިން ކަމެކެވެ. އެކަން ކުރަން ރާއްޖޭގެ ތިން ސަރަހައްދެއްގައި އެ ގައުމުގެ ސިފައިން ތިއްބެވެ. އެ މީހުން ތިބީ ދިވެހީން އެ މަސައްކަތްތަކަށް ތަމުރީނު ކުރެވެންދެން އެ ކަމުގައި ދެމިތިބޭ ގޮތަށެވެ. މިއަދާ ހަމައަށް ވެސް އެކަމެއް ނުވެއެވެ.
ސަރުކާރުން ބުނަނީ ކީކޭ؟
އިންޑިއާ ސިފައިން ރާއްޖޭން ބޭލުމުގެ މަސައްކަތް ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ކުރަމުން ގެންދާކަން ސަރުކާރުން އިއުލާންކުރުމަށް ފަހު އިންޑިއާ ސިފައިން ރާއްޖޭން ދިއުމަށް ތާރީޚުތަކެއް ދިނެވެ. އެންމެ ފަހުގެ ތާރީޚު މިދިޔަ ހުކުރު ދުވަހަށް ހަމަވެފައިވާއިރު މިހާރު ރާއްޖޭގައި އިންޑިއާ ސިފައިންގެ އެއްވެސް މީހަކު ނުހުންނާނެ ކަމަށް ސަރުކާރުން ބުނެއެވެ.
އިންޑިއާ ސިފައިން ފޮނުވާލުމުގެ ވައުދު ފުއްދުނުކަން ހާމަކުރަން މިދިޔަ ހޮނިހިރު ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ އިންޑިއާ ސިފައިން ތިބީ ހދ. ހަނިމާދުއާއި ލ. ކައްދުއާއި އައްޑު އަތޮޅު ގަމުގައި ކަމަށެވެ. އެގޮތުން، ހަތެއް މާޗުގައި އާއި ނުވައެއް މާޗުގައި ގަމުން 26 ސިފައިންނާއި އޭޕްރިލް މަހުގެ ހަތަކާއި ނުވައެއްގައި ހަނިމާދުއިން 25 ސިފައިން ފޭބި ކަމަށް އޭނާ ވިދާޅުވިއެވެ. އެއަށް ފަހު އެންމެ ފަހު ސިފައިންގެ ބެޗު ފޭބީ ކައްދުއިން ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ މިދިޔަ އަންގާރަ ދުވަހު ފޭބި 12 ސިފައިންނާއި ބުރާސްފަތި ދުވަހު ފޭބި 13 ސިފައިން ކަމަށް ޒަމީރު ވިދާޅުވިއެވެ.
"މި މީހުންގެ ބަދަލުގައި ސިވިލިއަނުން މިހާރު އެ ތިބީ ކޮންމެ މީހަކަށް މީހަކު އައިސް، މެއިންޓެއިންކޮށް ބަލަހައްޓަން. އަދި، އަޅުގަނޑު ފާހަގަކޮށްލަން ބޭނުން މި ކަމަށް ގެނެސްފައި މިތިބީ މި ކަމަށް ބޭނުންވާ އަދަދަށް މީހުން ކުރީގައި ވެސް،" ޒަމީރު ވިދާޅުވިއެވެ.
ސަރުކާރުން މީގެ ކުރިން ބުނި ގޮތުގައި ރާއްޖޭގައި ތިބި ކަމަށް މިހާތަނަށް ލިޔެކިޔުންތަކުން ފެންނަން އޮތީ އިންޑިއާގެ 89 ސިފައިންނެވެ.
ޒަމީރު ވިދާޅުވީ ރާއްޖެ ގެނައި މަދަނީ މީހުންނަކީ އިންޑިއާއިން ހަދިޔާކުރި ހެލިކޮޕްޓަރު އުފެއްދި ކުންފުނި ކަމަށްވާ ހިންދުސްތާން އެރޮނޮޓިކްސް ލިމިޓެޑްގެ މީހުން ކަމަށެވެ. އެ މީހުން ތިބޭނީ 2026އާ ހަމައަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިއީ ކޮން ކުންފުންޏެއް؟
ގޫގުލްގައި ހިންދުސްތާން އެރޮނޮޓިކްސް ލިމިޓެޑް މިއީ ކޮން ބައެއް ހިންގާ، ކޮން ކުންފުންޏެއްތޯ ޖަހާލުމާ އެކު ސާފު ޖަވާބު އެބައާދެއެވެ. އިންޑިއާގެ ރަސްމީ އިދާރާތަކުން ބުނާގޮތުގައި 84 އަހަރުވެފައިވާ މި ކުންފުންޏަކީ އެ ގައުމުގެ ޑިފެންސް މިނިސްޓްރީގެ ޑިޕާޓްމަންޓް އޮފް ޑިފެންސް ޕްރޮޑަކްޝަންގެ ބެލުމުގެ ދަށުގައި އޮންނަ އިންޑިއާ ސަރުކާރުގެ 100 އިންސައްތަ ހިއްސާ އޮންނަ ކުންފުންޏެކެވެ.
އެ ކުންފުނިން އަސްކަރީ އަދި މަދަނީ މާކެޓަށް ބޭނުންވާ މަތިންދާ ބޯޓާއި ހެލިކޮޕްޓަރު، އެވިއޮނިކްސް އަދި މުވާސަލާތީ އާލާތްތައް ތަރައްގީކޮށް ޑިޒައިންކޮށް، އުފައްދައި ސަޕްލައިކުރެއެވެ. އެއީ، އިންޑިއަން އެއާފޯސް، އިންޑިއަން އާމީ، އިންޑިއަން ނޭވީ، ޑިފެންސް ރިސާޗް އެންޑް ޑިވެލޮޕްމަންޓް އޯގަނައިޒޭޝަން، އިންޑިއަން ކޯސްޓްގާޑް، އިންޑިއަން ސްޕޭސް ރިސާޗް އޯގަނައިޒޭޝަން، ފަދަ ތަންތަނަށް ބޭނުންވާ އުޅަނދުތައް އުފައްދާ ކުންފުންޏެވެ. މި ކުންފުނިން ހިންގަނީ އިންޑިއާގެ ޕްރޮޑަކްޝަން ފެސިލިޓީތަކުގެ ނެޓްވޯކާއި ރިސާޗް އެންޑް ޑިޒައިން ސެންޓަރުތައް މެދުވެރިކޮށެވެ. މި ކުންފުނީގެ މައި އޮފީސް ހުންނަނީ އިންޑިއާގެ ކަރްނާޓަކާގެ ބެންގަލޫރުގައެވެ.
ވައުދު ފުއްދުނު ކަމަށް ވޭތަ؟
އެހެންކަމުން އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވާލުމަށް ފަހު ރާއްޖެ ގެނައީ މި ކުންފުނީގެ މުވައްޒަފުންނޭ ވިދާޅުވުމުން އެ ވިދާޅުވެވެނީ ކޮން ވާހަކައެއް ތޯއެވެ؟ އިންޑިއާގެ ޑިފެންސްގެ ފުރިހަމަ ބާރުގެ ދަށުން ހިންގާ ކުންފުންޏެއްގެ ބަޔަކު ރާއްޖޭގައި ތިބުމާއި އެ މީހުންގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުން ހެލިކޮޕްޓަރުތައް އޮޕަރޭޓް ކުރުމާއި ކުރިއާ އޮތީ ކޮން ތަފާތެއްތޯއެވެ؟ ދެން ވެސް ހެލިކޮޕްޓަރު ދުއްވާނީ ޑިފެންސްގެ ބާރު އޮތް އިންޑިއާގެ މި މުވައްޒަފުންނެވެ. ދިވެހި ސިފައިންނަކަށް އެ އުޅަނދުތަކެއް ނުދުއްވެއެވެ.
ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވާ ގޮތުގައި އިންޑިޔާގެ ނޭވީގައި ރަޖިސްޓްރީކޮށްފައިވާ ދެ ހެލިކޮޕްޓަރާއި، ޑޯނިޔާ މަތިންދާ ބޯޓަކާއި، ރާޑަރުތަކާ އަދި އެ ތަކެތި އޮޕަރޭޓްކުރުމަށް އައިސް ތިބި، އިންޑިޔާގެ އަސްކަރިއްޔާގެ މުވައްޒަފުން އަދިވެސް ރާއްޖެގައި ގާއިމުވެ، ކުރިން ވެސް ތިބި ތަންތާ ހަމަ އެގޮތަށް އެބަތިއްބެވެ. ލ އަތޮޅުގައާއި، އައްޑުއޮތޮޅުގައާއި އަދި ހަނިމާދޫގައި ކުރިން ވެސް އޮޕްރޭޓްކުރަމުން ގެދިޔަ އިންޑިޔާގެ އަސްކަރީ އުޅަނދުތައް އަދިވެސް އެގެންދަނީ އިންޑިޔާގެ މީހުން އޮޕަރޭޓްކުރަމުން ކަމަށް އުމަރު ވިދާޅުވެއެވެ.
"މި އަހަރުގެ މެއި މަހުގެ 10 ވަނަ ދުވަހާ ހަމައަށް ގެނެވުނު ބަދަލަކީ ޔުނިފޯމް އަޅައިގެން މި މަސައްކަތުގައި ތިބި އިންޑިޔާގެ ސިފައިން އަނބުރާ ގެންގޮސް، 'ޔުނިފޯމް ނާޅާ ބަޔަކު އެ މަސައްކަތުގައި ބައިތިއްބައިފިން' ކަމަށް އިންޑިޔާ އިން ބުނަންފެށުން. އާ 'ނެރެޓިވް' އެއް އުފަންކުރީ،" އުމަރު 'ސަން'އަށް ލިޔުއްވި އޮޕެޑެއްގައި ވިދާޅުވިއެވެ.
އުމަރު ވިދާޅުވިގޮތުގައި އިންޑިޔާ ސިފައިން ފައިބާނަމަ ފައިބާނީ އެ މީހުންގެ އަސްކަރީ އުޅަނދުތަކާއި އެހެނިހެން ސާމާނުތައް ހިފައިގެންނެވެ. އެ ތަކެތި ބަހައްޓާފައެއް ނޫނެވެ. ދިވެހީން ވަކާލާތުކުރީ އިންޑިޔާގެ އަސްކަރިއްޔާ ފޮނުވާލުމަށް ކަމަށާއި އެއީ އެ މީހުންގެ އުޅަނދުތަކާއި، ރާޑަރުތަކާ އެ ތަކެތި އޮޕަރޭޓްކުރަން ތިބި އެ މީހުންގެ މީހުން ފޮނުވާލުމަށް އެންމެން އެއްއަޑަކުން ގޮވި ގޮވުމެއް ކަމަށް އުމަރު ވިދާޅުވިއެވެ.
"އަދި އެ ކަމަށް ދިން ވޯޓެއް ދިނީ. އެއީ، ޔުނިފޯމްގައި ތިބި މީހުން ކުލަހެދުމަށް ބަދަލުކުރުމަށް ދިން ވޯޓެއް ނޫން. ނުވަތަ ދުއްވަން ތިބި އިންޑިޔާ މީހުން ފޮނުވާލާފައި، ހަމަ އިންޑިޔާގެ އެހެން ބަޔަކު ގެނައުމަށް ދިން ވޯޓެއް ވެސް ނޫން. މިއީ އަސްކަރިއްޔާ ބޭލުމަށް ގޮވިގޮވުމެއް،" އުމަރު އިތުރަށް ވިދާޅުވިއެވެ.
"ދިވެހި ސަރުކާރުން، އިންޑިޔާގެ މި އާ 'ނެރެޓިވް' ގަބޫލު ކޮށްފިއްޔާ، މިއީ އިންޑިޔާގެ ޑިޕްލޮމެޓުން ބަނޑަށް ހޭނެކަމެއް. މިއީ ހިންޏަށް ހަކުރު އޮޅުވާލުމަށް، ހަކުރު ފުޅީގެ ބޭރުގައި، ލޮނު އުނގުޅުން ފަދަ ކަމެއް. ދިވެހި ސަރުކާރުން މި 'ނެރެޓިވް' ގަބޫލުކޮށްގެން ނުވާނެ،"
ދިވެހި އަސްކަރިއްޔާގައި ވިއްސަކަށް އަހަރު ޚިދުމަތްކޮށް ރިޓަޔާކުރައްވާފައިވާ ބޭފުޅަކު ވިދާޅުވި ގޮތުގައި އިންޑިއާގެ ހެލިކޮޕްޓަރު އޮޕަރޭޓްކުރުމަށް މި ގެނައި ބަދަލުން ވައުދާ އެއްގޮތަށް އެއްވެސް ކަމެއް ހާސިލެއް ނުވިއެވެ.
"ދިވެހި ސިފައިންގެ އުޅަނދެއް ނުދުއްވޭނެ ދިވެހި ސިފައިންގެ މީހަކަށް ނޫނީ. އެހެން ގައުމުތަކުގައި ވެސް އޮންނަނީ އެގޮތަށް އެކަން. އެކަމަކު، އަދިވެސް އެ ހެލިކޮޕްޓަރުތައް ދިވެހި ސިފައިންނަކަށް ނުލިބޭ. އެ ދުއްވަނީ ވެސް އެ ބޭނުންކުރާނީ ވެސް އިންޑިއާ މީހުން. ކުރިން ވެސް ކުރީ އެގޮތަށް. ދެން ވެސް ކުރާނީ އެގޮތަށްކަން މި އެނގެނީ. އެހެންވީމާ މީގައި ކަމެއް ތަފާތުވި ތަނެއް ނުފެނޭ،" ސިފައިންގެ އެކިއެކި ޑިޕާޓްމަންޓްތަކުގައި މަސައްކަތް ކުރައްވާފައިވާ އެ ބޭފުޅާ ވިދާޅުވިއެވެ.
ވެރިކަން ހޯދުމަށް ޕީޕީއެމް/ޕީއެންސީގެ ބައެއް އެކްޓްވިސްޓުން ހަނިމާދޫ ފަދަ ރަށްރަށަށް ގޮސް އެ ރަށްރަށުގައި ތިބި އިންޑިއާގެ ސިފައިންގެ ފަހަތުން ހިނގައި ފޮޓޯ ނަގައި އެތައް ކަމެއް ކުރިއެވެ. ދައްކައިދިނީ އެ މީހުން ތިބެގެން ރާއްޖެއަށް އޮތް ނުރައްކަލެވެ. އެކަން ބަދަލުކުރަންޖެހޭ ކަމެވެ. ޕޯޑިއަމްތަކުގައި މުޅިންހެން ދެއްކީ އެ ވާހަކައެވެ. ވެރިކަން ލިބުމުން މިއަދުގެ ސަރުކާރުން މިހާރު މި ބުނަނީ މި ވައުދު ފުއްދިއްޖެ ކަމަށެވެ.
ވީ ވައުދަކީ ބޭރު އަސްކަރިއްޔާއެއްގެ ބޫޓު ކިބައެއް ވެސް ރާއްޖޭގައި ބެހެއްޓުމުގެ ފުރުސަތު ނުދޭނެ ކަމަށެވެ. ސިފައިންގެ ބަޔަކު ތިބުމާއި ޑިފެންސް މިނިސްޓްރީން ހިންގާ ކުންފުންޏަކުން ފޮނުވި ބަޔަކު ތިބުމާ މެދު އޮތް ތަފާތަކާ މެދު ވިސްނަވާށެވެ. އަދި، ކުރިން ވެސް އެ މަސައްކަތްކުރި ގައުމުގެ މީހުން އެހެން ހެދުމެއްގައި އައިސް ހަމަ އެ މަސައްކަތް ކުރުމާ މެދު ހުރި ތަފާތަށް ވެސް ވިސްނާށެވެ. އޭރު އޮތް ނުރައްކަލެއް މިހާރު ނޯންނާންވީ ސަބަބަކާ މެދު ވިސްނާށެވެ. ދިވެހީން ނިންމަންވީ ކަމަކީ ބޫޓު ކިބައިން ފައިވާން ޖޯޑަށް ބަދަލުވީމާ، ވައުދު ފުއްދުނީތޯއެވެ.