"ސިނގިރޭޓް މަނާ ނުކުރަނީ ކީއްވެ؟ ސިނގިރޭޓް ވިއްކާ މީހުންނަށް ގެއްލުން ވެދާނެތީތޯ؟"
މިއީ ރާއްޖެއަށް ވޭޕް އެތެރެކޮށް ބޭނުން ކުރުން މަނާ ކުރުމުގެ މުހިންމު، ނިންމުން ރައީސް ޑރ. މުޙައްމަދު މުއިއްޒު އިއްޔެ ނިންމެވުމުން ބައެއް މީހުން އުފެއްދި ސުވާލެކެވެ. އާއްމުކޮށް ގިނަ މީހުން ރައީސްގެ އެ ހިތްވަރުގަދަ ނިންމެވުމަށް ތާއީދު ކުރިއެވެ. ނަމަވެސް ވޭޕުގެ އަވައިގައި ޖެހިފައިވާ މީހުން ހިމެނޭހެން އެކަމާ ދެކޮޅު މަދު ބަޔަކު ނަމަވެސް އެބައުޅެއެވެ.
ވޭޕްގެ ނުރައްކާތެރި އިސްތިއުމާލަށް ތާއީދު ކުރާ މީހުން އުފައްދާ އެންމެ ބޮޑު ސުވާލަކީ ވޭޕް މަނާ ކުރިއިރު ސިނގިރޭޓާއި ދުންފަތުގެ އެހެން ބާވަތްތައް މަނާ ނުކުރެވެންވީ ކީއްވެގެންތޯއެވެ. އަދި ވޭޕް މަނާ ކުރުމަކީ ސިނގިރޭޓް ވިއްކާ މީހުންގެ ވިޔަފާރި ދަށްވާތީ އެކަން ރަނގަޅު ކޮށްދިނުމަށް ސަރުކާރުން އެޅި ފިޔަވަޅެއް ކަމަށް ބުނެ ތުހުމަތުތަކެއް ވެސް އެބަކުރެއެވެ.
އެއާއެކު މިއަދު ރައީސް ނިންމަވާފައި މި ވަނީ ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑު ކުރުމަށެވެ. އެގޮތުން އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނުގެ ދަށުން ސިނގިރޭޓާއި ބިޑިއަށް ނަގާ އިމްޕޯޓް ޑިއުޓީގެ ސްޕެސިފިކް ރޭޓް ތިން ރުފިޔާއިން އަށް ރުފިޔާއަށް މަތިކުރުން ވަނީ ނިންމައިވައިފައެވެ. ހަމައެއާއެކު މިމުދަލުން ނެގޭ އެޑްވަލޮރަމް ރޭޓް 50 އިންސައްތަ މަތިކުރުން ވަނީ ނިންމަވައިފައެވެ.
އެއާއެކު ވެސް ދެން އުފައްދާ ސުވާލަކީ ސިނގިރޭޓް މަނާ ނުކުރަނީ ކީއްވެގެންތޯއެވެ. އަދި ސިނގިރޭޓަށް ވުރެން ވޭޕްގެ ނުރައްކާ ބޮޑުވީ ކީއްވެގެންތޯއެވެ.
ވޭޕާ ކުޅުނީ ކީއްވެ؟
މިފަހުން ދިވެހި ޑޮކްޓަރުންގެ ޖަމިއްޔާ އާއި ނަރުހުންގެ ޖަމިއްޔާގެ އިތުރުން ތައުލީމީ ދާއިރާގެ ބޭފުޅުން ވެސް ހިމެނޭގޮތަށް އެތައް ބަޔަކު ރައީސަށް ޕެޓިޝަންތައް ފޮނުވައި އާދޭސް ދަންނަވަމުން ދިޔައީ ވޭޕް މަނާ ކުރަން އެދިއެވެ. އެކަމުގެ ފަހަތުގައި ގިނަ ސަބަބުތަކެއް އެބަހުއްޓެވެ.
ވޭޕްގެ ނުރައްކާ އޮތީ ވަކި އުމުރު ފުރައަކަށް ނޫނެވެ. ކިޔަވާ ކުދިންގެ މެދުގައި ވެސް މި ވަބާ ވަނީ ވަރަށް ބޮޑަށް ފެތުރިފައެވެ. ކުޑަކުދިންނާ ހަމައިން ފެށިގެން ޒުވާނުންނާއި މެދުއުމުރުގެ މީހުން ވެސް މިކަމުގައި ވަނީ ޖެހިފައެވެ. އަދި ވޭޕް ކުރުމަކީ ޒަމާނީ ފެޝަނަކަށް އޮތީ އެ ވިޔަފާރި ކުރާ މީހުން ހަދައިފައެވެ. އެއާއެކު ކުޑައެއް ބޮޑެއް ނެތި، އެތައް ބަޔަކު ވަނީ މި ނުރައްކާތެރި އިސްތިއުމާލުގައި ޖެހި ބަނދެވިފައެވެ.
މަސްތުވާތަކެތި ފަދައިން ވޭޕްފަދަ ސިއްހަތަށް ނުރައްކާތެރި ތަކެތި ވިޔަފާރި ކުރާ މީހުން ވެސް ކުޑަކުދިން މި ވަބާގައި ޖެއްސުމަށް ވަރަށް މަސައްކަތް ކުރެއެވެ. އެއީ އެ މީހުންގެ ވިޔަފާރީގެ ނަފާ މުސްތަގުބަލުގައި ވެސް އިތުރު ކުރުމަށެވެ. ރާއްޖޭގައި ވޭޕްގެ ކަންތައް ވެސް އޮތީ އެގޮތަށެވެ. މިކަން ސްކޫލުތަކުގައި ވެސް އެބަ ކުރެއެވެ.
މިދިޔަ އަހަރު މާލޭ ސަރަހައްދުގެ ސްކޫލްތަކުގެ ދަރިވަރުންގެ އަތުން 3،000 އަށް ވުރެ ގިނަ ވޭޕް ސްޓިކް އަތުލާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ޑަބްލިއުއެޗްއޯއިން 2019 ވަނަ އަހަރު ނެރުނު ގުލޯބަލް ޔޫތު ޓޮބާކޯ ސާވޭއިން ބުނާގޮތުން ރާއްޖޭގައި ކިޔަވާކުދިންގެ ތެރެއިން 45 ޕަސެންޓް ކުދިން ކޮންމެ ވެސް ބާވަތެއްގެ ދުންފަތުގެ އިސްތިއުމާލު ކުރެއެވެ. އޭގެ ތެރެއިން 17 ޕަސެންޓް ކުދިންނަކީ ވޭޕް ކުރާ ކުދިން ކަމަށް އެ ރިޕޯޓްގައިވެއެވެ. މިދިޔަ އަހަރު ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނެރުނު ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖޭގައި އުމުރުން 13 އަހަރާއި 15 އަހަރާ ދެމެދުގެ 45 ޕަސެންޓް ކިޔަވާ ކުދިން ދުންފަތުގެ އެކިބާވަތްތައް ބޭނުން ކުރެއެވެ. އެއީ 52 ޕަސެންޓް ފިރިހެން ކުދިންނާއި 48 ޕަސެންޓް އަންހެން ކުދިންނެވެ.
ދެން އަނެއް ކަމަކީ މަސްތުވާތަކެތި ވިއްކުމަށް ވޭޕް ބޭނުން ކުރުމެވެ. ކަމާބެހޭ އިދާރާއަކުން "ސަން" އަށް މައުލޫމާތު ދިން ގޮތުގައި ފަހަކަށްއައިސް ވޭޕްގެ ފްލޭވާ ކަމަށް ހަދައިގެން ޕޯސްޓް މެދުވެރިކޮށް ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރަމުންދާ މައްސަލަ ވަނީ އިތުރުވެފައެވެ. ރޭވެސް އެފަދަ ގިނަ އަދަދެއްގެ ތަކެތި ވަނީ އަތުލައިގެންފައެވެ. މިފަދަ އެތައް މައްސަލައެއްގައި އެތައް ބަޔަކު ހައްޔަރު ކުރިކަން ފުލުހުން މީގެ ކުރިން ހާމަ ކޮށްފައި ވެސް އެބަހުއްޓެވެ.
ވޭޕް މަނާ ކުރި ސަބަބު ހާމަ ކުރައްވަމުން ރައީސް ވެސް ރޭ ވިދާޅުވީ ސަރުކާރުން ވޭޕު ބޭނުންކުރުމާއި އެތެރެކުރުން މަނާކުރުމަށް ނިންމީ ވޭޕް ކުރަން ބޭނުން ކުރާ އާލާތްތައް ބޭނުންކޮށްގެން މަސްތުވާތަކެތި ބޭނުން ކުރުން އިތުރުވާތީ ކަމަށެވެ.
ހަމައެހެންމެ، މަސްތުވާތަކެތި ފަތުރަން އާ އުކުޅުތައް ބޭނުން ކުރާތީ އެކަން ހުއްޓުވަން އުނދަގޫވެފައިވާ ކަމަށާއި އޭގެ ވަބާގައި ޖެހޭ ޒުވާނުން ގިނަވެ، އޯވަޑޯސްގެ ކޭސްތައް ވެސް ގިނަވެފައިވާ ކަން ރައީސް މުއިއްޒު ހާމަކުރައްވާފައިވެއެވެ.
މިދިޔަ ފަސް އަހަރު ތެރޭ ރާއްޖެއަށް 600،000 އަށްވުރެ ގިނަ ވޭޕްގެ އާލާތްތައް އެތެރެކޮށްފައިވާއިރު، ސަރުކާރުގެ އަމާޒަކީ ދުންފަތާ ދުރުވެފައިވާ ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުން ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
ސިނގިރޭޓް މަނާ ނުކުރަނީ ކީއްވެ؟
ގެއްލުމަށް ބަލާއިރު ވޭޕެކޭ އެއްގޮތަށް ސިނގިރޭޓާއި އެހެން ދުންފަތުގެ ބާވަތްތަކުން ކުރާ އަސަރު ކުޑައެއް ނޫނެވެ. ނަމަވެސް ސިނގިރޭޓް ސީދާ މަނާ ނުކުރެވިގެން އުޅޭ ސަބަބުތަކެއް އެބަހުއްޓެވެ. އޭގެ ތެރެއިން އެއް ކަމަކީ ރާއްޖެއަކީ އަހަރަކު ދެ މިލިއަނެއްހާ ޓޫރިސްޓުން އަންނަ ގައުމަކަށް ވުމެވެ. އެހެންކަމުން ސިނގިރޭޓް މަނާ ކޮށްފިނަމަ ޓޫރިޒަމަށް އޭގެ ނޭދެވޭ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެކެވެ.
ދުންފަތަށް އެޅެން އޮތް އަދި އަޅަން ޖެހޭ އެންމެ މުހިންމު ފިޔަވަޅު ކަމަށް ބެލެވެނީ ޑިއުޓީ ބޮޑު ކުރުމެވެ. އެ ފިޔަވަޅު އަޅުއްވަން ރައީސް މިއަދު އެ ވަނީ ނިންމަވާފައެވެ. ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑުކުރުމާއެކު މިހާރު ސިނގިރޭޓް ފޮއްޓެއް ލިބޭ އަގު 105 ރުފިޔާއިން 200 ރުފިޔާއަށް ބޮޑުވާނެ ކަމަށް ލަފާކުރެވެއެވެ.
އެއާއެކު ކުޑަކުދިންނަށާއި ގިނަ ޒުވާނުންނަށް ސިނގިރޭޓް ހޯދަން ދަތިތައް ކުރިމަތިވާނެއެވެ. އަދި އެހެން އުމުރު ފުރައިގެ މީހުންނަށް ވެސް އެ ޚަރަދު ބޮޑުކަން އިހުސާސްވާނެއެވެ. އެއާއެކު މަޑުމަޑުން އެ އިސްތިއުމާލާ ދުރުވާތަން ފެންނާނެއެވެ.
ހަމައެއާއެކު ރައީސް ނިންމަވާފައިވަނީ ޢާއްމު ތަންތާނގައި ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓުވުމަށް ތަންފީޒީ އިދާރާތަކުގެ ދައުރު ވަރުގަދަކުރުމަށް ޚާއްސަ ފިޔަވަޅުތަކެއް އެޅުއްވުމަށެވެ. އަދި ދުންފަތުގެ އިސްތިޢުމާލު ކުރަން އާދަވެފައިވާ ފަރާތްތަކުން އެ އާދައިން ދުރުވެގަތުމަށް އެހީތެރިވުމަށް ޤައުމީ ލެވެލްގައި، ފަންނީ ގޮތުން ބަލައިގަންނަ، ވަށާޖެހޭ، ބޮޑު ކެންޕޭނެއް ވެސް ފެއްޓެވުމަށެވެ.
ނުރައްކާ އިންތިހާއަށް، ގާނޫނު ތަންފީޒެއް ނުވޭ
ދުންފަތުގެ އިސްތިއުމާލުކުރާ މީހުންނަށް އެހެން ގައުމުތަކުގައި ހުންނަނީ ހަރުކަށި އުސޫލުތަކެކެވެ. އެ އިސްތިއުމާލުކުރަން އެ މީހުން ވަންނަން ޖެހެނީ ބަންދުކޮށްފައި ހުންނަ ގޮޅިތަކަށެވެ. ބޭނުންތަނަކު ބޭނުންއިރަކު އެކަމެއް ނުކުރެވޭނެއެވެ. ތަހުޒީބީ ގައުމުތަކުގައި އެ ފިޔަވަޅުތައް އެގޮތަށް އަޅަނީ މުޖުތަމައުގައި އުޅޭ އެހެން މީހުންގެ ހައްގުތައް ރައްކާތެރިކުރުމުގެ މާތް މަގުސަދުގައެވެ.
ރާއްޖޭގައި ވެސް ދުންފަތް މަނާކުރުމުގެ ގާނޫނުގެ ދަށުން ވަނީ "ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ތަންތަން ކަޑައެޅުމު"ގެ ގަވާއިދެއް ހަދައި މީގެ އެތައް އަހަރެއް ކުރިން އޮތީ ގެޒެޓްކޮށްފައެވެ.
އެ ގަވާއިދު ބުނާގޮތުން އާންމުން އެއްވެ އުޅޭ ތަންތަނާއި ސްކޫލުތަކާއި، ކޮލެޖް ޔުނިވާސިޓީތައް އަދި ސަރުކާރު އޮފީސްތައް ކައިރީ ދުންފަތުގެ އިސްތިއުމާލުކުރުމަކީ މަނާ ކަމެކެވެ. އަދި، ހޮޓާ ރެސްޓޯރެންޓުތަކުގައި ކަނޑައަޅާފައިވާ ވަކި ސަރަހައްދުތަކެއްގައި ނޫނީ ދުންފަތުގެ އިސްތިއުމާލުކުރުމަކީ މަނާކަމެކެވެ. މި ގަވާއިދާ ޚިލާފުވާނަމަ 500 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. ނަމަވެސް ރާއްޖޭގައި އާއްމުކޮށް ކަން ހިނގާގޮތަށް މި ގަވާއިދަކީ ވެސް ތަންފީޒުވާ ގަވައިދެއް ނޫނެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުން ހައްދުން ނައްޓާފައިވާ މިންވަރު ރާއްޖޭގެ ކޮންމެ ހިސާބަކަށް ބަލައިލިޔަސް ފެންނާނެއެވެ. ކެފޭތަކާއި ރެސްޓޯރެންޓްތަކުގައި ވެސް ގޮތެއްފޮތެއް ނެތެވެ. އަދަބު ކަނޑައަޅައި މަނާކޮށްފައި އޮތްނަމަވެސް ހިތްފަސޭހަ މައިޒާންތަކާއި މަގުތަކުގައި ވެސް ފާޅުގައި އެކަން ކުރަނީއެވެ. ދުންފަތުގެ ދުމުގައި ނުޖެހި ބޭރުގައެއް ނޫޅެވެއެވެ. މިއީ އެ އިސްތިއުމާލު ނުކުރާ މީހުންނަށް އޮތް ބޮޑު ނުރައްކަލެކެވެ.
ހަމައެއްލަމައެއް ނެތި ދުންފަތުގެ އިސްތިއުމާލު ކުރުން ބޮޑު މައްސަލައަކަށް ވަނީ ސަބަބުތަކެއް ހުރުމުންނެވެ. އެއީ، ހަމައެކަނި ގެއްލުން ލިބެނީ އެ އިސްތިއުމާލުކުރާ މީހާއަށް އެކަނި ކަމަށް ނުވާތީއެވެ. އެ މީހުން އެ ދޫކޮށްލާ ދުމުގެ އަސަރު ފޯރާ އެހެން މީހުންގެ ފުރާނަ ވެސް ނުރައްކަލަށް ހުށަހެޅޭތީއެވެ.
ސިނގިރޭޓޫގެ ސަބަބުން 480،000 އަށް ވުރެ ގިނަ މީހުން ކޮންމެ އަހަރަކު އެމެރިކާގައި މަރުވެއެވެ. އޭގެ ތެރެއިން 41،000 މީހުންނަކީ ސިނގިރޭޓް ބޯ މީހުން ދޫކުރާ ދުމުގެ އަސަރުކުރާ މީހުންނެވެ. ދުންފަތުގެ އިސްތިއުމާލުކުރާ މީހާގެ އިތުރުން އޭނާ ދޫކުރާ ދުމުގެ އަސަރުކުރާ މީހާގެ ނޭވާލުމުގެ ނިޒާމަށް ބަލިތައް ޖެހުމުގެ ފުރުސަތު ވަރަށް ބޮޑެވެ. ހަމައެއާ އެކު ހިތުގެ ބައްޔާއި، ހާޓްއެޓޭކް، ސްޓްރޯކް، ފުއްޕާމޭގެ ކެންސަރާއި އުރަމަތީގެ ކެންސަރު ޖެހުމަށް އެ ދުމުގެ ސަބަބުން މަގުފަހިވެއެވެ. ދުންފަތުގެ އިސްތިއުމާލުކުރާ މީހުން ދޫކުރާ ދުމަކީ ކެންސަރު ޖެހުމަށް މަގުފަހިކުރުވާ ވިހަ މާއްދާތަކުގެ އަސަރުކުރުވާ ދުމެކެވެ.
"ގާތްގަނޑަކަށް ސިނގިރޭޓް ބޯ މީހަކަށް ދިމާވާ ހުރިހާ ބަލިތަކެއް ސިނގިރޭޓް ނުބޯމީހާއަށް ވެސް އެ ދުމުގެ ސަބަބުން ޖެހޭ. އޭގައި ހުރޭ ބައިވަރު ވައްތަރުތަކުގެ ކެންސަރުތައް. އޭގެ ތެރެއިން ބްރެސްޓް ކެންސަރުން ފެށިގެން ލޭގެ ކެންސަރާއި ގޮހޮރުގެ ކެންސަރާއި ހަށިގަނޑުގެ ހުރިހާ ގުނަވަނަކަށް ކެންސަރު ޖެހޭ،" ޑރ. އައިޝަތު އަރޫނާ ވިދާޅުވިއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ ދުންފަތުގެ އިސްތިޢުމާލުކުރާ މީހުންނާއި ދުންފަތުގެ ވިހަ މާއްދާތަކަށް ހުށަހެޅޭ ދުންފަތުގެ އިސްތިޢުމާލު ނުކުރާމީހުންގެ ނަފުސާނީ ދުޅަހެޔޮކަމަށް ވެސް ހުރަސްއެޅޭ ކަމަށެވެ. މީގެ އިތުރުން، ފުއްޕާމޭގެ ކެންސަރުގެ 90 އިންސައްތައަކީ ސީދާ ދުންފަތާ ގުޅިގެންޖެހޭ ކެންސަރެވެ. އަދި، ކެންސަރުގެ އިތުރު 16 ވައްތަރުގެ ރިސްކް ފެކްޓާއަކީ ދުންފަތް ކަމަށް އެޗްޕީއޭއިން ބުނެއެވެ.
މިއީ މިކަމުގެ ނުރައްކާ އޮތް މިންވަރެވެ. ކުށެއްނެތް އެތައް ބައެއްގެ ފުރާނަ ނުރައްކަލުގެ ތެރެއަށް ވައްޓާލަނީއެވެ. ދުންފަތުގެ ސަބަބުން ރާއްޖެއަށް ދަނީ މިފަދަ އެތައް ގެއްލުމެއް ކުރިމަތިވަމުންނެވެ. އެ ވަބާ އޮތީ ވަރަށް ބޮޑަށް ފަތުރިފައެވެ.
ހެލްތު މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގައި އަހަރަކު މަރުވާ މީހުންގެ 24 ޕަސެންޓަކީ، ދުންފަތާ ގުޅުންހުރި މަރުތަކެވެ. އެ ތަފާސްހިސާބުތައް ބުނާގޮތުން ރާއްޖޭގެ ފިރިހެނުންގެ އާބާދީގެ 42 ޕަސެންޓު މީހުން ދުންފަތުގެ އިސްތިއުމާލު ކުރެއެވެ. އަންހެނުންގެ އާބާދީގައި ދުންފަތުގެ އިސްތިއުމާލު ކުރަނީ ތިން ޕަސެންޓު މީހުންނެވެ. ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލުކުރަން ފަށާ އެންމެ ހަގު އުމުރުކަމުގައި ތަފާސްހިސާބުތަކުން ދައްކަނީ ނުވަ އަހަރެވެ.
ރާއްޖޭގައި އެވްރެޖްކޮށް ކޮންމެ އަހަރަކު 150 މީހުން ސީދާ ދުންފަތުގެ ސަބަބުން މަރުވާކަމަށް ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާ (ޑަބްލިއުއެޗްއޯ) އަންދާޒާ ކުރެއެވެ. ޑަބްލިއުއެޗްއޯއިން އަންދާޒާ ކުރާގޮތުގައި ގާތްގަނޑަކަށް ކޮންމެ ދެ ދުވަހުން އެއް ދުވަހު އެކަކު ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން މަރުވެއެވެ.
ރާއްޖޭގައި މީހުންނަށް ޖެހޭ ބަލިތަކުގެ ތެރެއިން 84 އިންސައްތައަކީ ގައިންގަޔަށް ނާރާ ބަލިތަކެވެ. އޭގެ ތެރޭގައި ހިތުގެ ބައްޔާއި ސްޓްރޯކާއި ކެންސަރާއި ހަކުރުބައްޔާއި ނަފުސާނީ ބަލިތައް ހިމެނެއެވެ. މި ހުރިހާ ބަލިތަކަށް އެންމެ އާއްމު އެއް ރިސްކަކީ ދުންފަތުގެ އިސްތިއުމާލެވެ. އަހަރުން އަހަރަށް ބަލާއިރު އާސަންދައިން އެންމެ ބޮޑު ހޭދައެއް ކޮންމެ އަހަރަކު ވެސް ކުރަނީ މިފަދަ ބަލިތައް ތަހައްމަލުކުރާ މީހުންގެ ބޭސްފަރުވާއަށެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން އެވްރެޖުކޮށް ކޮންމެ އަހަރަކު ރާއްޖެއަށް 461 މިލިއަން ސިނގިރޭޓު އެތެރެކުރެއެވެ. އަދި، އަހަރަކު އެތެރެކުރާ ސިނގިރޭޓުގެ އަގު 1.6 ބިލިއަން ރުފިޔާއަށް އަރައެވެ. މީގެ އިތުރުން، މިހާރު އީ ސިނގިރޭޓާއި ވޭޕް ބޭނުންކުރުން އޮތީ ހައްދުފަހަނައަޅާފައެވެ.
ރާއްޖޭގައި ތަންފީޒު ނުވާ އަނެއް ގަވައިދަކީ ވަކި ސިނގިރޭޓް ވިއްކުން މަނާކޮށް ހަދާފައިވާ ގަވައިދެވެ. ރާއްޖޭގެ ގާނޫނާއި ގަވައިދުތައް ބުނާގޮތުން ވަކި ސިނގިރޭޓް ވިއްކުމަކީ މަނާ ކަމެކެވެ. ނަމަވެސް އެކަން ތަންފީޒެއް ނުވެއެވެ. ކަންމަތީ ފިހާރަތާއި ކެފޭތަކުގައި ވެސް ވަކި ސިނގިރޭޓް ވިއްކުން ވަނީ ވަރަށް އާއްމުވެފައެވެ. އެކަން ބަލައި ފިޔަވަޅު އަޅާނެ ބަޔަކު ނެތެވެ.
ރައީސް ނިންމެވި ނިންމެވުންތައް ކިތަންމެހާ ވެސް ރަނގަޅެވެ. ވޭޕް މަނާ ކުރުން ބަރާބަރެވެ. ސިނގިރޭޓް ޑިއުޓީ ބޮޑު ކުރުން ވެސް ވަރަށް ރަނގަޅެވެ. ދެން ކުރައްވަން ޖެހޭ ކަމަކީ ދުންފަތް ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ތަންފީޒު ކުރުމެވެ. ހަމައެއްލަމައެއް ނެތި ޖެހުނުހާ ތާކު ސިނގިރޭޓް ބުއިން ހުއްޓުވަންވީއެވެ. ހަމައެއާއެކު ވަކި ސިނގިރޭޓް ވިއްކުން ހުއްޓުވަން އަޅަން ޖެހޭ ފިޔަވަޅު އަޅަންވީއެވެ. އެންމެންގެ ސަލާމަތަށް ރައްކާތެރިކަން އޮތީ އެހެންނެއެވެ.