ދިވެހީންނަށް ރަން އިލޮށިން ކަދުރު ކާންދިނުން ހުއްޓަންވެއްޖެ!

އޭޕްރީލް 12، 2021: ރޯދަ މަހަށް މާލޭގެ ބާޒާރުމަތި ހަލަބޮލިވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިގްތިޞާދަށް ނުކަތާ ވަރަށް ބުރަ ބޮޑުވެއްޖެއެވެ. ނުލިބޭ މިންވަރުން ދޭ އާސަންދައާއި ގެއްލުމުގައި ހިންގާ އެ ނޫން ވެސް އެކި ސްކީމްތަކުގެ ނޭދެވޭ އަސަރު މިއަދު ދައުލަތަށް އިހުސާސްކުރެވެން ވެސް ފަށައިފިއެވެ. ޒަމާނުއްސުރެ، ރައްޔިތުން ރުއްސަން "ރަން އިލޮށިން ކަދުރު ކާންދެމުން" އައި ނަމަވެސް މިއަދު އެއީ ހުއްޓަންވެއްޖެ ކަމެއް ކަން ވަަރަށް ސާފެެވެ.

ދިގު ވެރިކަމެއް ކުރެއްވި ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ރައްޔިތުންނަށް ވިސްނައި ދީފައި އޮތީ މިއީ އާމްދަނީ މަދުން ލިބޭ، ވަސީލަތް މަދު ގައުމެއް ކަމަށެވެ. އެވެރިކަމަށް ގިނަ އަހަރުތަކެއްވީއިރު ވެސް ރައްޔިތުންނަށް އަސާސީ ގިނަ ހިދުމަތްތަކެއް ހުރީ ފޯރުކޮށް ނުދީއެވެ. ކަންކަން ކިރިޔާވެސް ބަދަލުވާން ފެށީ ސިޔާސީ ޕްރެޝަރު މާ ބޮޑުވާ ހިސާބަށް ދިއުމުންނެވެ.

ނަމަވެސް ދެފުށްފެންނަ ގޮތަށް ބޭއްވި ފުރަތަމަ ރިޔާސީ އިންތިޚާބުން ވެރިކަމަށް ވަޑައިގެންނެވި ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގެ ތެރޭގައި ރައްޔިތުން ތައުރީފް އޮއްސައިލި ގިނަ ކަންތައްތަކެއް ތައާރަފްކުރެއްވިއެވެ. އޭގެ ތެރޭގައި ދިވެހި ރައްޔިތުންގެ ބޭސް ފަރުވާއަަށް ދައުލަތުން ޚަރަދުކޮށްދީ "ހިލޭ" ކޮށްދިނުމަށް އާސަންދަ ތައާރަފްކުރެއްވުން ހިމެނެއެވެ. އަދި އެ ނޫން ވެސް ގިނަ ޕްރޮޖެކްޓްތަކެއް ވެސް އެހާތަނަށް ރާއްޖެ ނުދެކޭ ސްޕީޑުގައި ފެއްޓެވިއެވެ.

މީގެ އިތުރުން 65 އަހަރު ފުރުމާއެކު ދޮށީއުމުރުގެ މީހުންނަށް ދޭ 2،000 ރުފިޔާގެ އެލަވަންސް ތައާރަފްކުރުމާއި، އެކަނިވެރި މައިންނަށް ފައިސާ ދިނުން ފަދަ ކަންމަކީ ރައްޔިތަކު މަސައްކަތް ނުކުރި ނަމަވެސް ދައުލަތުން އެ މީހަކަށް ޓަކައި ކޮށްދޭން ޖެހޭ ގޮތަށް ތައާރަފްވި ކަންކަމެވެ. ހަމައެއާއެކު ކާޑުގެ ބާވަތްތަކުންނާއި، ކަރަންޓާއި ފެން ފަދަ ޔުޓިލިޓީ ޚިދުމަތްތަކަށް ވެސް ސަރުކާރުން ދޭ ސަބްސިޑީ އޮތީއެވެ.

ރައީސް ނަޝީދު ތައާރަފު ކުރެއްވި އާސަންދައިން ކޮންމެ ރައްޔިތަކަށް އެއް ލައްކަ ރުފިޔާއާ ހަމައަށް ހިލޭ ފޭސްފަރުވާ ކުރެވޭ އުސޫލު އޮށްވައި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެ ސްކީމަކީ "ހުސްނުވާ އާސަންދައަށް" ބަދަލު ކުރެއްވެވިއެވެ. އަދި އުމުރުން ދުވަސްވީ މީހުންނަށް ދޭ އެލަވަންސް 5000 ރުފިޔާއަށް ބޮޑު ކުރެއްވެވިއެވެ.

އުސޫލެއް ގޮތުން މިއީ ވަރަށް ރަނގަޅު ކަންކަމެވެ. އެކަން ބޭނުންވާ މީހުންނަށް އެ ހިދުމަތް ދައުލަތުން ދޭން ޖެހެއެވެ. ނަމަވެސް ގޯހަކީ މުއްސަންޖެއް، ފަގީރެއް ނުބަލައި ދޭ ދިނުމެވެ. އެހެންކަމުން މި ކަންކަން ހިނގަމުން އަންނަނީ ދައުލަތަށް ބުރަ ބޮޑުވާނެހެން ގޯހުން ގޯހަށެވެ.

ދަރިވަރުންތަކެއް ސްކޫލަށް ވަންނަނީ -- ސަން ފޮޓޯ/ މޫސާ ނަދީމް

ސަބްސިޑީ، މިއީ އެންމެނަށް ލިބެންޖެހޭ އެއްޗެއް ނޫން

ޓެކްސްގެ ނިޒާމު ތައާރަފްކުރެވުމާއެކު ކޮންމެ ރައްޔިތަކު ވެސް ދައުލަތަށް ލިބޭ އާމްދަނީއަަށް ޖީއެސްޓީގެ ގޮތުގައި ހިއްސާއެއް ފޯރުކޮށްދެއެވެ. ގިނައިން އާމްދަނީ ލިބޭ މީހުން ދައުލަތަށް ދައްކަންޖެހޭ ޓެކްސް އިތުރެވެ. ނަމަވެސް ހަމަ އެއްވެސް ރައްޔިތަކު އިސްތިސްނާ ނުވާ ކަމަކީ ޖީއެސްޓީއެވެ.

ރާއްޖޭގެ ހުރިހާ ރައްޔިތުންނަކީ ޓެކްސް ދައްކައިގެން އުޅޭ ރައްޔިތުން ނަމަވެސް މިއީ އަދި ސަރުކާރުން ހަމަ ކޮންމެ ރައްޔިތަކަށް ސަބްސިޑީތައް ދޭންޖެހޭ ސަބަބެއް ނޫނެވެ. ކުރީގެ އިކޮނޮމިކް މިނިސްޓަރު އަހްމަދު މުޙައްމަދު (އަންޑޭ) ވެސް ދެކެވަޑައިގަންނަވަ ގޮތުގައި ސަބްސިޑީއަކީ ސީދާ އެންމެ ބޭނުންޖެހިފައިވާ މީހުންނަށް ދޭން ޖެހޭ އެއްޗެކެވެ.

"ސީދާ އެ މީހެއްގެ ދިރިއުޅުން އަމިއްލައަށް ހަމަޖެއްސޭ ވަރުގެ މީހުން ހުރިހާ ސަބްސިޑީތަކެއްގެ ބައިވެރިންނަށް ވާކަށް ނުޖެހޭ އަސްލު،" އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި ވެސް މަތީ ފަންތީގެ އާމްދަނީ ލިބޭ ބަޔަކާއި، މެދު ފަންތީގެ އާމްދަނީ ލިބޭ ބައެއްގެ އިތުރުން ދަށް ފަންތީގެ އާމްދަނީ ލިބޭ ބަޔަކު އުޅޭނެއެވެ. އެހެންކަމުން މަތީފަންތީގެ ބޮޑު އާމްދަނީ ލިބޭ އާއިލާއަކަށް ނުވަަތަ މީހަކަށް ދައުލަތުން ބޮޑު ހޭދައެއް ކުރުމަކީ ކޮންމެހެން މުހިންމު ކަމެއް ނޫން ކަމަށް އަހްމަދު ވިދާޅުވިއެވެ. އޭގެ ބަދަލުގައި އެ ފަދަ ފަރާތްތަކަށް ބާރު އަޅަންވީ އަމިއްލައަށް އެ ޚަރަދުތައް ހަމަޖެއްސުމަށް ކަަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން އަމިއްލަ އިންޝުއަރެންސްތައް ގެންގުޅޭނަމަ އެ ކަމަށް އިސްކަން ދިނުމަކީ ވެސް ކުރަންޖެހޭ ކަމެކެވެ.

"އެހެންވީމާ ޕްރައިވެޓް އިންޝުއަރެންސް ހުރި ފަރާތްތަކަށް، ނިކަމެތިންނަށް ލިބޭ މިންވަރަށް ލިބެންޖެހޭތޯ މިއީ ހަމަ އުފައްދަންޖެހޭ ސުވާލު،" އަހްމަދު ވިދާޅުވިއެވެ.

ބޭސް ފިހާރައެއްގައި އާސަންދަ ބޯޑެއް: --ސަން ފޮޓޯ/ އިބްރާހިމް ނާއިޝް

އެންމެނަށް ނުދޭންވީ، ދޭންވީ އެންމެ ބޭނުންޖެހިފައިވާ މީހުންނަށް

ކޮންމެ އަހަރަކު ވެސް ސަބްސިޑީތަކަށް ކުރަންޖެހޭ ޚަރަދު އަންނަނީ އިތުރުވަމުންނެވެ. އިގްތިޞާދީ ހާލަތު ރަނގަޅުކުރުމަށް ޓަކައި ބައިނަލްއަގްވާމީ އިދާރާތަކުން މިހާރު ވެސް ގޮވައިލަމުން އަންނަނީ ޚަރަދުތައް ކުޑަކުރުމަށެވެ. ސަބްސިޑީގެ ނިޒާމުތައް ހަރުދަނާކޮށް، ދައުލަތުން ކުރާ ހޭދަތައް ކޮންޓްރޯލް ކުރުމަށެވެ.

މި އަހަރަށް ދައުލަތުން އެކުލަވައިލި ބަޖެޓުގައި ވާގޮތުން ވެސް ވެލްފެއާގެ ޚަރަދުތައް ކުޑަކުރުމާއި ސަބްސިޑީތައް ޓާގެޓުކުރުމާއި އާސަންދަ މުރާޖާކުރުން ހިމެނޭކަމަށް ވަނީ ލިޔެފައެވެ. ނަމަވެސް އަދި ތަންފީޒުކުރުމާ ހަމައަށް އެއްވެސް ކަމެއް އައިސްފައެއް ނުވެއެވެ.

ނަމަވެސް މިއީ ކުއްލިއަކަށް ގެންނަ ބަދަލަކަށް ނުހަދައި، ވަކި މަރުހަލާތަކަކަށް ބަހައިލައިގެން ކުރިއަށް ގެންދަން ޖެހޭނެ ކަމެކެވެ. ސަބަބަކީ، ވޯލްޑު ބޭންކުން އާންމުކޮށްފައިވާ އޮކްޓޯބަރުގެ އަޕްޑޭޓުގައިވާ ގޮތުގައި ކުއްލިއަކަށް ސަބްސިޑީތައް އެންމެންނަށް ދިނުން ހުއްޓައިލުމަކީ ރާއްޖޭގައި ފަގީރުކަމުގެ ނިސްބަތް އިތުރުވެދާނެ ކަމަކަށް ވާތީއެވެ. އެ ބޭންކުން ލަފާކުރާ ގޮތުގައި ސަބްސިޑީތައް ޓާގެޓްކުރުމާއެކުު ފަގީރުކަމުގެ ނިސްބަތް މިހާރު އޮތް 2.5 ޕަސެންޓުން 4.6 ޕަސެންޓަށް އިތުރުވާނެއެވެ.

އެހެންކަމުން ސަބްސިޑީތައް ޓާގެޓްކުރުން ފަދަ ބަދަލެއް ގެންނައިރު ދަށްފަންތީގެ އާމްދަނީ ލިބޭ އާއިލާތަކާއި ފަރުދުންނަށް އެހީ ލިބޭނެ މަގު ތަނަވަސްވެފައި އޮތުމަކީ މުހިންމު ކަމެއް ކަމަށް ވޯލްޑް ބޭންކުން ވެސް ވަނީ ބުނެފައެވެ.

އަހްމަދު ވިދާޅުވި ގޮތުގައި ގައުމުގެ ހާލަތު ރަނގަޅުވުމުން ސަބްސިޑީތައް ހުރިހާ ރައްޔިތުންނަށް ފޯރުކޮށްދެވިދާނެއެވެ. ނުވަތަ މަޑުމަޑުން ސަރުކާރުން ދޭ އެހީތެރިކަން ބޮޑުކުރުމަކީ ވެސް އިގްތިޞާދަށް އެ ވަރު ފުދުންތެރިކަމެއް އައުމުން ކުރެވޭނެ ކަމެއް ކަމަށް ވެސް އޭޭނާ ވިދާޅުވިއެވެ.

މަގުމަތި: -- ސަން ފޮޓޯ/ އިބްރާހިމް ނާއިޝް

ބަނދެވިގެން ތިބި ސަގާފަތް ދޫކޮށްލަންޖެހޭ

އިގްތިޞާދު ހަރުދަނާކުރުމަށް ކުރާ މަސައްކަތުގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުން މުހިންމެވެ. ވަކި ސަގާފަތެއްގެ ތެރޭ ދިވެހީން ތިބި ތިބުން އެއީ މި ކަމަށް އެންމެ ބޮޑު ހުރަހެވެ. އެއީ ދައުލަތުން ރައްޔިތުންގެ ހުރިހާ ޚަރަދުތައް ބަލަހައްޓަން ޖެހޭނެ ކަމަށް ދެކޭ ވިސްނުން ދޫކޮށްލުމެވެ.

"ކޮންމެ މީހަކު ވެސް ބޭނުންވޭ ހުރިހާ އެއްޗެއް ލިބެން. އެކަކަށް ވެސް އެއްޗެއް ލިބެންޏާ ތިމަންނައަށް ވެސް އެ ލިބެން ޖެހޭނެޔޭ. އެ ވިސްނުން އެ ކަމު އެބަ ދާންޖެހޭ،" އަހްމަދު ވިދާޅުވިއެވެ.

ސަރުކާރަކުން އެންމެ ބޮޑަށް ވިސްނަން ޖެހޭނީ ނިކަމެތިންނާ މެދުގައެވެ. ސަބަބަކީ ސަރުކާރަކުން ނިންމާ ނިންމުމަކުން އެންމެ ބޮޑު އަސަރެއް ކުރާނެ އެއް ބަޔަކަށް ވާނީ އެ މީހުން ކަމަށް ވާތީއެވެ.

"އަޅުގަނޑުމެން ދެކޮޅު ކަމެއް ނޫން އެއީ. ސަބްސިޑީތައް ހަަމަ ދޭއިރު އަޅުގަނޑުމެން ވެސް ގަބޫލުކުރަން، މުއްސަނދިންނާއި ނިކަމެތިންނާ ފަރަގެއް އޮންނަންވާނެ ކަމަށް،" އާންމު ރައްޔިތަކު ބުންޏެވެ.

ނަމަވެސް ހަގީގަތަކީ ރައްޔިތުންނަށް ކުރަންޖެހޭ ދިރިއުޅުމުގެ އަސްލު ހޭދަ ފެންނަން ފަށާނީ ސަރުކާރުން މިހާރު ފޫބައްދައިދޭ ޚަރަދުތައް އާންމުންނަށް ދޫކޮށްލާ ހިސާބުން ކަމެވެ.

އަމިއްލަ ޖީބުން އިތުރަށް ކުޑަ ޚަރަދެއް ކުރަން ޖެހުމަކީ ވެސް އާންމު ރައްޔިތު މީހާ ނުރުހުން ވާނެ ކަމެކެވެ. ޚާއްސަކޮށް ދައުލަތަށް ގެއްލުމުގައި ނަމަވެސް ރައްޔިތުންނަށް ސަބްސިޑީ ދިނުމުގެ ނިޒާމެއްގައި ރައްޔިތުން އެތައް އަހަރަކު ތިބެ އެކަމަށް ހޭނިފައިވާތީއެވެ.

ރައީސް މުއިއްޒު -- ސަން ފޮޓޯ/ މޫސާ ނަދީމް

އިގްތިޞާދަށް ލުއިކުރުމުގެ ވާހަކަ ދައްކާއިރު އިއްޔެ ރައީސް ޑރ. މުއިއްޒު ވަނީ އެކި މަގާމުތަކުގައި ތިއްބެވި 228 ސިޔާސީ މުވައްޒަފަކު މަގާމުން ވަކިކުރައްވަން ނިންމަވައިފައެވެ. މިއީ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން އަޅުއްވާ ފިޔަވަޅެއްކަަމަށާއި، މަހަކު ގާތްގަނޑަކަށް 5.7 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.

މިއީ އަދި މާ ބޮޑު ޚަރަދެއް ސަލާމަތްވުން ނޫންކަމަށް ވިޔަސް ފެށުމެއްގެ ގޮތުން މިއީ ނިންމެވި ވަރަށް މުހިންމު ނިންމެވުމެކެވެ.

ނަމަވެސް ދެން މި އޮތީ ރައްޔިތުންނަށް ހަގީގަތް ވިސްނައިދީ، ކުރައްވަން ޖެހިވަޑައިގަންނަވާ އެންމެ ބޮޑު ކަންތައް ކުރެއްވުމެވެ. އެއީ ސިޔާސީ މަންފާއަކަށް ޓަކައި، ދައުލަތަށް ގެއްލުންވާހެން ދެމުން އަންނަ އެކި ސަބްސިޑީތަކާއި، އާސަންދަ ހުރިހާ ރައްޔިތުންނަށް ވެސް ދިނުން ހުއްޓައިލުމެވެ. ސަބްސިޑީގެ ނިޒާމު ހަރުދަނާކޮށް، ދައުލަތުން ދޭ އެހީއަކީ އެންމެ ބޭނުންވާ މީހާއަށް ދެވޭ އެއްޗެއްތޯ ކަށަވަރު ކުރަން އުސޫލުތައް އެކުލަވައިލުމެވެ.

އޭރުން ކޮރަޕްޝަނަށް މަގުފަހިވާހެން މި ފަދަ ވެލްފެއާ ސްކީމުތަކުން ކުރާ ބޭކާރު ޚަރަދުތަކަށް ނިމުމެއް އަންނާނެއެވެ. ދައުލަތަށް އެތައް ގުނައެއް ޚަރަދު ސަލާމަތް ވެސް ކުރެވޭނެއެވެ.

comment ކޮމެންޓް

comment ދޮންހަސަނު

3 month 3 week ago

65 އަހަރު ފުރުމާއެކު ދޮށީއުމުރުގެ މީހުންނަށް ދޭ 2،000 ރުފިޔާގެ އެލަވަންސް އަކީ މައުމޫނުގެ ވެރިކަމުގަ މަޖްލިސަށް ހުށައަޅާފަ އޮތް ކަމެއް ފާސްވީ އަންނިގެ ވެރިކަމުގަ އަންނި ކުރި ކަމެއް ނޫން އެއީ

reply މަޖިލިސް

3 month 3 week ago

ޢެހެންވީމަ އެއީ ރ މައުމޫނު ކުރުކަމެއްވެސް ނޫން މަޖިލިހުން ކުރިކަމެއްތާ!

comment ދޮން ބަބުރު ސޮރު

3 month 3 week ago

މީ ކޮން ކަހަލަ ނެއެނގޭ ޙާލުގަ ލިޔުނު ޚަބަރެއްތޯ؟ މި ގައޮމު އިގުތިސާދީ އަނދަ ވަޅަށް ވެއްޓީ ރައްޔިތުންނަށް ރަން އިލޮށީން ކަދުރޭ، ގޮވަނީ އަސްލު މައްސަލަ ރައްޔިތުންނަށް އޮޅުވޭނެ ކަމަށްތަ؟ ބަލަގަ ޑިމަކޮރަސީގަ ނަމުގަ އަންނަ ކޮންމެ ސަރުކާރަކުން ކުރާ ކަމަކީ ދައޮލަތަށް ވަންނަ ފައިސާ ޖީބަށް ލާފަ ބޮޑެތި ލޯނު ނަގާގެން ގައޮމު ހިންގުން ކަން ނެއެނގެނީތޯ؟ 2007- މިއަދަށް ކިތައް ބިލިޔަން ލޯނަށް ނަގާފިތޯ؟ އެއިން ކުޑަ މިންވަރެއް ނޫނީ ގައޮމު ބިނާކޮށް އާމްދަނީ ލިބޭ ކަމެއް ކޮއްފަ އެބަ އޮތްތޯ.؟

comment ކައްބުޒާ

3 month 3 week ago

މުއިއްޒު ކޮންމެ މަހަކު މަޖިލީހުގަ އުޅޭ ފަގީރު ޕީއެންސީ ގެ މެމްބަރުންނަށް 50000 ރުފިޔާ ދޭ ވަހަކަ އަކީ ތެދެއްތަ؟ ކޮންތާކުން ހޯދާހާ ފައިސާއެއް.

comment ރަން އިލޮށި

3 month 3 week ago

ކިއްވެ ކާންނުދެވެންވީ، މިރާއްޖެއަކީ މުސަައްދި އަދި މަދު މީސްކޮޅެއް އުޅޭ ގައުމެއް ޢަދި އެހާގިނަ ޑޮލަރު ލިބޭ އިތުރަށް މުސަނދި ކުރެވޭނެ ގައުމެއް. ބޮލަކަށްޖެހޭ ޑޮލަރު އިތުރުކުރެވޭނެ، ދެތިން ކަމަމުން ފައިދަާ ލިބޭނެ ރިސޯސަސް އެބަހުރި. މިރައްޔިތުން އުދުހޭ ވަރު ކުރެވެންވާނެ ނޫނީ ކީކުރާ ސަރުކާރުތަކެއްމީ ބޮޑުމުސާރަނަގާފަ އާދައިގެ މީހާއަށް ދެރަކުރަން ފަގީރު ކުރަން މިވިސްނަނީ

comment ތަރައްޤީ

3 month 3 week ago

ޢާސަދައާއި ސަބްސިޑީސް އަކުން ނުވަތަ ނިކަމެތި ފަގީރަށް ދޭ އެހީއެއްނޫން ބުރަބޮޑީ، މަތި ބަރު ސަރުކަރާއި ސިޔާސީ ކުޅިވަރާއި ނެތްވަރުގެ ދައުލަތުގެ އިދާރާރަކުގައި އުޅޭ ސިޔާސީ ގޮތުން އައްޔަންކުރެވޭ ބޮދެތި މަގާމުތަކުގެ މުސާރައާއި އެމީހުންގެ މެޑިކަލް އަދި ތާއަބަދަށް ދޭންޖެހޭ އިނާޔަތްތަކާއި ސަރުކާރުގެ ފައިދާ ނުވާ ކުންފުނިތަކުގެ ޚަރަދު ބޮޑުވެ، ސަރުކާރުތަކުން ނަގާ ބިޔަ ލޯނުތަކުން މިގައުމު ދަރައި އަވަދި މިވަނީ. ޢެކަމަކު ރައްޔިތުމީހާގެ އެހީގެ ވާހަކަ މިދައްކަނީ އެމީހުން ފިތައިގެން ބަދެގެން ސިޔާސީމީހާ ގެންގުޅެންވެގެން. ތަރައްޤީކުރެވޭނީ ރައްޔިތުމިހާ ތަރައްޤީކުރެވިގެން. އަސާސީ ޚިދުމަތް ސަރުކާރުތަކުން ނުދެވެންޏާ ކީއްކުރާ ސަރުކާރެއް؟

comment ވޯލް

3 month 3 week ago

އެންމެ ފުރަތަމަ ހުއްޓާލަންވީ ރަސްމާލެ. މިސަރުކާރު އައިގޮތައް ދައުލަތުގެ އާމްދަނީއާއި ދަރިްންޏަށް ބެލުމެއް ނެތި ކަންކަން ކުރީ މަޖިލިސް ހޯދަން، އެހޭވި ހަޑިން ގައުމު މިއޮތީ ހިރިނުލެވިފަ. ޓެކްސް ބޮޑު ކުރެވިދާނެ އެކަމަކު އެ ޓެކްްސްފައިސާއިން ސަރުކާރުގައި ތިބި ވެރިންނާ މަޖިލިސް މެމްބަރުން ވައްކަން ކުރުން ހުއްޓާލައިގެން ނުނީ މިކަން ހައްލެއް ނުވާނެ. ވެރިކަމުގައި ހުރީ އިގްތިސާދު އަދި ފައިނޭންސް ގެ ދާއިރާ ދަންނަ މީހެއް ނޫން، މާލީ ވަޒީރަކަށް އެލީ ޑިޕްލޮމެޓިކް އެކްސްޕީރިއެންސެއް ނެތި ފޮރިން މިނިސްޓްރީ ހިންގަ ހަވާލުކޮށްގެން އެކަންވެސް ނުވި އަދި މާލީ ދާއިރާގެ ތައުލީމެއް ތަޖުރިބާއެއް ނެތް މީހެއް.

comment ނިއު

3 month 3 week ago

ތިބުނާ މުއްސަނދިމީހާއާއި މުއްސަނދިނޫން މީހާ ވަކި ކުރާނެ ގޮތެއް ނެތެވެ. މުއްސަނދި ވިޔަސް ނުވިޔަސް ކޮންމެ މީހަކު އަތުގަ އަގުބޮޑު މޯބައިލް ފޯނަކާއި ސައިކަލެއް އެބަ އޮވޭ، ކޮފީ ބޯން އެތަކެއް ފައިސާއެއް ޚަރަދު ކުރޭ، އިންޓަނެޓަށް އެބަ ޚަރަދުކުރޭ. ވީމާ މުއްސަނދި ނޫނީ ކާކުކަން މިހާރު އޮޅިއްޖެއެެވެ. ސަބްސިޑީ ދޭންވީ މުޅި އިންޑަސްޓުރީގެ ކޮސްޓުތަކަށް. މިސާލަކަށް ހެލްތުކެއާ އިންޑަސްޓުރީއަށް. ނުވަތަ ފިޝަރީސް އިންޑަސްޓުރީއަށް. އެދީގެން އެ އިންޑަސްޓުރީގެ އަގުތަށް އާބާދީގެ 90% މީހުންނަަަށް އެފޯޑަބަލް ކުރުވީމަ އެނިމުނީ. ދެން އޮތް 10% މީހުންނަށް އެންސްޕާ ނުވަތަ ސޯޝަލް ޕރޮޓެކްޝަން ނެޓެއް އޮންނަންވީ. ރާއްޖޭގައި ސަބްސީޑީއާއި ދޭތެރޭ ގެންގުޅޭ ނަޒަރިއްޔާ ރަނގަޅެއް ނޫން. ސަބްސިޑީ ނުޖެހޭ ވަކި ފަރުދުންނަށް އަމާޒް ކުރާކަށެއް. ސަބްސިޑީ ދޭންޖެހެނީ އެ އިންޑަސްޓުރީގެ ވިޔަފާރިތަކަށް، އޭރުން މުޅި އިންޑަސްޓުރީގެ ކޮސްޓު ކުޑަކުރެވި މުޅި އިންޑަސްޓުރީގެ އައުޓްޕުޓް ގެ އަގުތަށް އާބާދީއަށް އެފޯޑަބަލްވާނީ. ދެން ދިކިޔާ މުއްސަނދި ފަގީރު

reply ވިޔަފާރި

3 month 3 week ago

ައަސްތާ ވިޔަފާރިތަކަށް ތަ ސަބްސިޑީސް ދޭންވީ؟ އޭރުން އަދި މާބޮޑަށް ފަރަގު ބޮޑުވެ ވިޔަފާރިވެރިންގެ އަންބޮޑި ބޮޑުކުރާނީ