"ހަކުރު ބޯ މީހަކަށް ލޯނެއް، އެހީއެއް ފައިސާއެއް ދޭނަންތަ؟"
މިއީ ދިވެހި އިގުތިސާދާ ގުޅޭ ގޮތުން ދެކެވުނު ވާހަކައެއްގެ ތެރެއިން ރައްޓެހި ރަހުމަތްތެރިއަކު ހިނިގަނޑެއް ޖަހައިލާފައި ކުރި ސުވާލެކެވެ. ވަރަށް އާރުލާފައި، ކަރަށް ނާރުއަރުވާފައި އިގުތިސާދު ދެން ވާނީ ރަނގަޅޭ ބުނެވިދާނެއެވެ. އެކަމަކު، ނަންބަރު ދޮގެއް ނުހަދާނެއެވެ.
މި އަހަރުގެ ހިސާބުތަކަށް ބަލައިލިޔަސް ފެންނަނީ ގޯހުން ގޯހަށް މިސްރާބު ހުރި ތަނެވެ.
މި އަހަރަށް 56.6 ބިލިއަން ރުފިޔާގެ ބިޔަ ބޮޑު ބަޖެޓެއް ހުށަހަޅަން، އޭގެ އެތައް ދުވަހެއް ކުރިން އެތައް ފަހަރަކު ނޫސްވެރިން ފިނޭންސް މިނިސްޓްރީއަށް ގެންދިޔައެވެ. ގިނަ ބައްދަލުވުންތަކަށް ދެވުނެވެ. މިނިސްޓަރާއި ސަރުކާރުގެ ވެރިން ވަރަށް ފޮނި ކެނޑިއެވެ. އިގުތިސާދީ ހިރާސްތަކުން އަރައިގަނެވޭނޭ، އެހެން ހަދާނަމޭ މިހެން ހަދާނަމޭ، ކުރާތަން ފެންނާނޭ ވިދާޅުވިއެވެ.
"ޚަރަދު ކުޑަ ނުކޮށެއް ނުވާނެ، އެއީ އެންމެންނަށް ވެސް މިހާރު އެނގޭ ކަމެއް. ބޭރު ގައުމުތަކުން ފައިސާއެއް ވެސް ނުދޭނެ ޚަރަދު ކުޑަ ނުކުރަނީހެއް،" ސަރުކާރުގެ އިސް އޮފިޝަލަކު އެއިން ބައްދަލުވުމެއްގައި ވަރަށް ޒާތްޒާތުގެ ފޮނި ކަނޑަކަނޑާފައި ފިޔަވަޅުތަކެއް ކިޔައިދެއްވާފައި ވިދާޅުވީ މިހެންނެވެ. އަކުރުން އަކުރަށެވެ.
"ވީ އާ ވެރީ ސީރިއަސް އެބައުޓް ދިސް [މި ކަމުގައި އަޅުގަނޑުމެން ވަރަށް ސީރިއަސް]،"
ރަހުމަތްތެރިޔާގެ ސުވާލުގެ ޖަވާބަކީ އެއީއެވެ. ހަކުރުބޯ މީހަކަށް އިންވެސްޓްނުކުރާހެން، ކަނޑައެޅިގެން ހަރާބުގެ މަގަށްދާ އިގުތިސާދަކަށް މީހަކު އިންވެސްޓެއް ނުކުރާނެއެވެ. އިސްލާހުވާން ނޫޅޭހާ ހިނދަކު، އެ މަންޒަރާއި ކެރުންތެރިކަން ނުފެންނަހާ ހިނދަކު އެހީއެއް ވެސް އަދި އަމުދުން ލޯނެއް ވެސް ނުދޭނެއެވެ. އެއީ، ހަމަހޭގައި ބަޔަކު ކުރާނެ ކަމެއް ނޫނެވެ.
ޚަރަދު ކުޑަކުރުމުގެ ހިތްވަރެއް ނެތް؟
މާލީ އިސްލާހީ ފިޔަވަޅު އެޅުން ނޫން އިތުރު އެއް ގޮތެއް ވެސް ރާއްޖެއަކަށް ނެތެވެ. ހިތި ބޭސް ބުއިން ނޫން ގޮތެއް ނެތެވެ. ޚަރަދު ކުޑަނުކުރަނީސް މި އަނދަވަޅުން ސަލާމަތްވާނެ އެއްގޮތެއް ވެސް ނެތެވެ.
ސަރުކާރަށް ވެސް އެކަން އެނގެއެވެ.
މި އަހަރުގެ ބަޖެޓުގައި 7.7 ބިލިއަން ރުފިޔާގެ މާލީ އިސްލާހު ހިމެނެއެވެ. މާނައަކީ، ޚަރަދު ކުޑަކޮށްގެންނާއި އާމްދަނީ އިތުރުކޮށްގެން އެ ވަރު ސަލާމަތްކުރެވޭނެއެވެ. އެކަމަކު، ކަން ވަމުންދަނީ އެހެންތޯ ބަލައިލަން އަނެއްކާ ވެސް ޚަރަދުބަރަދުގެ ހިސާބުތައް ނިއުޅައިލަން އެބަޖެހެއެވެ.
ދައުލަތާއި ސަރުކާރުގެ އިސްވެރިންގެ މުސާރަތައް ކުޑަކުރާނެކަން ވެސް އިއުލާނުކުރިއެވެ. އެކަން ކޮށްގެން 14 މިލިއަން ރުފިޔާ ސަލާމަތްކުރާނަމޭ ބުންޏެވެ. އެކަމަކު، މަޖިލީހުން ބުނީ، ތިއަށްވުރެ މާ ބޮޑަށް ޚަރަޑުކުރެވޭނެ މާ ރަނގަޅު ގޮތްގޮތް ހުންނާނޭއެވެ. އެ ވެސް ދޮގެއް ނޫނެވެ.
ދެން ވިދާޅުވީ، ސިޔާސީ މީހުންގެ ތެރެއިން 228 މީހުން ވަޒީފާއިން ވަކިކުރާނަމޭއެވެ. އެއިން ވެސް 5.7 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށް ވިދާޅުވިއެވެ. އެކަމަކު، ވަކިކުރި މީހެއްގެ ނަމެއް، ކީއްކުރަން ރަށެއް ވެސް ބުނާކަށް ނުކެރުނެވެ. ޚަރަދުބަރަދުގެ ހިސާބުތަކުން ފެންނަނީ ދުވަހެއް ދުވަހަކަށް މުސާރައަށް ކުރާ ހޭދަ ބޮޑުވާ ތަނެވެ. ކުޑައެއް ނުވެއެވެ. ސިޔާސީ މަގާމުތައް ވެސް ފެންނަނީ އިތުރުވާ ތަނެވެ. މަދެއް ނުކުރެވުނެވެ.
ހިސާބުތަކުން ފެންނަނީ މުޅިން އެހެން މަންޒަރެކެވެ. މި މަހު ހަވަނަ ދުވަހާ ހަމައަށް ފިނޭންސުން ހާމަކުރި ހިސާބުތަކުން އެނގޭ ގޮތުގައި މުސާރައާއި އިނާޔަތްތަކަށް މިހާތަނަށް 2.4 ބިލިއަން ރުފިޔާ ޚަރަދުކޮށްފިއެވެ. އެއީ، މިދިޔަ އަހަރަށްވުރެ 16 އިންސައްތަ އިތުރު އަދަދެކެވެ.
އެއްކޮށްލާނަމޭ ކިޔައި ކުންފުނިތަކެއްގެ ދިގު ލިސްޓެއް ވެސް އާންމުކުރިއެވެ. އެކަމަކު، އެ މަސައްކަތެއް ވެސް ނުހިނގައެވެ. ކޮންމެ ކަމެއް އަނބުރާ ގެންދަވަނީއެވެ.
ދެން އޮތީ އާސަންދައާއި ސަބްސިޑީތަކުގެ ރިފޯމެވެ. ވަރަށް ފޮނިކޮށް، މޮޅު ރާގުރާގަށް އެ ވާހަކަ ދެއްކެވުން ފިޔަވާ އިތުރު ކަމެއް ނުވެއެވެ. ކުޑަކުޑަކޮށް ބައެއް ކަހަލަ ޚަރަދުތައް ކުޑަނުވެއެކޭ ނޫނެވެ. އެކަމަކު، މާލީ ހާލަތަށް ލުޔެއް ލިބޭ ވަރުގެ ކަމެއް ނުކުރެވެއެވެ. ނަންބަރުތަކުން އެކަން އެބަފެނެއެވެ.
ހިސާބުތަކުން ފެންނަ ގޮތުގައި މިހާތަނަށް ސަބްސިޑީއާއި އާސަންދައަށް ކުރި ހޭދަ ވެސް ވީ ބޮޑެވެ. ދެއްކި ވާހަކައާއި އަމަލާ ދިމައެއް ނުވެއެވެ. އާސަންދައަަށް މި އަހަރު 426.3 މިލިއަން ރުފިޔާ ޚަރަދުކޮށްފިއެވެ. އެއީ، މިދިޔަ އަހަރަށްވުރެ ހަ އިންސައްތަ އިތުރު އަދަދެކެވެ. ސަބްސިޑީތަކަށް 582.2 މިލިއަން ރުފިޔާ ޚަރަދުކޮށްފިއެވެ. އެއީ، މިދިޔަ އަހަރަށްވުރެ ފަސް އިންސައްތަ ބޮޑުވުމެކެވެ.
ޖެނުއަރީން ފެށިގެން ޑަބަލް ޕެންޝަން އުވާލަން ވެސް އިއުލާނުކުރިއެވެ. ޖެހިގެން އައި ދުވަހު ކުރީ ބާތިލެވެ. ފުލުހުންނާއި ސިފައިންނަށް ދޭ މެޑިކަލް އިންޝުއަރެންސަށް ވެސް ވީ އެހެންނެވެ.

ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގެ ތެރެއިން: މިއީ ރާއްޖޭގައި މިހާތަނަށް އުފެއްދި އެންމެ ބޮޑު ކެބިނެޓު -- ފޮޓޯ/ ރައީސް އޮފީސް
ސަރުކާރުން ކިތަންމެ ޔަގީންކަމެއް ދިނަސް މި ކުޑަކުޑަ ގައުމުގައި 22 ވުޒާރާ ހައްދަވައިގެން، އެ ތަންތަނަށް އެތައް ސަތޭކަ ޑެޕިއުޓީ މިނިސްޓަރުންނެއް ލައްވައިގެން، އެތައް ސްޓޭޓް މިނިސްޓަރުންނާ އެކު ތިއްބަވައިގެން ފޮނި ވާހަކަ ދެއްކެވީމާ މީހަކު ގަބޫލެއް ނުކުރާނެއެވެ. އެ ކަމަކާ ނުވެސް ރުހޭނެއެވެ. މި ގައުމު ހިންގާކަށް 22 ވުޒާރާއެއް ބޭނުމެއް ނުވާނެއެވެ. އަމުދުން އެ ހުރިހާ ސިޔާސީ މުވައްޒަފުން ކުރާހާ ވެސް ކަމަކީ އަޑުގަދަ ކުރުމެވެ. ދެން އެކި ކަހަލަ ހިސާބު ދިމާނުވާ ވާހަކަ ދެއްކުމެވެ.
ޚަރަދު ކުޑަނުކުރެވޭއިރު، ދަރަނި ހުރީ ކަންބޮޑުވާ މިންވަރެއްގައެވެ. އިސްކޮޅުނުކާ ވަރުގައެވެ. މި އަހަރު ދަރަންޏަށް 600-800 މިލިއަން ޑޮލަރު ދައްކަންޖެހެއެވެ. އަންނަ އަހަރު އެއް ބިލިއަން ޑޮލަރު ދައްކަން ޖެހެއެވެ.
އާމްދަނީއެއް އެހީއެއް ވެސް ނުލިބޭ
ޚަރަޑު ކުޑަނުކުރެވޭއިރު، އާމްދަނީއެއް ވެސް އިތުރެއް ނުވެއެވެ. އަންދާޒާކޮށްފައި، ބަޖެޓުގައި ލިޔެގެން ތަންތަނުގައި ފޮނި ކެނޑި އަދަދުތަކެއް ނުލިބެއެވެ. ޚަރަދު ކުޑަނުކުރާތީ، ޒިންމާދާރު ނުވާތީއެވެ. އާމްދަނީ ވެސް ވީ ދަށެވެ. އެގޮތުން:
- ސަރުކާރުން ފެބްރުއަރީ 27 އާ ހަމައަށް ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އާމްދަނީއަކީ 9.1 ބިލިއަން ރުފިޔާ
- ލިބުނީ 5.5 ބިލިއަން ރުފިޔާ، މިއީ އަންދާޒާކުރި ވަރަށްވުރެ 3.6 ބިލިއަން (39.5 އިންސައްތަ) މަދު އަދަދެއް
- އެ މުއްދަތުގައި ލިބޭނެ ކަމަށް އަންދާޒާކުރި ހިލޭ އެހީއަކީ 408 މިލިއަން ރުފިޔާ
- ލިބުނީ އެންމެ 40 މިލިއަން ރުފިޔާ، އެއީ 368 މިލިއަން ރުފިޔާގެ (90 އިންސައްތަ) ދަށްވުމެއް
- އެ މުއްދަތުގައި ލިބޭނެ ކަމަށް އަންދާޒާކުރި ބޭރުގެ ލޯނަކީ 664 މިލިއަން ރުފިޔާ
- ލިބުނީ އެންމެ 300،000 ރުފިޔާ، އެއީ 663.7 މިލިއަން ރުފިޔާގެ (99.95 އިންސައްތަ) ދަށްވުމެއް
އެހެންވެ، ދައުލަތުގެ އާމްދަނީ އަންދާޒާކުރި ވަރަށްވުރެ 3.6 ބިލިއަން ރުފިޔާ ދަށްވިއިރު، ލިބޭނެ ކަމަށް އަންދާޒާކުރި ހިލޭ އެހީއާއި ލޯނުގެ 96 އިންސައްތަ ވެސް ނުލިބެއެވެ. ހިލޭ އެހީއާއި ލޯނުގެ ގޮތުގައި ލިބޭނެ ކަމަށް ޖުމުލަ އަންދާޒާކުރީ 1،072 މިލިއަން (އެއް ބިލިއަން) ރުފިޔާއެވެ. އެކަމަކު، ލިބުނީ ޖުމުލަ 40.3 މިލިއަން ރުފިޔާއެވެ.
މި މަހުގެ ހަވަނަ ދުވަހާ ހިސާބަށް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ޑޮލަރުން ލިބުނު އާމްދަނީ ވެސް ޖަނަވަރީއާ އަޅައިބަލާއިރު ހަ އިންސައްތަ ދަށެވެ. އެއީ، ޓީޖީއެސްޓީން 13 އިންސައްތަ ދަށްވުމެއް އަދި ރިސޯޓުތަކާއި ޓޫރިޒަމަށް ދޫކޮށްފައިވާ ބިންތަކުގެ ކުލިން 56 އިންސައްތަ ދަށްވުމެކެވެ.
އާމްދަނީ ދަށްވެގެން މީހުންގަނޑު ކަންބޮޑުވެގެން، ނޫސްވެރިން މީގެ ދުވަސްކޮޅެއް ކުރިން އިގުތިސާދީ ކަންކަމާ ބެހޭ ވަޒީރު މުހައްމަދު ސައީދާ ސުވާލުކުރީމާ ވިދާޅުވީ 'ނޭނގެ'އޭއެވެ. ޖެހިވަޑައިގަންނަވާނީ ބައްލަވާލައްވަން ކަމަށެވެ.
ޗާޕުކުރަން އުޅެނީ ގޮތްހުސްވީމާ
މި ސަރުކާރުން މަރުކަޒީ ބޭންކް، އެމްއެމްއޭއަށް ހުޅުމާލެއިން ބޮޑު ބިމެއް ވިއްކައިގެން އެ ތަނުން 15 ބިލިއަނެއްހާ ރުފިޔާ ނަގަން އުޅޭކަން އެއީ ޝައްކެއް ނެތް މިންވަރަށް ޔަގީންވާ ކަމެކެވެ. އެ މަސައްކަތް އެބަކުރެއެވެ. ކުރިއެވެ. ސަރުކާރަށް ދޮގެކޭ ބުނާކަށް ވެސް ނުކެރުނެވެ.
އެއްވެސް ތައުލީމެއް، ތަޖުރިބާއެއް ނެތް ސިޔާސީ އެކްޓިވިސްޓުން ލައްވާ ބުނާހާ ވެސް އެއްޗަކީ 'އެއީ ޗާޕުކުރުމެއް ނޫނޭ'އެވެ.
އެކަމަކު، އެއީ ދޮގެކެވެ. އިގުތިސާދީ ގޮތުން ފައިސާ ޗާޕުކުރުން ކިޔަނީ ހަމައެކަނި ޕްރިންޓަރަކުން ޕްރިންޓުކުރުމަކަށް ނޫނެވެ. އިގުތިސާދުގައި ދައުރުނުވާ ފައިސާއެއް، އެމްއެމްއޭއިން އިގުތިސާދަށް ނެރޭނަމަ، ނޫނީ މި ހާލަތުގައި އެމްއެމްއޭ ލައްވާ ނެރުވާނަމަ އެއީ ޗާޕުކުރުމެވެ. އެއިން ނުކުންނާނީ އެއް ނަތީޖާއެކެވެ. އޭގެ އިގުތިސާދީ މާނައަކީ ވެސް ނަމަކީ ވެސް ފައިސާ ޗާޕުކުރުމެވެ.
'ފައިސާ ޗާޕެއް ނުކުރާނަމޭ،' ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި އަދަދު ވެސް ނޭނގެއެވެ. އެހާ ވެސް ގިނައިން އެ ވާހަކަ ވިދާޅުވިއެވެ. ސަރުކާރުގެ އެންމެ ބޮޑެތި ކާމިޔާބީތަކުގެ ތެރޭގައި ވެސް ޗާޕުނުކުރުން ހިމެނުއްވިއެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު ހިއްސާކުރެއްވި މައުލޫމާތެއްގައި ވާގޮތުން މި މަހުގެ ނިޔަލަށް ވެސް ރާއްޖެއިން 150 މިލިއަން ޑޮލަރު ދައްކަން ޖެހެއެވެ. އަންނަ މަހު ވެސް 25 މިލިއަން ޑޮލަރު ދައްކަން ޖެހެއެވެ. ރާއްޖެއިން މި އަހަރު ޖުމުލަ 800 މިލިއަނެއްހައި ޑޮލަރު ދަރަންޏަށް ދައްކަންޖެހެއެވެ. އެއީ، ގާތްގަނޑަކަށް 12 ނުވަތަ 13 ބިލިއަނެއްހާ ދިވެހި ރުފިޔާއެވެ.
ރައީސް ރަށްރަށަށް ވަޑައިގެން މި އަހަރާއި އަންނަ އަހަރަކީ ވައުދުތައް ފުއްދައި، މަޝްރޫއުތައް ނިންމާތަން ދައްކާނެ ދެ އަހަރު ކަމަށް ތަކުރާރުކޮށް އޮތީ ވިދާޅުވެފައެވެ. އެކަމަކު، ހިލޭ އެހީއެއް، ބޭރުގެ ލޯނެއް ނުލިބި، އާމްދަނީ އިތުރު ނުވީމާ އެކަން ކުރެވޭނީ ކިހިނެއް ހެއްޔެވެ؟ ނަންބަރުތަކަކުން އެއެއް ނުފެނެއެވެ. ޗާޕުކުރަން މަޖުބޫރުވަނީ އެހެންވެއެވެ.
ޚަރަދު ކުޑަނުކޮށް، އާމްދަނީ އިތުރުނުކޮށް، އެހީއެއް ނުލިބި ތިބެ ފައިސާ ޗާޕުކުރުމަކީ ނޫނީ ސަރުކާރު އެކްޓިވިސްޓުންގެ ބަހުން ނަމަ 'އެމްއެމްއޭއިން ބިމެއް ގަތުމަކީ' ދެކޮޅު ޖެހޭނެ ކަމެއް ނޫނެވެ. ތަކެތީގެ އަގު އުފުލި، އިގުތިސާދު އިތުރަށް ރޫޅި، ޑޮލަރުގެ އަގު ހައްތަހާ ބޮޑުވެ، މީހުންގަނޑު ނިކަމެތިވުން އެއީ އޭގެ އާޚިރު ނަތީޖާއެވެ.
ނަންބަރުތަކުން ފެންނަނީ ސާފު މަންޒަރެކެވެ. ޚަރަދު ކުޑަނުކުރެވި، އާމްދަނީ އިތުރުނުކުރެވި، އެހީއެއް ނުލިބި ގޮތްހުސްވެގެން ފައިސާ ޗާޕުކުރަން އުޅޭ މަންޒަރެވެ. ހުރިހާ ވެސް މައްސަލައަކީ ޚަރަދު ކުޑަކުރުމުގެ ހިތްވަރު ނެތުމެވެ. ހިތި ބޭސް ބޯން ނުކެރުމެވެ. ކަން އޮތްގޮތް ސާފުކޮށް ކިޔައިދޭން ނުކެރުމެވެ. މި ނަންބަރުތަކުން އެ ޖަހަނީ ނުރައްކަލުގެ ރަނގަބީލެކެވެ.
ޚަރަދު ކުޑަނުކޮށް، ފައިސާ ޗާޕުކޮށްފިނަމަ އަނެއްކާ ވެސް ފޮއި ވެއްޓޭނީ ރިހޭ ފައިމައްޗަށެވެ.