"އެއްވެސް ކަމެއް ފޮރުވައި، ޖަވާބުދާރީ ނުވެވޭ ކަމެއް ނޯންނާނެ. މައުލޫމާތު ހިއްސާކުރާނެ. ތިޔަ ބޭފުޅުން މިސާލަކަށް، އެ ކަހަލަ ހާލަތެއް ދިމާވެއްޖިއްޔާ، ހަމަ އަޅުގަނޑަށް ވެސް އިޝާރާތެއް ކޮށްލަންވީ. އަޅުގަނޑަށް ޔަގީން [އެފަދަ ހާލަތެއް] ދިމައެއްނުވާނެ،" ޑިސެމްބަރު 5، 2023 ގައި ވެރިކަމުގެ އާ ކޮޅު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.
"ތިޔަ ބޭފުޅުން އާރުޓީއައިއެއް ލާންޖެހޭ ހިސާބަކަށް ނުދާނެ. އަޅުގަނޑަކަށް ހިއެއްނުވޭ ދާންޖެހޭނެހެނެއް އިނގޭތޯ. ހުރިހާ މައުލޫމާތެއް ލިބެމުންދާނެ. އެއްވެސް ކަމެއްގައި ހިފެހެއްޓުމެއް ނާންނާނެ،"
ރައީސްގެ ވައުދުފުޅަކީ ވެސް އެއީއެވެ. އެއްވެސް ހިފެހެއްޓުމެއް ނެތި މައުލޫމާތު ލިބޭނެއެވެ. މި ސަރުކާރުގައި އެއްވެސް ކަމެއް ސިއްރެއް ނުވާނެއެވެ. އޮންނާނީ ހާމައަށެވެ. ކެމްޕޭން ތެރޭގައި ވެސް އަދި ހޮވިވަޑައިގެން މަގާމުގެ ހުވާކުރެއްވުމަށް ފަހު ވެސް އެތައް ފަހަރެއްގެ މަތިން އެ ޔަގީންކަން ދެއްވިއެވެ. އެ އުންމީދު ވެސް ރައްޔިތުން ތިބީ ކޮށްގެންނެވެ.
އެކަމަކު، ކަންވެ ނިމުނުއިރު މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ފޮނުވާ ލިޔުމަކަށް ވެސް ރައީސް އޮފީހުން ޖަވާބެއް ނުދެއެވެ. އެ ނުލިބިގެން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބާއްވާ ބައްދަލުވުމަކަށް ވެސް އެ އޮފީހުން ހާޒިރެއް ނުވެއެވެ.
މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދާއި، އެ މީހުންނަށް މުސާރައިގެ ގޮތުގައި ކުރާ ހޭދައާއި އެ މަގާމުތަކަށް އައްޔަންކޮށްފައި ތިއްބެވި ބޭފުޅުންގެ ގާބިލުކަމާ ގުޅޭ ގޮތުން މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ފޮނުވިތާ ބަރާބަރު ތިން މަސްވެއްޖެއެވެ. އެއްވެސް ޖަވާބެއް ނުދެއެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ވެސް ދެ ފަހަރެއްގެ މަތިން އަޑުއެހުމެއް ތާވަލުކުރިއެވެ. ބޭއްވޭ ވަރެއް ނުވެއެވެ. އެންމެ ފަހުން މައުލޫމާތު ހޯދަން އުޅޭ މީހާ ވަރުބަލިވާއިރު ވެސް އެ ކަމެއް ނުވެއެވެ.
އެ މައްސަލަ ބޮޑުވެގެން އިދިކޮޅު އެމްޑީޕީން އިއްޔެ ވަނީ ސަރުކާރު ޖަވާބުދާރީ ކުރުވައި، ހަމަ މަގަށް އަޅުވަން އޮތް ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފައެވެ.
ސަރުކާރުގެ މަގާމުތަކަށް މީހުން އައްޔަންކުރަން ގާނޫނުއަސާސީގެ ދަށުން ރައީސަށް ލިބިދީފައިވާ ބާރުގެ ދަށުން އެކިއެކި މަގާމުތަކަށް އައްޔަންކޮށްފައިވާ މީހުންގެ އަދަދާއި ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުން މުސާރައިގެ ގޮތުގައި ހޭދަކުރަމުންދާ އަދަދު ހާމަ ކުރުމަށް އިންކާރު ކުރަމުންދާތީ އެ މައްސަލަ ހުށަހެޅުއްވީ އެމްޑީޕީގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ.
އެކަމަކު، ސަރުކާރު ހިންގާ ޕީއެންސީގެ ސުޕަމެޖޯރިޓީއެއް އޮތް މަޖިލީހުން ވަނީ އެ މައްސަލަ ބޭރުކޮށްލައިފައެވެ.
ޖުމުލަ 67 މެންބަރުން އެ ވޯޓުގައި ބައިވެރިވިއިރު 56 މެންބަރުން ވަނީ އެ ބިލު ބޭރުކޮށްލަން ވޯޓު ދީފައެވެ. ބިލަށް ބަހުސްކުރަން ފެންނަ ކަމަށް ވޯޓު ދިނީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ 11 މެންބަރަކު އެކަންޏެވެ. ސަރުކާރުގެ އެންމެ މެންބަރުން އެކީ އެކައްޗަކަށް އެ ބިލު ބޭރުކޮށްލީއެވެ.
ހައްދެއް ސުމާރެއް ނެތް
މިދިޔަ ސަރުކާރުގައި އެއްވެސް ތައުލީމެއް ނެތް ސިޔާސީ މުވައްޒަފުންގެ އަދަދު ގިނަ ކަމަށް އޭރު އިދިކޮޅުގައި ތިބެ ޕީޕީއެމް/ޕީއެންސީން ތުހުމަތުކުރިއެވެ. އެހެންވެ، ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒު ވަނީ އެ މަނިކުފާނުގެ ވެރިކަމެއްގައި ސިޔާސީ މަގާމުތަކުގެ އަދަދު 700 އަށްވުރެ އިތުރުވިޔަނުދޭނެ ކަމަށް ވައުދުވެލައްވައިފައެވެ.
އޭގެ ފަހުން ރިޔާސީ ބަޔާން އިއްވަވަމުން ދެން މަގާމުތަކަށް ބޭފުޅުން އައްޔަން ނުކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ. އޭގެ ފަހުން، މި ފަހުން މަގާމުތައް މަދުކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އެކަމަކު، އަދިވެސް އެއްވެސް މަގާމަކުން ބޭފުޅަކު ވަކިކުރި ތަނެއް ނުފެނެއެވެ. ފެންނަނީ އަދިވެސް ޑެޕިއުޓީ މިނިސްޓަރު ފެންވަރުގެ މަގާމުތަކަށް ބޭފުޅުން އައްޔަންކުރައްވާތީއެވެ.
ސިޔާސީ މަގާމުތަކަށް އައްޔަންކޮށްފައިވާ މީހުންގެ އަދަދު ހާމަކުރަން ސަރުކާރުން އަންނަނީ ދެކޮޅު ހަދަމުންނެވެ. މަޖިލީހަށް ހާޒިރުކޮށް، ކޮމިޓީގައި އެ ސުވާލުކުރުމުން މާލީ ވަޒީރު ޑރ. މުހައްމަދު ޝަފީގު ވެސް އެ އަދަދު އެނގިވަޑައިގަންނަވާ ކަމަކަށް ނުހެއްދެވިއެވެ.
"މިހާރު މިދަނީ ސިޔާސީ މުވައްޒަފުންގެ ޕާފޯމަންސް މޮނީޓާކުރަމުން، ރައީސް އޮފީހުން އެގްޒެކްޓް އަދަދު ޖެހޭނީ ސާފުކުރަން،" ވަޒީރު ވިދާޅުވިއެވެ.
އެހެންވެ، ނަން ނުޖަހާ ގޮތަށް ސަރުކާރުގެ ކަންކަން އެނގޭ ޕީއެންސީގެ ބައެއް އިސް ބޭފުޅުންނާ ސުވާލުކުރުމުން އެ އަދަދު ޔަގީނަށް ވެސް ހުރީ 700 އިން މަތީގައި ކަމަށް ވިދާޅުވެއެވެ. އެ ބޭފުޅުން ވިދާޅުވާ ގޮތުގައި ސިޔާސީ މަގާމުތައް އެހާ ބޮޑަށް އިތުރުވާން މެދުވިރިވި އެންމެ ބޮޑު ސަބަބަކީ މަޖިލީސް އިންތިޚާބެވެ. އެ އިންތިޚާބާ ދިމާކޮށް އެކިއެކި މީހުންނަށް އެކިއެކި މަގާމުތައް ދެއްވަން ޖެހުނު ކަމަށާއި އެ މީހުން ވަކިކުރެވޭނެ ގޮތެއް ވެސް ނެތް ކަމަށް އެ ބޭފުޅުން ވިދާޅުވެއެވެ.
"އަސްލު އަހަރެމެން ވެސް ގަބޫލުކުރަން ހަމަ ގިނަވެއްޖެ މަގާމުތައް މިހާރު. އިޝޫއަކީ ކުންފުނިތަކަށް ވެސް ސިޔާސީ މުވައްޒަފުން ލާން ޖެހުނީމާ. އެއީ، އަހަރެމެން ވެސް ކަންބޮޑުވާ ކަމެއް. އެހެންވީމާ އަސްލު މިނިސްޓްރީތަކުން އަދަދެއް ހޯދިޔަސް ވެސް އަސްލު ސިޔާސީ މުވައްޒަފުންގެ އަދަދެއް ނުފެންނާނެ. ބިގް ޕިކްޗާއެއް ނޭނގޭނެ ކުންފުނިތައް ވެސް ނުބަލައެއް،" ޕީއެންސީގެ ބޭފުޅަކު ނަން ނުޖަހާނަންތޯ ދެތިން ފަހަރު އައްސަވާފައި ކިޔައިދެއްވިއެވެ.
އެމްޑީޕީން ބުނަނީ 2،000 އަށްވުރެ ގިނައޭ
ކުރީގެ މާލީ ވަޒީރު އިބްރާހިމް އަމީރު ވިދާޅުވާ ގޮތުގައި މިހާރު މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު 2،000 އަށްވުރެ ވެސް އިތުރުވާނެއެވެ. ސަރުކާރުން އެ އަދަދު ނުބުނާން އުޅޭ ވަރުންނާއި އެ ކަން ސިއްރުކުރަން ހުންނަ ފޯރިއަކުން އަމީރު ދައްކަވާ ވާހަކަ ގަބޫލުކުރަން ފަސޭހައެވެ.
އެ ގޮތުން ސަރުކާރު ކުންފުނިތަކުން މުސާރައަށް ކުރާ ހޭދައިގެ ތަފާސްހިސާބުތަކެއް އަމީރު ދެއްކެވިއެވެ. އެ މައުލޫމާތުގައި ވާގޮތުން:
- ފެނަކައިން 2023 ނިމުނުއިރު މުސާރައަށް ޚަރަދުކުރީ - 74 މިލިއަން ރުފިޔާ
- އެކަމަކު މިހާރު: 84 މިލިއަން ރުފިޔާ ޚަރަދު ކުރޭ
- އާރުޑީސީން 2023 ނިމުނުއިރު: 22 މިލިއަން ރުފިޔާ
- މިހާރު: 28 މިލިއަން ރުފިޔާ
- ވެމްކޯއިން 2023 ނިމުނުއިރު: 21 މިލިއަން ރުފިޔާ
- މިހާރު: 31 މިލިއަން ރުފިޔާ
- ސްޓެލްކޯއިން 2023 ނިމުނުއިރު: 40 މިލިއަން ރުފިޔާ
- މިހާރު: 44 މިލިއަން ރުފިޔާ
- އެމްޓީސީސީން 2023 ނިމުނުއިރު: 60 މިލިއަން ރުފިޔާ
- މިހާރު: 65 މިލިއަން ރުފިޔާ
އެ އަދަދުތައް ސަރުކާރުން ދޮގެއް ނުކުރެއެވެ. ވިދާޅުވަނީ 700 އަށްވުރެ ގިނައެއް ނުވާނޭއެވެ. އެކަމަކު، އެކިއެކި ސިޔާސީ ނުފޫޒުތަކުގެ ތެރެއިން ކުންފުނިތަކާއި ވުޒާރާތަކަށް އައްޔަންކޮށްފައި ތިބި މުވައްޒަފުންނާ އެކު ސަރުކާރުގެ ސިޔާސީ ހޭދަ އެހެން ހުރިހާ ސަރުކާރަކަށް ވުރެ އިތުރުވެއްޖެއެވެ. އެއީ، ދޮގު ނުކުރެވޭނެ ހަގީގަތެކެވެ.
"އޭރު ވެސް ދެ ޑެޕިއުޓީންނާއި ސްޓޭޓް މިނިސްޓަރަކަށް އަޅުގަނޑުމެން ހަވާލުކުރާނެ މަސައްކަތެއް ނޯވޭ ހަގީގަތުގައި ވެސް. މިއަދު އަޅުގަނޑަށް ހިއެއްނުވޭ އެއަށްވުރެ ގިނަ ވާނެހެންނެއް. ތިނަކަށްވުރެ ގިނަވެއްޖެއްޔާ އަޅުގަނޑު ގަބޫލުކުރަނީ ގިނަ ވެފައޭ އެއޮތީ،" ކުރިން ވަޒީރުކަން ކުރެއްވި، މިހާރު ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވިއެވެ.
"މީގައި ގަބޫލުކުރަންވީ ހަމައެކަނި މުސާރައަށްކުރާ ހޭދަނޫންކަން މުވައްޒަފަކު އައްޔަންކުރީމާ ހިނގަނީ. ހަމަ ކަރަންޓު ބިލު ވެސް ބޮޑުވާނެ އެއާ އެކީގައި ފޮތާއި ފަންސޫރު ވެސް އެޑްމިނިސްޓްރޭޓިވް ޚަރަދުތައް ވެސް،"
ބައެއް ވުޒާރާތަކުގައި މަސައްކަތް ކުރާ ސިވިލް ސާވިސް މުވައްޒަފުން ބުނާ ގޮތުގައި އެ ތަންތަނަށް އައްޔަންކޮށްފައި ތިބި ސިޔާސީ މުވައްޒަފުން އިންތިހާއަށް ގިނައެވެ. ކުރާނެ މަސައްކަތެއް ނޯވެއެވެ. އެ އެންމެންނަށް ބޭނުންވާ ގޮނޑިއާއި މޭޒު ވެސް ނެތެވެ. ހުރިހާ މަސައްކަތެއް ކުރަން ތިބެނީ މަދު މުވައްޒަފުންތަކެކެވެ.
ސަރުކާރުން އަދަދު ނުބުނަނީ ކީއްވެ؟
އާންމުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ސަރުކާރުން އެއްވެސް އަދަދެއް ނުބުނުމެވެ. އަދަދު ސިއްރުކުރަން މަސައްކަތްކުރުމެވެ.
ހަގީގަތުގައި ސިޔާސީ މުވައްޒަފުންގެ އަދަދު ވައުދަށް ވުރެ އިތުރުވުމަށް ވުރެ މިހާރު ލިބޭ ސިޔާސީ ގެއްލުން ވެސް ބޮޑުވާނެއެވެ. އެހެންވީމާ، އެއީ އެތެރޭގެ ސިޔާސީ ކަމަކަށް ވުރެ ދުރަށް ވިސްނާފައި ސިއްރުކުރާ އަދަދެއް ކަމަށް ބެލެވެއެވެ. އަދަދު ހާމަނުކޮށްގެންވާ ގެއްލުން މާ ބޮޑުވީމައެވެ.
"އަސްލު އެންމެ ބޮޑަށް ގަބޫލުކުރެވެނީ ބޭރުގެ ގައުމުތަކުންނާއި މާލީ އިދާރާތަކުން ފައިސާ ލެންޑެއް ނުކުރާނެ، އަދި ޚާއްސަކޮށް އަދަދު ގިނަ ނަމަ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވާނެ ބޭރުގެ އިންސްޓިޓިއުޝަންތަކުން. އެހެންވީމާ އެހާ ބޮޑަށް ސިއްރުކުރަނީ ކަމަށް ބެލެވެނީ،" މަސްރަޙު ދިރާސާކުރައްވާ ސިޔާސީ ބޭފުޅަކު ވިދާޅުވިއެވެ.
މިހާރު އެކި ގޮތްގޮތުން ސަރުކާރަށް އަމާޒުވަމުން އަންނަ ޕްރެޝަރުތަކާއި ފާޑުކިތުންތަކަށް ބަލާއިރު، އެ އަދަދުތައް ހަމައަކަށް އަޅުވާފައި ހާމަކުރާނެ ކަމަށް ބެލެވެއެވެ.
"ބައެއް މުވައްޒަފުން ކުންފުނިތަކަށް ބަދަލުކޮށްފައި ނޫނީ ސިޔާސީ ނޫން ލިސްޓަށް އަރުވާފައި ވެސް އެ އަދަދު ދެން މާ ލަސްނުކޮށް ހާމަކުރާނެ ކަމަށް ބެލެވޭ. އެއީ، ސަރުކާރަށް ވަރަށް ޑެމޭޖު އެބަ ލިބޭ އަދަދުތައް ހާމަނުކޮށްގެން. ހާމަނުކުރާކަން ދުނިޔޭގެ ސަމާލުކަމަށް އައިސްފިނަމަ އަދި މާ ގެއްލުންވާނެ،" ސިޔާސީ ތަޖުރިބާކާރު ވިދާޅުވިއެވެ.
ގާނޫނުއަސާސީގައި ބުނަނީ ކީކޭ؟
ކޮންމެ ސަރުކާރަކުން ވެސް އެ ވެރިކަމެއް ގެންނަން މަސައްކަތްކުރާ މީހުންނަށް އެކިއެކި ހަދިޔާތައް ދެއެވެ. ގާތް މީހުންނަށް މަގާމުތައް ވެސް އަރުވައެވެ. އެއީ، އަލަކަށް މި ވެރިކަމުގައި ހިނގައިގެން އުޅޭ ކަމެއް ނޫނެވެ. ބޮޑެތި މަގާމުތައް އަބަދު ވެސް ލިބެނީ ޕާޓީ ލައިނުން އަންނަ މީހުންނަށެވެ. ކަމަށް ގާބިލު މީހާއަކަށް ނޫނެވެ.
ރައީސުން ސިޔާސީ މަގާމުތަކަށް "ޕާޓީ ކުދިން" އައްޔަންކުރަނީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ޅ ގެ ދަށުން ލިބިދޭ ބާރެއް ކަމަށް ވިދާޅުވެއެވެ.
ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ޅ ގައި ބުނަނީ: "ވަޒީރުންގެ މަޖިލީހަށާއި، ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގެ ވާޖިބު އަދާކުރުމަށްޓަކައި ބޭނުންވާ މަޤާމުތަކަށް، މީހުން ޢައްޔަންކުރުމާއި، އެ މަޤާމުތަކުން މީހުން ވަކިކުރުމާއި، އެ މީހުންގެ އިސްތިޢުފާ ޤަބޫލުކުރުން،" އެއީ ރައީސަށް ލިބިދީފައިވާ ބާރެއް ކަމުގައެވެ.
އެކަމަކު، އެ މާއްދާއާ އަޅުވައި، ވުޒާރާތަކާއި އިދާރާތަކާއި ކުންފުނިތަކުގައި މަގާމުތައް އުފައްދައިގެން ގިނަ އަދަދެއްގެ ސިޔާސީ މީހުން އައްޔަންކުރުމުގެ ބާރު ރައީސަށް ނުލިބޭނެ ކަމަށާއި އެއީ ކަނޑައެޅިގެން ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށް އެ ގާނޫނުއަސާސީ ޑްރާފްޓުކުރި ކޮމިޓީގެ މުގައްރިރުކަން ވެސް ކުރެއްވި އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއިލް ގަބޫލުކުރައްވައެވެ.
"މި މާއްދާގެ ދަށުން އައްޔަނުކުރެވޭނީ ވަޒީރުންނާއި ޤާނޫނުއަސާސީއާ ޤާނޫނުން ރައީސް އަދާކުރުމަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމުގައި އެހީތެރިވެދޭނޭ މީހުންނެވެ. އެއީ، ރައީސް އޮފީހުގެ މުއައްޒަފުންނެވެ. އިތުރު ބައެއް ނޫނެވެ،" އިބުރާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވާ ގޮތުގައި:
- ރައީސަށް ވުޒާރާތަކަށް އައްޔަންކުރެވޭނީ ވަޒީރުން އެކަނި
- ސިވިލް ސާވަންޓުންގެ އިތުރުން އިތުރު ބަޔަކު އައްޔަންކުރެވޭނީ ގާނޫނެއް ފާސްކޮށްގެން
- އަމުދުން ކުންފުނިތަކަށް ސިޔާސީ މުވައްޒަފުން އައްޔަންނުކުރެވޭނެ
އިބުރާ ވިދާޅުވި ގޮތުގައި ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ޅ. ލިޔާން ޖެހުނީ އާންމު ހާލަތަށް ވުރެ ކުއްލި އަދި ނުރަނގަޅު ހާލަތެއް މެދުވެރިވެއްޖެ ނަމަ ކަން ކުރެވޭނެ ގޮތަކަށް ވިސްނާފައެވެ.
އެ ގޮތުން މުހިންމު ކަންކަމުގައި ކަނޑައެޅޭ ވަކި ކަމެއް ކުރަން، ކަނޑައެޅޭ ވަކި މުއްދަތަކަށް ވުޒާރާތަކާއި ޑިޕާޓްމަންޓުތަކަށް ރައީސް ބޭނުންފުޅުވާ ޚާއްސަ ބަޔަކު އައްޔަންކުރެވިދާނެ ކަމަށް އޭނާ ދެކިލައްވައެވެ. އެކަމަކު، އެއީ ދުވަހުން ދުވަހަށް ތަން ހިންގުމާއި ސިޔާސަތު ކަނޑައެޅުމުގެ ދައުރެއް އޮންނާނެ ބައެއް ނޫނެވެ.
އުޞޫލެއްގެ ގޮތުން އެ ގޮތަށް ސީދާ ރައީސް ބަޔަކު ޢައްޔަނުކުރާނީ އެ ވުޒާރާއެއްގައި ކަމެއް ނުވަތަ ކަންތައްތަކެއް ހިނގާ ގޮތް ސީދާ ރައީސް ދެނެގަންނާން (ޚާއްޞަކޮށް ނުރަނގަޅު ކަމެއް) ޖެހިއްޖެ ޙާލަތެއްގައެވެ. ނުވަތަ ކާރިސާއެއް ފަދަ ކަމެއްގައި، ޓާސްކް ފޯސްއެއް އުފައްދާން ޖެހިއްޖެ ޙާލަތެއްގައެވެ.
"އަހުރެން ދެކޭ ގޮތުގައި، 2008 އިން ފެށިގެން ވެސް، ރައީސް އޮފީސް ފިޔަވައި އެހެން ތަންތަނަށް 'ސިޔާސީ މަޤާމު'ތަކަށް މީހުން ޢައްޔަނުކުރަމުން އެ ގެންދަނީ ޤާނޫނުއަސާސީއާ ޚިލާފަށެވެ. އެ މާއްދާ އަހަރެމެން ލިޔުނީ މި ވިސްނުމުގައެވެ. ޚާއްޞަ މަޖިލިހުގެ ޔައުމިއްޔާތަކުގައި މި ވާހަކަތައް ބަޔާންވެފައި ހުންނާނެއެވެ،" ރައްޔިތުންގެ ޚާއްސަ މަޖިލީހުގައި މާލޭ މެންބަރުކަން ކުރެއްވި އިބުރާ ވިދާޅުވިއެވެ.
ރައްޔިތުންގެ ފައިސާއިން ޚަރަދުކުރަނީ ކިތައް ސިޔާސީ މީހުންނަށްކަން ރައްޔިތުންނަށް އެނގެން ޖެހޭނެއެވެ. އެއީ، ސަރުކާރުން ބޭނުންވީމާ ހާމަކޮށްފައި، ބޭނުންނުވީމާ ހާމަނުކޮށް ސިއްރުކުރެވޭ ވަރަށް ވުރެ ބޮޑު ކަމެކެވެ.
އެއްވެސް ތައުލީމެއް، އެއްވެސް ތަޖުރިބާއެއް، އެއްވެސް އުރަތްޕެއް ނެތް ސިޔާސީ މީހުން އެއްވެސް ސުމާރެއް، އެއްވެސް ހައްދެއް، އެއްވެސް އިމެއް ނެތި އައްޔަންކުރެއްވުމަކީ ރައީސަށް އޮތް ބާރެއް ނޫނެވެ. އެއީ، ގާނޫނުއަސާސީ މާނަކުރެވޭނެ ގޮތެއް ވެސް ނޫނެވެ. އެއީ، ކުރެއްވޭނެ ކަމެއް ނޫނެވެ.
އިގުތިސާދީ ހާލަތު ގޯސްވެ، މާލީ ބޮޑު އަނދަވަޅަކާ ލައްވައިލަފާނެކަމުގެ އިންޒާރު ލިބޭއިރު، ސަރުކާރުގެ ޚަރަދުތައް ކުޑަކުރަން ޖެހެއެވެ. ދެފުށް ފެންނަން ޖެހެއެވެ. ސިޔާސީ މަގާމުތަކުގައި ތިބީ ކޮން ބައެއް ކަމާއި އެ މީހުން ކުރަނީ ކޮން މަސައްކަތެއް ކަމާއި އެ މީހުން ބަހައްޓަންވީ ކީއްވެ ކަމާއި އެ ގޮތަށް އައްޔަންކޮށްފައި ތިބީ ކިތައް މީހުންކަން ރައްޔިތުންނަށް އެނގެން ޖެހެއެވެ.
ނުހިފަހައްޓައި ހާމަކުރައްވާނަމޭ ވިދާޅުވުމަކުން ނުފުދެއެވެ. ބަހާއި އަމަލު ދިމާވާން ވެސް ޖެހެއެވެ.
އިގުތިސާދީ ހާލަތާ މެދު ރައްޔިތުން ސީރިއަސް ނުވަނީ އެހެންވެއެވެ. ސަރުކާރުން ކިތަންމެ ބާރަށް ވިދާޅުވިޔަސް އަމަލުގައި އެ ސީރިއަސްކަން ނުފެންނާތީއެވެ. އިޚުލާސްތެރި ނިޔަތް ނުފެންނާތީއެވެ. ހާލަތާ މެދު އާންމުން ސީރިއަސް ވާނީ ސަރުކާރުން ވެސް އަމަލުން އެ ސީރިއަސްކަން ދެއްކެވީމައެވެ. ސިޔާސީ ބޭފުޅުންގެ ބަހަކަށް މިހާރު އާންމުންނެއް ނުގުޑާނެއެވެ.