ދިވެހި ފިލްމަށް ލޯބިކުރާ ގިނަ ބަޔަކު މިދިޔަ ދެ މަހެއްހާ ދުވަހު ތިބީ، ކެތްތެރިކަން ކޮޅުންލާ ހިސާބުގައެވެ. އެއީ، 25 އަހަރަށް ފަހު، ސިނަމާގެ ލެޖެންޑަރީ މޫސާ މަނިކު (ރީކޯ މޫސަ) ސްކްރީނަކުން ފެންނާނެކަން ހާމަކުރުމުންނެވެ. އެ ވެސް ފިލްމު ބަތަލު ނުވަތަ ލީޑު ރޯލުންނެވެ.
މި ކަމަށް އިތުރުވި އަނެއް ބޮޅަކީ، 'ކީއްވެ' މި ފިލްމުގެ ފަހަތުގައި ތިބި މޭސްތިރިންނަކީ، މި ފިލްމުގެ ޑައިރެކްޓަރު އީސާ ޝަރީފާއި ޕްރޮޑިއުސަރު އަސްލަމް ރަޝީދު ކަމުގައި ވާތީއެވެ. މި ދެ ނަމަކީ، ގައިމު ވެސް ދިވެހި ފިލްމަށް ލޯބިކުރާ އެންމެނަށް އާ ނަންތަކެއް ނޫނެވެ. އެހެން ގޮތަކަށް ބުނާނަމަ، ރީކޯގެ މަޝްހޫރުވި 'ފަތިސް ހަނދުވަރު'ގެ ސިކުނޑިތަކަކީ އެއީއެވެ.
ފިލްމުގެ ޑައިރެކްޓަރު އީސާ ޝަރީފާއި (ކ) ޕްރޮޑިއުސަރު އަސްލަމް ރަޝީދު (ވ) ކީއްވެގެ ޕްރިމިއާ ނައިޓުގައި --- ފޮޓޯ/ އޮލިމްޕަސްދިވެހީންގެ ތެރޭގައި މަގުބޫލު މި ދެ މީހުންގެ އުފެއްދުމެއް ވެސް ސިނަމާއަށް އައީ، އެތައް ދުވަހެއް ކޮށްފައެވެ. ކޯ ޕްރޮޑިއުސަރުންގެ ގޮތުގައި ހުސައިން ނޫރައްދީން ނާސިރު (ނޫރު) ޢަލީ ޝާނިޒްގެ އިތުރުން ހުސައިން މުނައްވަރު (ކިޑު) މި ފިލްމުގައި ބައިވެރިވިއެވެ. މިއީ،
މިއީ ގައިމު ވެސް އަހަރެން ފިލްމު 'ކީއްވެ'އަށް ކެތްމަދުކުރުވި ކަންކަމެވެ. ފިލްމު ބަލާ ހިތުން ހުރެވުނީ، ދުވަސްތައް ގުނަގުނައެވެ. އެ ދިގު އިންތިޒާރަށް ނިމުމެއް ގެނުވީ، މިދިޔަ ބުދަ ދުވަހު އޮލިމްޕަހުގައި މި ފިލްމު ޕްރިމިއާ ކުރަން ފެށުމުންނެވެ.
ކީއްވެ ބަލަންވީ އެތައް ސަބަބެއް!
ނަސީބަކީ ކަތީބަކު ދޭ އެއްޗެއް ނޫން ތާއެވެ. އެކަމަކު، މި ފަހަރު ނަސީބު ހިފީ އަހަރެންގެ އަތުގައެވެ. އެއީ، އެ ވަރަށް އަހަރެން ކެތްމަދުކުރުވި ފިލްމުގެ ޕްރިމިއާ ނައިޓުގައި ބައިވެރިވުމުގެ ފުރުސަތު ލިބުމުންނެވެ. ދެ ޓިކެޓު ލިބިފައި އޮތުމާއެކު، ރައްޓެއްސަކު ގޮވައިގެން އޮލިމްޕަހަށް ދިޔައީމެވެ. މާލޭގެ ކާރު ބާރު މަގުތައް ކަޑަތުކޮށް، އެ ހިސާބަށް ފޯރިއިރު ފިލްމު ފަށާނެ ކަމަށް ބުނި ގަޑި ކުޑަތަންވެއްޖެއެވެ. އޭރު ވެސް ނަލަ ހެދުންތަކުން ޒީނަތްތެރިވެގެން ތިބި ފަންނާނުންތައް ދިޔައީ އެ ތަނުގެ ތެރޭގައި ހޭލަމޭލަވަމުންނެވެ.
ދެ ރަހުމަތްތެރިން އެކުގައި ލަސްނުކޮށް، ސިނަމާއަށް ވަދެއްޖައީމެވެ. ފިލްމު ފަށާ ގަޑީގެ ބެލް ނާޅާތީ މާ އުނދަގޫތަކެއް ނެތި، މީހުން ވެސް އޭރު ސިނަމާ ތެރޭގައި މަދެވެ. ސީޓު ހޯދައިގެން އިށީނދެ، ހަމަޖެހިލީމެވެ.
ގަޑިން އެ ރޭ 09:00 ޖަހައިފިއެވެ. ދެ ރަހުމަތްތެރިންގެ އޮލަ ވާހަކައަށް ހުއްޓުމެއް އައީ، އެ ހޯލުގެ ސްޓޭޖަށް އަރައި ޕްރެޒެންޓަރު ވާހަކަދައްކަން ފެށުމުންނެވެ. ޕްރޮޑިއުސަރު އަސްލަމްގެ ކުރު ވާހަކަކޮޅަކަށް ފަހު، ޕްރޮމޯޝަން ލަވައިގެ ހުށަހެޅުމެއް ދައްކާލިއެވެ.
އެކްޓަރުން ސްޓޭޖަށް ގެނައުމަށް ނަންތައް ގޮވަން ފެށިއެވެ. ހަތް ފަންނާނުން ސްޓާޖަށް އަރައިފިއެވެ. އޭރު ވެސް ރީކޯއެއް ނުފެނެއެވެ. ދެން ސްޓޭޖަށް ގެނައީ، އީސައެވެ.
ފިލްމު ކީއްވެގެ ޕްރިމިއާ ނައިޓުގައި އެ ފިލްމުގެ ޑައިރެކްޓަރާއި ބައެއް ތަރިން --- ފޮޓޯ/ ޖަވިޔަނިއީސަ ބުނި ގޮތުގައި، އޭނާ މި ފިލްމުގައި މަސައްކަތް ކުރީ ބޮލަށް ބުރަކަމެއް ލައިގެންނެވެ. އެއީ، 21 އަހަރަށް ފަހު އެނބުރި އައުމުން ބެލުންތެރިން އޭނާ ބަލައި ގަންނާނެކަން ޔަގީންނުވާތީއެވެ.
މި ފިލްމު ބެލުންތެރިންނާ ހަމައަށް އޭނާ ދޫކޮށްލީ، ސިނަމާގައި އަޑާއެކު އަމިއްލައަށް ބެލުމަށް ފަހުގައެވެ.
"އަޅުގަނޑު ޔަގީންކަން މި ދެނީ ރީތި ފިލްމެއް މިއީ. އަޅުގަނޑު ނުދަންނަވާނަން މޮޅު ފިލްމެކޭ،" އީސަ ބުންޏެވެ.
އެއަށް ފަހު, އީސަ ބުނި އެއްޗަކުން ސިނަމާގައި ތިބި ގިނަ ބަޔަކަށް ހައިރާންކަމާއި އުފާވެރިކަން ގެނުވިއެވެ. އެއީ، މި ފިލްމުގެ އިތުރު ރޯލުތަކުން އޭނާގެ އެއްމާބަނޑު ދެބެން ފެންނާތީއެވެ. އެއީ، ނައުރީން ޝަރީފާއި ނައުޝީން ޝަރީފެވެ.
އެ ދެބެންގެ އިތުރުން މި ފިލްމު ލީޑު ރޯލުން ރީކޯއާއި ޝީލާ ނަޖީބު ފެންނައިރު، އެހެނިހެން ރޯލުތަކުން އަލީ ޝަމީލްއާއި މަރިޔަމް ނިޝާއާއި އައިޝަތު ލައިޝާ ލަތީފް އައިމިނަތު ރިޝްފާގެ އިތުރުން އަލަށް ތައާރަފުކުރި އަޒްލީފް ޚަލީލް ފެނެއެވެ.
އީސާ ޝަރީފާއި އޭނާގެ އެއްމާބަނޑު ދެބެއިން --- ފޮޓޯ/ އޮލިމްޕަސްއެއަށްފަހު، ފަހަރަކު ފަންނާނަކަށް އީސަ ދިޔައީ ފިލްމުގައި އަދާކުރި ރޯލު ފާހަގަކޮށް، ތައުރީފު ކުރަމުންނެވެ. ވަކި ހިސާބަކުން އެ ތަނުގައި އެކަކު އަދި މަދު ކަމަށް ބުނެ، 'މޫސާ، ޒޫނާ' އަށް ގޮވާލައިފިއެވެ.
މުޅި ސިނަމާގެ އަޑު ގަދަކޮށްލިއެވެ. އެއީ، ބެލުންތެރިންގެ ތަރުހީބާއި ހަޅޭކުންނެވެ. ޚުދު އަހަރެންނަށް ވެސް ހަޅޭއްނުލާ ކެތެއް ނުވިއެވެ. އީސާއި މޫސަގެ ކުރު ވާހަކަކޮޅަކަށް ފަހު، 'ކީއްވެ' ބެލުންތެރިންގެ އަތް މައްޗަށް ދޫކޮށްލައިފިއެވެ.
މި ޚާއްސަ ހަފުލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމްގެ އިތުރުން މާލޭގެ މޭޔަރު އާދަމް އާޒިމް ބައިވެރިވެވަޑައިގަތެވެ. ފިލްމި ޕްރިމިއާ ކޮށްދެއްވީ، މައްލާ އަހުމަދު ނާސިރު (ނާބެ)އެވެ.
ފިލްމު ފަށަނީ ވެސް ލާމު އަތޮޅުގެ ރީތި މަންޒިލްތަކުގައި ރީކޯއާއި ޝީލާ ކުޅެފައިވާ ލޯބީގެ ލަވައަކުންނެވެ. އެއަށް ފަހު، މަންޒަރަކަށް ފަހު މަންޒަރެއް އަންނަމުން ދިޔައެވެ. އޭރު ވެސް ހިތަށް އަރަމުން ދިޔައީ ރީކޯއާއި ޝީލާގެ ކެމިސްޓްރީ ހާދަ ދިމާވެއެވެ. އަލަށް އެކުގައި ފެނުނު ބައެއް ވެސް ހިއެއް ނުވެއެވެ. ދެ މީހުންގެ އެކްޓިން ވެސް އެހާ މޮޅެވެ. ޚާއްސަކޮށް، އެތައް އަހަރަކަށް ފަހު އެނބުރި ސިނާމައަށް އައި ރީކޯގެ އެކްޓިންއަކަށް އަދި ވެސް ބަދަލެއް ނާދެއެވެ. އިހުސާސްތަކާއި މޫނަށް ގެންނަ އަސަރުތައް ވަރަށް މޮޅެވެ. އެހެން ގޮތަކަށް ބުނާނަމަ، ވަރަށް ނެޗުރަލްއެވެ.
ޝީލާގެ ހުނަރަށް ބެލިޔަސް، ރީކޯއާ ހަމަ ދޫނުކުރެއެވެ. މުޅި ފިލްމު އެއްކޮށްހެން ބިނާވެފައި އޮތީ ޝިލާއަށެވެ. އީސަ ބުނިހެން އެހާ އަސަރުގައި އެހެން ފަންނާނަކަށް އެ ރޯލެއް ނުކުޅެވޭނެއެވެ.
މިހެން ގޮސް، ފިލްމުގައި އުޅުނު ކުޑަކުދިންނާއި ހުރިހާ އެކްޓަރުންގެ ވެސް ހުނަރުތައް އެހާމެ ކުޅަދާނައެވެ. ކިތަންމެ ކުޑަ މަންޒަރެއް އަދާކުރި މީހަކު ވެސް އެ ކަންކޮށްފައި ވަނީ އެހާ ފުރިހަމައަށެވެ.
ރީކޯއާއި އޭނާގެ އަންހެނުން ރެޑު ކާޕެޓުގައި --- ފޮޓޯ/ ވަގުތުފިލްމު 'ކީއްވެ'ގައި ދައްކައިދެނީ ކުޑަ އާއިލާއެއް އުފާވެރިކަމުން ގޮސް، ހިނދުކޮޅެއް ތެރޭ ތުފާނީ ވޭނަށް ބަދަލުވާ ތަނެވެ. އަދި، އާއިލާގެ ޒިންމާދާރު މަގާމެއްގައި ހުންނަ މީހަކަށް ކުރެވޭ ކުޑަ ކަމަކުން މުޅި އާއިލާއަށް ކުރާ އަސަރު ވަރަށް ފުރިހަމައަށް ދައްކުވައިދެއެވެ. އެ ކަންކަމުގެ ތެރޭގައި އާއިލާއަށްޓަކައި މަންމައެއްވާ ގުރުބާނީ ފެންނަނީ މީހުންގެ ހިތްތަކާއި ކުޅެލާ ފަދަ އަސަރުގަދަ ގޮތަކަށެވެ.
މި ފިލްމުގެ މަންޒަރުތައް ބަލަމުން ދިޔައީ، ދެން ވާނެ ގޮތެއް ބަލަން ކެތްނުލަވާ ހާލުގައެވެ. ސީރިއަސް ވާހަކައެއްގެ ތެރެއިން ވެސް މަޖާ ޑައިލޮގުތައް ގެނެސްފައި ހުރި ގޮތް ވަރަށް ޗާލެވެ. އަސަރުގަދަ މަންޒަރުތައް ބަލަން ޖެހުނީ ފެންކަޅިވެފައި އިނދެއެވެ. މުޅި ސިނަމާ އޮތީ އެ މަންޒަރެއްގެ ތެރެއަށް ޣަރަގުވެ، ގެއްލި ހުސްވެފައެވެ.
ލޮލަށް ޖަމާވި ކަރުނަތައް ކޯތާފައްޗަށް ބަންޑުންވި ކިތަންމެ ފަހަރެއް އައެވެ. ގައިމު ވެސް އަހަރެންނަށް މި ފިލްމު އެހާ އަސަރުގަދައެވެ. އެހެންކަމުން މި ފިލްމަށްދާއިރު، ކޮންމެހެން ޓިޝޫ ބޭނުންވެދާނެ ކަމަށް ގަބޫލުކުރަމެވެ.
ފިލްމުގައި ރޯލުތަކެއް ކުޅޭ ޝަމީލާއި ރިޝްފާ --- ފޮޓޯ/ އޮލިމްޕަސްޖުމުލަކޮށް ބުނާނަމަ، މިއީ ހަމަ ގިނަ ބައެއްގެ އެނބުރި އައުމަށް ވަރަށް ފުރިހަމަ ސާދާ ފިލުމެކެވެ. ކުރިން ހޯދި އިތުބާރު އެ ގޮތުގައި، ދަމަހައްޓަން އީސައާއި އަސްލަމަށް އެނގުނު ކަމުގެ ހެއްކެކެވެ.
ފިލްމު ބަލާ ނިމުމުން އެންމެން ކުރަމުން އަންނަ ސުވާލު 'ކީއްވެ'ގެ ޖަވާބު ވަރަށް ފުރިހަމައަށް ލިބޭނެއެވެ. މި ފިލްމާއި އެ ނަމާ ވަނީ އެހާ ރީއްޗަށް ގުޅިލާމެހިފައެވެ.
ކީއްވެ ފުރިހަމަ ވުމުގައި ސްކްރީނުގެ ފަހަތުގައި މަސައްކަތް ކުރި މީހުންނަކީ ވެސް ހަނދާނުން ފޮހެވޭނެ ބައެއް ނޫނެވެ. އެގޮތުން، އެކްޓަރުން ރީތިކޮށް، މޭކަޕު ކޮށްދިނީ އައިޝަތު ރަޝީދާ (ފީރޯޒް އައިސްތު)އާއި އެލްވީއެވެ.
މި ފިލްމު ލަވަތަކުގެ ލިރިކްސް ހެދީ، އަބްދުލް ހައްނާން އަބޫބަކުރެވެ. އެ ލަވަތައް ކިޔާފައި ވަނީ، މަރިޔަމް އަޝްފާއާއި މުމްތާޒް މޫސާއާއި ޒަޔާ މުހައްމަދު އަދި ނޫރައްދީން ބިން ހަސަން ޖަލާލެވެ. މި ފިލްމުގެ ކެމެރާ ކުރީ އިބްރާހިމް ޝުޖާއުވެ.
މި ފިލްމުގެ އަސަރު ގަދަ ވާހަކައިގެ ފަހަތުގައި ހުރީ، ކުޅަދާނަ ސްކްރީން ފްލޭ ލިޔުންތެރިޔާ މަހުދީ އަހުމަދެވެ.
މި ފިލްމަކަށް ފަހު، ގިނަ ބައެއްގެ ތަރުހީބު އަންނަނީ ލިބެމުންނެވެ. އެންމެންހެން ބުނަމުން އަންނަނީ، ފިލްމުގެ އެކްޓިންނާއި ހުރިހާ ކަމެއްހެން ވަރަށް ރީތި ކަމަށެވެ. އަދި، ނުރޯން އިން ނަމަވެސް ރޮވުނީ އަސަރުގަދަ ކަމުން ކަން އަންނަނީ ފާހަގަކުރަމުންނެވެ.
މިއީ، ގިނަ ބައެއްގެ ހިތްތަކުގައި ހަރުލާފައި ހުންނާނެ ފިލްމަކަށް ވާނެއެވެ.