ޗައިނާގެ ހައިނާން ޕްރޮވިންސުން، މުޙައްމަދު ނާއިލް ޙަފީޒް
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގެ ވަފުދަކުން ޗައިނާގެ ހައިނާންއަށް މި މަހުގެ 10ވަނަ ދުވަހުން 14ގެ ނިޔަލަށް ކުރި ދަތުރަކީ ހަމައެކަނި ތައުލީމީ ތަޖުރިބާތަކެއް ހޯދަން ކުރި ދަތުރެއް ނޫނެވެ. އެއީ ކަނޑުގެ ސައިންސްގެ ދިރާސާތަކާއި، މަސްވެރިކަމުގެ ތަޢުލީމު ކުރިއެރުވުމަށާއި، ކުރިއަށް އޮތް ޖީލުތަކަށް ކަނޑުގެ ސައިންސްވެރިން ތަމްރީނުކުރުމަށް ރާއްޖެއިން ގެންގުޅޭ ވިސްނުން އިތުރަށް ހަރުދަނާކޮށްދިން މުހިންމު ފެށުމެކެވެ.
އެމްއެންޔޫގެ ކޮލެޖް އޮފް ފިޝަރީޒް އެންޑް އޯޝަން ސައިންސަސްގެ ލެކްޗަރާއިންނާއި ދަރިވަރުންގެ އިތުރުން ޔުނިވާސިޓީގެ ބޭފުޅުން ކުރި މި ދަތުރުގައި އެ ވަފުދުން ވަނީ، ކަނޑުގެ ދިރުންތަކާއި މަސްވެރިކަމުގެ ދިރާސާތަކުގައި ޗައިނާގެ އެންމެ ކުރިއަރައިފައިވާ އެއް މުއައްސަސާ ކަމަށްވާ ހައިނާން ޔުނިވާސިޓީއަށް ޒިޔާރަތްކޮށްފައެވެ.
ދުނިޔޭގެ ފެންވަރުގެ ދިރާސާ ލެބޯޓްރީތަކާއި، ހަލުވިކަމާއެކު ހިނގަމުންދާ އެކުއަކަލްޗަ ފެސިލިޓީތަކާއި، މުރަކައިގެ ފަރުތައް އާލާކުރުމުގެ ޕްރޮގްރާމްތަކުގެ އިތުރުން، ދަރިވަރުން ސީދާ މަސްވެރިކަމުގެ ސިނާޢަތާ ގުޅުވައިދޭ ތަޢުލީމީ ނިޒާމުތަކުގެ މައުލޫމާތު މި ވަފުދުން ހޯދިއެވެ.
އިގްތިޞާދާއި ޤައުމީވަންތަކަން ކަނޑާ ވަކިނުކުރެވޭ ވަރަށް ލާމެހިފައިވާ ރާއްޖެ ފަދަ ޤައުމަކަށް، މިފަދަ ކަންކަމުގެ މުހިންމުކަން ވަރަށް ބޮޑަށް ހާމަވިއެވެ.

އެއްގޮތް ޖަޒީރާތަކެއް، އެއްގޮތް ގޮންޖެހުންތަކެއް
މި ދަތުރުގައި އެންމެ ބޮޑަށް ފާހަގަކުރެވުނު އެއް ކަމަކީ ހައިނާންއާއި ދިވެހިރާއްޖޭގެ ގުދުރަތީ ވެށީގައި ހުރި އެއްގޮތްކަމެވެ. މި ދެ ސަރަޙައްދަކީ ވެސް ހޫނު މޫސުމުގެ (ޓްރޮޕިކަލް) ޖަޒީރާތަކެކެވެ. ދެ ތަނުގައ ިވެސް މަސްވެރިކަމާއި ދަނޑުވެރިކަމުގެ ވަރުގަދަ ދައުރެއް އޮންނައިރު، ދެ ގައުމުގެ އިގްތިޞާދުވެސް މައިގަނޑު ގޮތެއްގައި ބިނާވެފައިވަނީ ދުޅަހެޔޮ ކަނޑުގެ ވެއްޓެއްގެ މައްޗަށެވެ.
ހައިނާން ޕްރޮވިންސްގެ ފޮރިން އެފެއާޒް އޮފީހުގެ ޑިވިޝަން އޮފް އިންޓަނޭޝަނަލް އިކޮނޮމިކް ކޯޕަރޭޝަންގެ ޑިރެކްޓަރު ހާން ޖިއާ، މި ދަތުރުގެ ތެރެއިން އެކަން ފާހަގަކުރެއްވިއެވެ.
"ހައިނާން ޕްރޮވިންސާއި ދިވެހިރާއްޖެ އޮންނަނީ ޓްރޮޕިކަލް ސަރަޙައްދުގައި. އަދި އަޅުގަނޑުމެންގެ މޫސުމާއި ތިމާވެށި ވަރަށް އެއްގޮތް. މީގެ އިތުރުން މަސްވެރިކަމާއި ދަނޑުވެރިކަމުގެ އިތުރުން ބައިނަލްއަޤްވާމީ ފަތުރުވެރިކަމުގެ މަންޒިލްތަކެއްގެ ގޮތުގައި ވެސް ދެ ތަނުގެ ދެމެދުގައި ވަރަށް ބޮޑު އެއްގޮތްކަމެއް އެބައޮތް،" އޭނާ ވިދާޅުވިއެވެ.
"ކުރިއަށް އޮތް ތަނުގައި ތަޢުލީމާއި، ފަތުރުވެރިކަމުގެ އިތުރުން ޒަމާނީ ޓެކްނޮލޮޖީގެ ދާއިރާއިން ދެ ފަރާތް ގުޅިގެން ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރެވިދާނެ."
ޗައިނާގެ ހައިނާނަށް އެމްއެންޔޫގެ ދަރިވަރުންނާއި ލެކްޗަރާއިންގެ ޓީމަކުން ކުރި ދަތުރުގައި ހައިނާން ޔުނިވާސިޓީގެ ސްކޫލް އޮފް މެރިން ބައިލޮޖީ އެންޑް ފިޝަރީޒްގައި -- ސަން ފޮޓޯތިމާވެށީގެ މި އެއްގޮތްކަމަކީ ހަމައެކަނި ޖޯގްރަފީގެ ގޮތުން ދައްކާލާ ވާހަކައެއް ނޫނެވެ. އޭގެ މާނައަކީ މުރަކައިގެ ފަރުތައް އާލާކުރުމާއި، އެކުއަކަލްޗަ އަދި ކަނޑުގެ ވެށްޓާ ގުޅޭގޮތުން ހައިނާން ޔުނިވަސިޓީން ކުރަމުންދާ ދިރާސާތަކަކީ، ރާއްޖޭގެ ކަނޑުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ސީދާ އެޅިދާނެ މުހިންމު ހައްލުތަކަކަށް ވުމެވެ.
ޒަމާނީ ސައިންސް: ދަރިވަރުންގެ ލޯ ހުޅުވައިދިން ތަޖުރިބާއެއް
ވަފުދުގައި ބައިވެރިވި ދަރިވަރުންނަށް މި ދަތުރު ވީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ފެންވަރުގައި ކަނޑުގެ ސައިންސްގެ ދިރާސާތައް ކުރިއަށްދާ ގޮތް ތަޖުރިބާކޮށްލަން ލިބުނު އަގުހުރި ފުރުސަތަކަށެވެ. އެމްއެންޔޫގެ ކޮލެޖް އޮފް ފިޝަރީޒް އެންޑް އޯޝަން ސައިންސަސްގެ ޑީން އަޙްމަދު ރިޔާޒު ޖައުހަރީ މި ތަޖުރިބާ ސިފަކުރެއްވީ، ޙަގީގަތުގައިވެސް ދަރިވަރުންގެ ވިސްނުން ފުޅާކޮށް، ލޯ ހުޅުވައިދިން ކަމެއްގެ ގޮތުގައެވެ.
"ހައިނާންގެ އެންމެ ޒަމާނީ ދިރާސާ މަރުކަޒުތަކުގައި ހިނގަމުންދާ އެންމެ ފަހުގެ މަޝްރޫޢުތައް، ޚާއްޞަކޮށް އެކުއަކަލްޗަރއާއި މުރަކައިގެ ފަރުތައް އާލާކުރުމުގެ މަސައްކަތްތައް ޢަމަލީ ގޮތުން ދެކިލުމުގެ ފުރުޞަތު ދަރިވަރުންނަށް ލިބުނު،" އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ވަފުދުން ވަނީ ސަންޔާގެ ވެސްޓް އައިލެންޑަށްވެސް ޒިޔާރަތްކޮށްފައެވެ. އެ ތަނުގައި ފުޅާ ފަތުރުވެރިކަމުގެ ވިޔަފާރިއަކާ ގުޅުވައިގެން ކަނޑުގެ ސައިންސްގެ ތަޢުލީމު ފޯރުކޮށްދެމުންދާ ނަމޫނާއަށް ދިވެހި ވަފުދުގެ ޚާއްސަ ޝައުގުވެރިކަމެއް އުފެދުނެވެ.
މި ދަތުރުން ފެނުނީ ދިރާސާކުރުމުގެ ޤާބިލުކަމުގެ ފަރަގާ މެދު ޑީން ރިޔާޒު ޖައުހަރީ ވާހަކަދެއްކެވީ ވަރަށް ޙަގީގަތާ އެއްގޮތަށެވެ. އަދި އެކަން ސިފަކުރެއްވީ ރާއްޖެއަށް އޮތް ބޮޑު ފުރުސަތެއްގެ ގޮތުގައެވެ.
"އެމީހުންގެ ސައިންޓިފިކް ކުރިއެރުންތައް މިވަގުތު އަޅުގަނޑުމެންނަށްވުރެ މާ ކުރީގައި އުޅެނީ.... ނަމަވެސް މިފަދަ ދަތުރުތަކާއި އޭގެ ސަބަބުން ބަދަހިވާ ގުޅުންތަކުގެ އެހީގައި ރާއްޖޭގެ ދިރާސީ ފެންވަރު އައު އުސްމިންތަކަކަށް ގެންދިއުމަށް މަގުފަހިވެގެންދާނެކަން ކަށަވަރު."
ދިވެހި މަސްވެރިކަމުގެ ތަމްރީނުތަކަށް އިންގިލާބީ ބަދަލެއް
މި ދަތުރުގެ އެންމެ އަމަލީ އެއް ނަތީޖާއަކީ ހައިނާން ޔުނިވާސިޓީން ރާއްޖެއަށް ހުށަހަޅާފައިވާ ތައުލީމީ މޮޑެލްއެވެ. އެ ޔުނިވާސިޓީގެ ސްކޫލް އޮފް މެރިން ބައޮލޮޖީ އެންޑް ފިޝަރީޒްގެ ޑީން ޕްރޮފެސަރު ޝިއޭ ސޮންގްގުއާންގް ވަނީ އެ ޔުނިވާސިޓީން ކާމިޔާބުކަމާއެކު ބޭނުންކުރަމުން އަންނަ "ސައިންސް އެންޑް ޓެކްނޮލޮޖީ ބެކްޔާޑް" ގެ އުސޫލު ތަފްސީލުކޮށްދެއްވާފައެވެ.
އެއީ ޔުނިވާސިޓީގެ ޔުނިޓުތައް ސީދާ މަސްވެރިކަމުގެ ކުންފުނިތަކުގެ ތެރޭގައި ގާއިމުކޮށް، ދަރިވަރުންނާއި ލެކްޗަރާއިން ސިނާއަތުގެ އަމަލީ މައިދާނަށް ނުކުމެ، ސީދާ ސިނާއަތަށް ދިމާވާ ހަގީގީ މައްސަލަތަކަށް ސައިންޓިފިކް ޙައްލު ހޯދައިދޭ ނިޒާމެކެވ
"މި ގޮތަށް މަސައްކަތް ކުރުމުން މަސްވެރިކަމުގެ ސިނާއަތަށް ކުރިމަތިވާ ފަންނީ ގޮންޖެހުންތަކަށް ސީދާ ޙައްލު ހޯދައިދެވޭ. އަދި ހަމައެއާއެކު، ސިނާއަތުގެ އަމަލީ ތަޖުރިބާއާއެކު ދަރިވަރުން ތަމްރީނުވެ، ދަސްވެނިވުމަށްފަހު ވަޒީފާގެ މައިދާނުގައި ސިނާއަތަށް އެންމެ ފުރިހަމައަށް ޚިދުމަތް ކުރުމުގެ ޤާބިލުކަން ލިބިގެންދޭ،" ޕްރޮފެސަރު ޝިއޭ ވިދާޅުވިއެވެ.
މި ނަމޫނާއަކީ މިހާރުވެސް ނެމީބިއާއާއި އިންޑޮނޭޝިއާގައި ކާމިޔާބުކަމާއެކު ތަންފީޒުކުރަމުން އަންނަ ނިޒާމެކެވެ. މި ދަތުރުގެ ތެރެއިން ހައިނާން ޔުނިވާސިޓީއާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީއާ ދެމެދު މަޝްވަރާތައް ވެސް ކޮށްފައިވެއެވެ.
"ދަރިވަރުން ތަމްރީނުކުރުމާއި ސިނާޢަތަށް ޚިދުމަތް ކުރުމުގެ މި ނަމޫނާ ދިވެހިރާއްޖެއަށް ގެނައުމަށް އަޅުގަނޑުމެން ފުރިހަމައަށް އެއްބާރުލުން ދޭނަން،" ޕްރޮފެސަރު ޝިއޭ ވިދާޅުވިއެވެ.

ތަޢުލީމު: ގައުމުތައް ގުޅުވައިދޭ ދެމެހެއްޓެނިވި ފާލަމެއް
ތަޢުލީމީ އަދި ދިރާސީ ދާއިރާގެ އިތުރުން، މި ދަތުރުން ހާމަވީ ތަޢުލީމީ ޑިޕްލޮމަސީގެ މުހިންމުކަމެވެ. ތަޢުލީމީ ބަދަލުކުރުންތަކާއި ޔުނިވާސިޓީތަކުގެ ގުޅުމުގެ ތެރެއިން ދެ ގައުމުގެ ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިވުމަކީ، ދެ ގައުމެއްގެ ދެމެދުގައި އޮންނާނެ އެންމެ ވަރުގަދަ އަދި ދެމެހެއްޓެނިވި އެއް ގުޅުމެވެ. ސިޔާސީ ބަދަލުތަކަށްވުރެ ދިގުދެމިގެންދާ މިފަދަ ގުޅުންތަކުގެ ސަބަބުން، ދިރާސާވެރިންނާއި، ޕްރޮފެސަރުންނާއި ދަރިވަރުންގެ މެދުގައި އިތުބާރު ބިނާވެ، ދެމިއޮވެއެވެ.
ހައިނާން ދަތުރުން ސާބިތުކޮށްދިނީ ރާއްޖެއާއި ޗައިނާގެ ގުޅުމަކީ ހަމައެކަނި ޢުމްރާނީ ތަރައްޤީއާއި ވިޔަފާރީގެ ގުޅުމެއް ނޫން ކަމެވެ. ދިވެހި ދަރިވަރަކު ހައިނާންގެ ޒަމާނީ ލެބޯޓްރީއެއްގައި ހުރެ، މާދަމާ އަމިއްލަ ގައުމުގެ ފަރުތައް ޙިމާޔަތްކުރުމަށް ބޭނުންކުރާނެ އިލްމާއި ހުނަރު ދަސްކުރާ ވަގުތުކޮޅުގެ އަގު، ކޮންމެ ރަސްމީ އެއްބަސްވުމަކަށްވުރެ ވެސް މާ މައްޗެވެ.
ހައިނާންއާއި ދިވެހިރާއްޖެ ޖޯގްރަފީގެ ގޮތުން ގުޅުވައިދެނީ ކަނޑެވެ. މިހާރު، ސައިންސާއި އިލްމު ވެސް މިވަނީ އެ ދެ ގައުމު އެއްގޮތް ވިސްނުމަކުން ގުޅުވާލަދީފައެވެ.