ހޯދަން އަންދާޒާކުރި ލޯނާއި އެހީގެ 96 އިންސައްތަ ނުލިބޭ

ރައީސް މުއިއްޒު: މި އަހަރު މިހާތަނަށް ލިބޭނެ ކަމަށް އަންދާޒާކުރި ލޯނާއި އެހީގެ 90 އިންސައްތަ ވެސް ނުލިބޭ --- ފޮޓޯ/ ރައީސް އޮފީސް

މި އަހަރުގެ ފެބްރުއަރީ މަސް ނިމުމާ ހަމައަށް މި ސަރުކާރުން ލިބޭނެ ކަމަށް އަންދާޒާކުރި އާމްދަނީ ވެސް ނުލިބުނުއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި ހިލޭ އެހީއާއި ލޯނުގެ 96 އިންސައްތަ ވެސް ނުލިބޭކަން ހާމަވެއްޖެއެވެ.

މިދިޔަ މަހު ދައުލަތަށް ލިބުނު އާމްދަނީ ވެސް ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ.

ސަރުކާރުން މަރުކަޒީ ބޭންކް، އެމްއެމްއޭއަށް ހުޅުމާލެއިން ބިމެއް ވިއްކައިގެން އެ ތަނުން 15 ބިލިއަނެއްހާ ރުފިޔާ އެމްއެމްއޭއިން ނަގަން މަސައްކަތްކުރާ ދަނޑިވަޅެއްގައި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ވަނީ ސަރުކާރުން ހުށަހެޅި ކޭޝްފްލޯ ރިޕޯޓުތަކުގައި އަންދާޒާކުރި ހިލޭ އެހީއާއި ލޯނުތައް ވެސް ނުލިބޭކަން ހާމަކުރައްވައިފައެވެ.

އޭނާ ހާމަކުރެއްވި މައުލޫމާތުގައި ވާގޮތުން:

  • ސަރުކާރުން ފެބްރުއަރީ 27 އާ ހަމައަށް ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އާމްދަނީއަކީ 9.1 ބިލިއަން ރުފިޔާ
  • ލިބުނީ 5.5 ބިލިއަން ރުފިޔާ، މިއީ އަންދާޒާކުރި ވަރަށްވުރެ 3.6 ބިލިއަން (39.5 އިންސައްތަ) މަދު އަދަދެއް
  • އެ މުއްދަތުގައި ލިބޭނެ ކަމަށް އަންދާޒާކުރި ހިލޭ އެހީއަކީ 408 މިލިއަން ރުފިޔާ
  • ލިބުނީ އެންމެ 40 މިލިއަން ރުފިޔާ، އެއީ 368 މިލިއަން ރުފިޔާގެ (90 އިންސައްތަ) ދަށްވުމެއް
  • އެ މުއްދަތުގައި ލިބޭނެ ކަމަށް އަންދާޒާކުރި ބޭރުގެ ލޯނަކީ 664 މިލިއަން ރުފިޔާ
  • ލިބުނީ އެންމެ 300،000 ރުފިޔާ، އެއީ 663.7 މިލިއަން ރުފިޔާގެ (99.95 އިންސައްތަ) ދަށްވުމެއް

https://sun.mv/202609

އެހެންވެ، ދައުލަތުގެ އާމްދަނީ އަންދާޒާކުރި ވަރަށްވުރެ 3.6 ބިލިއަން ރުފިޔާ ދަށްވިއިރު، ލިބޭނެ ކަމަށް އަންދާޒާކުރި ހިލޭ އެހީއާއި ލޯނުގެ 96 އިންސައްތަ ވެސް ނުލިބެއެވެ. ހިލޭ އެހީއާއި ލޯނުގެ ގޮތުގައި ލިބޭނެ ކަމަށް ޖުމުލަ އަންދާޒާކުރީ 1،072 މިލިއަން ރުފިޔާއެވެ. އެކަމަކު، ލިބުނީ ޖުމުލަ 40.3 މިލިއަން ރުފިޔާއެވެ.

މެންބަރު އަޒާން ވަނީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)އިން ވެސް އެދުނު ގޮތަށް ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް ވަގުތުގައި ތަންފީޒުކުރަން ސަރުކާރަށް ގޮވާލައިފައެވެ.

ދައުލަތުގެ އާމްދަނީ ދަށްވި ސަބަބާ ގުޅޭ ގޮތުން މީގެ ކުރިން ނޫސްވެރިން އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދާ ސުވާލުކުރި ނަމަވެސް އާމްދަނީ ދަށްވާން މެދުވެރިވި ސީދާ ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ފަހުން ވެސް އެ ސަބަބާ ގުޅޭ ގޮތުން އޭނާ އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

https://sun.mv/203558

ފާހަގަކޮށްލެވޭ ގޮތުގައި ހުޅުމާލެއިން އެމްއެމްއޭއަށް ބޮޑު ބިމެއް ވިއްކައިގެން 15 ބިލިއަން ރުފިޔާ ނަގަން މަސައްކަތްކުރާކަން 'ސަން'އަށް ވަނީ ކަށަވަރުވެފައެވެ. އެކަމަކު، ސަރުކާރުން މިހާތަނަށް ރަސްމީކޮށް އެ ކަމާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް ނުބުނެއެވެ.

އިގުތިސާދީ ދާއިރާގެ ބޭފުޅުން ވިދާޅުވާ ގޮތުގައި އެމްއެމްއޭގައި ހުންނަ ފައިސާ އިގުތިސާދަށް ނެރުމަކީ ފައިސާ ޗާޕުކުރުމެވެ. އެހެންވެ، ސަރުކާރުން ބިމެއް ވިއްކައިގެން އެމްއެމްއޭއިން ފައިސާ ނެގުމަކީ ވެސް ޗާޕުކުރުން ކަމަށް އެ ބޭފުޅުން ގަބޫލުކުރައްވައެވެ.

އެކަމަކު، ސަރުކާރަށް ތާއީދުކުރާ ޕީއެންސީގެ މަޖިލީސް މެންބަރުން ތަކުރާރުކޮށް ގެންދަވަނީ ފައިސާ ޗާޕުނުކުރާނެ ކަމަށް ވިދާޅުވަމުންނެވެ.

https://sun.mv/202775

ރާއްޖޭގެ މާލީ ހާލަތު ގޯސްވެ، ޚަރަދު ކުޑަކުރުން ނޫން ގޮތެއް ނެތް ކަމަށް ބޭރުގެ މާލީ އިދާރާތަކުން ބުނަމުން އަންނަތާ އެތައް ދުވަހެއް ވެއްޖެއެވެ. މިދިޔަ މަހު އައިއެމްއެފުން ރާއްޖެއާ ގުޅޭ ގޮތުން ނެރުނު ރިޕޯޓުގައި ވެސް ވަނީ އެ ވާހަކަ ތަކުރާރުކޮށްފައެވެ.

މި އަހަރަށް ސަރުކާރުން 56.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހެޅީ ޚަރަދުން 7.7 ބިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށް އަންދާޒާކޮށްފައެވެ. އެކަމަކު، ޚަރަދު ކުޑަކުރަން އަޅާނެ ކަމަށް އިއުލާނުކުރި ފިޔަވަޅުތައް ތަންފީޒުނުވާކަމުގެ ކަންބޮޑުވުން އޮތީ ބޮޑުވެފައެވެ. އެހެންވެ، އެ 7.7 ބިލިއަން ރުފިޔާ ޖެހޭނީ ސަޕްލިމެންޓްކުރަން ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވެސް ކުރިން ވިދާޅުވެފައިވެއެވެ.

comment ކޮމެންޓް