އާމްދަނީ ބޮޑުވެލާއިރަށް ޚަރަދު ހައްތަހައި ބޮޑުވެއެވެ. ޚަރަދު ކުޑަކުރާށޭ، ކުޑަކުރާށޭ ކިޔާ ވަރަކަށް އެ ވަނީ ބޮޑެވެ. ބޭރުގެ އިދާރާތަކުން ވެސް 2021 އިން ފެށިގެން ނުހުއްޓި އެ ގޮވަނީ 'ހެޔޮ ނުވާނޭ، ތިޔަ ޚަރަދު ކުޑަކޮށްބަލާށޭ'އެވެ. އެކަމަކު، މި ތަނުގައި މި އުޅޭ މީހުންނަކަށް އެ އަޑެއް ނީވެއެވެ.
ކްރެޑިޓް ރޭޓިން އެޖެންސީ، މޫޑީސްއިން ވަނީ ރާއްޖެއަށް "ސީއޭއޭ2" ރޭޓިން ދަމަހައްޓައިފައެވެ. އެއީ، ކާމިޔާބީއެއް ނޫނެވެ.
އެ މީހުން މައިގަނޑު ގޮތެއްގައި ފާހަގަކުރީ އިންޑިއާ އަތުން ލިބުނު ޑޮލަރުކޮޅުން ރިޒާވް ކުޑަކޮށް ރަނގަޅުވި ކަމެވެ. އިތުރު ޑޮލަރު ކޮޅެއް ހޯދަން ފަތުރުވެރިކަމުން ނަަގައި ޓެކްސްތައް ބޮޑުކުރާކަން ފާހަގަކޮށް، އެ ކަމުން ފައިދާއެއް ވެދާނެ ކަމަށް ބުންޏެވެ.
އެކަމަކު، އެ މީހުންގެ މައިގަނޑު ވާހަކައަކީ ޚަރަދު ކުޑަނުކުރަންޏާ ސަލާމަތެއް ނުވާނޭއެވެ.
މީހުންނަށް އަޑުނީވެނީ އެ ވާހަކައެވެ. އިސްލާހީ ފިޔަވަޅުތަކަށް ބޭރުގެ މާލީ އިދާރާތަކުން މަރުހަބާ ކިޔައެވެ. އެކަމަކު، އެ މީހުން ބުނާ ވާހަކައަކީ ފިޔަވަޅުތަކެއް އިއުލާނުކުރިޔަކަސް މި ކަމެއް ނުވާނޭއެވެ. ޚަރަދު ކުޑަކުރަން މިކަން ކުރާނަމޭ ބުނެފައި، އަނެއް ދުވަހު އިރުއަރާއިރު ނިންމުން އޮންނަނީ ބަދަލުވެފައެވެ.
ޚަރަދު ކުޑައެއްނުވޭ
މިދިޔަ އަހަރާ ބަލާއިރު މި އަހަރު މިހާތަނަށް 756 މިލިއަން ރުފިޔާ އިތުރަށް ޚަރަދުކޮށްފިއެވެ. އެންމެ ފަހުގެ ހިސާބުތައް ބުނާ ގޮތުން، މިހާތަނަށް 45 ބިލިއަން ރުފިޔާ ޚަރަދުކޮށްފިއެވެ. މިދިޔަ އަހަރާ އަޅާކިޔާއިރު ދުވަހުން ދުވަހަށް ސަރުކާރުން ހިންގަން ކުރި ޚަރަދު 1.2 ބިލިއަން ރުފިޔާ ވީ ބޮޑެވެ.
އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 31 ބިލިއަން ރުފިޔާ ލިބުންއިރު ދުވަހުން ދުވަހަށް ސަރުކާރު ހިންގަން 30 ބިލިއަން ޚަރަދުވެއްޖެއެވެ.
ސިޔާސީ މަގާމުތަކުގައި ތިބީ ކިތައް 'ބޭފުޅުން' ކަމެއް ނުވެސް އެނގެއެވެ. އެ ނޭނގޭ ލިސްޓުން 228 އަށްވުރެ ގިނަ މީހުން ވަކިކުރާނެ ކަމަށް އިއުލާނުކުރިޔަސް، ވަކިކުރި މީހުން ވެސް އޮތީ ސިއްރެއްގެ ގޮތުގައެވެ. އެޔެއް މިއެއް ނޭނގެއެވެ. ހިސާބު ފޮތުން ފެންނަނީ މުސާރައާއި އިނާޔަތްތަކަށް ކުރި ހޭދަ މިދިޔަ އަހަރާ ބަލާއިރު 1.4 ބިލިއަން ރުފިޔާ އިތުރުވެފައި އޮތް ތަނެވެ.
ނޮވެމްބަރު 28 ގެ ނިޔަލަށް 31.1 ބިލިއަން ރުފިޔާ ލިބުނުއިރު އެއީ މިދިޔަ އަހަރަށްވުރެ 709 މިލިއަން އިތުރު އަދަދެކެވެ. އެކަމަކު، އެ ބައި އޮތީ ޚަރަދަށް ދުއްވާލައިފައެވެ. އެ މުއްދަތުގައި ޚަރަދު އޮތީ މިދިޔަ އަހަރަށްވުރެ 756 މިލިއަން ރުފިޔާ އިތުރަށް ކޮށްފައެވެ.
ޑިސެމްބަރަށް އެޅީއިރު 11.7 ބިލިއަން ރުފިޔާ އޮތީ ދަރަނިވެފައެވެ. އެއީ، 2010 ވަނަ އަހަރުގެ ޖުމުލަ ބަޖެޓެވެ! އަހަރު ނިމޭއިރު 22 ބިލިއަން ދަރަނިވާނެއެވެ.
ޚަރަދު ބޮޑުވަމުން އައި ގޮތް
- 2008 ވަނަ އަހަރު ޖުމުލަ ޚަރަދުވީ 9.9 ބިލިއަން ރުފިޔާ
- 2009 ވަނަ އަހަރު ޖުމުލަ ޚަރަދުވީ 11.1 ބިލިއަން ރުފިޔާ
- 2010 ވަނަ އަހަރު ޖުމުލަ ޚަރަދުވީ 10.9 ބިލިއަން ރުފިޔާ
- 2011 ވަނަ އަހަރު ޖުމުލަ ޚަރަދުވީ 12.6 ބިލިއަން ރުފިޔާ
- 2012 ވަނަ އަހަރު ޖުމުލަ ޚަރަދުވީ 13.2 ބިލިއަން ރުފިޔާ
- 2013 ވަނަ އަހަރު ޖުމުލަ ޚަރަދުވީ 13.6 ބިލިއަން ރުފިޔާ
- 2014 ވަނަ އަހަރު ޖުމުލަ ޚަރަދުވީ 16.5 ބިލިއަން ރުފިޔާ
- 2015 ވަނަ އަހަރު ޖުމުލަ ޚަރަދުވީ 21.4 ބިލިއަން ރުފިޔާ
- 2016 ވަނަ އަހަރު ޖުމުލަ ޚަރަދުވީ 25.3 ބިލިއަން ރުފިޔާ
- 2017 ވަނަ އަހަރު ޖުމުލަ ޚަރަދުވީ 22.4 ބިލިއަން ރުފިޔާ
- 2018 ވަނަ އަހަރު ޖުމުލަ ޚަރަދުވީ 26.5 ބިލިއަން ރުފިޔާ
- 2019 ވަނަ އަހަރު ޖުމުލަ ޚަރަދުވީ 28.9 ބިލިއަން ރުފިޔާ
- 2020 ވަނަ އަހަރު ޖުމުލަ ޚަރަދުވީ 28.7 ބިލިއަން ރުފިޔާ
- 2021 ވަނަ އަހަރު ޖުމުލަ ޚަރަދުވީ 32.8 ބިލިއަން ރުފިޔާ
- 2022 ވަނަ އަހަރު ޖުމުލަ ޚަރަދުވީ 40 ބިލިއަން ރުފިޔާ
- 2023 ވަނަ އަހަރު ޖުމުލަ ޚަރަދުވީ 43 ބިލިއަން ރުފިޔާ
- މި އަހަރު މިހާތަނަށް ޖުމުލަ ޚަރަދުވީ 45 ބިލިއަން ރުފިޔާ
ފިޔަވަޅުތައް ތަންފީޒެއްނުވޭ
އާސަންދައާއި އެ ނޫން ވެސް ސަބްސިޑީތަކާއި އެހީތައް ހަމައެކަނި ބޭނުންޖެހިފައިވާ މީހުންނަށް ދިނުމަކީ އަހަރު ފެށުނީއްސުރެ ދައްކާ ވާހަކައެކެވެ. އަންނަ އަހަރުގެ ބަޖެޓުގައި ވެސް އިސްލާހީ ގިނަ ފިޔަވަޅުތަކެއް ހިމަނާފައިވެއެވެ. އެކަމަކު، އެ ކަންކަން ތަންފީޒުކުރެވޭނީ ކިހާ ވަރަކަށްތޯ އެއީ މިހާރު ހަމަ ގައިމު ވެސް އުފައްދާ ސުވާލެކެވެ.
ޖެނުއަރީން ފެށިގެން ޑަބަލް ޕެންޝަން އުވާލަން ވެސް އިއުލާނުކުރިއެވެ. ޖެހިގެން އައި ދުވަހު ކުރީ ބާތިލެވެ. ފުލުހުންނާއި ސިފައިންނަށް ދޭ މެޑިކަލް އިންޝުއަރެންސަށް ވެސް ވީ އެހެންނެވެ.
ސަރުކާރުން ބުނަނީ ރައްޔިތުން ރުޅިއަރުވަން ބޭނުންނުވަނީ ކަމަށެވެ. ރައްޔިތުން ނުރުހޭ މަގަކުން ހިނގަން ބޭނުންނުވަނީއެވެ. އެ މީހުން ރުޅިއަރުވާފައި އިސްލާހީ ފިޔަވަޅެއް ވިޔަސް އަޅަން ނުރުހެނީއެވެ. އެހެންވެ، ނިންމުންތައް ބަދަލުކުރަނީ ކަމަށް 'އެކްޓިވިސްޓް ބޭފުޅުން' ލިޔުއްވާފައި ހުރެއެވެ. އެކަމަކު، އެއީ ހަގީގަތެއް ނޫނެވެ. ހަގީގަތަކީ އިއުލާނުކުރެވެނީ ބަލަންވާ ވަރަށް ނުބަލާ ކަމެވެ.
"އެއްވެސް ތައުލީމެއް ތަޖުރިބާއެއް ނެތް، ބޭރުގެ ގައުމަކަށް މަލާމާތްކޮށްގެން އިގުތިސާދަށް ދެތިން ބިލިއަން ޑޮލަރުގެ ގެއްލުން ދިން މީހަކަށް ވެސް ދައުލަތުގެ ކުންފުނިތަކުން އެބަ ޚަރަދު ކުރޭ 40،000 ރުފިޔާ މަހަކު. ދެން އަހަރެން ރިޓާޔާކުރީމާ މަހުން މަހަށް ލިބޭ ފައިސާ ކޮޅުތަ ބޮޑު އެއްޗަކަށް ވަނީ؟" މިއީ ސަލާމަތީ ބާރެއްގައި ވަޒީފާ އަދާކުރާ މީހަކު ދެއްކި ވާހަކައެކެވެ.
"އަހަރެމެންގެ ޖީބަށް އަތް ބާނައިގެން އެއްޗެއް ނަގަން ވާނީ ސަރުކާރު ކުޑަކޮށްފައި،"
ޖީބަށް އަތް ބާނަންވާނީ ސަރުކާރު ކުޑަކޮށްފައި
މިއީ ތާރީޚުގައި ވެސް އެންމެ މަތިބަރު ސަރުކާރެވެ. ޖުމުލަ 22 ވުޒާރާއެވެ. އޭގެ އިތުރަށް ރައީސް އޮފީހުގައި ވެސް ހަމަ އެ ވަރަށް ވަޒީރު ބޭފުޅުން އެބަތިއްބެވެ. ކޮންމެ ވުޒާރާއެއްގައި 20،30 އިން ނައިބު ވަޒީރުންނާއި ސްޓޭޓުން އެބަ ތިއްބެވެ.
ކުރިން 2،000، 3،000 މުވައްޒަފުން ލައިގެން ހިންގި ފެނަކައިގައި މިހާރު 7،600 މުވައްޒަފުން އެބަތިއްބެވެ.
އިންތިޚާބުތަކާ ދިމާކޮށް ރައްޔިތުން ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެއެވެ. މިދިޔަ ސަރުކާރުގައި ވެސް ކޮންމެ އިންތިޚާބަކާ ދިމާކޮށް ފެނަކައަށް އިތުރު މުވައްޒަފުން ނަގާނީ އެހެންވީމާތާއެވެ. ފޮތުގައި ކޮންމެ އެއްޗެއް ލިޔެފައި އޮތަސް ފެނަކަ ދަރައިވިކުނީ ސިޔާސީ ބޭނުމަށް އެތައް ހާސް މުވައްޒަފުންނެއް ނެގީމައެވެ. އަދިވެސް އެކަން ކުރަނީ އެ ގޮތަށެވެ.
ދަރަނި ހުރީ ކަންބޮޑުވާ މިންވަރެއްގައެވެ. އިސްކޮޅުނުކާ ވަރުގައެވެ. އަންނަ އަހަރު ދަރަންޏަށް 600 މިލިއަން ޑޮލަރު ދައްކަންޖެހެއެވެ. އޭގެ އަނެއް އަހަރު، 2026 ވަނަ އަހަރު އެއް ބިލިއަން ޑޮލަރު ދައްކަން ޖެހެއެވެ.
އެކަމަކު، ފެނަކަ ވިޔަސް އެހެން ކުންފުންޏެއް ވިޔަސް ނަން ކިޔާފައި މި ތަނުގައި މުވައްޒަފުން ތިބޭނީ ކޮންމެހެން ބޭނުންވާ ވަރަށޭ ބުނާނެ އެއްވެސް ކުންފުންޏެއް ނޯންނާނެއެވެ.
ކުރިން ވާހަކަދެއްކި މީހާ ވެސް ރުޅިއައީ އެހެންވެއެވެ. މި ހުރިހާ އިސްރާފެއް ކުރަމުން ޖީބަށް އަތްބާނަން އުޅޭތީއެވެ.
ހުއްޓުމެއް ނެތި ޚަރަދު ވަނީ ބޮޑެވެ. ކުޑަކުރާށޭ ބުނިއްޔާ ވަކިން ބޮޑެވެ. އިސްރާފު އޮތީ އަތުފަތުނޭޅޭ ހިސާބުގައެވެ. މި ކަންކަން މިހެން އޮއްވައި ރައްޔިތު މީހާ ކައިރީ ޚަރަދު ކުޑަކުރާށޭ ނުބުނެވޭނެއެވެ. އެ މީހާގެ ޖީބަށް އަމުދުން އަތެއް ނުބޭނޭނެއެވެ. މި އިސްރާފު ހިނގާހާ ހިނދަކު އެ ކަމާ ރުހޭނެ އެކަކު ވެސް ނުހުންނާނެއެވެ.