ނުރައްކަލުގެ ރަނގަބީލު؛ ސިއްހީ މާހިރުންގެ އަޑު އަހާކަށް ނުވޭ؟

ވޭޕް: ނުރައްކާތެރި މި ބާވަތް މަނާކުރަން ޖެހޭ ކަމަށް މާހިރުން ބުނޭ --

ގައިންގަޔަށް ނާރާ ބަލިތަކުގެ ޝިކާރައަކަށް ވާން މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބަކީ ދުންފަތުގެ އިސްތިއުމާލުކުރުމެވެ. އެ ވިހަ ދުންތަކަކީ އެ ފަދަ ބަލިތަކަށް މަގުފަހިވާ އެންމެ ބޮޑު ސަބަބެވެ. މިއީ ދިރާސާތަކުން ބުނެދޭ ހަގީގަތެވެ.

ވޭޕް ނުވަތަ ޕޮޑް ބޭނުންކުރުމަކީ 'ކޫލް' ކަމެއް ގޮތުގައި ސިފަކޮށް، އޭގެ ޝިކާރައަކަށްވާ ސްކޫލު ކުދިންނާއި ޒުވާނުން ނިސްބަތުން ރާއްޖޭގައި އަންނަނީ އިތުރުވަމުންނެވެ.

މި މަޅީގައި އެ އުމުރުފުރައިގެ ކުދިން ޖައްސަމުން އަންނަނީ އިންސްޓަގްރާމާއި ޓިކްޓޮކް ފަދަ ޒުވާނުން ބޭނުންކުރާ ޕްލެޓްފޯމްތަކުގައި، ދޮގު މައުލޫމާތުތަކެއް ދައްކައިގެންނެވެ. މި ވަބާ އިޝްތިހާރުކުރަނީ މިއީ ސިނގިރޭޓާއި ދުންފަތަށް ވުރެ ގެއްލުން ކުޑަވާނެ އެއްޗެއް ކަމަށް ބުނެއެވެ. ފައިދާތަކެއް ނުވިޔަސް، ގެއްލުން ކުޑަ އެއްޗެއް ގޮތުގައި ބުނެދީގެންނެވެ.

https://sun.mv/197183

ވޭޕުގެ ނުރައްކާ ވަރަށް ބޮޑު

ގިނަ މީހުން ވޭޕް ބޭނުންކުރަން ފަށަނީ ދުންފަތް ހުއްޓާލުމުގެ ނިޔަތުގައެވެ. ނުވަތަ، ޚަރަދު ކުޑަކުރުމުގެ ބޭނުމުގައެވެ.

އެކަމަކު، ވޭޕަށް ބަދަލުކުރުމުން އެ އާލާތް ބޭނުންކުރާ މިންވަރު އިތުރުވާން މަގުފަހިވެއެވެ. ސިނގިރޭޓު ބޭނުންކުރާއިރު، އެ ފޮށި ހުސްވުމުން ދުވާލެއްގެ މައްޗަށް ނުވަތަ މަހެއްގެ މައްޗަށް ބޮވެނީ ކިތައް ސިނގިރޭޓުކަން އެނގެއެވެ. އެއާ ޚިލާފަށް، އީ-ސިނގިރޭޓް ނުވަތަ ވޭޕް ބޭނުންކުރެވެނީ ކިހާ މިންވަރަކަށްކަން ލަފާކޮށްލާކަށް ނޭނގެއެވެ. އެއީ، ވޭޕްގެ ފްލޭވާ ހުސްވެއްޖެކަން އެނގެނީ ކާޓްރިޖް ހުސްވުމުން ކަމަށްވާތީއެވެ.

މި ވަބާ އިތުރަށް ފުޅާވެ، މިހާރު މާކެޓުގައި ތަފާތު ވައްތަރުގެ ފްލޭވާތައް ހިމެނޭހެން ވޭޕްތައް ވިއްކަން އެބަހުރެއެވެ. ނަމަވެސް، މި ބޭނުންކުރެވެނީ ކިހާ ނުރައްކާތެރި އެއްޗެއް ކަމެއް ގިނަ ފަހަރަށް ނޭނގެއެވެ. ސަބަބަކަށް ވަނީ ވޭޕް ކާޓްރިޖް އިންނަ ގޮތުން، އޭގެ ތެރޭގައި ގަޑުބަޑުކޮށްފައި ހުންނަ މާއްދާތަކެއް ބުނެދީފައި ނުވަތަ ލިޔެފައި ނުހުންނާތީއެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުމާއި، ވޭޕު ކުރުމާއި އީ-ސިނގިރޭޓު ބުއިން މާނަކަން އަންގައިދޭން ހަރުކޮށްފައިވާ ނިޝާނެއް --- ފޮޓޯ/ގެޓީ އިމޭޖަސް

ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން ވަނީ ވޭޕާއި އީ-ސިނގިރޭޓަކީ ދުންފަތުގެ ބާވަތެއް ކަމަށް ކަނޑައަޅާފައެވެ. ދުންފަތަކީ އެތައް ހާސް ކެމިކަލް މާއްދާއަކާއި 250 ވިހަ އެކުލެވޭ އެއްޗަަކަށްވާއިރު، އޭގެ 70 މާއްދާއިން ކެންސަރަށް މަގުފަހިވާ ކަމަށް ދިރާސާތަކުން ދައްކައެވެ.

މޯލްޑިވްސް އެންސީޑީ އެލަޔަންސްގެ އެކްސްކޯ މެންބަރު ޑރ. ފާތިމަތު ޝަރާ ޝަރީފް ވިދާޅުވި ގޮތުގައި، ވޭޕްގައި އެކުލެވޭ ނިކޮޓިންގެ މާއްދާއަކީ ހަށިގަނޑުގައި ހުންނަ މުހިންމު ހުރިހާ ގުނަވަނަކަށް އޭގެ ނޭދެވޭ އަސަރު ކުރާ މާއްދާއެކެވެ. މި މާއްދާގެ ސަބަބުން ހިތުގެ ލޭ ހޮޅިތައް ބެދުމާއި ސްޓްރޯކް ޖެހުމާއި ކިޑްނީ ބަލިތައް ޖެހުމަށް މަގުފަހިވެއެވެ.

އޭގައި އެކުލެވޭ ނިކޮޓިންގެ ސަބަބުން އިތުރަށް ވޭޕް ބޭނުންކުރަން މަގުފަހިކުރުވައެވެ. ދެވިހިފައެވެ.

https://sun.mv/194822

"ނިކޮޓިން މި މާއްދާއަކީ އޭގެ ސަބަބުން ލޭގް ޕްރެޝަރު މަތިވެ، ލޭގެ ޕްރެޝަރު މަތިވުމުގެ ސަބަބުން އެތައް އުނަދގޫތަކެެއް އިންސާނާގެ ހަށިގަނޑަށް ކުރިމަތިކުރުވާ ކެމިކަލެއް. އަދި، މީ ނުނަސް އެމެރިކަން ކެންސާ ސޮސައިޓީގައި ވެސް 2021ވަނަ އަހަރު ކޮށްފައިވާ ދިރާސާއަކުން ވެސް އެބަދައްކާ ޕުއްމާގޭ ކެންސަރު ޖެހުމަށް މަގުފަހިވާ ކަމަށް ބަޔާންކުރެވިފައިވާ 15 އިންސައްތަ ކަންކަމުގެ ތެރޭގައި ވޭޕްގެ އިސްތިއުމާލު ވެސް ހިމެނިފައިވާކަން،" ޑރ. ޝަރާ ކިޔައިދެއްވިއެވެ.

ވޭޕްގެ ވަބާގައި ޖެހޭ ސްކޫލު ކުދިން އިންތިހާއަށް އިތުރު

ރާއްޖޭގެ މުޅި މުޖުތުމައުގެ ސިއްހަތަށް ނުރައްކާތެރި މި ވަބާގައި ޖެހޭ ކުޑަކުދިންގެ އަދަދު އަންނަނީ އިތުރުވަމުން ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. ސްކޫލު އުމުރުގައި ދެ ޖިންސުގެ ކުދިން ވެސް ވޭޕާއި ޕޮޑް ފަދަ އާލަތްތައް ބޭނުންކުރުން ވަނީ އާންމުވެފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން 2019 ވަނަ އަހަރު ހެދި ސާވޭގައި ދައްކާ ގޮތުން، ރާއްޖޭގެ 13 އަހަރާއި 15 އަހަރުގެ އުމުރުފުރާގެ ކުދިންގެ ތެރެއިން 17.1 ޕަސެންޓު ކުދިން އީ-ސިނގިރޭޓް ނުވަތަ ވޭޕް ބޭނުންކުރެއެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކަށް ވުރެ މިހާރު ސްކޫލުތަކުގެ ކުދިން ވޭޕާއި އީ-ސިނގިރޭޓް ބޭނުންކުރާ މިންވަރު ދެގުނައަށް ނުވަތަ ތިންގުނައަށް އިތުރުވެފައިވާނެ ކަމަށް ދާއިރާގެ ތަޖުރިބާކާރުން ލަފާކުރައްވައެވެ.

https://sun.mv/196658

ވޭޕް ބޭނުންކުރަން ފެށުމުން ކުއްޖާއަށް ނޭދެވޭ އެތައް އަސަރެއް ކުރާ ކަމަށް ބެލެނިވެރިން ގަބޫލުކުރެއެވެ. ރުޅި ގަދަވުމާއި ރުންކުރުވުން ފަދަ މައްސަލަތައް ކުރިމަތިވާ ކަމަށް ބައެއް ބެލެނިވެރިން ބުންޏެވެ. އަދުގެ ޒުވާން ޖީލަކީ މާދަމާގެ މުސްތަގުބަލު ކަމަށްވާއިރު، ޖީލެއް ހަލާކު ނުވަނީސް ވޭޕްގެ ވަބާއިން އެ ކުދިން ސަލާމަތްކުރަން ޖެހެއެވެ.

ވޭޕުތަކެއް: މި ވަބާގެ ސަބަބުން އެތައް ނޭދެވޭ އަސަރުތަކެއް ކުރޭ --- ފޮޓޯ/ ޚަދީޖާ ޓައިމްސް

ވޭޕުގެ ނުރައްކާ ބޮޑު، ހޭލުންތެރިވާން ޖެހޭ

މޯލްޑިވްސް އެންސީޑީ އެލަޔަންސްގެ ފައުންޑަރު އައިމިނަތު ޝިރުހާނާ ސިފަކުރެއްވި ގޮތުގައި، ކުދިން ސިނގިރޭޓު ބޭނުންކޮށްފާނެތީ، ވޭޕް ބޭނުންކުރުމަކީ ބައެއް ބެލެނިވެރިންނަށް މައްސަލައަކަށްނުވެއެވެ. ކުދިން ވޭޕް ބޭނުންކުރި ނަމަވެސް، އެކަމާ އަޅައިނުލެވި ތިބެވެނީ ވޭޕަކީ ކިހާ ނުރައްކާތެރި އެއްޗެއްކަން ނޭނގޭތީކަން ޝިރުހާނާ ފާހަގަކުރެއްވިއެވެ.

އެހެންވެ، އެޑިއުކޭޝަން މިނިސްޓްރީން މި ފަހުން ވަނީ ސްކޫލުތަކަށް އަމާޒުކޮށްގެން ވޭޕް ކުރުމުގެ ނުރައްކާތެރިކަން ކިޔައިދީ، ހޭލުންތެރިކުރުވަން ސިލްސިލާ ބައްދަލުވުންތަކެއް ފައްޓާފައެވެ. މި ފަދަ ބައްދަލުވުންތައް ގިނަކޮށް، ބެލެނިވެރިންނަށް ވޭޕަކީ ކިހާ ނުރައްކާތެރި އެއްޗެއްކަން ބުނެދިނުން މުހިންމެވެ. އެއީ، ކޮންމެހެން ވެސް ކުރަންޖެހޭ ކަމެކެވެ.

https://sun.mv/197137

"އަޅުގަނޑުމެން އެދެނީ ތި ބޭފުޅުންގެ ކަންބޮޑުވުންތައް ހުރިއްޔާ އެކަން ފާހަގަކޮށްދެއްވާށޭ. މިކަމާ މެދު ވާހަކަދައްކަވާ ދެއްވާށޭ. މިކަމުގެ ތި ބޭފުޅުންގެ ޚިޔާލު ވެސް ފާޅުކޮށްދެއްވާށޭ. މިހާރު ވެސް މާ ލަސްވެއްޖޭ. އަވަހަށް މިކަމަށް ހައްލެއް ލިބިގެން ނޫނީ އަޅުގަނޑުމެންގެ ކުދިން ސަލާމަތެއް ނުކުރެވޭނޭ،" ޝިރުހާނާ ވިދާޅުވިއެވެ.

ހައްލަކީ ވޭޕް މަނާކުރުން

ޒުވާން ޖީލަކީ މި ފަދަ ނުރައްކާތެރި ވަބާތަކަށް ދެވި ހިފާފައިވާ ބައެއް ނަމަ، ގައުމުގެ މުސްތަގުބަލަށް ބޮޑު އަސަރެއް ކުރާނެއެވެ. ގައުމުގެ ކަންކަން ނަގަހައްޓައި، ކުރިއަރުވާނެ ސިއްހަތު ރަނގަޅު ބަޔަކު ނުތިބޭނެއެވެ. އެހެންކަމުން ކޮންމެ ބަޔަކު ރުޅިއަޔަސް، ވޭޕާއި ދުންފަތުގެ ބާވަތްތައް ރާއްޖެއަށް އެތެރެކުރުން ހުއްޓުވެން ޖެހެއެވެ.

މިހާ ގެއްލުން ބޮޑު ވަބާއެއް، އަވައްޓެރި ގައުމުތަކުން ވެސް މަނާކުރަމުން އަންނައިރު، ރާއްޖެ ފަދަ ކުޑަ ގައުމަކަށް މިކަން ނުވާންވީ ސަބަބެއް ނެތެވެ. މިހާތަނަށް 47 ގައުމަކުން ވޭޕް މަނާކޮށްފައިވެއެވެ. އޭގެ ތެރޭގައި، އަވައްޓެރި ސާކު ގައުމުތަކުގެ އިތުރުން ދެކުނު އޭޝިއާ، އެމެރިކާ ބައްރު، ޢަރަބި ބައެއް ގައުމުތަކާއި އޮސްޓްރޭލިޔާ ފަދަ ގައުމުތައް ހިމެނެއެވެ.

ވޭޕާއި އީ-ސިނގިރެޓޫން އަދުގެ ޒުވާން ޖީލު ސަލާމަތްކުރަން އެ ތަކެތި މަނާކުރުމަށް ރައްޖޭގެ އެތައް ޖަމިއްޔާއަކުން އަންނަނީ ކަމާ ބެހޭ އިދާރާތަކަށް ގޮވާލަމުންނެވެ. އެ ޖަމިއްޔާތަކުގެ ތެރޭގައި، މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަނާއި އެންސީޑީ އެލަޔަންސް ފަދަ ޖަމިއްޔާތައް ހިމެނެއެވެ.

https://sun.mv/196107

އެންސީޑީން މި ބާވަތްތައް އެތެރެކުރުން މަނާކުރަން ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރަން އެދިފައިވާއިރު، އެ ބާވަތްތައް މަނާކޮށްދޭން އެދި ސިޓީއެއް ވެސް ފޮނުވާފައިވެއެވެ.

ބަޔަކު ކިތަންމެ ރުޅިއަޔަސް، ގައުމުގެ މުސްތަގުބަލު ރައްކާތެރިކުރެވެން އޮތީ ހަރުކަށި އުސޫލުތަކެއް ހަދައިގެންނެވެ. މި ތަކެތި ރާއްޖެ އެތެރެކޮށް، ވިޔަފާރިކުރުން މިހާރުން މިހާރަށް ވެސް ހުއްޓުވަން ޖެހެއެވެ. އެއީ، ކޮންމެހެން ވެސް ކުރަންޖެހިފައި އޮތް ކަމެކެވެ.

comment ކޮމެންޓް