ވޭޕް ހުއްޓުވުމަށް އިނގިރޭސިވިލާތުގެ ޑޮކްޓަރުން ގޮވައިލައިފި

ވޭޕް ކުރުން ހުއްޓުވުމަށް އިނގިރޭސިވިލާތުގެ ޑޮކްޓަރުންގެ ޓީމަކުން ވަނީ ގޮވައިލައިފައި--- ފޮޓޯ/ޖެޓި އިމޭޖަސް

އިނގިރޭސިވިލާތުގައި ފެތުރެމުންދާ ވޭޕްކުރުމުގެ އާދައިން ޒުވާނުންނާއި ކުޑަކުދިން ސަލާމަތް ކުރުމަށް ޑިސްޕޮސެބްލް އީސިގިރެޓާއި އޭގެ ފްލޭވާތައް މަނާކުރުމަށް އެ ގައުމުގެ އިސް ޑޮކްޓަރުންގެ ޓީމަކުން ސަރުކާރަށް ގޮވާލައިފިއެވެ.

ޑޮކްޓަރުން އެ ގޮތަށް ގޮވާލާފައި ވަނީ ވޭޕާ ގުޅުން ހުރި ކަންބޮޑުވުންތަކާ އެކު ބްރިޓިޝް މެޑިކަލް އެސޯސިއޭޝަން (ބީއެމްއޭ) އިން ޝާއިއުކުރި ލިޔުމަކާ އެކުގައެވެ.

ބީއެމްއޭގެ އެ ރިޕޯޓުގައި ބުނެފައިވާ ވާގޮތުން ކުޑަކުދިންނަށް އަމާޒުކޮށްގެން ކުލަތަކާއި ބްރޭންޑިންގް އަދި ބަބަލް ގަމް ނުވަތަ ކެންޑީ ފްލޮސް ފަދަ ރަހަތައް ގެންގުޅެނީ ނިކޮޓީން އެޑިކްޝަނަށް މަގުފަހިވާ ވޭޕްގެ ވިޔަފާރި ރަނގަޅުކުރުމަށެވެ. އުމުރުން 11-17 އަހަރުގެ ކުދިންގެ ތެރެއިން ގާތްގަނޑަކަށް އަށް ޕަސެންޓް ކުދިން ވޭޕް ކުރާ ކަމަށް ލަފާކުރެވޭ ކަމަށްވެސް އެ ރިޕޯޓުގައިވެއެވެ.

އަދި ބޮޑެތިވަމުން އަންނަ ކުދިންނަށް އަމާޒުކޮށް ވޭޕް މާކެޓްކުރާކަން އެއީ އެންމެންނަށް ވެސް އެނގޭ ހަގީގަތެއް ކަމަށާއި ކުޑަކުދިންނާއި ޒުވާނުން ވޭޕްކުރާ މިންވަރު މިދިޔަ 10 އަހަރު ތެރޭ ހަ ގުނަ އިތުރުވެފައިވާ ކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ.

އަށާރަ އަހަރުން ދަށުގެ އެއްވެސް ކުއްޖަކަށް ވޭޕް ވިއްކުމަކީ ކުރިން ވެސް ގާނޫނާ ހިލާފު ކަމެއް ކަމަށް ކަނޑައަޅައިފައިވީ ނަމަވެސް، ކުޑަކުދިންނަށް އަދިވެސް އިތުރު ރައްކާތެރިކަން ބޭނުންވާ ކަމަށް ބީއެމްއޭގެ ބޯޑް އޮފް ސައިންސްގެ ޗެއާމަން ޕްރޮފެސަރު ޑޭވިޑް ސްޓްރޭން އެ ރިޕޯޓުގައި ވިދާޅުވެފައިވެއެވެ. ސްޓްރޭން ސިފަކުރައްވައިފައިވާ ގޮތުގައި އަހަރުމެން މި ދިރިއުޅެނީ "ވޭޕްގެ ބޮޑު ރޯގާއެއްގެ" ތެރޭގައެވެ.

އިނގިރޭސި ވިލާތުގައި އާދައިގެ ސިނގިރޭޓް ވިއްކުމުގައި، އިންޒާރުގެ ލިޔުންތައް ހިމެނުމާއި އެކި ފްލޭވާތަކުގެ އިތުރުން ބްރޭންޑިން މަނާކުރުން ފަދަ ފިޔަވަޅުތައް ވަނީ އަޅައިފައެވެ. ޑޮކްޓަރުން ގޮވާލާފައިވަނީ ހަމަ މި އުސޫލު އީ-ސިގިރެޓާ މެދު ވެސް ގެންގުޅުމަށެވެ.

އިނގިރޭސިވިލާތުގައި އެންމެ ފަހުން ވެރިކަމުގައި އޮތް ކޮންޒަވެޓިވް ޕާޓީން ވަނީ އެ ގައުމުގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމަށާއި ޑިސްޕޮސެބްލް އީ-ސިނގިރެޓް ކޮންޓްރޯލްކުރުމާއި އޭގެ ފްލޭވާތަކާއި ޕެކޭޖިން މަނާކުރުމުގެ ޕްލޭނެއް މި އަހަރުގެ ކުރީކޮޅު އިއުލާނުކޮށްފައެވެ. ނަމަވެސް މިހާރު އޮތް ލޭބާ ޕާޓީގެ ސަރުކާރުން މި ޕްލޭން ކުރިއަށް ގެންދާނެ ގޮތެއް އަދި ހާމައެއް ނުކުރެއެވެ.

comment ކޮމެންޓް