ދުންފަތާއި ވޭޕް އެތެރެކުރުން މަނާކުރަން ޑޮކްޓަރުންގެ ޖަމިއްޔާއިން ގޮވާލައިފި

މީހަކު ވޭޕް ބޮނީ: ދުންފަތާއި ވޭޕް އެތެރެކުރުން މަނާކުރަން ފިޔަވަޅުތައް އެޅުމަށް ޑޮކްޓަރުންގެ ޖަމިއްޔާއިން ގޮވާލައިފި ---- ފޮޓޯ/ އެޑޯބް ސްޓޮކް

ދުންފަތް އެކުލެވޭ އެކި ބާވަތްތަކާއި ވޭޕް ރާއްޖެ އެތެރެކުރުން މަނާކުރުމަށް ދިވެހި ޑޮކްޓަރުންގެ ޖަމިއްޔާ, މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަން (އެމްއެމްއޭ) މިއަދު ގޮވާލައިފިއެވެ.

ދިވެހި ޑޮކްޓަރުންގެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ، ދުނިޔެއާއި ރާއްޖެއަށް ކުރިމަތިލާން ޖެހޭ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ގައިންގަޔަށް ނާރާ ބަލިތައް ކަމަށެވެ. އެގޮތުން، ދުންފަތުގެ ބާވަތްތައް ބޭނުން ކުރުމަކީ ގައިންގަޔަށް ނާރާ ބަލިތައް ޖެހެން މަގުފަހިވާ ކަމެއް ކަމަށް އެތައް ދިރާސާއަކުން ސާބިތުވެފައިވާ ކަމަށް އެ ޖަމިއްޔާއިން ބުނެފައިވެއެވެ.

ދުންފަތުގެ ބާވަތްތައް ބޭނުން ކުރުމުން ޖެހޭ އެފަދަ ބަލިތަކުގެ ތެރޭގައި ނޭވާލާ ނިޒާމުގެ ބަލިތަކާއި ހިތުގެ ބަލިތަކާއި ހަކުރު ބަލީގެ އިތުރުން ސްޓްރޯކް ހިމެނެއެވެ.

ރާއްޖޭގެ ތަފާސްހިސާބުތަކާ ހަވާލާދީ އެބަޔާނުގައި ބުނެފައިވާ ގޮތުން އާންމުކޮށް ދުންފަތުގެ އިސްތިއުމާލު ކުރަން ފަށަނީ އުމުރުން 18 އަހަރުގެ ކުރިންނެވެ.

މީހަކު މަގުމަތީގައި ސިނގިރޭޓު ބޮނީ: ދުންފަތާއި ވޭޕް އެތެރެކުރުން މަނާކުރަން ފިޔަވަޅުތައް އެޅުމަށް ޑޮކްޓަރުންގެ ޖަމިއްޔާއިން ގޮވާލައިފި --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މީގެއިތުރުން، ދުންފަތަކީ އެތައް ހާސް ކެމިކަލް މާއްދާއަކާއި 250 ވިހަ އެކުލެވޭ އެއްޗަަކަށްވާއިރު، އޭގެ 70 މާއްދާއިން ކެންސަރަށް މަގުފަހިވާ ކަމަށް ދިރާސާތަކުން ދައްކާ ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

ދުންފަތުގެ ނުސީދާ ދުމަށް (ސެކަންޑް ހޭންޑް ސްމޯކިން) ހުށަހެޅުމުން ކުޑަކުދިންނަށް ނޭވާ ހިއްލުމާ ފުއްޕާމޭގައި ޖަރާސީމް އަށަގަތުމާއި ލޭގެ ކެންސަރު ޖެހުނ ފަދަ ސިއްހީ މައްސަލަތައް ދިމާވެއެވެ. މާބަނޑޫ މީހުންނަށް ބައިގެން ދިޔުމާއި ދުވަސްނުފުރާ ވިހެއުން، އުފަންވާ އިރު ދަރިފުޅުގެ ބަރުދަން ލުއިންވުން ފަދަ ހާލަތްތައް ކުރިމަތިވެއެވެ.މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަން

ހަމައެހެންމެ، ޑަބްލިއުއެޗްއޯއާ ހަވާލާދީ މެޑިކަލް އެސޯސިއޭޝަނުން ބުނީ، ޕުއްޕާމެއަށް ޖެހޭ ކެންސަރު ބަލީގެ 85 ޕަސެންޓު ސަބަބަކީ ދުންފަތުގެ ސީދާ ދުން ކަމަށާއި އަހަރަކު އަށް މިލިއަން މީހުން ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން އެކި ބަލިތަކުގައި މަރުވާ ކަމަށެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުމާއި، ވޭޕު ކުރުމާއި އީ-ސިނގިރޭޓު ބުއިން މާނަކަން އަންގައިދޭން ހަރުކޮށްފައިވާ ނިޝާނެއް: ދުންފަތާއި ވޭޕް އެތެރެކުރުން މަނާކުރަން ފިޔަވަޅުތައް އެޅުމަށް ޑޮކްޓަރުންގެ ޖަމިއްޔާއިން ގޮވާލައިފި --- ފޮޓޯ/ގެޓީ އިމޭޖަސް

އޭގެތެރެއިން، 1.3 މިލިއަން މީހުން މަރުވަނީ ދުންފަތުގެ ނުސީދާދުމުން ދުނިޔެ ދޫކުރާ މީހުންކަން ޑަބްލިއުއެއްޗްއޯއިން ފާހަގަކޮށްފައިވެއެވެ.

އިތުރަށް އެބަޔާނުގައި ބުނެފައި ވަނީ، ވޭޕާއި އީ ސިނގިރޭޓަކީ ގެއްލުން ކުޑަ އެއްޗެއް ކަމަށް ބުނާ ނަމަވެސް، އެ ބާވަތްތަަކަކީ ސިއްހަތަށް ގެއްލުން ހުރި ބާވަތްތައް ކަމަށް އެތައް ދިރާސާއަކުން ސާބިތުވެފައިވާ ކަަމަށެވެ.

ވޭޕްގައި އެކުލެވޭ ތަފާތު ޕްލޭވާތަކަކީ ޒުވާން ޖީލު މިކަމަށް ދެވިހުފުމަށް ބޭނުންކުރެވޭ އުކުޅަކަށް ދިވެހިރާއްޖޭގެ ތަފާސްހިސާބުތަކުން ވެސް ހާމަވެގެންދެއެވެ. މެންތޯލް އަދި ސިނަމަން ފަދަ ފްލޭވާ ތަކަކީ ޕުއްޕާމޭ ހަލާކު ކުރުވާ މައިގަނޑު ފްލޭވާ ކަން ދިރާސާތަކުން ވަނީ ދެނެގަނެވިފައެވެ.މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަން

އެ ޖަމިއްޔާއިން ބުނާ ގޮތުން، ވޭޕާއި އީ ސިނގިރޭޓުގައި މަސްތުވާތަކެތި ގަޑުބަޑު ކުރުމުގެ ފުރުސަތު ބޮޑު ކަމަށާއި މަސްތުވާތަކެއްޗަށް ދެވި ހިފުމަށް ވެސް މަގުފަހިވާކަމަށެވެ.

އެހެންވެ، ދުންފަތުގެ ބާވަތްތަކާއި ވޭޕް ރާއްޖޭގައި މަނާ ކުރަން ފިޔަވަޅުތަކެއް އެޅުމަށް ކަމާ ބެހޭ އިދާރާތަަކަށް އެ ޖަމިއްޔާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ދުނިޔޭގެ 34ގައި ގައުމެއްގައި ވޭޕް މަނާކޮށްފައިވާކަން ފާހަގަކޮށް އެ ޖަމިއްޔާއިން ބުނީ، ރާއްޖޭގައި އެކަން ކުރުމުން ދިވެހިންގެ އާންމު ސިއްހަތު ރަނގަޅުވެ، މުޖުތަމައުގެ ސިއްހީ ހާލަތަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ.

comment ކޮމެންޓް