ވޭޕް މަނާކުރަން އަވަސް ފިޔަވަޅުތަކެއް އަޅަން 7 ޖަމިއްޔާއަކުން ގޮވާލައިފި

ދުންފަތުގެ އިސްތިއުމާލު ކުރުމާއި، ވޭޕު ކުރުމާއި އީ-ސިނގިރޭޓު ބުއިން މާނަކަން އަންގައިދޭން ހަރުކޮށްފައިވާ ނިޝާނެއް: ވޭޕް އަދި އީ- ސިނގިރޭޓް މަނާކުރަން އަވަސް ފިޔަވަޅުތަކެއް އެޅުމަށް 7 ޖަމިއްޔާއަކުން ވަނީ ގޮވާލާފައި --- ފޮޓޯ/ގެޓީ އިމޭޖަސް

ރާއްޖޭގައި ވޭޕް އަދި އިލެކްޓްރޯނިކް ސިނގިރޭޓް މަނާކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަން މޯލްޑިވްސް އެންސީޑީ އެލަޔަންސްއިން ގޮވާލައިފިއެވެ.

މޯލްޑިވްސް އެންސީޑީސީ އެލަޔަންސްއަކީ ގައިން ގަޔަށް ނާރާ ބަލިތަކާ ދެކޮޅަށް ކުރާ މަސައްކަތުގައި އެއް ބަޔަކު އަނެއް ބަޔަކަށް އެއްބާރުލުންދީ އެކުގައި މަސައްކަތްކުރުމަށް އެކުލަވާލާފައިވާ ނެޝަނަލް އެލަޔަންސްއެކެވެ. މި އެލަޔަންސްގައި ހަތް ޖަމިއްޔާއެއް ހިމެނެއެވެ. އެއީ:

  • ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް
  • ޑައިބިޓިސް ސޮސައިޓީ އޮފް މޯލްޑިވްސް
  • ޓައިނީ ހާޓްސް އޮފް މޯލްޑިވްސް
  • ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަން
  • މޯލްޑިވިއަން ތެލަސީމިއާ ސޮސައިޓީ
  • މެންޓަލް ހެލްތު އެވެއާނަސް ފައުންޑޭޝަން
  • މޯލްޑިވްސް އެސޯސިއޭޝަން އޮފް ޕާސަންސް ވިތް ޑިސްއެބިލިޓީސް

އެންސީޑީސީން ވަނީ މި ހަތް ޖަމިއްޔާގެ ފަރާތުން ރާއްޖޭގައި ވޭޕް އަދި އީ- ސިނގިރޭޓް މަނާކުރުމަށްޓަކައި އަޅަންޖެހޭ އަވަސް ފިޔަވަޅުތައް އެޅުމަށް ކަމާ ބެހޭ އިދާރާތަކަށް ގޮވާލާފައެވެ.

އެ އެލަޔަންސްއިން ނެރުނު ބަޔާނެއްގައި ބުނީ، ވޭޕް އަދި އީ- ސިނގިރޭޓަކީ ދުންފަތުގެ ބާވަތެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައިވާއިރު ރާއްޖޭގައި ވޭޕްކުރުން މި ވޭތުވެދިޔަ އަހަރުތަކުގައި އިންތިހާއަށް އިތުރުވެފައިވުމަކީ އެ ޖަމިއްޔާތަކުގެ ކަންބޮޑުވުމެއް ކަމަށެވެ.

އެ ދެ ބާވަތުގެ އުފެއްދުންތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައް ގިނަ ކަމަށާއި ގައިންގަޔަށް ނާރާ ބަލިތަކަށް ހުށަހެޅޭ މިންވަރު އިތުރުވެ، ސިއްހީގޮތުން ނޭދެވޭ އެތަކެއް އަސަރުތަކެއް ވޭޕް އަދި އީ-ސިނގިރޭޓުން ހަށިގަނޑަށް ކުރަމުންދާ ކަމަށް ބުނެފައިވެއެވެ.

https://sun.mv/194822

އޭގައި އެކުލެވޭ ނިކޮޓިންއާއި އެހެނިހެން ކެމިކަލްތަކުގެ ސަބަބުން ކެންސަރު، ހިތުގެ ބަލި، ސްޓްރޯކް ފަދަ ގައިންގަޔަށް ނާރާ ބަލިތަކަށް ހުށަހެޅުމުގެ ފުރުސަތު އިތުރުވާކަމަށް އެތަކެއް ދިރާސާތަކުން ސާބިތުވާ ކަމަށް އެ ޖަމިއްޔާތަކުން ވަނީ ބުނެފައެވެ. ސިނގިރޭޓުގައި ހިމެނޭ ފޯމަލްޑިހައިޑް، އާސެނިކް، އެކްރޮލިން، ބެންޒިން އަދި ނިކޮޓިން ފަދަ ކެންސަރާއި އެހެނިހެން ގައިންގަޔަށް ނާރާ ބަލިތަކަށް މަގުފަހިކުރާ ކެމިކަލްތައް ވޭޕް އަދި އީ- ސިނގިރޭޓްގައި ހުންނާނެކަން ވަނީ ފާހަގަކޮށްފައެވެ.

އެ ބަޔާނުގައި ވަނީ ބައެއް ދިރާސާތަކުން ހޯދާފައިވާ ހޯދުންތަކުގެ މައްޗަށް ވެސް އަލިއަޅުވާލާފައެވެ. އެގޮތުން:

  • ފުއްޕާމޭގެ ކެންސަރު ޖެހުމަށް މަގުފަހިވާ ކަމަށް ބަޔާންކުރެވިފައިވާ 15 އިންސައްތަ މަސްދަރުތަކުގެ ތެރޭގައި ވޭޕްގެ އިސްތިއުމާލު ހިމެނެއެވެ.
  • ކެންސަރުގެ އިތުރަށް މި ތަކެތި ބޭނުންކުރުމުން ހަކުރުބަލި ޖެހުމުގެ ފުރުސަތު ވެސް ބޮޑެވެ.
  • ނިކޮޓިންގެ ސަބަބުން އިންސިއުލިން ރެސިސްޓަންސް އިތުރުވެ، ޓައިޕް 2 ޑައިބެޓީސްއަށް ހުށަހެޅުމުގެ ފުރުސަތު އިތުރުވެއެވެ.
  • ވޭޕް ބޭނުންކުރާ މީހުންގެ ތެރެއިން 30 އިންސައްތައަށްވުރެ ގިނަ މީހުންނަށް ހަކުރު ބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ.
  • ވޭޕް ބޭނުންކުރާ މީހުންގެ ތެރެއިން 40 އިންސައްތައަށްވުރެ ގިނަ މީހުންނަށް ހިތުގެ ބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ.
  • ދުންފަތުގެ އިސްތިއުމާލުކުރުމުން ހަކުރުބަލީގެ މީހުންނަށް ބަލީގެ ސަބަބުން ދިމާވާ އިތުރު މައްސަލަތައް ކަމުގައިވާ ހިތުގެ ލޭހޮޅިތައް ބެދުމާއި، ސްޓްރޯކް ޖެހުމާއި، ލޯ އަނދިރިވުމާއި، ކިޑްނީ ފެއިލްވުން ފަދަ ކަންކަން ބަލީގެ މާ ކުރީކޮޅު ދިމާވާނެއެވެ.

އެ ޖަމިއްޔާތަކުން ބުނީ، ވޭޕްގައި ތަފާތު ފްލޭވާތައް ބޭނުންކުރުމުގެ ނަތީޖާއެއްގެ ގޮތުން ދުންފަތުގެ ހިތި ރަހަ ގެއްލި، ޒުވާނުން އެ ކަމަށް ދެވިހިފުމުގެ ފުރުސަތު އިތުރުވާ ކަމަށެވެ. ނަތީޖާއެއްގެ ގޮތުން ޅަފަތުގައި ކުދިން ދުންފަތަށް ހުށަހެޅި ދުންފަތުގެ އިސްތިއުމާލު ފުރަތަމަ ކުރެވޭ އުމުރު ދަށްވެ، ގިނަ ޒުވާނުން 18 އަހަރު ނުވަނީސް ދުންފަތުގެ އިސްތިއުމާލުކުރާ ކަމަށް ބުނެފައިވެއެވެ.

ހަމައެއާ އެކު އެ ޖަމިއްޔާއިން ވަނީ ދުނިޔޭގެ 34 ގައުމެއްގައި މިހާރު ވޭޕް މަނާކޮށްފައިވާކަމަށް ބުނެފައެވެ. އެހެންކަމުން ރާއްޖޭގައި ވޭޕް އަދި އީ-ސިނގިރޭޓް މަނާކުރުމަށްޓަކައި އަޅަންޖެހޭ އަވަސް ފިޔަވަޅުތައް އެޅުމަށް ކަމާ ބެހޭ އިދާރާތަކަށް ގޮވާލާފައެވެ.

comment ކޮމެންޓް