މާލޭގެ މަގެއް މައްޗަށް ބަލާލިޔަސް، ކެފޭއަކަށް ބަލާލިޔަސް، ނުވަތަ ގިނަ ބަޔަކު އެއްވެ އުޅޭ އެހެން ތަނަކަށް ބަލާލިޔަސް އެ ތަނެއްގެ އެކި ހިސާބުން ދުން އަރާ މަންޒަރު ފެންނާނެއެވެ. ބޯ ދުންތަކެއް ދޫކުރަމުން އެ ދަނީ ވޭޕް ކުރުމަށް ފަހުއެވެ. މި ވަބާގެ އަޅުންނަށް ގިނައިން ވެފައިވަނީ ދެ ޖިންސުގެ ޒުވާނުންނެވެ. އެކަމަކު ކުޑަކުދީންނާއި އުމުރުން ދުވަސްވީ މީހުން ވެސް މި އިސްތިއުމާލު ކުރާލެއް މަދެއް ނޫނެވެ. މި ނުރައްކާތެރި ވަބާ މިވަނީ ރާއްޖޭގައި ވަރަށް އާއްމުވެފައެވެ.
ސިއްހަތަށް އިންތިހާއަށް ނުރައްކާތެރި ވޭޕްގެ ވިޔަފާރި ރާއްޖޭގައި ވަރަށް ފުޅާކޮށް ކުރަމުން އަންނަނީ އެއީ ވަރަށް "ކޫލް" ކަމެއްކަމަށް ދައްކައިގެންނެވެ. އެކަން ނުކުރަނީ މީހުންނަކީ "ކަޓް" ބައެއް ކަމަށް ދައްކައިގެންނެވެ. އިންސްޓަގުރާމް ފަދަ ޒުވާނުންގެ މެދުގައި މަގުބޫލު ޕްލެޓްފޯމްތަކުގައި ނުފޫޒުގަދަ މީހުން މެދުވެރިކޮށް މި ނުރައްކާތެރި ވަބާ އަންނަނީ ފާޅުގައި އިސްތިހާރު ކުރަމުންނެވެ. އަދި މިއީ ސިނގިރޭޓާއި ދުންފަތުގެ އެހެން އިސްތިއުމާލުތަކަށް ވުރެން ސިއްހަތަށް ގެއްލުން ކުޑަ އެއްޗެއް ކަމަށް ބުނެ ދޮގު އެތައް މައުލޫމާތެއް ފަތުރައި އެތައް ބަޔަކު ވަނީ މި މަޅީގައި ޖައްސައިފައެވެ.
ސިނގިރޭޓް ބުއިމަށް ވުރެން ހަރަދުގެ ގޮތުން ކުޑަވާނެ ކަމަށް ބުނެ ވޭޕް ކުރަން ފެށި އެތައް ބަޔަކު އެ ދެ ކަންތައް ވެސް ކުރަން ޖެހި އަތުން އެތައް ފައިސާއެއް ގެއްލުންހުރި އެއްޗަކަށް ހަރަދު ކުރަން ވަނީ ޖެހިފައެވެ.
ހިސާބުތަކުން ބިރުވެރި މަންޒަރެއް
ބޭރުގެ އެހެން ގައުމުތަކުން ރާއްޖެއަށް މުދާ ގެނެސްދީ ކްލިއާ ކޮށްދޭ ކުންފުނިތަކާ ވާހަކަ ދައްކާލުމުން ވެސް އެނގުނުގޮތުގައި އާއްމުން މިހާރު އެންމެ ގިނައިން ރާއްޖެ އެތެރެ ކުރާ އެއްޗަކީ ވޭޕްގެ ބާވަތްތަކެވެ. ތަފާސްހިސާބުތައް ވެސް އެކަމަށް ހެކިދެއެވެ.
ފާއިތުވި ތިން އަހަރު ރާއްޖެއަށް ވޭޕް އެތެރެކޮށްފައިވާގޮތުގެ ތަފާސް ހިސާބުތަކަށް ބަލާލާއިރު، 2021 ވަނަ އަހަރު 239006 ވޭޕް ޔުނިޓް އެތެރެ ކޮށްފައިވެއެވެ. އެއީ 28 މިލިއަން ރުފިޔާގެ ތަކެއްޗެވެ. އަދި 2022 ވަނަ އަހަރު 283709 ވޭޕް ޔުނިޓް އެތެރެ ކޮށްފައިވާއިރު އެއީ 30 މިލިއަން ރުފިޔާގެ ތަކެއްޗެވެ. އަދި 2023 ވަނަ އަހަރު 134076 ވޭޕް ޔުނިޓް އެތެރެ ކޮށްފައިވެއެވެ. އެއީ 22 މިލިއަން ރުފިޔާގެ ތަކެއްޗެވެ. ފާއިތުވި ތިން އަހަރު ރާއްޖެއަށް ވޭޕް އެތެރެ ކޮށްފައިވަނީ އަމިއްލަ މީހުންނާއި ކުންފުނިތައް ހިމެނޭގޮތަށް 74 ފަރާތެއް މެދުވެރިކޮށެވެ. އޭގެ ތެރެއިން ވޭޕްގެ ވިޔަފާރި ބޮޑަށް ޑޮމިނޭޓް ކުރަނީ ފަސް ކުންފުންޏަކުންނެވެ.
ކުޑަކުދިން ވެސް މަޅީގައި ޖައްސައިފި
މަސްތުވާތަކެތި ފަދައިން ވޭޕްފަދަ ސިއްހަތަށް ނުރައްކާތެރި ތަކެތި ވިޔަފާރި ކުރާ މީހުން ވެސް ކުޑަކުދިން މި ވަބާގައި ޖެއްސުމަށް ވަރަށް މަސައްކަތް ކުރެއެވެ. އެއީ އެ މީހުންގެ ވިޔަފާރީގެ ނަފާ މުސްތަގުބަލުގައި ވެސް އިތުރު ކުރުމަށެވެ. ރާއްޖޭގައި ވޭޕްގެ ކަންތައް ވެސް އޮތީ އެގޮތަށެވެ. މިކަން ސްކޫލުތަކުގައި ވެސް އެބަ ކުރެއެވެ.
ޑަބްލިއުއެޗްއޯއިން 2019 ވަނަ އަހަރު ނެރުނު ގުލޯބަލް ޔޫތު ޓޮބާކޯ ސާވޭން ބުނާގޮތުން ދިވެހިރާއްޖޭގައި ކިޔަވާކުދިންގެ ތެރެއިން 45 ޕަސެންޓް ކުދިން ކޮންމެވެސް ބާވަތެއްގެ ދުންފަތުގެ އިސްތިއުމާލު ކުރެއެވެ. އޭގެ ތެރެއިން 17 ޕަސެންޓް ކުދިންނަކީ ވޭޕް ކުރާ ކުދިން ކަމަށް އެ ރިޕޯޓްގައިވެއެވެ. މިދިޔަ އަހަރު ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނެރުނު ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖޭގައި އުމުރުން 13 އަހަރާއި 15 އަހަރާ ދެމެދުގެ 45 ޕަސެންޓް ކިޔަވާ ކުދިން ދުންފަތުގެ އެކިބާވަތްތައް ބޭނުން ކުރެއެވެ. އެއީ 52 ޕަސެންޓް ފިރިހެން ކުދިންނާއި 48 ޕަސެންޓް އަންހެން ކުދިންނެވެ.
މިދިޔަ އަހަރު މާލޭ ސަރަހައްދުގެ ސްކޫލްތަކުގެ ދަރިވަރުންގެ އަތުން 3000 އަށް ވުރެ ގިނަ ވޭޕް ސްޓިކް އަތުލާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ވޭޕްގެ ނަމުގައި މަސްތުވާތަކެތި ވިއްކުން އާއްމު
ކަމާބެހޭ އިދާރާއަކުން "ސަން" އަށް މައުލޫމާތު ދިން ގޮތުގައި ފަހަކަށްއައިސް ވޭޕްގެ ފްލޭވާ ކަމަށް ހަދައިގެން ޕޯސްޓް މެދުވެރިކޮށް ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރަމުންދާ މައްސަލަ ވަނީ އިތުރުވެފައެވެ. މިފަދަ އެތައް މައްސަލައެއްގައި އެތައް ބަޔަކު ހައްޔަރު ކުރިކަން ފުލުހުން މީގެ ކުރިން ހާމަ ކޮށްފައި ވެސް އެބަހުއްޓެވެ.
މިދިޔަ އަހަރާއި މި އަހަރުގެ މިހާތަނަށް ދިވެހި ފުލުހުން ހިންގި އޮޕަރޭޝަން ތަކުގައި މީހުން ދިރިއުޅޭ ތަންތަނާއި ދުއްވާ އުޅަނދުތައް ބަލައި ފާސްކޮށް މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެހި އަޅާފައި ހުރި 12 ފުލޭވާ ފުޅި އާއި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެޗެއްހުރި ހަ ސްޓިކް އަދި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް އަޅާފައި ހުރި 74 ވޭޕް ނުވަތަ ސްޓިކް ކާޓްރިޖް އަތުލައިގެންފައިވެއެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި އެ މައްސަލަތަކުގެ އިތުރުންވެސް ރާއްޖޭގެ ކުށުގެ ވެށީގައި ހަރަކާތްތެރިވާ ގުރޫޕްތަކުން ރާއްޖޭގެ ޤާނޫނުގައި މަސްތުވާތަކެތި ކަމަށް މިވަގުތު ކަނޑައަޅާފައި ނުވި ނަމަވެސް ޔުނައިޓެޑް ނޭޝަން އޮފިސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) ފަދަ ބައިނަލް އަޤްވާމީ ޖަމާޢަތްތަކުން މަސްތުވާތަކެތި ކަމަށް ކަނޑައަޅާފައިވާ މަސްތުވުމަށް ބޭނުންކުރާ މާއްދާތައް އެކުލެވޭ ވޭޕް އެތެރެކުރުމުގެ މަސައްކަތްކުރަމުންދާކަން ވަނީ ފާހަގަކުރެވިފައިވެއެވެ.
"އޭގެ އިތުރުން ވެސް މިފަދަ ގްރޫޕްތަކުން މަސްތުވާތަކެތި ނުހިމެނޭ ވޭޕްގެ ތެރެއަށް ކެނަބިސް އެއްކޮށް، އަލުން ބަންދުކޮށްގެން ފުޅާ ދާއިރާއެއްގައި ވިއްކަމުންދާކަން ފާހަގަކުރެވިފައިވޭ،" ސަންއަށް މައުލޫމާތު ދިން ކަމާ ގުޅުންހުރި އިދާރާއެއްގެ ބޭފުޅަކު ވިދާޅުވިއެވެ.
ދިވެހިރާއްޖެއަށް އާންމުކޮށް އެތެރެކޮށް ދައުރުކުރަނީ ޓެޓްރޮހައިޑްރޯކެނާބެނަލް އާއި ކެނަބިޑެއޮލް އޮއިލް ހިމެނޭ ބާވަތުގެ ވޭޕް އޮއިލްއެވެ. މި މާއްދާތަކަކީ މަސްތުވާތަކެތީގެ ބާވަތެއްކަމުގައިވާ ކެނަބިސްގައި އެކުލެވިގެންވާ މާއްދާތަކެކެވެ.
ދިވެހިރާއްޖެއަށް މި ތަކެތި އެތެރެކުރަނީ ވައިގެމަގުންނާއި ޕޯސްޓް މެދުވެރިކޮށެވެ. މިފަދަ އޮއިލްގެ އެކި މިންވަރު ފުޅީގައި އަދި ވޭޕް ފްލޭވާ ކާޓްރިޖްގައި އެތެރެކުރެއެވެ. މި ތަކެތި ވިއްކާ އިޝްތިހާރުކުރުމަށްޓަކައި އޮންލައިން މާކެޓްތައް އަދި ގުރޫޕްތައް ބޭނުންކުރަމުންދެއެވެ. އާންމުކޮށް މި ވިޔަފާރި ކުރަމުން އަންނަނީ ޓެލެގްރާމް ގުރޫޕުތައް މެދުވެރިކޮށެވެ.
މިއީ ބޮޑު ނުރައްކަލެއް
މި އިންޒާރުތައް ދެމުން އަންނަނީ ހަމަ އެކަނި ދިވެހި ޑޮކްޓަރުންނެއް ނޫނެވެ. ވޭޕްގެ ނުރައްކާތެރި ކަމުގެ ރަނގަބީލު ދުނިޔޭގެ އެތައް ޔުނިވާސިޓީއަކާއި ސިއްހީ އެތައް ތަޖުރިބާކާރުންނެއް ދިރާސާތަކުގެ އަލީގައި އެދަނީ ދެއްވަމުންނެވެ.
އައިޖީއެމްއެޗްގެ އެތެރެހަށީގެ ޑރ. މުޙައްމަދު ޢަލީ ވިދާޅުވާގޮތުގައި ވޭޕުން ފުއްޕާމޭ ފަޅައިގެން ދިއުން ފަދަ ނުރައްކާތެރި ޙާލަތްތައް މެދުވެރިވެރިވެއެވެ. މިކަމުގައި ސަމާލުވުމަށް ގޮވާލެއްވުމުގެ އިތުރުން ކުޑަކުދިންގެ މެދުގައި ވޭޕަށް ދެވިހިފަމުންދާ ދިއުމުގެ ކަންބޮޑުވުން އޭނާ ފާހަގަ ކުރެއްވެވިއެވެ.
ސައިންޓިފިކް ބައެއް ރިސާޗްތަކުން ދައްކާގޮތުގައި ވޭޕް ކުރުމަކީ މަސްތުވާތަކެއްޗަށް ދެވިހިފުމަށް މަގުފަހިވެގެންދާ ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެމެރިކާގެ ކޮލަންބިއާ ޔުނިވާސިޓީ މެއިލްމެން ސްކޫލް އޮފް ޕަބްލިކް ހެލްތްގެ ރިސާޗަރުން 2017 އިން 2019 އަށް ކުރިއަށްގެންދިޔަ ސާވޭއަކަށްފަހު ހާމަކޮށްފައިވާގޮތުގައި ދުންފަތުގެ އިސްތިއުމާލްކުރާ ފަރާތްތަކުގެ ތެރެއިން 8.03 ޕަސެންޓް މީހުންނަކީ ކެނަބިސްއަށް ދެވިހިފާފާނެ މީހުންނެވެ. އަދި ވޭޕް ކުރާ މީހުންގެ ތެރެއިން 20.31 ޕަސެންޓް މީހުންނަކީ ކެނަބިސްއަށް ދެވިހިފާފާނެ މީހުންނެވެ. އަދި ދުންފަތުގެ އިސްތިއުމާލުކޮށް ވޭޕް ކުރާ މީހުންގެ 40.1 ޕަސެންޓް މީހުންނަކީ ކެނަބިސްއަށް ދެވިހިފާފާނެ މީހުންކަމަށް އެ ސާވޭގެ ނަތީޖާއިން ދައްކައެވެ. މީގެ އިތުރުންވެސް ޅައުމުރުގައި ވޭޕް ކުރާ ކުދިން، ޒުވާން އުމުރުގައި މަސްތުވާތަކެތި ބޭނުންކުރަން ފަށާކަން ދިރާސާތަކުން ހާމަވެފައިވެއެވެ.
ހައްލަކީ ވޭޕް މަނާ ކުރުން
ޒުވާން އާބާދީއަށް ވުރެން އުމުރުން ދުވަސްވީ މީހުންގެ އާބާދީ ބޮޑުވަމުން އަންނަ މިގައުމުގެ ޒުވާން ޖީލަކީ މިފަދަ އެކިއެކި ވަބާތަކަށް ދެވި ހިފާފައިވާ ބަލި ބައެއް ނަމަ އެކަމުގެ އަސަރު ގައުމަށް ވަރަށް ބޮޑަށް ކުރާނެއެވެ. ގައުމުގެ އުފެއްދުންތެރިކަން ދަށް ވާނެއެވެ. އެހެންކަމުން ބަޔަކު އަދި ކިތަންމެ ރުޅި އަޔަސް މިފަދަ ކަންކަން ހުއްޓުވަން ޖެހެއެވެ.
ވޭޕާއި އީ ސިނގިރޭޓްގެ ނުރައްކާތެރި ކަމުގެ ސަބަބުން ދުނިޔޭގެ އެތައް ގައުމެއްގައި އެފަދަ އެއްޗެހި ބޭނުން ކުރުން ވަނީ މަނާ ކޮށްފައެވެ. އޭގެ ތެރޭގައި އެއް ބިލިއަން މީހުންގެ އާބާދީއެއް އޮންނަ އަވައްޓެރި އިންޑިއާ ވެސް ހިމެނެއެވެ. މިހާތަނަށް ދުނިޔޭގެ 47 ގައުމަކުން ވޭޕް ނުވަތަ އީ-ސިނގިރޭޓް މަނާކޮށްފައިވެއެވެ. މީގެ ތެރޭގައި ރާއްޖެ ހިމެނޭ އަވައްޓެރި ސާކު ޤައުމުތަކުގެ އިތުރުން ދެކުނު އޭޝިއާ، އެމެރިކާ ބައްރު، ޢަރަބި ބައެއް ޤައުމުތަކާއި އޮސްޓްރޭލިޔާ ފަދަ ޤައުމުތައް ހިމެނެއެވެ.
ބައެއްގައުމުތަކުން އަޅާފައިވާ ފިޔަވަޅުތަކަށް ބަލާލާއިރު، އެއްފަހަރު ބޭނުން ކުރާ ވޭޕް އެތެރެ ކުރުން މަނާ ކުރުމާއި ޕްރިސްކްރިޕްޝަންއެއް ނެތި ވޭޕް އެތެރެ ކުރުން މަނާކުރުމާއި މިނިމަމް ކޮލެޓީއެއް ކަނޑައަޅައި ބައެއްކަހަލަ ކުލަތަކާއި، އިންގްރެޑިއެންޓްސް ހުންނަ ފުލޭވާތައް އެތެރެކުރުމާއި ވިއްކުން މަނާކުރުން ހިމެނެއެވެ. އަދި ނިކޮޓިން ކޮންސެންޓްރޭޝަން އަދި ނިކޮޓިން ވޮލިއުމްދަށް ވޭޕް ފުލޭވާ ނޫނީ އެތެރެ ނުކުރެވޭ ގޮތަށް ހެދުން، ވޭޕް އަދި އޭގެ ފުލޭވާއިން ނަގާ ޑިއުޓީ ބޮޑު ކުރުން ވެސް ހިމެނެއެވެ. ހަމަ އެހެންމެ އީ-ސިނގިރޭޓާއި ވޭޕް ފަދަ ތަކެތި ވިއްކާ އުމުރު މަތިކުރުމާއި ވޭޕް ކުރުން މަނާ ސަރަޙައްދު ތަކެއް ކަނޑައަޅައި އެ ސަރަހައްދު ތަކުގައި ވޭޕް ކުރާނަމަ ޖޫރިމަނާ ކުރުން ނުވަތަ ޖަލަށްލުން ފަދަ ކަންކަން ކުރުން ހިމެނެއެވެ.
ރާއްޖޭގައި މިކަން ބޮއްސުން ލާފައިވާއިރު ދެން މި މައްސަލަ ހައްލު ކުރެވެން އޮތީ ވަރަށް ހަރުކަށި ފިޔަވަޅުތަކެއް އަޅައިގެންނެވެ. އޭގެ ތެރެއިން އެންމެ މުހިންމު އެއް ފިޔަވަޅަކީ މިތަކެތި ރާއްޖެ އެތެރެކޮށް، ވިއްކުން މަނާ ކުރުމެވެ.