ނަޝީދަށް ވެސް މައުމޫން ކުރެއްވި ހިތި ތަޖުރިބާ: ބާކީވަނީ؟

ރައީސް މުޙައްމަދު ނަޝީދާއި ރައީސް މައުމޫން-- ފޮޓޯ:ވީނިއުސް

ރަން ޒަމާންގައި އެއީ، ދެވަނައެއް ނުވާ ދެ ޝަހްސިއްޔަތެވެ. ޕާޓީގައި އެއީ ރަސްރަސްކަލުންނެވެ. އެ ބޭފުޅުން ހިތްޕުޅާ ނުވާ ގޮތަކަށް އޭރު އެއް ކަމެއް ވެސް ނުކުރެވެއެވެ.

އެކަމަކު، ފެންނަމުން މިދަނީ، ދެ ބޭފުޅުން ދާދި އެއްގޮތަކަށް ނިމިދާ ތަނެވެ. ސިޔާސީ ގޮތުން ބާކީ ވެދާނެ މަންޒަރެވެ.

ވެރިކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ހޮވިވަޑައިގަތުމާ އެކު ދެބޭފުޅުންގެ މެދުގައި އުފެދުނު ހިޔާލު ތަފާތުވުންތައް ބޮޑުވެ، އެކުގައި ނުތިއްބެވޭ ވަރަށް ފިތުނައިގެ ހުޅުކޮޅު ރޯވީއެވެ. އެއް އާއިލާއެއް ގޮތަށް ދޮންކުރި އެމްޑީޕީ މުޅިން ބައިބައިވެ، ދެކަފިވީއެވެ.

އަރައިރުން ބޮޑުވެ، އެމްޑީޕީގެ ރައީސްކަމުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވައި ހުރިހާ މަޖިލީސް މެންބަރުން އެކުގައި ޕާޓީން ވަކިވީއެވެ. އުމުރު ދުވަހު، އެ ފިކުރެއްގައި ދެމިތިބި ބޭފުޅުން އެ ޕާޓީ ދޫކޮށް، އާ ޕާޓީއެއް އުފަންކުރަން މަސައްކަތް ފެށީއެވެ. އެމްޑީޕީގެ ދިގު ތާރީޚުގައި މުޅިން އާ ކަމެކެވެ.

ރައީސް މުޙައްމަދު ނަޝީދު -- ސަން ފައިލް ފޮޓޯ

އެކަމަކު، މިއީ ދިވެހިންނަށް އާ ކަމެއް ނޫނެވެ. ސިޔާސީ މި ފިލުމު ގިނަ ދިވެހިން ބަލައިފިއެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސިޔާސީ ހަޔާތްޕުޅު ވެސް ނިމިދިޔައީ ދާދި އެއްގޮތަކަށެވެ.

ފިކުރު ދިރިދާނެތަ؟

އެމްޑީޕީ އުސޫލުތަކާ ހިލާފު ވެއްޖެއެވެ. ގަބޫލުކޮށްގެން ތިބި އަސާސްތައް އޮޅާލައި، ވަކި ބޭފުޅެއްގެ ހިމާޔަތަށް ނުކުތް ކަމަށް ތުހުމަތު ކުރައްވައި ނަޝީދު އަރިސް މެންބަރުން އެމްޑީޕީއަށް ނުގޮވާކަށް އެއްޗެއް ނެތެވެ. އެހެންވެ، އެ ބޭފުޅުން ނިންމީ، އެމްޑީޕީގެ އަސާސްތައް ގަބޫލުކުރާ އާ ޕާޓީއެއް، ފިކުރެއްގެ ދިރުން ޕާޓީގެ ނަމުގައި އުފަން ކުރާށެވެ.

"މިއަދުގެ އެމްޑީޕީއަކީ އެ އަސާސްތަކުގެ ޕާޓީއެއް ނޫން. މިއަދުގެ އެމްޑީޕީއަކީ ވައްކަމުގެ ހާއްޔަކަށް ހަދައިފި. އެ ވައްކަމުގެ ހާލީގައި އަޅުގަނޑުމެން ތިބެން ބޭނުން ނެތީ،" މަޖިލީހުގެ ނައިބު ރައީސްކަން ކުރައްވާ އީވާ އަބްދުﷲ އިއްޔެ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ވަކިން ނުކުމެ، އާ ޕާޓީއެއް އުފައްދަން ޖެހުނީ އެހެންވެ ކަމަށެވެ. އުސޫލުތަކާ ފެޔަށް ޖެހި، މުޅި ޕާޓީ ބައިބައިވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

https://sun.mv/177532

އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވެސް ވިދާޅުވީ އެފަދައިންނެވެ. މުޅި ޕާޓީ ބައިބައިވީ އަސާސްތަކާ ފެޔަށް ޖެހި، އުސޫލުތައް ގެއްލުވައިލުމުން ކަމަށް އޭނާ ތުހުމަތު ކުރައްވައެވެ. އެހެންވެ، އާ ޕާޓީއެއް އުފަން ކުރުން ނޫން އިތުރު ގޮތެއް ނެތުނީ ކަމަށް އެ ބޭފުޅުން ސިފަ ކުރައްވައެވެ.

އެކަމަކު، ސުވާލަކީ އެމްޑީޕީ އެތެރޭގެ ތިން އިންތިޚާބުން ވެސް ނާކާމިޔާބުވެ، ސިޔާސީ ގޮތުން ނިކަމެތިވެފައިވާ ނަޝީދަށް، އެ މަނިކުފާނުގެ ފިކުރު ދިރުވިދާނެތޯއެވެ؟

"އަޅުގަނޑުމެންނަށް ރަނގަޅަށް އަޅުގަނޑުމެންގެ ޓީމުތައް ކައިރީގައި މި ވާހަކަ ނުދެންނެވޭ، އެ މީހުން އެމްޑީޕީން ވަކިވާން ފަށައިފި. އަދި، ރާއްޖޭގެ އެކި ކަންކޮޅުތަކުން އެމްޑީޕީ މެންބަރުން މިހާރު އަޅުގަނޑުމެންނާ ގުޅައިން ތިމަންނަމެން ވަކިވަނީ ކިހިނެއްހެއްޔޭ، އާ ޕާޓީއަށް ތިމަންނަމެން ވަންނަނީ ކިހިނެއް ހެއްޔޭ. ފުދޭވަރެއްގެ ތަރުހީބެއް މިހާރު ވެސް މި އާ ޕާޓީއަށް ލިބިއްޖެ،" އީވާ ވިދާޅުވިއެވެ.

"އެމްޑީޕީ ތެރޭގައި ބާރުގަދަ މަދު ބަޔަކު އެބަތިބި، އެ މީހުންގެ މަގާމާއި އެ މީހުންގެ ވަޒީފާ ދިފާއު ކުރުމަށްޓަކައި ޕާޓީ ހިސާރުކޮށްގެން ތިބި. އެހެންނަމަވެސް އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެމްޑީޕީއަށް ތާއީދުކުރާ އެމްޑީޕީއަށް ވޭތުވެދިޔަ 17،18 އަހަރު ވޯޓު ދިން އެންމެނަކީ ޕާޓީގެ އަސާސްތަކުގައި ހިފަހައްޓައިން ތިބެން ބޭނުން މީހުން،"

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ -- ފޮޓޯ/ މަޖިލިސް

އޭނާ ވިދާޅުވީ އެމްޑީޕީއަށް ވޯޓުދޭ ގިނަ މީހުންނަކީ އަސާސްތަކަށް ލޯބި ކޮށްގެން ތިބި މީހުން ކަމަށެވެ. އެ މީހުން ތިބީ ފިކުރެއްގެ ދިރުމާ ގުޅެން ކެތްމަދުވެފައި ކަމަށް އޭނާ ސިފަ ކުރެއްވިއެވެ.

އީވާ އެފަދައިން ވިދާޅުވި ނަމަވެސް، މި ވެރިކަން ފެށުމަށް ފަހުގައި ދުވަހެއް ދުވަހަކަށް ނަޝީދަށް އޮތް ތާއީދު އަންނަނީ ދަށްވެ، ފަނޑުވަމުންނެވެ. އެމްޑީޕީގެ ޕްރައިމަރީއަކީ އެ ކަމުގެ އެންމެ ބޮޑު ދަލީލެވެ. އެއަށް ފަހުގައި ޕާޓީ ތެރޭ ފިކުރެއްގެ ދިރުން ފެކްޝަނެއް ރަސްމީކޮށް ހައްދަވަން ވެސް ނަޝީދު މަސައްކަތް ކުރެއްވިއެވެ. އެ ގޮތްޕަށް މެންބަރުން ހަމަކޮށް، ވަކި ކެންޑިޑޭޓަކު ނެރެން ވެސް ނިންމެވިއެވެ.

ގޮފި ހަދަން، މެންބަރުން ހަމަކުރަން ވެސް ފެށިއެވެ. އެކަމަކު، ވަކި ހިސާބަކުން އެ މަސައްކަތް ވެސް ފަނޑުވީ އެ ވަރުގެ ތާއީދެއް ނެތީމައެވެ. އެހެންވެ، އާ ޕާޓީއެއް ހަދައިގެން، ވެރިކަމުގެ ލައްޒަތާ ހަމައަށް ދެން ނަޝީދަށް އާދެވިދާނެ ކަމަކަށް ނުފެނެއެވެ.

ޕްރައިމަރީން ބަލިވެވަޑައިގަތުމަށް ފަހު، މަޑުމަޑުން ހުންނެވުމަށް ފަހުގައި ސީދާ ހަރަކާތަށް ނުކުންނެވީ ފިކުރެއްގެ ދިރުން ގޮތްޕަށް ތާއީދު ފޯމު ފުރާށެވެ. އެ ގޮތްޕަށް 50،000 މެންބަރުން ހަމަކޮށް، އެ ގޮފިން ތާއީދުކުރާނެ ވަކި ކެންޑިޑޭޓެއް ނިންމަވާނީ ފަހުން ކަމަށް ނަޝީދު ވިދާޅުވިއެވެ.

"އެ މީހުން [ވަކިކުރި 39،000 މެންބަރުން]އާ އެކު އަޅުގަނޑުމެންނަށް ފެންނަ ގޮތެއް ނިންމުމަށް [ފެންނަނީ]. ފިކުރެއްގެ ދިރުންގެ ފަރާތުން ތާއީދު ކުރާ ރިޔާސީ ކެންޑިޑޭޓު ކަނޑައަޅާނީ ފަހުން،" އެ މަނިކުފާނު އޭރު ވިދާޅުވިއެވެ.

https://sun.mv/174129

އެކަމަކު، އެ ކަމެއް ހާސިލެއް ނުވިއެވެ. ޖެއްސެވި ހިސާބު ދިމަލެއް ނުވިއެވެ.

"މިއީ ހަގީގަތުގައި ސިޔާސީ ގޮތުން ނަޝީދުގެ ނިމުން. ޕްރައިމަރީއާއި ޗެއާޕާސަންގެ އިންތިޚާބާއި ގައުމީ މަޖިލީސް އިންތިޚާބުގައި ވީ ނާކާމިޔާބުން އެކަން ވަރަށް ސާފު،" ނަން ނުޖަހަން ޝަރުތުކޮށް ވާހަކަދެއްކި އެމްޑީޕީގެ ގިނަ ދުވަސްވީ މެންބަރަކު ވިދާޅުވިއެވެ.

މާޒީ އިޔާދަ ވަނީ؟

ވެރިކަމަށް ކޮއްކޯފުޅު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްކުރެއްވުމަށް ފަހުގައި ކުރީގެ ރައީސް މައުމޫނަށް ވެސް ޖެހުނީ ދާދި އެއް ދަތުރެކެވެ.

https://sun.mv/177182

ޔާމީން ވެރިކަމަށް ވަޑައިގެންނެވީ މައުމޫންގެ ހިޔަނީގައެވެ. ރައީސް ޞާލިޙް ގޮތަށެވެ. އެކަމަކު، ޔާމީން ވެސް މައުމޫން ބޭނުންފުޅުހާ ގޮތަކަށް ވެރިކަމެއް ނުކުރެއްވިއެވެ. ނަޝީދާއި ރައީސް ޞާލިޙާ ދެ ބޭފުޅުންގެ މެދުގައި ވެސް މައްސަލަ ޖެހުނީ އެހެންވެއެވެ. ނަޝީދު ބޭނުންފުޅުހާ ކަމެއް، ރައީސެއް ނުކުރައްވައެވެ. އެ މަނިކުފާނު ވެރިކަން ކުރައްވަނީ އެ މަނިކުފާނު ގަބޫލުކުރައްވާ އުސޫލުންނެވެ.

މައުމޫނަށް ވެސް ކޮއްކޯފުޅު ކަމުނުގޮސްގެން ނުކުންނެވީއެވެ. ނަޝީދު ވެސް އިއްޔެ އެ ނުކުންނެވީ ކުޑައިރުގެ އެކުވެރިޔާ ކަމު ނުގޮސްގެންނެވެ. އެ ވަރުގެ އަނިޔާވެރިއެއް ނެތް ކަމަށް ތުހުމަތު ކުރައްވައިފައެވެ.

ރައީސް މައުމޫން ޕީޕީއެމުން ވަކިކުރި ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއް --- ފޮޓޯ/ ހުސައިން ވަހީދު

މަޖިލީހުގެ 12 މެންބަރުންނާ އެކު މައުމޫނަށް ނުކުންނަވަން ޖެހިވަޑައިގަތީ ޕީޕީއެމްގެ ފިޔަވަޅު އަޅާ ކޮމިޓީން އެ މަނިކުފާނު މެންބަރުކަމުން ވަކިކުރަން ނިންމުމުންނެވެ. ޕާޓީގައި ހުންނަވައިގެން އިދިކޮޅު ހަރަކާތް ހިންގުމާއި ސަރުކާރާ މެދު ނަފުރަތު އުފެއްދުމާއި، އެހެން ޕާޓީއެއްގެ ސިޔާސީ ހަރަކާތުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ވަކި ކުރީއެވެ.

ނަޝީދު ވެސް އެ ހިންގަވަނީ ދާދި އެއް މަގަކުންނެވެ. ޕާޓީގައި ހުންނަވައިގެން އެ އުފެއްދެވީ އެހެން ޕާޓީއެކެވެ. ނޫން ގޮތަކަށް އެ އިއުލާނު ކުރެއްވީ ރިޔާސީ ރޭހަށް ނުކުމެ، މިހާރު ރައީސްކަން ކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓާ ވާދަކުރައްވާނެ ކަމެވެ. އިސާހިތަކު، އެ މަނިކުފާނު ވެސް ޕާޓީން ވަކި ކޮށްލާނެއެވެ.

https://sun.mv/177539

"ނަޝީދު ހަގީގަތުގައި އެ ހުންނެވީ ޕާޓީގެ އަސާސީ ގަވާއިދު ބުނާ ގޮތުން ޕާޓީގެ މެންބަރުކަމުން ވަކިވެފައި، އާޒިމެކޭ ރައީސް ނަޝީދެކޭ އެއް ހަމަ ވާނެ. ދެން އިހްތިރާމެއްގެ ސަބަބުން ފިޔަވަޅެއް ނާޅައި ތިބުމަކީ އެހެން ކަމެއް،" އެމްޑީޕީގެ އިސް އޮފިޝަލަކު ނަން ނުޖަހާން ޝަރުތުކޮށް ވިދާޅުވިއެވެ.

ނަޝީދު ވެސް މައުމޫން އުފެއްދެވި އެމްއާރްއެމް ގޮތަށް، 12 މެންބަރުންނާ އެކު ނުކުންނަވައި، އާ ޕާޓީއެއް އުފައްދަވަނީއެވެ. މިއަދު، މައުމޫނަކީ ސިޔާސީ އެއްވެސް ބާރުވެރިކަމެއްގައި ހުންނެވި ބޭފުޅެއް ނޫނެވެ. ޕާޓީއަށް 3،000 މެންބަރުން ހަމަވަނީ ވެސް ކިރިޔާއެވެ.

މައުމޫން ވެސް ކަންތައް ކުރެއްވި ގޮތަށް، ނަޝީދު ވެސް އިދިކޮޅު އިއްތިހާދެއްގައި ބައިވެރިވެ، އެގޮތަށް އުފެދޭ ވެރިކަމަކުން ބައެއް ހޯއްދެވުން ގާތެވެ.

https://sun.mv/177266

ޕާޓީގެ ބާރުވެރިކަން ގެއްލުނު ހިސާބުން، މައުމޫންގެ ބާރުވެރިކަން ވެސް ގެއްލުނީއެވެ. ޕާޓިގައި ތިބި މަދު ބަޔަކު އެ މަނިކުފާނު ފަހަތްޕުޅުން ނުކުތް ނަމަވެސް، ގިނަ މީހުން އެރީ ޔާމީންގެ ފަހަތްޕުޅަށެވެ. ޔާމީން ވެގެންދިޔައީ ވަރުގަދަ ސިޔާސީ ޝަހްސަކަށެވެ. މައުމޫންގެ ސިޔާސީ ހަޔާތް ނިމުނީއެވެ. ސިޔާސީ ގޮތުން މުޅިން ބާކީވީއެވެ.

ޕާޓި ގެއްލިއްޖެއެވެ. ގާތީ ނަޝީދުގެ ބާރުވެރިކަން ވެސް މި ހިސާބުން ނިމުމެވެ. ސިޔާސީ ގޮތުން އެ ކޮންޓްރޯލް ނަންގަވާނީ ރައީސް ޞާލިޙެވެ. އޭރު ޕީޕީއެމްގައި ކަން ހިނގި އުސޫލުންނެވެ.

މިއީ، ސިޔާސީ އިބުރަތެވެ. އެނބުރި ނުދެވޭ ހިސާބުން ނާކާމިޔާބުވެއްޖެ ނަމަ، ދެން ވާނީ ބާކީއެވެ.

comment ކޮމެންޓް