އިމޭ ކިޔައިގެން، ރިޔާސީ ރޭހަށް ދޮން ކުރާ އިއްތިހާދެއް؟

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް --- ސަން ގްރެފިކްސް/ އިބްރާހިމް ފަހީމް

އިންތިޚާބުތަކަށް ބަދަލުވަމުންދާ މަންޒަރު ވިޔަކުރަން ފަސޭހައެއް ނުވާނެއެވެ. ސިޔާސީ ބޭފުޅުން ޖައްސަވަނީ އަމުދަކުން ތެދުވެރި ހިސާބުތަކެއް ވެސް ނޫނެވެ. ފަސް އަހަރުން އެއް އަހަރު ބާއްވައި ބޮޑު އިންތިޚާބު އަންނައިރު ލައްކަ ހަގީގަތްތައް ބަދަލުވެއެވެ. ސިޔާސީ ނަތީޖާ ނެރެންވީމާ ކޮންމެ ގޮތެއް ވެސް ވަރިހަމަ ވަނީއެވެ.

އެއްބުރުން ވެރިކަމަށް ނާދެވޭނެކަން އެއީ ދިވެހިންނަށް ބުނެދޭން ޖެހޭނެ ހަގީގަތެއް ނޫނެވެ. އެއަށްވުރެ މާ ސާފު، މާ ބޮޑު ގެރެންޓީއެކެވެ.

ސެޕްޓެމްބަރު މަހުގެ ނުވައެއް ވާ، ހޮނިހިރު ދުވަހު އޮންނަ ބޮޑު އިންތިޚާބަށް ވެސް ހަމަގައިމު ޕާޓީތަކުން ހިސާބު ޖައްސަވާނީ އެ މަގުންނެވެ. ރާއްޖޭގެ ދެކުނުން ބެހި އިމެއް މެދަށް ވައްދައިގެން، ބޮޑެތި ސިޔާސީ ބޭފުޅުން ސައި މޭޒުތަކަށް އެއްވެ އެ ކުރައްވަނީ ދެވަނަ މަޝްވަރާއެއް ނޫނެވެ. އެ ޖައްސަވަނީ އިތުރު ހިސާބެއް ނޫނެވެ. މަސައްކަތް އެ ކުރައްވަނީ ވެރިކަމަށް މަގު ފަހި ކުރާށެވެ. އެންމެން ގުޅިގެންނެވެ. ބައިވެރިވެވޭ ގޮތަށެވެ.

ގިނަ ޕާޓީތަކަށް ވާދަކުރެވޭ ގޮތަށް 2008ވަނަ އަހަރު ބޭއްވި އިންތިޚާބުން ފެށިގެން 2013 އާއި 2018ގައި ވެސް ޖެހުނީ ވެރިކަން ބައި ކުރާށެވެ. އެންމެން ތިބީ އެ ހަގީގަތް ގަބޫލު ކޮށްގެންނެވެ.

https://sun.mv/177219

މޮރިޝަސްއާ ދެމެދުން ފުށުއަރާ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުނީ ކަމަށް ތުހުމަތު ކުރައްވައި، ފައްޓަވަން އުޅުއްވައި ސިޔާސީ ހަރަކާތް ނިންމަން އެ ބޭފުޅުން ވިސްނަވާ ހިސާބެއް މާ ސާފެއް ނޫނެވެ. އެކަމަކު، އިންތިޚާބާ މިހާ ކައިރި ކޮށްފައި އެ ވަރުގެ އިއްތިހާދެއްގެ ވާހަކަ ދެއްކީމައި ބެލޭނީ ޝައްކުގެ ނަޒަރަކުންނެވެ.

އެއްގޮތް ސިޔާސަތަކީ ސަރުކާރަށް އޮތް ނަފުރަތު؟

މަނީ ލޯންޑްރިންއާއި ރިޝްވަތު ހިފުމުގެ ކުށް ސާބިތުވެ، ދަށު ކޯޓުން 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަނީ އިމުގެ މައްސަލައިގައި އެކުގައި މަސައްކަތް ކުރެވޭނެ ހުރިހާ ފަރާތްތަކާ އެކު މަސައްކަތް ކުރަން އިދިކޮޅު ޕީޕީއެމަށް ލަފާ ދެއްވައިފައެވެ.

އެ ޕާޓީން އިސްވެ، ޕާޓީތަކާއި ވަކިވަކި ސިޔާސީ ބޭފުޅުންނާ އެކު މަޝްވަރާ ކުރައްވަނީ އެ މަނިކުފާނުގެ އިރުޝާދުގެ ދަށުން "ކަނޑުން ގެއްލުނު ބައި" އަލުން ހޯދަން ކަމަށް އެ ޕާޓީން ބުނެއެވެ.

އިދިކޮޅު ޕީޕީއެމް ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި ގޮތުގައި އެ ޕާޓީން މަޝްވަރާ ބައްދަލުވުންތައް ބާއްވަނީ އިމުގެ މައްސަލައިގައި އެކުގައި މަސައްކަތް ކުރަންތިބި ފަރާތްތަކާ އެކުއެވެ. މަޝްވަރާ ކުރެވެނީ އެ މައްސަލައިގައި ދެން ކަންތައް ކުރެވިދާނެ ގޮތަކާ ގުޅޭ ގޮތުން ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން، އެމްއެންޕީއާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު އިސްވެ ހިންގަވާ ފިކުރެއްގެ ދިރުމާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ފަރާތުން ވަނީ އެ މައްސަލައިގައި އެކުގައި މަސައްކަތް ކުރުމުގެ މަޝްވަރާތަކުގައި ބައިވެރިވެފައެވެ.

އިމުގެ މައްސަލައާ ގުޅޭ ގޮތުން މަޝްވަރާ ކުރަން އިދިކޮޅު ބޮޑު ހަތަރު ފިކުރުން މިއަދު ބޭއްވި ބައްދަލުވުން --

މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވެފައިވަނީ:

  • ޕީޕީއެމް ހިންގުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ
  • ޕީޕީއެމްގެ ޕާޓީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް
  • ޕީޕީއެމްގެ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު (ޓޮމް)
  • މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް (އެމްޑީޕީގެ ފިކުރެއްގެ ދިރުން ފެކްޝަން)
  • އެމްއެންޕީގެ ނައިބު ރައީސް އަދި ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު އުޝާމް
  • ހޯމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ސަލީމް (މާޒް ސަލީމް)
  • ޖޭޕީގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން

"ގާތްގަނޑަކަށް އިއްތިހާދެއް އެކުލަވައިލެވިފައި މިވަނީ މިހާރު. އިރާދަކުރެއްވިއްޔާ ވީކެންޑް [ހަފުތާ ބަންދު]ގެ ކުރިން ކުރިއަށް ދާނެ ގޮތްތަކެއް ނިންމޭނެ،" އޭނާ ވިދާޅުވިއެވެ.

އިއްތިހާދެއްގެ ވާހަކަދެއްކެވި ނަމަވެސް ރިޔާސީ އިންތިޚާބޭ ވެސް ވިދާޅެއް ނުވެއެވެ. އެ ވާހަކަ ހަމަ ގައިމު ވެސް އާންމުންނަށް އިވޭ ހިސާބުގައި ދައްކާކަށް އެ ބޭފުޅުން ބޭނުމެއް ނުވެއެވެ. އެކަމަކު، އިން ވަކިކުރި ގޮތުގައި އެ ވަރުގެ މައްސަލައެއް އުޅޭނަމަ އެ ވާހަކަ ދައްކަވާނީ ސިޔާސީ ބޭފުޅުން، ސިޔާސީ މޭރުމަކުން ނޫނެވެ. ގައުމީ ކަމެއް ނަމަ، އެ ވާހަކަ ދައްކަވާނީ ވެސް ގައުމީ މޭރުމަކުން، އިލްމީ ގޮތެއްގައެވެ.

https://sun.mv/176917

އޮއްޓަރެއް ނެތް ޖަޒުބާތެއްގެ ސިފައިގައެއް ނޫނެވެ. ހަގީގަތުގައި ގޯސްވެގެން އުޅެނީ އިން ބައިކުރި ގޮތެއް ނޫނެވެ. ގޯސް ވެގެން، ނަފުރަތުވެގެން މިއުޅެނީ ސަރުކާރާ މެދެވެ. މަޝްވަރާ ކުރައްވާ ބޭފުޅުންނާއި ޕާޓީތަކުގެ އެއްގޮތް ސިޔާސަތަކީ އެ ބޭފުޅުން ސަރުކާރަށް ކުރާ ނަފުރަތެވެ. އެއީ، ހައްތަހާ ވެސް ސަރުކާރު ވައްޓައިލަން ނުކުންނަވައިގެން ތިއްބެވި ބޭފުޅުންނެވެ.

ސަރުކާރުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވި ގޮތުގައި ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރާ ޕާޓީތަކަށް އެއްބައިވެވޭ ސިޔާސަތަކީ އިމުގެ މައްސަލައެއް ނޫން ކަމަށެވެ. އެ ބޭފުޅުން އެއްބައިވެގެން އުޅެނީ ސަރުކާރާ މެދު ނަފުރަތު އުފައްދަން ކަމަށާއި އެއްގޮތް ސިޔާސަތަކީ ވެރިކަން ބޭނުންވުން ކަމަށް އޭނާ ވިދާޅުވިއެވެ.

"އެ ބޭފުޅުން އެއްބަސްވާ އެންމެ ކަމެއް މި އޮންނަނީ. ވެރިކަން ކުރަން ހުރިހާ ބޭފުޅުން ވެސް އެއްބަސްވޭ، އެކަމަކު ވެރިކަން ކުރާނީ ކިހިނެއްތޯ، އެންމެން ގުޅިގެންތޯ ވަކިވަކިންތޯ ވެސް އެ ބޭފުޅުންނަށް އެއްބަސްވުމަކަށް ނާދެވޭ. އެހެންވީމާ ސަރުކާރާ ދެކޮޅަށް ރައްޔިތުން ހިތުގައި ނަފުރަތު އުފައްދަން އެއްބައިވެގެން މިއުޅެނީ،" މިއުވާން ވިދާޅުވިއެވެ.

އިއްތިހާދު ފެން މައްޗަށް ތިލަވާނީ ދެވަނަ ބުރާ ހަމައިން؟

އިލެކްޝަންސް ކޮމިޝަނުން އާންމުކުރި މި އަހަރުގެ އިންތިޚާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓު ބުނާ ގޮތުން 282،755 މީހުންނަށް މި އިންތިޚާބުގައި ވޯޓު ލެވޭނެއެވެ. އެހެންވެ، އެއްބުރުން އިންތިޚާބު ކާމިޔާބު ކުރާނަމަ، 144،205 މީހުންގެ ހެޔޮ ފާހަގަ ބޭނުން ވާނެއެވެ.

އެއީ، މިހާތަނަށް އެއް ކެންޑިޑޭޓަކަށް ހޯދުނު އަދަދެއް ނޫނެވެ. މި އަހަރުގެ އިންތިޚާބުގައި ވެސް އެ ތާރީޚު ބަދަލުވެދާނެ މަންޒަރެއް ނުފެނެއެވެ.

ނަން ނުޖެހުމަށް ޝަރުތު ވާހަކަދެއްކެވި އެ ހަރަކާތުގެ އިސް މެންބަރަކު ވިދާޅުވި ގޮތުގައި މި އަހަރުގެ އިންތިޚާބުގެ ފުރަތަމަ ބުރު ވެގެންދާނީ އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓެއް ހޮވާ ޕްރައިމަރީއަކަށެވެ. އޭނާ ޖައްސަވައި ހިސާބަކީ މިއީއެވެ. ސަރުކާރުގައި ހުންނެވުމާ އެކު، ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް، ޔަގީންކަމާ އެކު ދެވަނަ ބުރަން ވަޑައިގަންނަވާނެއެވެ.

އެހެންވެ، ދެން ދެވަނަ ބުރަކަށް ވަޑައިގެންނެވޭ އިދިކޮޅު ކެންޑިޑޭޓަކު ވެގެންދާނީ ސަރުކާރާ ނަފުރަތުވާ ބޭފުޅުންގެ ކެންޑިޑޭޓަށެވެ. އެ ހުރިހާ ބޭފުޅުން އަރުއްވާނީ އެ ބޭފުޅެއްގެ ފަހަތަށެވެ. އިއްތިހާދު އާންމުންނަށް ފެންނާނީ އެ ހިސާބުންނެވެ.

"ފުރަތަމަ ބުރެއް ކާމިޔާބު ކުރައްވައިގެން ދެވަނަ ބުރަކަށް ދިއުމަށް މިއޮތީ ހަގީގީ ވާދަވެރިކަން. މިއީ އަސްލު ޕްރައިމަރީ. އެ ހިސާބުން ދެން ކާމިޔާބުވާ ކެންޑިޑޭޓަކު ވެގެންދާނީ އިދިކޮޅު އިއްތިހާދެއްގެ ކެންޑިޑޭޓަކަށް، ސަރުކާރަށް ނަފުރަތު ކުރާ އެންމެންގެ ކެންޑިޑޭޓަށް،" ނަން ނުޖެހުމަށް ޝަރުތުކޮށް، އޭނާ ކޮންމެ ވެސް ވަރަކަށް ހަގީގަތް ތިލަކޮށްލިއެވެ.

އިދިކޮޅު ޕާޓީތަކުގެ ފަރާތުން މަޖިލީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުން --- ފޮޓޯ/ ޕީޕީއެމް

އެކަމަކު، ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު އެކަން ދޮގުކުރައްވައެވެ. އޭނާ ވިދާޅުވި ގޮތުގައި ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުނު މައްސަލައަކީ ސީރިއަސް މައްސަލައެއް ކަމުން މިއީ އެ ނިޔަތުގައި އެއްކޮށް މަސައްކަތް ކުރަން އެކުލަވައިލި ކޯލިޝަނެވެ.

"މި ޕޯޑިއަމްގައި ސިޔާސީ ވާހަކަ ދައްކާ ނެތިން. އެކަމަކު ދަންނަވާލަން ބޭނުން ވަނީ [ރައީސް] އިބްރާހިމް މުހައްމަދު ޞާލިޙް އެކަނިވާ މަންޒަރު ތި ބޭފުޅުންނަށް ވެސް ފެނިވަޑައިގަންނަވާނެ." އޭނާ ވިދާޅުވިއެވެ.

މިހާރު ހުރިހާ ޕާޓީތަކުން ވެސް ވިދާޅުވަނީ ދޮގެއް ނޫނެވެ. އިންތިޚާބަށް ކެންޑިޑޭޓަކު ނެރޭނެއެވެ. ވާދަ ވެސް ކުރައްވާނެއެވެ. އިއްތިހާދު ފެން މައްޗަށް ތިލަވާނީ ދެވަނަ ބުރެއްގައެވެ.

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ގަބޫލުކުރައްވައި ގޮތުގައި އެކަން އެންމެ ބޮޑަށް ސާފު ވަނީ ވޯޓު ހަމަނުކޮށް ބަންޑާރަނައިބުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހެޅީމައެވެ. އަގުލަބިއްޔަތު ނެތި، މަޖިލީހަށް އިތުބާރު ނެތްކަމުގެ މައްސަލައެއް ވެއްދުމަކީ ޗާގޯސް މައްސަލައިގައި ކުޅެނީ ޑްރާމާއެއްކަން އިތުރަށް ރައްޔިތުންނަށް ޔަގީންވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

‏"ތިޔަ އިތުބާރު ނެތްކަމުގެ މައްސަލައާއި ޖަމަލު ފޮޑިއަކާ އެއްވެސް ތަފާތެއް ނެތް،" އޭނާ ވިދާޅުވިއެވެ.

ނޮވެމްބަރު 17، 2013؛ ރައީސް ޔާމީން ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގެންނެވި ދުވަހު އެމަނިކުފާނާ ސަލާމް ކުރައްވައި ނަޝީދު މަރުހަބާ ވިދާޅުވަނީ-- ފޮޓޯ/ ރައީސް އޮފީސް

ފުރަތަމަ 2008ގައި ނުކުތީ އޭރުގެ އަނިޔާވެރިކަމުން މިންޖުވެ، ހައްގުތައް ކަށަވަރު ކުރާށެވެ. އޭގެ ފަހުން، 2013ގައި ނުކުތީ ގެއްލުނު އެއާޕޯޓާއި ދީނާއި ގައުމުގެ ދިފާއުގައެވެ. މިދިޔަ 2018ގައި ނުކުތީ ވައްކަމާއި ކޮރަޕްޝަން އާންމު ވާތީ، އެކަން ނިންމައި، އިންސާފުވެރިކަން ކަށަވަރު ކުރާށެވެ. މި ފަހަރު އެ ނުކުންނަނީ ގައުމުން ބައެއް ގެއްލިގެން ކަމަށް ބުނެއެވެ.

އެއީ، ހައްތަހައި ވެސް ސިޔާސީ ބޭފުޅުން ވަކި ނަތީޖާއެއް ހާސިލުކުރަން ފަށާ ހަރަކާތްތަކެވެ. އެ ހުރިހާ ހަރަކާތެއް ވެސް ނިމެނީ ވެރިކަމާ ހަމައިންނެވެ.

ހަމަ ތިބެފައި ފާޓުފުޓާ ކޯލިޝަނެއް ހެދިޔަކަސް ރައްޔިތުން ގަބޫލެއް ނުކުރާނެއެވެ. ގައުމުން ބައެއް ވިއްކާލީ ކަމަށް އެ ކުރައްވާ ތުހުމަތަކީ އެ ބޭނުމަށް ކުރާ ކަމެކެވެ. އިދިކޮޅު އިއްތިހާދެއް އެކުލަވައިލަން ފައްކާ ކުރާ ހަރަކާތެކެވެ. ސަރުކާރާ ދެކޮޅަށް އެންމެން އެއްވާން ދޮން ކުރާ ބަހަނާއެކެވެ.

comment ކޮމެންޓް