ސޯދުބެ: އަދަބީ ޚިދުމަތުގައި ނަމޫނާއެއް

ގައުމީ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި ބޭއްވި ޖަލްސާއެއްގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އަޥްޝަން އިލްޔާސް

ސޯދުބޭ ނުވަތަ އަބްދުﷲ ޞާދިގަކީ ދިވެހި ބަހުގެ އުސްތާޒުންގެ ތެރެއިން މިފަހުން އުފެދުނު އެންމެ ފާހަގަކޮށްލެވޭ އެއް ބޭފުޅާއެވެ. މި ޖީލުގެ ޒުވާނުންގެ ތެރެއިން ގިނަ ބަޔަކު ސޯދުބެ ދަންނަނީ ދިވެހި ބަހުގެ އުސްތާޒެއްގެ ގޮތުގައެވެ. އަދި މި ޖީލުގެ ގިނަ ބަޔަކު ވަނީ ސޯދުބޭގެ އަރިހުން ދިވެހި ބަސް ވެސް އުނގެނިފައެެވެ.

ދިވެހި ބަސް އުނގަންނައިދިނުމުގެ އިތުރުން ސޯދުބެ ވަނީ އިތުރު އެތައް ގޮތަކުން ދިވެހި ބަހަށް ޚިދުމަތް ކޮށްދެއްވާފައެވެ. އެގޮތުން އޭނާ ވަނީ ދިވެހި ބަހުގެ ގަވައިދާގުޅޭ ފޮތްތައް ލިޔުއްވައި، ވާހަކައާއި މަޒުމޫނު ފަދަ ތަކެތި ލިޔުއްވާ، ހަރުބަސް ފޮތްތައް ލިޔުއްވުމުގެ އިތުރުން ފާހަގަކޮށްލެވޭ ގިނަ ޅެންތަކެއް ހައްދަވައިފައެވެ. ޅެން ހެއްދުވުމުގެ އިތުރުން ސޯދުބެ ވަނީ ޅެން ޝަރަހަކުރާ ގޮތް ދައްކައިދޭ ފޮތެއް ވެސް ލިޔުއްވާފައެވެ.

ގައުމީ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި ބޭއްވި ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އަޥްޝަން އިލްޔާސް

މި ޚިދުމަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ސޯދުބެއަށް 1980 އަދި 1983 ގައި އާންމު ހިދުމަތުގެ ހިތްވަރުދިނުމުގެ އިނާމު އަރުވައިފައިވާއިރު، 1992 ގައި ޅެންވެރިކަމުގެ ރޮނގުން ހިތްވަރުދިނުމުގެ އިނާމާއި، 1998 ގައި ދިވެހި ބަހަށް ހިދުމަތްކުރުމުގެ ރޮނގުން ޝަރަފުވެރިކަމުގެ އިނާމާއި މިނިވަން 25ގެ އާންމު ހިދުމަތުގެ އިނާމު ވެސް ވަނީ ލިބިވަޑައިގެންފައެވެ. މީގެ އިތުރުން، 2019 ވަނަ އަހަރު ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާގެ ލަގަބު ވެސް ސޯދުބެއަށް ވަނީ އަރުވަފާއެވެ.

މިއަދު ފާހަގަކުރާ ޅެންވެރިންގެ ދުވަސް ޚާއްސަކޮށްފައި ވަނީ، ދިވެހި ބަހަށް ގިނަގުނަ ޚިދުމަތްތައް ކޮށްދެއްވާ، ފާހަގަކޮށްލެވޭ ގިނަ ޅެންތަކެއް ހައްދަވައިފައިވާ ޚިދުމަތްތެރިޔާ ސޯދުބެއަށެވެ. މިއަހަރު ޅެންވެރިންގެ ދުވަހުގެ ޝިއާރަކީ ސޯދުބެ ހައްދަވައިފައިވާ ޅެން "އަހަންނަކީ ދިވެއްސަކީން ދިވެހި އުޅުމުގެ ވެއްސަކީން،" މި ޅެމެވެ.

ޅެންވެރިކަމުގެ ތެރެއަށް ސޯދުބެ ވަދެވަޑައިގަތީ ދަރުލް އިޤާމާގައި ހުންނެވި ދުވަސްވަރު މަދަރުސީ ދައުރުގައެވެ. ތައުލީމު ނިންމަވާފައި ވަނީ މަދްރަސަތުލް މަޖީދިއްޔާގެ ފަސްވަނަ ކުލާހުގައެވެ. އެއީ އިބްރާހީމް ޝިހާބާއި މުހައްމަދު ޖަމީލު ދީދީމެން ފަދަ ބޭފުޅުން ޅެންހެއްދުވުމުގެ ރަން ދައުރެވެ. މި ބޭބޭފުޅުންގެ މަސައްކަތް ފެނި ސޯދުބެ ވެސް ޅެންވެރިކަމަށް ޝައުގު އުފެދި ޅެން ހައްދަވަން ފެއްޓެވިއެވެ.

މާދަރީ ބަހުގެ ދުވަސް ފާހަގަ ކުރުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސޯދެބޭ ޅެން ހައްދަވަނީ އެކަމުގައި ވަކި ދާއިރާއެއް ނަންގަވައިގެންނެއް ނޫނެވެ. އޭނާ އަކީ ހުރިހާ ދާއިރާއަކުން ވެސް ޅެންހައްދަވައި ކުޅަދާނަ ޝާއިރެކެވެ. ތަފާތު އެކިއެކި މުނާސަބާތަކަށް ލަވަ ހައްދަވާ ބޭފުޅެކެވެ.

ޅެން ހެއްދެވުމުގެ އިތުރުން ޅެންވެރިކަން އުނގަންނައިދިނުމަށާއި ތައުލީމު އުނގަންނައިދިނުމަށް ކުރެއްވި މަސައްކަތުގެ ތެރެއިން ސޯދުބެ ވަނީ، މަދްރަސަތުލް މަޖީދިއްޔާއާއި، މަދްރަސަތުލް އަމީނިއްޔާގެ ދިވެހި ޓީޗަރުކަން ކުރައްވައިފައެވެ. އަދި ލަންކާގައި ތިބި ދިވެހި ދަރިވަރުންނަށް ދިވެހި ކިޔަވައިދެއްވާ، ދިވެހި ބަހާއި އަދަބަށް ޚިދުމަތް ކުރާ މަޖިލީހުގެ ސެކްރެޓަރީކަމުގެ އިތުރުން މެމްބަރުކަން ވެސް ކުރައްވާފައި ވެއެވެ.

ދިވެހި ނޫސްވެރިކަމަކީ ވެސް ސޯދުބެ އެތައް ޚިދުމަތެއް ކޮށްދެއްވާފައިވާ ދާއިރާއެކެވެ. އެގޮތުން، 1979 ގައި ހަވީރު ނޫސް ވުޖޫދުވިއިރު، އެ ނޫހުގެ ފުރަތަމަ އެޑިޓަރުގެ މަގާމު އަދާކުރެއްވީ ސޯދުބެއެވެ. ގިނަ ދުވަސްތަކެއް ވަންދެން ދައުލަތުގެ މީޑިއާ އަދި ދިވެހި ރާއްޖޭގެ އަޑާއި ޓީވީ މޯލްޑިވްސްގެ ކޮންޓެންޓް ދިވެހި ބަހުގެ ގަވާއިދާ އެއްގޮތް ކުރުމަށް އަޑުގެ ބައެއް ޕްރޮގްރާމްތައް ވެސް ހުށަހެޅުއްވިއެވެ. ސޯދުބެއަށް ވަނީ، ނޫސްވެރިކަމުގެ ޝަރަފުވެރިކަމުގެ އަލިމަސް ގަލަން 2019ވަނަ އަހަރު އަރުވާފައެވެ.

ގައުމީ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި ބޭއްވި ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އަޥްޝަން އިލްޔާސް

ސޯދުބެ ހައްދަވާފައިވާ ޅެންތަކުގެ ތެރެއިން އަހަރެމެންނާ ދުވަހަކު ވެސް ވަކިވުމެއް ނެތް އެއް ޅެމަކީ "އީދު އައީ ހިނިތުންވަމުން،" މި ޅެމެވެ. މި ޅެމަކީ ކޮންމެ އީދަކާ ގުޅުވާ ރެޑިއޯތަކުންނާއި ޓީވީ ޗެނަލްތަކުން މިހާރު ވެސް އަޑު ގަދަކޮށް ޖަހާ ލަވައެކެވެ.

މި ޅެން ހެއްދެވިގޮތާ ގުޅިގެން މީގެކުރިން ދެއްވި އިންޓަވިއުއެއްގައި ސޯދުބެ ވިދާޅުވީ، އެއީ އޭރު ދިވެހިރާއްޖޭގެ އަޑާއި ޓީވީ މޯލްޑިވްސް ހިންގެވުމުގައި އެންމެ އިސްކޮށް ހުންނެވި ސަމަރުބްލޫ އިބްރާހިމް މަނިކުގެ އެދިވަޑައިގަތުމަކަށް ކުރެއްވި މަސައްކަތެއް ކަމަށެވެ. މި އިންޓަވިއުގައި ސޯދުބެ ވިދާޅުވީ، މި ޅެން ހަދަން އޭނާ ގާތު އެދުނީ ރޯދަ މަހުގެ ފަހު ދުވަހު ކަމަށެވެ. އެހެންކަމުން އެރެއިން އެރެއަށް އޭނާ ޅެން ހައްދަވާ ނިންމާލެއްވިއެވެ.

ސަރުކާރަށް 55 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވައި، ދިވެހި ބަހަށް ގިނަ ޚިދުމަތްތައް ކުރެއްވި ސޯދުބެ މިހާރު މިފަދަ ހަރަކާތްތަކުގައި އިސްކޮށް ނޫޅުއްވަނީ ސިއްހީ ހާލުކޮޅު ތަންނުދިނުމުގެ ސަބަބުންނެވެ. ނަމަވެސް އެ ހިތުގައި ޅެންވެރިކަމާއި ދިވެހި ބަހަށް އޮތް ލޯބި އެއްގޮތަކަށް ވެސް ފަނޑުވެގެން ނުދެއެވެ.

ސޯދުބެ -- ފޮޓޯ/ މިހާރު

ޅެންވެރީންގެ ދުވަހުގެ ރަސްމީ ޖަލްސާ އޮންނާނީ މާދަމާ ރޭ 8:30ގައި ސެންޓާ ފޯ ހަޔާ އެޑިއުކޭޝަން (ހުޅުމާލެ)ގައެވެ. މި ޖަލްސާގައި ރާއްޖޭގެ ގިނަ ޅެންވެރީންނާއި ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާގައި މަސައްކަތްކުރައްވާ ގިނަ ފަރާތްތަކުން ބައިވެރިވެވަޑައިގަންނަވާނެއެވެ.

މީގެ އިތުރުން ޅެންވެރީންގެ ގުންޒަރުގެ ނަމުގައި ބާއްވާ ހަފުލާއެއް ޖަނަވަރީ 30ގައި ބާއްވާ ގޮތަށް ވެސް ވަނީ ހަމަޖެހިފައެވެ. މިއީ ގިނަ ޅެންވެރީންގެ ހުނަރުތައް އެއް ތަނަކުން ފެންނާނެ ހަރަކާތްތަކެއް ހިމެނޭ ގޮތަށް ބާއްވާ ހަފުލާއެކެވެ.

މި ހަފުލާގައި ވެސް ޅެންވެރީންނާއި ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާގައި މަސައްކަތްކުރައްވާ ގިނަ ބޭފުޅުންގެ އިތުރުން އިސްކޫލު ދަރިވަރުންނާއި މުދައްރިސުން ބައިވެރިވާނެއެވެ.

comment ކޮމެންޓް