ބުރަފަތިން މަރަކަށް ފަހު މަރެއް؛ ހައްލެއް ހަމަ ނެތީތަ؟

ފަތުރުވެރިންތަކެއް ސްނޯކްލް ކުރަނީ -- ފޮޓޯ/ ސައުތް ޗައިނާ މޯނިންގަ ޕޯސްޓް

އެންމެ ފަހުން މި ފަދަ ހާދިސާއެއް ހިނގީ މީގެ ދެ ދުވަސް ކުރިންނެވެ. ނަމަވެސް، މިފަދަ އެތައްއެތައް ހިތާމަވެރި ހާދިސާއެއް މިދިޔަ އަހަރު އެކަނި ވެސް ހިނގާފައި އެބަ ހުއްޓެވެ. ރާއްޖޭގެ ރީތިކަން ތަޖުރިބާކުރަން ކުރާ ދަތުރުގައި، އުޅަނދެއްގެ ބުރަފަތީގައި ޖެހި ހިތާމަވެރި ގޮތަކަށް ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ޒުވާނުން ރާއްޖޭގައި މަރުވެފައި އެބަހުއްޓެވެ.

އޭގެ ތެރެއިން އެއް މިސާލަކީ ސްޓަޑީ ޓުއާއެއްގައި ވޭލް ޝާކް ރިސާޗެއް ހަދަން ރާއްޖެ އައިސްއުޅުން އުމުރުން އެންމެ 15 އަހަރުގެ ސިންގަޕޫރު ކުއްޖެއްގެ ވަކިވުމެވެ.

މިއީ ދުނިޔެމަތީގެ ސުވަރުގެއެވެ. އެ މީހުން އެތައް ފައިސާއެއް ޚަރަދުކޮށް ރާއްޖެ އަންނަނީ އުފާވެރި ވަގުތުކޮޅެއް ލޯބިވާ މީހުންނާ އެކު ހޭދަކުރާށެވެ. ރާއްޖޭގެ ގުދުރަތީ ރީތިކަން ދެކިލައި، ހަމަލޮލުން އެކަން ތަޖުރިބާކޮށްލާށެވެ. އެއްގޮތަކަށް ވެސް މިފަދަ ހިތާމަވެރި ހާދިސާއެއް ހިނގާފާނެ ކަމަށް ހީވެސް ކޮށްގެނެއް ނޫނެވެ.

ފަތުރުވެރިން ރާއްޖެއައިސް ވެލާނާ އެއާރ ޕޯޓްގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިފަދަ ހާދިސަތައް ރާއްޖޭގައި ކައިރިކައިރީ ހިނގަމުން އަންނައިރު، މިކަމާ ގުޅިގެން ރާއްޖެއަށް ފަތުރުވެރިން ގެންނަ ފަރާތްތަކުގެ ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުއްޓެވެ. އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ މިފަދަ ހިތާމަވެރި ހާދިސާތައް މަދުކުރަން ކުރެވިދާނޭ ފަސޭހަ ކަންކަން ހުރިއިރު އިދާރާތަކުން އެ ކަމާ އަޅައިނުލާ ހަނު ހުރުމެވެ. މި ފަދަ ކަންކަން ރަނގަޅުކުރަން މަސައްކަތް ކުރާކަމުގެ ނިޝާނެއް ވެސް ނުދޭތީއެވެ.

ފަތުރުވެރިކަމުގެ ސިނާއަތް ކަންބޮޑުވެފައި

ފަތުރުވެރިން ރާއްޖެ ގެނައުމުގައި ގިނަ ދުވަސްތަކެއްވަންދެން މަސައްކަތްކުރެއްވި، އިނާ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ވެސް ވަނީ މިކަމުގެ ކަންބޮޑުވުން އެތައް ފަހަރެއްގެ މަތިން ސޯޝަލް މީޑިއާގައި ހިއްސާކުރައްވާފައެވެ.

"ތި ބޭފުޅުންނަށް ފެންނާނެ ކަންނޭނގެ ސޯޝަލް މީޑިގައި އުޅޭ ބައެއް ފޮޓޯތައް. މުށިމަސް ބާނަން ގޮސް ތިބޭހެން އެ ތިބެނީ ގެސްޓުން ކައިރީގައި ލޯންޗުތައް ދުއްވަދުއްވާ،" އޭނާ ފެއްޓެވީ އެ ހިސާބުންނެވެ.

އިނާ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު: އޭނާ ވިދާޅުވީ، ކަނޑުމަތީގެ ހާދިސާތަކުގެ ސަބަބުން ބޮޑު ގެއްލުމެއް ފަތުރުވެރިކަމަށް ލިބޭކަމަށް

ފަތުރުވެރިން ރާއްޖެ އަންނަނީ ރާއްޖެއަކީ ހުރިހާ ގޮތަކުން ވެސް އަމާން ތަނެއްގެ ގޮތުގައި ދެކެގެންކަން ފާހަގަކުރައްވާ ފިރާގު ވިދާޅުވީ، މިފަދަ ހާދިސާތަކުގެ ސަބަބުން ފަތުރުވެރިކަމަށް ލިބޭ ގެއްލުން ހީނުކުރާހާ ބޮޑު ކަމަށެވެ.

އޭނާ ދެކިލައްވާ ގޮތުގައި މި ކަންކަން ރަނގަޅުކުރަން ކުރެވޭނެ އެންމެ މުހިންމު އަދި އެންމެ ބޮޑު އެއް ކަމަކީ މި ކަމަށް ބޭނުންވަ ގަވާއިދެއް އެކުލަވައިލާ ގެޒެޓުކުރުމެވެ. އެގޮތުން، ފަތުރުވެރިން މިފަދަ ހަރަކާތްތަކަށް ގެންދިއުމުގެ ގަވާއިދާއި މިފަދަ ކަންކަމުގައި ބޭނުންކުރާ އޮޑިދޯނިފަހަރުގައި ހުންނަންޖެހޭ ޝަރުތުތައް ވަރަށް ސާފުކޮށް ބަޔާންކުރާ ގަވައިދުތައް ވަގުތުން އެކުލަވައިލުން މުހިންމެވެ.

"ގާނޫނަކަށް ދާކަށް ވެސް ނުޖެހޭނެ ވަޒީރަކަށްވިއްޔާ އޮންނާނެ ގަވާއިދެއް އެކުލަވައިލުމުގެ ބާރު. މިއަދު ވެސް، މިރޭ ވެސް ގަވާއިދެއް ހަދާފައި ގެޒެޓުކުރެވޭ ގޮތަށް އޮންނަކަމެއް އެއީ،" އޭނާ ވިދާޅުވިއެވެ.

ފަތުރުވެރިންތަކެއް ސްނޯކްލް ކުރަނީ -- ފޮޓޯ/ ޑައިވާސް އެލާޓް ނެޓްވޯކް

މި މައްސަލައާ ގުޅިގެން ރިސޯޓް ލައިފް މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ޝާޒް ވަލީދު ވެސް ވަނީ ޚިޔާލު ފާޅުކުރައްވާފައެވެ. އޭނާ ދެކިލައްވާ ގޮތުގައި ރާއްޖެ އަންނަން ފަތުރުވެރިން ގިނަ ޓެކްސްތަކެއް ދައްކާއިރު، އެ މީހުންގެ ރައްކާތެރިކަން ކަށަވަރުކުރެވުމަކީ ތަންފީޒީ އިދާރާތަކުގެ އެންމެ ބޮޑު ޒިންމާކަމުގައި ވާންޖެހެއެވެ.

ކަނޑުމަތީގައި ފަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރުކުރަން ކޯސްޓުގާޑު ބޭނުންކުރަން ޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

"ފަތުރުވެރިން ރާއްޖެއަށް ފައިސާތައް ޚަރަދުކޮށްފައި އަންނައިރު، ކަނޑުމަތީގެ ހާދިސާތައް ނުބެލެހެއްޓޭކަމަށް ވަންޏާ ކޮބައިތޯ ކޯސްޓުގާޑުގެ ބޭނުމަކީ. އެ މީހުން އެބަޖެހޭ ކަނޑުމަތީގައި ހަރަކާތްތެރިވާން މިފަދަ ކަންކަމަށް ވަގުތުން އެޓެންޑުވާން ވެސް،" އޭނާ ވިދާޅުވިއެވެ.

ރިސޯޓް ލައިފް މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ޝާޒް ވަލީދު: އޭނާ ވިދާޅުވީ، ސްނޯކްލިން ޕޮއިންޓުތަކަށް އެއް ވަގުތެއްގައި ދެވޭ މީހުންގެ އަދަދު މަދު ކުރުމަކީ ކުރެވިދާނެ ކަމެއް ކަމަށް --

މީގެ އިތުރުން، ޝާޒު ވެސް ފާހަގަކުރެއްވީ ފިރާގް ފާހަގަކުރެއްވި ފަދައިން މިފަދަ ކަންކަން ބަލަހައްޓާ މޮނީޓާކުރަން ބޭނުންވާ ގަވާއިދުތަކުގެ މުހިންމުކަމެވެ. ސްނޯކްލިން ޕޮއިންޓުތަކަށް އެއް ވަގުތެއްގައި ދެވޭ މީހުންގެ އަދަދު މަދުކުރުމަކީ ވެސް މި ފަދަ ހާދިސާތައް މަދުކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެއްގެ ގޮތުގައި އޭނާ ފާހަގަކުރައްވާފައި ވެއެވެ.

"އެބަޖެހޭ އެ ތަންތަން އޯވާ ކްރައުޑެޑް ވިޔަ ނުދޭން. އެއް ވަގުތެއްގައި މިފަދަ ތަންތަނަށް ދާ މީހުންގެ އަދަދު ލިމިޓުކުރަން،" އޭނާ ވިދާޅުވިއެވެ.

ވަރަށް ފަސޭހައިން ހައްލުވާން އެބައޮތް

މި އުޅަނދުތައް ގަވާއިދަށް ފައްތައި، ފަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި ޓޫރިޒަމް މިނިސްޓްރީގެ އިތުރުން ޓްރާންސްޕޯޓް މިނިސްޓްރީގެ ދައުރު ވެސް ބޮޑެވެ.

އެގޮތުން، އުޅަނދު ރަޖިސްޓްރީކުރާއިރު އެ އުޅަނދަކީ މިފަދަ ކަންކަމަށް އެންމެ އެކަށީގެންވާ އުޅަނދެއްތޯ ޔަގީންކޮށް، ގަވާއިދު އެކުލަވައިލައި އެ ގަވާއިދުގެ ތެރެއަށް އުޅަނދުތައް ވެއްދުމަކީ ޓްރާންސްޕޯޓް މިނިސްޓްރީގެ މެންޑޭޓުގެ ދަށުގައިވާ ކަންކަމެވެ.

އުޅަނދުގެ ބުރަފަތީގައި ފަތުރުވެރިން ޖެހިގެން ދުނިޔެ ދޫކުރުމުގެ ގިނަ ހާދިސާތައް ހިނގާފައިވާއިރު، މިފަދަ ކަންކަމުން ރައްކާތެރިވުމަށް އައުޓްބޯޑު ޕްރޮޕެލާ ސޭފްޓީ ގާޑު ފަދަ ތަކެތި އުފައްދާފައި ހުރެއެވެ.

ރާއްޖޭގައި މެރިން އިންޖީނިއަރިން އިކުއިޕްމަންޓު އެންމެ ފުޅާ ދާއިރާއެއްގައި ވިއްކާ އެއް ކުންފުނި ކަމަށްވާ ހަސަން މެރިންގެ މެނޭޖިން ޑިރެކްޓަރު ހަސަން ހަލީމް ގަބޫލުކުރައްވާ ގޮތުގައި މިފަދަ ސޭފްޓީ ގާޑު ރާއްޖޭގައި ބޭނުންކުރަން ފަށައިފި ނަމަ، ކަނޑުމަތީގެ ހިތާމަވެރި ހާދިސާތައް ވަރަށް ބޮޑަށް މަދުކުރެވޭނެއެވެ.

ބުރަފަތީގައި ބޭނުންކުރާ ގާޑް: މީގެ ސަބަބުން ބުރަފަތީގައި މީހުންޖެހި ހިނގާ ހާދިސާތައް މަދުކުރެވޭނެ

"މިފަދަ ގާޑެއް ރާއްޖެއިން ފެނުނީ ވަރަށް ކުރިން ރިސޯޓަކުން، އާންމުކޮށް ބުރަފަތީގައި އަޅުވާ ގާޑު ރާއްޖޭގައި ވަރަށް ނުގެންގެޅޭ،" އޭނާ ވިދާޅުވިއެވެ.

ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް ބޭނުންކުރާ އުޅަނދުތަކުގައި މިފަދަ ގާޑު ބޭނުންކުރުމަށް ވެސް ގަވައިދެއް މިހާތަނަށް އެކުލަވައިލާ ތަންފީޒުކޮށްފައެއް ނުވެއެވެ. މިއީ އިންޖީނުގެ ބުރަފަތީގެ ސައިޒަށް ތައްޔާރުކޮށްފައި ހުންނަ، މާ އަގު ބޮޑު ނޫން އަމިއްލައަށް ވެސް ބުރަފަތީގައި އަޅުވާލަން ފަސޭހަ އާލާތެކެވެ. އަދި އެމެޒަން ފަދަ އޮންލައިން މާކެޓުތަކުން ފަސޭހައިން ގަނެވޭ އާލާތެކެވެ.

"އަސްލު ބުރަފަތީގައި ޖެހިގެން މިފަދަ ހާދިސާތައް މި ހިނގަނީ ބުރަފަތީގެ އަރިމަތިން ގައިގައި ޖެހުނީމައި. މި ގާޑުން ބުރަފަތީގެ އަރިމަތި ސަލާމަތް ކޮށްދޭނެ. ގާޑު އެޅުވީމައި ބުރަފަތީގައެއް މިހާ ނުޖެހޭނެ، ދެން ޖެހޭނީ ގާޑުގައި،" ބުރަފަތީގައި އަޅުވާ ގާޑުގެ ސަބަބުން މިފަދަ ހާދިސާތައް މަދުވާނެ ސަބަބު އޭނާ ކިޔައިދެއްވިއެވެ.

ރާއްޖޭގައި ފަރުތުވެރިކަމަށް ބައި ގަރުނަށްވުރެ ގިނަ ދުވަސްވެފައިވާއިރު، މިފަދަ ސަލާމަތީ އާލާތްތައް ތައާރަފުކުރެވިފައިނުވަނީ ފިރާގު ގަބޫލުކުރައްވާ ގޮތުގައި އިތުރު ޚަރަދަކަށް ވެދާނެތީއެވެ.

ނަމަވެސް، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކުން ގަބޫލުކުރަނީ މިއީ މިފަދަ ސަލާމަތީ އާލާތްތައް ރާއްޖެ އެތެރެކޮށް، މިތަކެތި ބޭނުންކުރުމަށް ފަތުރުވެރިކަމުގެ ޚިދުމަތްދޭ މީހުންނަށް ބާރުއަޅަންވީ ވަގުތު ކަމަށެވެ. މި ފަދަ މުހިންމު، ބޭނުންތެރި ފިޔަވަޅުތައް އެޅިއްޖެ ނަމަ ހިތާމަވެރި ހާދިސާތައް މަދުކުރެވި، ފަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރުކުރެވިދާނެ ކަމަށް ވެސް ދާއިރާގެ ޚިދުމަތްތެރީން ގަބޫލުކުރެއެވެ.

ބުރަފަތިން މަރަކަށް ފަހު މަރެކެވެ. އެހެން އެކަން ދޫކޮށްލައިގެން ނުވާނެއެވެ. ހައްލުތައް ވެސް އެބަހުއްޓެވެ. މާ އުނދަގޫ ކަމެއް ވެސް ނޫނެވެ. ބޭނުންވަނީ ހުރިހާ އިދާރާއެއް ގުޅިގެން މި ކަންކަން ތަންފީޒުކުރުމެވެ.

comment ކޮމެންޓް