މަޖިލީސް ރައީސް ކަމުން ނަޝީދު ވަކިކުރަން ޕީޖީގައި އެދެފި

ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

އެމްޑީޕީގެ ރައީސްކަމުގައި ހުންނަވައިގެން އާ ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފައްޓަވާފައިވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ މަގާމުން ވަކި ކޮށްދޭން އެ ޕާޓީގެ ޕީޖީ ގުރޫޕުގައި ވަރަށް ގިނަ މެންބަރުން އެދެމުންދާ ކަމަށް އެ ޕާޓީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ފިކުރެއްގެ ދިރުން ނަމުގައި އާ ސިޔާސީ ޕާޓީއެއް ހަދަން ނިންމައި، އެ ފެކްޝަންގައި ތިއްބެވި ހުރިހާ މަޖިލީސް މެންބަރުން މިއަދު ވަނީ އެމްޑީޕީން އިސްތިއުފާ ދެއްވައިފައެވެ.

އެއަށް ފަހުގައި މިއަދު ހަވީރު ބޮޑުފެންވަޅުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައިއެ ފެކްޝަނުން ވަނީ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ކެންޑިޑޭޓެއް ނެރޭނެކަން އިއުލާނު ކުރައްވައިފައެވެ. އަދި، ފިކުރެއްގެ ދިރުން ނަމުގައި އުފައްދާ އާ ޕާޓީއަކީ ސީދާ ނަޝީދުގެ ލަފާފުޅާ އެކު ކުރާ މަސައްކަތެއްކަން އެ ބޭފުޅުން ވަނީ ކަށަވަރު ކޮށްދެއްވައިފައެވެ.

އެކަމަކު، އެ މަނިކުފާނު މިހާތަނަށް އެމްޑީޕީން އިސްތިއުފާ ދެއްވައިފައެއް ނުވެއެވެ.

https://sun.mv/177536

އެނގިފައިވާ ގޮތުގައި އެ މަނިކުފާނު އެ ޕާޓީން އިސްތިއުފާ ނުދެއްވާ ހުންނެވީ މަޖިލީހުގެ ރިޔާސަތު ފިކުރެއްގެ ދިރުމަށް ގެއްލިދާނެތީއެވެ. މަޖިލީހުގެ 12 މެންބަރުންނާ އެކު އެ ޕާޓީ ވެގެންދާނީ މައިނޯރިޓީ ޕާޓީއަށެވެ.

އެކަމާ ގުޅިގެން "ސަން"އާ ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ އެ މަނިކުފާނު މަޖިލީހުގެ ރައީސްކަމުން ވަކިކޮށްދޭން އެ ޕާޓީގެ ވަރަށް ގިނަ މަޖިލީސް މެންބަރުންނާއި އާންމު މެންބަރުން ވެސް އެދެމުންދާ ކަމަށެވެ. އެކަމަކު، އެ ކަމާ ގުޅިގެން އެ ޕާޓީގެ ޕީޖީ ގުރޫޕުން މިހާތަނަށް އެއްވެސް ރަސްމީ ނިންމުމެއް ނުނިންމާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ކުރާ ގަދަރެއްގެ ސަބަބުން ވަރަށް ބޮޑަށް ބަލާ ކަމެއް އެއީ ރައީސް ނަޝީދަށް ފިޔަވަޅެއް ނާޅާ ވޭތޯ ބެލުން. ވަރަށް ބޮޑަށް ބަލަން، އެކަމަކު، އަޅަން ޖެހޭ ފިޔަވަޅެއް އަޅާނެ،" އަސްލަމް ވިދާޅުވިއެވެ.

"ވަރަށް ގިނަ މެންބަރުންނާއި އާންމު މެންބަރުން އަންނަނީ އެދެމުން ރައީސް ނަޝީދަށް ފިޔަވަޅު އެޅުމަށް،"

އޭނާ ވިދާޅުވީ ޕާޓީން ވެސް ނަޝީދަށް ގަދަރު ކުރާ ކަމަށެވެ. އަދި، ފިކުރެއްގެ ދިރުން ހަރަކާތާ އެކު އެ މަނިކުފާނު ޕާޓީން އިސްތިއުފާ ނުދެއްވުމުން ދޭހަވަނީ އެ މަނިކުފާނު ވެސް ޕާޓީއަށް ކުރާ އިހްތިރާމާއި ލޯބި ކަމަށް އޭނާ ވިދާޅުވިއެވެ.

ނަޝީދަށް ފިޔަވަޅު އަޅަން ޕާޓީގެ މެންބަރުން އެދުނު ނަމަވެސް އެ މަނިކުފާނާ މެދު ފިޔަވަޅު އެޅުމާ ބެހޭ އެއްވެސް ރަސްމީ މަޝްވަރާއެއް މިހާތަނަށް ނުހިނގައެވެ. އެކަމަކު، މެންބަރުންގެ އެދުމާ ގުޅޭ މަޝްވަރާތައް ކުރިއަށް އޮތް ތަނުގައި ކުރިއަށް ގެންދާނެއެވެ.

comment ކޮމެންޓް