ދިރުމެއް ނެތް ފިކުރެއް: ނަޝީދު ޖައްސަވަނީ މަރުފަލި

'ފިކުރެއްގެ ދިރުން' ކެމްޕޭން ޖަލްސާއެއްގައި ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ/ އަވަސް

މާޒީ ތަފާތެވެ. އޭރު އެމްޑީޕީގެ ފިކުރަކީ ވެސް ދިރުމަކީ ވެސް އެމްޑީޕީގެ ރައީސް/ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. ބިޔަ ބޮޑު ޕާޓީ މުށު ތެރޭ ގެންގުޅުނީ މަޑު ފުށްކޮޅެއް ހެނެވެ. ޕާޓީ ހިނގަމުން ދިޔައީ އެ މަނިކުފާނު އެދުނު މިސްރާބަށެވެ. އެ ނޫން މަގެއް، އެ ނޫން ހިޔާލެއް ނެތެވެ.

އާ ބާބެއް ފެށިގެން އައީ ކުޑައިރުގެ އެކުވެރިޔާ، ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ޕާޓީގެ ބާރުވެރިކަން ލިބިވަޑައިގަތުމުންނެވެ. އެއާއެކު ދިރުމެއް ނެތް ފިކުރެއް ދިރުވަން މަރުފަލި ޖައްސަވަން ޖެހިވަޑައިގަތީއެވެ.

ރައީސް ޞާލިހާއެކު އިތުރަށް ސިޔާސީ މަސައްކަތް ނުކުރެއްވޭނެ ކަމަށް ނިންމަވައި، ފާޅުގައި ސަރުކާރާއި ދެކޮޅުވެރިވުމަށް ފަހު، ބޭއްވި ތިން އިންތިޚާބުގައި ވެސް ނަޝީދަށް ކުރިމަތިލާން ޖެހިވަޑައިގަތީ ނާކިޔާބާއެވެ. އެމްޑީޕީގެ ގައުމީ މަޖިލީސް އިންތިޚާބާއި، ޗެއާޕާސަންގެ އިންތިޚާބާއި އެންމެ ފަހުން ބޭއްވި ރިޔާސީ ޕްރައިމަރީގައި ވެސް ކުރި ހޯއްދެވީ އާ ލީޑަރެވެ.

ޖަޒުބާތުގައި ޖެހިވަޑައިގެން ދެން ކުރެއްވީ މާ ހުތުރު ކަންކަމެވެ. ޑިމޮކްރަސީގެ ބައްޕާފުޅު ކަމަށް ދައުވާކޮށް، އުމުރު ދުވަހު ދައްކަމުން އައި ނަމޫނާ އެއްކިބާ ކުރެއްވީއެވެ.

ބަލި ގަބޫލުކުރެއްވުމާއި، ނިންމުންތަކަށް އިހްތިރާމް ކުރުމަށް ދެއްކެވި ނަމޫނާ ދޫކޮށްލެއްވީއެވެ. ވާދަވެރިންނަށް އަބަދުމެ ދެއްވި އިރުޝާދާ ވެސް ދެކޮޅުވީއެވެ. ޕްރައިމަރީ އޮތީ ގަޑުބަޑުކޮށްފައި ކަމަށް ތުހުމަތު ކުރައްވައި، އެ ނަތީޖާ ގަބޫލުނުކުރައްވާން ޝަރީއަތަށް ވެސް ވަޑަައިގަތީއެވެ. ހައްތަހާ ވެސް ނުކުރައްވާން ގޮވާލެއްވި ކަންކަމެވެ. ޑިމޮކްރަސީއާ ދިމާ އިދިކީލި ގޮތްތަކެވެ. ހާއްސަކޮށް، ޕާޓީގެ ރައީސް ކަމުގައި ހުންނަވައިގެންނެވެ.

"ފިކުރެއްގެ ދިރުން" ކެމްޕޭން ޖަލްސާއެއްގައި ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދައްކަވަނީ / ސަން ފޮޓޯ: ނާއިލް ހުސެއިން

އެއީ އެ މަގާމުގައި ހުންނަވައިގެން ކުރެއްވިގެން ވާނެ ކަމެއް ނޫނެވެ. ވިދާޅުވެވިގެން ވާނެ އެއްޗެއްސެއް ނޫނެވެ. އާންމު މެންބަރުންގެ ނިންމުން ބަލައެއް ނުގެންނެވިއެވެ. އިހްތިރާމެއް ނުކުރެއްވިއެވެ.

އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުތު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ގަބޫލުކުރައްވާ ގޮތުގައި އެއީ ޕާޓީގެ ރައީސަށް ކުރެއްވިދާނެ ކަމެއް ނޫނެވެ. އަދި، ކަން ކުރައްވައިގެން ވެސް ވާނެ ގޮތެއް ނޫނެވެ. ޕާޓީގެ ކެންޑިޑޭޓާ ދެކޮޅަށް މަސައްކަތް ކުރެއްވުމަކީ އެ ޕާޓީގެ އަސާސީ ގަވާއިދުން ތަންދޭ ކަމެއް ވެސް ނޫނެވެ.

"އެއީ [ނަޝީދު، ރައީސްގެ ފަހަތްޕުޅަށް ނޭރުއްވުން] ދެން ވަރަށް ދެރަ ކަމެއް. ރައީސް ނަޝީދުގެ، އަޅުގަނޑުމެން ވަރަށް ދުވަސް ވަންދެން ބަލަމުން އައި އެއް ސިފަ އެއީ، ވަރަށް ޑިމޮކްރަޓިކް ބޭފުޅެއް ގޮތުގައާއި ވަރަށް އިންސާފުވެރިކޮށް ކަންކަން ނިންމަވާ ބޭފުޅެއް ގޮތުގައި. އެކަމަކު، އެ ކަމުން ފާހަގަ ވެގެން ދިޔައީ މުޅިން އެހެން ގޮތަކަށް." އޭނާ ވިދާޅުވިއެވެ.

ޑިމޮކްރަޓިކް އުސޫލުތަކުގެ މާޒީ: މި ފަހަރު އެހެނެއް ނުވާނެ

އިންތިޚާބުތަކުން ބަލިވެވަޑައިގަތުމުން އެންމެ ކުރިން ބަލި ގަބޫލުކުރެއްވި ބޭފުޅަކީ ނަޝީދެވެ. އެ ނަމޫނާ ދައްކަވައި، އެއީ މިތަނުގެ އުސޫލެއް ކަމަށް ފެއްޓެވީ އެ މަނިކުފާނެވެ.

އަމިއްލަފުޅު ވެރިކަން ވެއްޓި، އެއީ ބަޣާވާތެއް ކަމަށް އަޑުހަރުކޮށް ގޮވަމުން ދަނިކޮށް، ނޭޝަނަލް އިންކުއަރީ ކޮމިޝަނުން ހެދި ރިޕޯޓުގައި، އެ ދުވަހު ކުރީ ބަޣާވާތެއް ނޫން ކަމަށް ކަނޑައެޅުމުން އެ ކަން ވެސް ގަބޫލުކުރެއްވިއެވެ. މަސްލަހަތު އިސްކުރައްވައި، އެ ދުވަހު ވެސް ޖަޒުބާތުގެ ތެރެއިން ވެސް ޑިމޮކްރަަސީގެ ނަމޫނާ ދެއްކެވިއެވެ. އެ މަނިކުފާނަށް މަރުދިން އެތައް ހާސް ސަޕޯޓަރުންނެއްގެ ވިންދާ ވެސް ދެކޮޅަށެވެ.

އޭގެ ފަހުން، 2013ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ ހާމަވިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެ މަނިކުފާނު އިންތިޚާބުން ބަލިވެއްޖެކަން ގަބޫލުކުރެއްވިއެވެ. ވާދަވެރި ކެންޑިޑޭޓަށް މަރުޚަބާ ވިދާޅުވެ، ހުވާ ކުރުމުގެ ރަސްމިއްޔާތަށް ވެސް ވަޑައިގަތެވެ. ސަލާން ކުރައްވައި އެ ދުވަހު ވެސް ޑިމޮކްރަސީގެ ނަމޫނާ ދެއްކެވިއެވެ.

އެކަމަކު، މި ފަހަރު ކަން ކުރެއްވީ ޑިމޮކްރަސީގެ އުސޫލާއި އިދިކީއްޔަށެވެ. ޚުދު އެ މަނިކުފާނު ވަކާލާތު ކުރައްވާ އުސޫލުތަކާއި ވެސް ދެކޮޅަށެވެ.

ދެ ރައީސުން، އެމްޑީޕީގެ ޖަލްސާއެއްގައި --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

"އަޅުގަނޑު ލަފާ ކުރަނީ ވޯޓުލީ ވޯޓާސް ލިސްޓަށް ބަލައިފި ނަމަ ކުޑަ ފަރަގަކުން ރައީސް ޞާލިހް މޮޅުވެދާނެ ކަމަށް. އެހެން ވިޔަސް، އަޅުގަނޑަށް ފެންނަ ގޮތުގައި ރައީސް ޞާލިހާއެކު ގޮސް 2023ގެ ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބެއް ނުކުރެވޭނެ،" ޕްރައިމަރީގެ ނާކަމިޔާބީ ގަބޫލުކުރައްވައި، އެ ޕާޓީގެ ވަޓްސްއެޕް ގުރޫޕަށް ފޮނުއްވި ޖަޒުބާތުން ފުރިގެންވާ މެސެޖެއްގައި އެ ނަޝީދު ވިދާޅުވިއެވެ.

އެއަށް ފަހުގައި ދެން މަސައްކަތް ކުރެއްވީ ވެސް އެ ޕާޓީ ތެރޭ އާ ސިޔާސީ ހަރަކާތެއް ފަރުމާ ކުރާށެވެ. ރައީސަށް ތާއީދުކޮށް، ފަހަތްޕުޅަށް އަރައިވަޑައިގަތުން އެއީ އޮތް ގޮތެއް ކަމަށް ގަބޫލެއް ނުކުރެއްވިއެވެ.

ނަޝީދާ އެންމެ އަރިސްކޮށް މަސައްކަތް ކުރައްވައި އެއްބޭފުޅާ ކަމަށްވާ، ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ގަބޫލުކުރައްވާ ގޮތުގައި ރައީސް ޞާލިޙަށް ތާއީދު ކުރުމަކީ އޮތް ގޮތެއް ނޫނެވެ. އެއީ، ނަޝީދުގެ ކުރިފުޅު މަތީގައި އޮތް 'ޗޮއިސް' އެއް ކަމަކަށް އޭނާ ގަބޫލެއް ނުކުރައްވައެވެ.

"ބުންޏަސް [ރައީސް ޞާލިހަށް ވޯޓެއް] ނުދޭނަމޭ ބުނަނީ. ރައީސް ނަޝީދު ވިދާޅުވިޔަސް ނުދޭނަމޭ. ހަމަ ކިރިޔާ ވާހަކަދައްކާލައި، ބަސް ނުނިމެނީސް ބުނޭ، ބުނެފައި ދަނީ." ބޮންޑޭ ވިދާޅުވިއެވެ.

ހިސާބު ދިމަލެއް ނުވޭ: ޖައްސަވަނީ މަރުފަލި

ތިން ބަލިން ބަލިވެވަޑައިގެން ހުންނެވި ނަޝީދަށް އޮތީ އެންމެ މަގެކެވެ. އެއީ، ޕާޓީ ތެރޭގައި ޕާޓީގެ ދަފުތަރަށް ވުރެ ބޮޑު ގޮތްޕެއް އުފައްދައި، އަލުން ޕާޓީގެ ކޮންޓްރޯލް ނެންގެވުމެވެ. 'ފިކުރެއްގެ ދިރުން' ގޮފީގެ މަގުސަދަކީ އެއީއެވެ.

ޕްރައިމަރީން ބަލިވެވަޑައިގަތުމަށް ފަހު، މަޑުމަޑުން ހުންނެވުމަށް ފަހުގައި ސީދާ ހަރަކާތަށް ނުކުންނެވީ 'ފިކުރެއްގެ ދިރުން' ގޮތްޕަށް ތާއީދު ފޯމު ފުރާށެވެ. އެ ގޮތްޕަށް 50،000 މެންބަރުން ހަމަކޮށް، އެ ގޮފިން ތާއީދުކުރާނެ ވަކި ކެންޑިޑޭޓެއް ނިންމަވާނީ ފަހުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"އެ މީހުން [ވަކިކުރި 39،000 މެންބަރުން] އާއެކު އަޅުގަނޑުމެންނަށް ފެންނަ ގޮތެއް ނިންމުމަށް [ފެންނަނީ]. ފިކުރެއްގެ ދިރުންގެ ފަރާތުން ތާއީދު ކުރާ ރިޔާސީ ކެންޑިޑޭޓު ކަނޑައަޅާނީ ފަހުން،" ނަޝީދު ވިދާޅުވިއެވެ.

ފިކުރެއްގެ ދިރުމަށް ތާއީދު ހޯދަން ރައީސް މުހައްމަދު ނަޝީދު ހިޔާ ފްލެޓެއްގައި--- ފޮޓޯ

ތާއީދު ފޯމު ފުރުމުގެ މަސައްކަތުގައި ޚުދު އެ މަނިކުފާނު ވެސް އުޅުއްވައެވެ. އެކަމަކު، ތާއީދު ފޯމުތަކުގެ ތަފާސް ހިސާބެއް ހޯދަން ތަކުރާރުކޮށް ކެމްޕޭން ޓީމާ ސުވާލު ކުރުމުން ވެސް ރަސްމީ އަދަދެއް ދެއްވަން ވަނީ ދެކޮޅު ހަދައިފައެވެ. ފަހުން ބުނީ، ވަކި އަދަދެއް ހާމަކުރާނީ، ވަކި ޓާގެޓެއް ހާސިލުވުމުން ކަމަށެވެ.

އެ ކަން ތަފުސީލު ކޮށްދެއްވަމުން ބޮންޑޭ ވިދާޅުވި ގޮތުގައި މަރުވެފައި އޮތީ ސަރުކާރުގެ ފިކުރެވެ. އިންތިޚާބު ކާމިޔާބު ކުރީ، ގަޑުބަޑު ކޮށްގެން ކަމަށް ކުރާ ތުހުމަތު ތަކުރާރު ކުރައްވައި އޭނާ ވިދާޅުވީ ޕާޓީގެ ދަފުތަރުން އައި ބަދަލަކީ އިންތިޚާބުން ބަލިވުމުގެ އަސްލު ކަމަށެވެ.

އެކަމަކު، އެ ހިސާބު ދިމަލެއް ނުވެއެވެ. ފުރަތަމަ ދެ އިންތިޚާބުގައި ނާކާމިޔާބުވީ ދަފުތަރަށް އުނި އިތުރެއް ނުގެނެހެވެ.

ޗެއާޕާސަންގެ އިންތިޚާބު ބޭއްވީ އެ ވިދާޅުވާ 39،000 މެންބަރުން ހިމެނިގެންނެވެ. އެކަމަކު، އެ އިންތިޚާބުގައި ވޯޓުލީ 49،000އަށް ވުރެ ގިނަ މެންބަރުންގެ ތެރެއިން، 28،000އަށްވުރެ ގިނަ ވޯޓު ހޯއްދެވީ ސަރުކާރު ފެކްޝަނުން ކުރިމަތިލެއްވި އިކޮނަމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލެވެ. ނަޝީދުގެ ކެންޑިޑޭޓު މާފަންނު ހުޅަނގު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީއަށް ލިބިވަޑައިގަތީ 20،000 ވޯޓެވެ.

އުސޫލުތަކާ ހިލާފު: ޕާޓީގައި ތިބެ ކުރެވިގެންވާނެ ކަމެއް ނޫން

އެމްޑީޕީގެ އުސޫލަކީ އެކުގައި ކުރިއަށް ދިއުމެވެ. އާންމު މެންބަރުންގެ ނިންމުމަށް އިހްތިރާމު ކުރުމެވެ. ވޯޓުން ނިންމާ ނިންމުމަށް ބޯ ލެނބުމެވެ. އެކަމަކު، ޕާޓީގެ ރައީސް ކަމުގައި ހުންނަވައި ނަޝީދު ދައްކަވަނީ ހުތުރު ނަމޫނާއެކެވެ.

އެއީ، ޕާޓީގައި ތިބެ، ހާއްސަކޮށް ޕާޓީގެ ރައީސް ކަމުގައި ހުރެ ކުރެވިގެންވާނެ ކަމެއް ކަަމަށް މެންބަރު އަސްލަމް ގަބޫލެއް ނުކުރައްވައެވެ. އޭނާ ދެކިލައްވައި ގޮތުގައި ޕާޓީގެ މެންބަރުންގެ ސިޔާސަތަކަށް ވާންވާނީ ޕާޓީގެ ކެންޑިޑޭޓަށް ކާމިޔާބު ހޯދުމެވެ.

"ޕާޓީގައި ތިބެންޏާ ޕާޓީން ކެންޑިޑޭޓެއް ނިންމީމައި އެއަށް ތާއީދު ކުރަން ޖެހޭނެ. ނޫނީ ޕާޓީގައި ނުތިބެވޭނެ." އޭނާ ވިދާޅުވިއެވެ.

ކުރީގެ ރައީސް ނަޝީދު މާލެ ވަޑައިގެން ރައްޔިތުންނާއެކު މަޖީދީ މަގުން ހިންގަވާފައި ވަޑައިގަންވަނީ، އަރިހުގައި ރައީސް އިބްރާޙިމް މުހައްމަދު ޞާލިހް --- ފޮޓޯ/ މުޒައްޔިން ނާޒިމް

އެއީ އެ ޕާޓީގެ އަސާސީ ގަވާއިދުން ތަންދޭ ހަރަކާތެއް ނޫނެވެ. އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އިދާރީ، އިބްރާހިމް ވަހީދު (އިބުރޭ) ވިދާޅުވި ގޮތުގައި އެ ޕާޓީގެ އަސާސީ ގަވާއިދު އޮންނަ ގޮތުން މެންބަރުން ތާއީދު ކުރަން ޖެހެނީ އެ ޕާޓީން ކަނޑައަޅައި ކެންޑިޑޭޓަކަށެވެ.

"ސިޔާސީ ބޭފުޅުން ވަރަށް ގިނަ ވާހަކަދައްކާނެ. އެކަމު އޭގެ އެންމެ ފުރިހަމަ ކަމަކަށް ވާނީ އެ ކަމުގައި އަމަލު ކުރައްވާ ގޮތުން ދެއްތޯ، މިހާރަކު އަދި އަޅުގަނޑުމެންގެ ކެމްޕޭނެއް ވެސް ފެށީކީ ނޫން." އިބުރޭ ވިދާޅުވިއެވެ.

ނަޝީދުގެ ސީދާ އަމާޒެއް ސާފެއް ނޫނެވެ. ހާސިލު ކުރައްވަން އުޅުއްވާ މަގުސަދެއް ނޭނގެއެވެ. އެކަމަކު، ބަދަލުނުވެ އޮތް ހަގީގަތަކީ އެ ޕާޓީ ތެރޭގައި އަދި ވެސް އެ މަނިކުފާނަށް ތާއީދުކުރާ ބަޔަކު ތިބި ކަމެވެ. ރިޔާސީ އިންތިޚާބުގައި އެ މަނިކުފާނަކީ މުހިއްމު ބޭފުޅެކެވެ.

އެހެންވެ، އިބުރޭ ވިދާޅުވި ފަދައިން، ދައްކަވާ ވާހަކަފުޅަށް ވުރެ މިހާރު މުހިއްމީ ނަޝީދު ދެން އަމަލުކުރައްވައިފާނެ ގޮތެކެވެ. ދެ ރައީސުންނަށް އެކުގައި ކުރިއަށް ވަޑައިގެންނެވޭނެ ގޮތެއް ހޯދިދާނެތޯއެވެ. އެ ގޮތް ނުހޯދާ ދެ ރައީސުންނަށް ވެސް ފައިދާއެއް ނެތެވެ.

comment ކޮމެންޓް