ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ވަރަށް ޝައުގުވެރި މަގަކުންނެވެ. ޕީއެޗްޑީ ހާސިލް ކުރެއްވުމަށްފަހު ހައުސިން މިނިސްޓަރުކަމާ ހަވާލުވެވަޑައިގެން ހަތް އަހަރު ހުންނެވިއެވެ. އެއީ ލައްކަ ތަޖުރިބާއެވެ. އެ ހަތް އަހަރުގެ ތެރޭގައި ރާއްޖޭގައި މިހާތަނަށް ނުހިންގާ ވަރުގެ ބޮޑެތި އެތައް މަޝްރޫއެއް އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުން ހިންގެވިއެވެ. ސިނަމާލެ ބުރިޖު އެޅުއްވުމާއި އެތައް ހާސް ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫއެކެވެ. އެއަށްފަހު އެމްޑީޕީއިން ރަސްކަން ކުރަމުން ދިޔަ މާލޭގެ މޭޔަރުކަން ފުރަތަމަ ފަހަރަށް ޕީޕީއެމަށް ހޯދައިދެއްވެވިއެވެ.
ލައްކަ ތަޖުރިބާއާއެކު ވެރިކަން ހޯއްދެވި ރައީސް މުއިއްޒާ މެދު ގިނަ ދިވެހީންތަކެއް ބޮޑު އުއްމީދެއް ކުރިއެވެ. ދިވެހީންގެ ރާއްޖެއަށް ދިއުމަށް ރިޔާސީ އިންތިޚާބުގައި ބޮޑު ތަފާތަކުން ވޯޓު ދެއްވީއެހެންވެއެވެ. މި ސަރުކާރަށް މިއަދު އެއް އަހަރު ފުރުނުއިރު ސަރުކާރު ރޭޓް ކޮށްލަން ކަންކަން ދިޔަ ގޮތަށް ބަލާލަމާތޯއެވެ.
އިގްތިސާދު އައިސީޔޫގައި، އެތައް ގޮންޖެހުމެއް
ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތީ ވެސް ރާއްޖެ އިގްތިސާދީ ގޮތުން ގޮންޖެހުންތަކަކާ ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން މީގެ ކުރިން ވެރިކަން ކުރި ބޭފުޅުން ނަގާފައިވާ ގިނަ ލޯނުތަކަކަށް ފައިސާ ދައްކަން ޖެހޭ މުއްދަތު ދިޔައީ ކުޑަވަމުންނެވެ. އެއާއެކު ދެން ފެނުނީ ރާއްޖެއަށް ދަރަނި މެނޭޖު ނުކުރެވިދާނެ ކަމުގެ އިންޒާރު ބައިނަލްއަގުވާމީ އިދާރާތަކުން ދެމުން ދިޔަތަނެވެ. ބައިނަލްއަގުވާމީ މީޑިއާތަކުގެ ސަމާލުކަމަށް އެކަން އައެވެ. ބަނގުރޫޓުގެ އަޑު އެތެރެއާއި ބޭރުގައި ގަދަވިއެވެ.
އެގޮތުން މި އަހަރުގެ މޭމަހުގެ ނުވަ ވަނަ ދުވަހު ވޯލްޑް ބޭންކުން ވަނީ ރާއްޖޭގެ ދަރަނި އިތުރުވާނެ ކަމުގެ އިންޒާރު ދީފައެވެ. ވޯލްޑް ބޭންކުން ބުނީ ރާއްޖޭގެ ފަތުރުވެރިކަމާއި އެހެނިހެން ބޮޑެތި ސިނާޢަތްތަކުން ހީނަރުކަން ފެންނަ ކަމަށެވެ. ރާއްޖެއަށް ފަތުރުވެރިން އަންނަ މިންވަރު އިތުރުވި ނަމަވެސް، ފަތުރުވެރިއަކު ރާއްޖެ އައިސް ކުރާ ޚަރަދު ކުޑަވުމާއި، އެ މީހުން ރާއްޖޭގައި ހޭދަކުރާ މުއްދަތު ކުރުވުމުގެ ސަބަބުން ޖީޑީޕީ އިތުރުވުމަށް ކުރާ ހެޔޮ އަސަރު ކުޑަކަން އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އެހެންވެ ހަރަދު ކުޑަކޮށް އިގްތިސާދު ހަމައަކަށް އެޅުވުމުގެ އިސްލާހީ މަސައްކަތް ވީ އެންމެ އަވަހަކަށް ފެށުމަށް ވޯލްޑް ބޭންކުން ގޮވާލިއެވެ.
ދަރަނި ދެއްކުމުގައި ހުރި ދަތިތައް ފާހަގަކޮށް މިދިޔަ ސެޕްޓެމްބަރު މަހު 11 ގައި ބައިނަލްއަގުވާމީ ކްރެޑިޓް ރޭޓިން އެޖެންސީ މޫޑީސްއިން ވަނީ ރާއްޖޭގެ ރޭޓިން 'ސީއޭއޭ2'އަށް ދަށްކޮށްފައެވެ. އޭގެ ކުރިން މިދިޔަ އޮގަސްޓް މަހު 29 ގައި ފިޗުން ވެސް ވަނީ ރާއްޖޭގެ ރޭޓިން 'ސީސީ'އަށް ދަށްކޮށްފައެވެ. އެއާއެކު ބައިނަލްއަގުވާމީ މާލީ އިދާރާތަކުގެ އިތުބާރު ރާއްޖެއަށް ކުޑަ ވެގެންދިޔައެވެ.
ރޭޓިންއަށް ބަދަލު ގެނައި ނަމަވެސް މަރުކަޒީ ބޭންކް، އެމްއެމްއޭއިން ވަނީ ދަރަނި އަދާކުރެވޭނެކަމުގެ ޔަގީންކަން ދެއްވައިފައެވެ. ރިޒާވްގެ ހާލަތު ވެސް ރަނގަޅުވަމުން އަންނަ ކަމަށް އެމްއެމްއޭގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ވޯލްޑް ބޭންކުން މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ވަނީ މިއަހަރު ރާއްޖޭގެ އިގުތިސާދު ކުރިއަރާނެ ކަމަށް އޭގެ ކުރިން އެ ބޭންކުން ލަފާކުރި މިންވަރު ދަށްކޮށްފިއެވެ. އެއީ 5.2 ޕަސެންޓުން 4.7 ޕަސެންޓަށެވެ.
މިއަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު 1.7 މިލިއަނަށް އަރާފައިވާއިރު މިއަހަރުގެ ޓާގެޓް ކަމަށްވާ ދެ މިލިއަން ފަތުރުވެރިން ގެނައުމުގެ އަމާޒު ހާސިލު ވާނެ ކަމަށް ބެލެވެއެވެ. އެއާއެކު މިދިޔަ އަހަރަށް ވުރެން ޓޫރިސްޓުން ރާއްޖެ އައި އަދަދު 8.6 ޕަސެންޓް އިތުރު ވެގެން ދާނެއެވެ. ނަމަވެސް ޓޫރިސްޓުންގެ އަދަދު އިތުރުވި ނަމަވެސް ޓޫރިސްޓުން ރާއްޖޭގައި ހޭދަ ކުރާ މުއްދަތާއި ހޭދަކުރާ މިންވަރު ދަށް ވުމުގެ ކަންބޮޑުވުން ވަރަށް ބޮޑެވެ.
ރާއްޖެއަކީ މުޅިންހެން އިމްޕޯޓަށް ބަރޯސާވެފައިވާ ގައުމަކަށްވާއިރު މީގެ ކުރިން އާއްމުކޮށް ނުދާހާ މައްޗަށް ބްލެކް މާކެޓުގައި ޑޮލަރުގެ އަގު އުފުލުމަކީ ވެސް މިސަރުކާރުގެ މި ވޭތުވެދިޔަ އެއް އަހަރުގެ ތެރޭގައި ކުރިމަތިވި ގޮންޖެހުމެކެވެ. ޑޮލަރެއްގެ ރަސްމީ ރޭޓަކީ 15.42 އަކަށްވާއިރު މިހާރު ބްލެކް މާކެޓުން ޑޮލަރެއް ގަންނަން ލިބެނީ ގާތްގަނޑަކަށް 19 ވަރަކަށް ރުފިޔާއަށެވެ. ޑޮލަރުގެ އަގު ދަށް ވާނެ ކަމަށް ސަރުކާރުން ޔަގީންކަން ދިން ނަމަވެސް އެގޮތަކަށް އެކަމެއް ނުވެއެވެ. އަދި ދަނީ މައްޗަށެވެ. ޑޮލަރުގެ އަގު މަތިވުމާއެކު ކާބޯތަކެއްޗާއި އެހެނިހެން ބާވަތްތައް ރާއްޖޭގެ މާކެޓުގައި ވަނީ ކުރިއާ އަޅާބަލާއިރު ވަރަށް ބޮޑަށް އަގު އުފުލިފައެވެ.
ވޯލްޑް ބޭންކުން މިދިޔަ މަހު ބުނިގޮތުގައި ކާބޯތަކެތީގެ އަގު 6.7 އިންސައްތަ އުފުލި، ދިރިއުޅުމުގެ ޚަރަދު ބޮޑުވެ، ޚާއްޞަކޮށް އާމްދަނީ ދަށް ގޭބިސީތަކުގެ ދިރިއުޅުމުގެ ޚަރަދު ވަނީ އިތުރުވެފައެވެ.
ސަރުކާރުގެ މަތި ބަރު ވާހަކައާއި ހަރަދު އިންތިހާއަށް ބޮޑު ވާހަކައަކީ އިދިކޮޅުން އެންމެ ބޮޑަށް ފާޑުކިޔަމުން ދިޔަ އެއް ކަންތަކެވެ. ދައުލަތުގެ ބަޖެޓަށް ބަލާއިރު މިއަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި އަދަދުން ވެސް ވަނީ ނުފުދިފައެވެ. މި އަހަރު ފާސްކުރި 49.9 ބިލިއަން ރުފިޔާ މަދުވެގެން އިތުރު 5.1 ބިލިއަން ރުފިޔާ ބަޖެޓަށް ފަހުން އިތުރުކުރީއެވެ. އެއާއެކު މިއަހަރުގެ ޖުމުލަ ބަޖެޓް ވަނީ 55 ބިލިއަން ރުފިޔާއަށް އަރައިފައެވެ. އަހަރު މިހާ ހިސާބަށް ދިޔައިރު 9.5 ބިލިއަން ރުފިޔާ އޮތީ ދަރަނީގައެވެ. އަދި 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓާ އެކު އަހަރު ނިމޭއިރު ދަރަނި ހުންނާނީ އުފެއްދުންތެރިކަމުގެ ނިސްބަތުން 118 އިންސައްތައިގައި ކަމަށް ވަނީ ލަފާކޮށްފައެވެ. މި އަހަރުގެ ބަޖެޓު ޑެފިސިޓު 18 ބިލިއަން ރުފިޔާއަށް އަރާނެއެވެ.
އިގްތިސާދު ހަމަޔަކަށް އެޅުވުމުގެ ބޭނުމުގައި ސަރުކާރުން މިވަނީ ޓެކްސް ރޭޓްތަކެއް ވެސް މި ފަހުން ބޮޑުކޮށްފައެވެ. އެގޮތުން މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނުނަށް ހުށަހެޅި އިސްލާހާއެކު ޓީޖީއެސްޓީގެ ގޮތުގައި މިހާރު ނަގަމުން އަންނަ 16 ޕަސެންޓް، އަންނަ އަހަރުގެ ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން 17 ޕަސެންޓަށް ބޮޑު ކުރަން ވަނީ ފާސްކޮށްފައެވެ. އޭގެ އިތުރުން ގްރީން ޓެކްސް އާއި އެއާޕޯޓުތަކުން ފުރާ ފަސިންޖަރުންގެ އަތުން ނަގާ ޓެކުހާއި ފީ ބޮޑުކުރުމަށް ވެސް ވަނީ ނިންމައިފައެވެ. މި ޓެކްސް ރޭޓްތަކުގެ ސަބަބުން އާއްމު މީހާއަށް މާ ބޮޑު އަސަރެއް ނުކުރާނެއެވެ.
ތަރައްގީގެ މަޝްރޫއުތަކަށް ބަލާއިރު އިގްތިސާދީ ގޮތުން ކުރިމަތިވެފައިވާ ގޮންޖެހުންތަކާއެކު ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި މާބޮޑު މަޝްރޫއުތަކެއް ފެށި ރަނގަޅު ނަތީޖާތަކެއް ނެރެވުނުތަނެއް ފެނިގެން ގޮސްފައެއް ނުވެއެވެ. އެއާއެކު މުޅި ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި ފަށާފައިވާ އިގްތިސާދީ މަޝްރޫއުތައް ހުއްޓިފައިވާ ކަމަށް ބުނެ އިދިކޮޅުން ދިޔައީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.
ނަމަވެސް ސަރުކާރުން ފާހަގަ ކުރިގޮތުގައި އެމްޑީޕީގެ ވެރިކަމުގައި ފަށާފައިވާ މަޝްރޫއުތަކަށް ބަޖެޓް ކަނޑައަޅާފައި ހުރީ މަޝްރޫއުތައް ހިންގޭނެ ގޮތަކަށް ނޫނެވެ. އެގޮތުން މިއަހަރު ކުރިއަށްގެންދިޔުމަށް ސޮއިކޮށްފައިވާ ޕީއެސްއައިޕީ މަޝްރޫއުތަކުގެ އަގު 36 ބިލިއަން ރުފިޔާއަށްވުރެ އިތުރު ކަމަށާއި ނަމަވެސް އެ މަޝްރޫއުތަކަށް ބަޖެޓުގައި ކަނޑައަޅާފައިވާ އަދަދު ފަސް ބިލިއަނަށްވުރެ ކުޑަ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވަނީ ވިދާޅުވެފައެވެ.
މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ނިމިދިޔަ އެމްޑީޕީ ސަރުކާރުން މަސްވެރިންގެ އަތުން ގަތް މަހަށް އޮތީ ފައިސާ ނުދައްކައެވެ. އެއާއެކު އިހުތިޖާޖުތައް ފެށިގެންދިޔައެވެ. މަސްވެރިން ކިރާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރުމަކީ މިސަރުކާރުގެ ރިޔާސީ ވައުދަކަށް ވާއިރު މަސްވެރިން ދިޔައީ އެ މީހުން ކިރިތާ އެތައް މަހެއްވީ މަހަށް ފައިސާ ނުލިބޭ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށް އިހުތިޖާޖުތައް ކުރަމުންނެވެ. ނަމަވެސް ސަރުކާރުން ފަހުން ވަނީ މަސް ގަންނަ އަގު ހަމައަގަށް ބަދަލުކޮށް ފައިސާ ދޫކުރަން ފަށައިފައެވެ. އެގޮތުން ނޮވެމްބަރު 17 އިން ޖުލައި މަހުގެ ނިޔަލަށް މަސްވެރިންނަށް ބިލިއަނަކަށް ވުރެން ގިނަ ރުފިޔާ ދޫކުރިއެވެ.
މަސްވެރިންގެ އިތުރުން ސަރުކާރަށް އެކިއެކި މަސައްކަތްތައް ކޮށްދިން މީހުންނާއި އެކިއެކި ތަކެތި ފޯރުކޮށްދިން ކުންފުނިތަކަށް ވެސް ސަރުކާރުން ފައިސާ ދޫނުކުރާ މިންވަރު ލަސް ކަމުގެ ޝަކުވާ އޮތީ ބޮޑުވެފައެވެ.
ހަނީމޫނެއް ނުލިބި ފުރަތަމަ ވެސް ޕްރެޝަރަށް
އާއްމުކޮށް ގިނަ ސަރުކާރުތަކުން ވެރިކަމާ ހަވާލުވެ ހަމަޖެހިލުމަށް "ހަނީމޫން ޕީރިއަޑެއް" ލިބެއެވެ. ނަމަވެސް ހުވާ ކުރެއްވުމުގެ ކުރިން ފެށިގެން ގޮސް ސަރުކާރު ހިންގެވުމުގެ ރަސްމީ ބުރަ ޒިންމާ އަދާކުރައްވަން ފެއްޓެވުމާ ހަމައަށް ވެސް ރައީސް މުއިއްޒަށް ދިޔައީ ސިޔާސީ ގޮތުން އެކިއެކި ގޮންޖެހުންތައް ކުރިމަތިވަމުންނެވެ. އެންމެ ފުރަތަމަ ހަމަލާތައް އަންނަމުން ދިޔައީ އެންމެ ކައިރިންނެވެ.
މިފަހުގެ ތާރީހެއްގައި ކޮންމެ ބޭފުޅަކު ވެސް ރައީސް ކަމަށް ވަޑައިގަންނަވާފައިވަނީ އޭގެ ކުރިން ރައީސްކަން ކުރެއްވި ބޭފުޅެއްގެ ފޮޓޯ ދައްކައިގެންނެވެ. އެގޮތުން މިދިޔަ ރިޔާސީ އިންތިޚާބު ރައީސް މުއިއްޒު ވެސް ކާމިޔާބު ކުރެއްވީ ޖަލު ބަންދުގައި އޭރު ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފޮޓޯ އާއި ހުސްގޮނޑިއެއް ދައްކަވައިގެންނެވެ. ކުރީގެ ވެރިކަންތަކުގައި ވެސް އަލަށް ވެރިކަން ލިބޭ ރައީސާއި ކުރީގެ ރައީސްގެ ގުޅުން ގޯސްވުމުގެ ސިލްސިލާ މިފަހަރު ވެސް ތަކުރާރުވީއެވެ. އެކަން ފެށުނީ ޔާމީން ގޭ ބަންދަށް ބަދަލު ކުރުމާއެކު ރައީސް މުއިއްޒު ވެރިކަމުގެ ހުވާ ކުރެއްވުމުގެ ކުރިންނެވެ.
ދެން ފެނުނީ މި ސަރުކާރަށް ހަފުތާ ނުވަނީސް ރައީސް ޔާމީން ޕީޕީއެމް ދޫކޮށްލެއްވިތަނެވެ. އެއަށްފަހު ޕީއެންއެފްގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފައްދަވައި މި ސަރުކާރާއި ސަރުކާރުގެ ވެރިންނަށް އެންމެ ބޮޑަށް ފާޑުވިދާޅުވާ އެއް ބޭފުޅަކީ ކުރީގެ ރައީސް ޔާމީނެވެ. އަދި މިސަރުކާރުގެ ވެރިންގެ ފާޑުކިޔުން ވެސް ޔާމީނާއި ޕީއެންއެފްގެ ވެރިންނަށް ވަރަށް ބޮޑަށް ވަނީ އަމާޒުވެފައެވެ. ސަރުކާރަށް އެއް އަހަރު ވެގެންދާއިރު މި ބަހުގެ ހަނގުރާމަ ދަނީ އިތުރަށް ވަރުގަދަ ވަމުންނެވެ.
ސިޔާސީ ގޮތުން އެތައް ފިއްތުންތަކަކާއެކު ހިންގަމުން ދިޔަ މި ސަރުކާރުގެ ފުރަތަމަ އިމްތިހާނަކަށް ކުރިމަތިވީ މާލޭގެ މޭޔަރަކު އިންތިޚާބު ކުރުމަށް މި އަހަރުގެ ޖެނުއަރީ މަހު ބޭއްވި އިންތިޚާބެވެ. ރައީސް މުއިއްޒު ކުރިން ހުންނެވި މަގާމަށް އެމަނިކުފާނުގެ ތާއީދުގައި ނެރުއްވީ ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރެވެ. ރައީސް ޔާމީންގެ ތާއީދާއެކު ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދު ވާދަކުރެއްވެވިއިރު އިދިކޮޅު އެމްޑީޕީއިން ވާދަ ކުރެއްވީ އެމްޓީސީސީގެ ކުރީގެ އެމްޑީ އާދަމް އާޒިމެވެ. ރައީސް މުއިއްޒު ވަރަށް ހަރަކާތްތެރިކޮށް ކެމްޕެއިންގައި އުޅުއްވި މި އިންތިޚާބުން ސަރުކާރަށް ކުރިމަތިވީ ބޮޑު ނާކާމިޔާބީއަކާއެވެ. ބޮޑު ތަފާތަކުން މާލޭގެ މޭޔަރުކަމުގެ މަގާމު އެމްޑީޕީއިން ހޯދީއެވެ.
ނަމަވެސް މިއަހަރުގެ އޭޕްރީލް 21 ވަނަ ދުވަހު ބޭއްވި މަޖިލީހުގެ އިންތިޚާބުގައި މި ސަރުކާރުން ވަނީ އާދަޔާ ހިލާފު ބޮޑު ކާމިޔާބީއެއް ހޯދައިފައެވެ. އެއީ މަޖިލީހުގެ 93 ގޮނޑީގެ ތެރެއިން 66 ގޮނޑި ކާމިޔާބު ކުރެއްވުމެވެ. އަދި އަމިއްލަ ގޮތުން އިންތިޚާބުވި ހަ މެންބަރަކު ޕީއެންސީއާ ގުޅުމާއެކު އެ ޕާޓީއިން މަޖިލީހުގެ 72 ގޮނޑި ކާމިޔާބުކޮށް ސުޕަ މެޖޯރިޓީ ހޯދިއެވެ. މިއާއެކު ފެނިގެން ދިޔައީ ސަރުކާރު ވަރަށް ވަރުގަދަވެގެންދިޔަ ތަނެވެ. އިދިކޮޅު އެމްޑީޕީއާއި ޕީއެންއެފްއިން ކިތަންމެ ފާޑެއް ސަރުކާރަށް އަމާޒު ކުރި ނަމަވެސް ވެރިކަމުގައި އޮތުމާއި މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބިފައިވުމާއެކު ސަރުކާރު އޮތީ ފުދިފައެވެ.
ސަރުކާރަށް އެއް އަހަރު ވެގެންދާއިރު ކުރިން ވަރަށް މަޑުން އޮތް އިދިކޮޅު އެމްޑީޕީ އިތުރަށް ހަރަކާތްތެރިވާ މަންޒަރު ދަނީ ފެންނަމުންނެވެ. ހަރުގެ ޖަލްސާތަކުގެ ބަދަލުގައި ބޮޑެތި ޖަލްސާތަކާއި ކުދި ނަމަވެސް އެކި އެއްވުންތައް ވެސް ބާއްވަން ވަނީ ފަށަފައެވެ. އަދި ޔާމީން އިސްވެ ހުންނަވައި ޕީއެންއެފްއިން ސަރުކާރަށް ކިޔަމުން އަންނަ ފާޑުކިޔުންތައް ވެސް ދުވަހަކަށް ވުރެން ދުވަހެއް ދަނީ އިތުރުވަމުންނެވެ.
ހާރިޖީ ސިޔާސަތު ޔޫޓާނެއް
ރައީސް މުއިއްޒު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ޚަބަރު ދުނިޔޭގެ ބޮޑެތި ނޫސްތަކުގެ ފަލަ ސުރުހީއަށް އެރީ ޗައިނާއަށް ތާއީދު ކުރާ ކެންޑިޑޭޓް ރާއްޖޭގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކޮށްފި ކަމަށް ބުނެއެވެ. އަދި ޕީޕީއެމް/ޕީއެންސީއިން ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ވެރިކަމާ ދެކޮޅަށް އެންމެ ބޮޑަށް ބޭނުންކުރި އެއް ވާހަކައަކީ "އިންޑިއާ އައުޓް" ކަމަށްވާއިރު މި ސަރުކާރު ފެށުނުއިރު ވެސް އަވައްޓެރި އެންމެ ބޮޑު ގައުމާއި މި ސަރުކާރުގެ ގުޅުން އޮތީ ހީނަރުވެފައެވެ. ރާއްޖޭގެ ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުން ފުރަތަމަ ރަސްމީ ދަތުރުފުޅު އިންޑިއާއަށް ކުރައްވާއިރު ރައީސް މުއިއްޒު ވަޑައިގެންނެވީ ތުރުކީއަށެވެ. އެއަށް ފަހު ޗައިނާއަށެވެ.
ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރާއްޖެ ވަޑައިގެން ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން، ރައީސް ޑރ. މުއިއްޒު ވަނީ އިންޑިއާއަށް ނުސީދާ ގޮތެއްގައި ބަހުގެ ހަމަލާތަކެއް ރައްދުކުރައްވައިފައެވެ. އެގޮތުން ރާއްޖެ ކުޑަވުމަކީ ބޭރުގެ ބޮޑެތި ގައުމުތަކުން ބުލީކުރަން ލިބޭ ލައިސަންސެއް ނޫން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ހަމައެއާއެކު ރާއްޖޭގެ ތިން ޑެޕިއުޓީ މިނިސްޓަރެއްގެ ފަރާތުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ކުޑައިމީސްވާ ގޮތަށް ދެއްކި ވާހަކަތަކާއެކު ވެސް ގުޅުން އިތުރަށް ގޯސްވެ، އިންޑިއާއިން ރާއްޖެ ބޮއިކޮޓްކުރުމުގެ ހަރަކާތެއް ވެސް ފެށުނެވެ. ދެ ގައުމުގެ ސަފީރުން، ދެ ގައުމުގެ ޚާރިޖިއްޔާއަށް ހާޒިރު ވެސް ކުރިއެވެ. ބޮއިކޮޓް ކެމްޕެއިނާއެކު ކޮވިޑްގެ ފަހުން ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަމުން ދިޔަ އިންޑިއާ މާކެޓް ވަރަށް ބޮޑަށް ދަށްވިއެވެ. އޭގެ ސަބަބުން ރާއްޖެއަށް ލިބުނު ގެއްލުން ދެ ބިލިއަން ޑޮލަރަށް އަރާ ކަމަށް ޓޫރިޒަމް ދާއިރާގެ އިސް ބައެއް ބޭފުޅުން ވިދާޅުވިއެވެ.
އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ހެލިކޮޕްޓަރުތައް އޮޕަރޭޓް ކުރުމަށް ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅަކަށްވާއިރު އެ މަޝްވަރާތައް ސަރުކާރުގެ ކުރީކޮޅު ފެށިގެންދިޔައެވެ. އަދި މިއަހަރުގެ މާޗު މަހުގެ 15 ގެ ކުރިން އިންޑިއާ ސިފައިން ރާއްޖޭން ދިއުމަށް ސަރުކާރުން އިންޑިއާއަށް އެންގިއެވެ. އެ މުއްދަތު ހަމަވުމާއެކު ސަރުކާރުން ހާމަ ކުރީ އިންޑިއާ ސިފައިން ރާއްޖެ ދޫކޮށް ދިޔަ ކަމަށާއި އެ ގައުމުގެ ސިފައިންގެ ބަދަލުގައި ހެލިކޮޕްޓަރު އޮޕަރޭޓް ކުރަން ފަހުން އައީ ސިވިލިއަނުން ކަމަށެވެ.
އިންޑިއާ ސިފައިން ބޭލުމުގެ ވައުދު ފުދިއްޖެ ކަމަށް ސަރުކާރުން އިއުލާނު ކުރިނަމަވެސް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ކުރީގެ ރައީސް ޔާމީން ފަދަ ބޭފުޅުން ވަނީ އެކަމަށް ޖޯކް ޖައްސަވައިފައެވެ. އެގޮތުން ކުރިން ވެސް ރާއްޖޭގައި ތިބި ގޮތަށް ޔުނީފޯމް ބޭލުމަށް ފަހު އިންޑިއާގެ ސިފައިން މިހާރު ވެސް ރާއްޖޭގައި އެބަތިބި ކަމަށް އެ ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.
އިންޑިއާގެ ގުޅުން ގޯސްވި ނަމަވެސް ވަރިހަމަކޮށްގެން ތިބުމަށްފަހު ފަހުން ފެންނަން ފެށީ ދިވެހި ސަރުކާރުން ދޫދެމުން ދިޔަ މަންޒަރެވެ. އެގޮތުން އިންޑިއާގެ ބޮޑު ވަޒީރު މޯދީ ތިން ވަނަ ދައުރަކަށް ހުވާ ކުރެއްވި ރަސްމިއްޔާތަށް ރައީސް މުއިއްޒު އިންޑިއާއަށް ވަޑައިގެން ގުޅުން ބަދަހި ކުރެއްވުމުގެ މަސައްކަތް ފެއްޓެވިއެވެ. އަދި ރައީސްގެ ދެކަނބަލުން ސަރުކާރުގެ މަތީ ފަންތީގެ އިސް ވަފުދަކާއެކު މިދިޔަ އޮކްޓޫބަރު މަހު އިންޑިއާއަށް ކުރެއްވި ދަތުރުފުޅާއެކު އިންޑިއާއާއި ރާއްޖެ ވަރަށް ގާތްވި މަންޒަރު ފެނިގެންދިޔައެވެ.
އިދިކޮޅުގައި ތިއްބަވައިގެން ދެކޮޅު ހެއްދެވި ކަންކަން ކަމަށްވާ އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ހެދުމާއި ޕޮލިސް އެކަޑަމީ ތަރައްގީ ކުރުމަށް އިންޑިއާގެ އެހީ ހޯދުމާއި އިންޑިއާގެ ރުޕޭ ކާޑު ރާއްޖޭގައި ބޭނުން ކުރުން ފަދަ ކަންކަމަށް ސަރުކާރުން އެއްބަސްވެ އެގްރީމެންޓް ހެދިއެވެ.
އިންޑިއާއަށް ފުރާވަޑައިގަންނަވަމުން ބީބީސީއަށް ދެއްވި އިންޓަވިއޫއެއްގައި ރައީސް ވިދާޅުވީ، ރާއްޖޭގެ މާލީ ހާލަތު ގޯސްވެ، އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ގެ ޕްރޮގްރާމްގައި ޖެހެން ނުޖެހޭނެ ކަމަށާއި އަވައްޓެރި އިންޑިއާއިން ރާއްޖެއަށް އެހީވާނެކަން ޔަގީންވާ ކަމަށެވެ.
އެކަން މި ދަތުރުން ފެނިގެން ދިޔައެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި)އާއެކު 400 މިލިއަން އެމެރިކާ ޑޮލަރު އަދި 30 ބިލިއަން އިންޑިއަން ރުޕީސްގެ ކަރަންސީ ސްވޮޕް ފެސިލިޓީ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. މިއީ ބޭރު ފައިސާއަށް އިންތިހާއަށް ބޭނުން ވެފައިއޮތް އަދި ރިޒާވް ދަށްވެފައިވާ މި ގައުމަށް ބޮޑު ލުޔަކަށްވާނެކަން ޔަގީނެވެ.
އިންޑިއާއިން މި އެހީތެރިކަން ހޯދުމުގެ ކުރިން އެހެން ގައުމުތަކުން މިފަދަ އެހީތައް ހޯދަން ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރިއެވެ. ރައީސްގެ އިތުރުން ވަޒީރުންނާއި ސަރުކާރުގެ އެހެން އިސްވެރިން ގައުމުތަކަށް ވަޑައިގެން އެތައް މަޝްވަރާއެއް ކުރެއްވެވިއެވެ. ނަމަވެސް، މާ ބޮޑު އެހީތެރިކަމެއް ލިބިގެންދިޔަ ތަނެއް ނުފެނުނެވެ.
އިންޑިއާއާއި ރާއްޖޭގެ ގުޅުން ރަނގަޅުވުމާއެކު ދެން ފެނިގެން ދިޔައީ އެ ގައުމުގައި އެންމެ ނުފޫޒުގަދަ ފިލްމީ ތަރިން ހިމެނޭގޮތަށް އެތައް ހާސް ބަޔަކު ރާއްޖެއަށް ޗުއްޓީ ހޭދަ ކުރަން އަންނަން ފެށިތަނެވެ.
އަހަރެއްގެ ތެރޭގައި ހާރިޖީ ސިޔާސަތަށް މިހާ ބޮޑު ބަދަލެއް އައިސްފައިވާއިރު ބޭރުގެ މީޑިއާތަކުން މިކަން ސިފަ ކުރީ ދިވެހި ސަރުކާރުން "ޔޫޓާން" އެއް ނެގީ ކަމަށެވެ.
ކެރުންހުރި ނިންމުންތަކެއް ނިންމުން
އަހަރަކަށް ވުރެން އަހަރެއް ރާއްޖެއަށް ލިބޭ އާމްދަނީއަށް ވުރެން ހަރަދުތައް ބޮޑުވަމުން ދިޔަ ނަމަވެސް ވޭތުވެދިޔަ ސަރުކާރުތަކުން އިސްލާހީ ފިޔަވަޅުތައް އެޅުމުގައި އޮތީ ފަހަތު ފަޔަށް ބުރަވެފައެވެ. ނަމަވެސް ރައީސް މުއިއްޒުގެ މި ސަރުކާރަށް އެއް އަހަރުވީއިރު ކުރިން އަޅަން ނުކެރިފައި ހުރި ގިނަ ފިޔަވަޅުތަކެއް އަޅުއްވާ މަންޒަރު އަންނަނީ ފެންނަމުންނެވެ.
އޭގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ އެއް ފިޔަވަޅަކީ މިދިޔަ އޮކްޓޫބަރު މަހުގެ އެއް ވަނަ ދުވަހު ބޭރު ފައިސާއާ ބެހޭ ގަވާއިދަށް ގެނައި ބޮޑު ބަދަލެވެ. އެމްއެމްއޭއިން ގެޒެޓުކުރި ބޭރު ފައިސާއާ ބެހޭ ގަވައިދުގައި ވަނީ ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަނަށް އަންނަ ކޮންމެ ފަތުރުވެރިއަކަށް ވަކި ރޭޓަކުން ރާއްޖޭގެ ބޭންކަކުން ޑޮލަރު މާރުކުރަންޖެހޭ ކަމަށް ބަޔާންކޮށްފައެވެ.
އެ ގަވާއިދުގައި ވާގޮތުން، ކެޓަގަރީ އޭގައި ހިމެނޭ ފަތުރުވެރިކަމުގެ ޚިދުމަތްދޭ ތަންތަނުން ކޮންމެ މަހެއްގެތެރޭ އަންނަ ކޮންމެ ޓޫރިސްޓަކަށް 500 އެމެރިކާ ޑޮލަރުގެ ރޭޓުން އެމަހެއްގައި އައިސްފައިވާ ޖުމުލަ ފަތުރުވެރިންނަށް ޖެހޭ އަދަދު އެ މަހަށްފަހު ހިނގާ ތިންވަނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިން ބޭންކަށް މާރުކުރަން ވާނެއެވެ. އަދި ކެޓަގަރީ ބީގައި ހިމެނޭ ފަތުރުވެރިކަމުގެ ޚިދުމަތްދޭ ތަންތަނުން ވެސް މިފަދައިން ޑޮލަރު މާރުކުރަން ޖެހެއެވެ. ނަމަވެސް، މި ކެޓަގަރީން މާރުކުރަން ޖެހެނީ 25 ޑޮލަރެވެ.
މިއީ ކުރީގެ ސަރުކާރުތަކަށް ގެންނަން ނުކެރިފައި އޮތް ބަދަލެކެވެ. އަދި މި ބަދަލު ގެނެސްފައި މިވަނީ ޓޫރިޒަމް ދާއިރާއަށް އިންވެސްޓް ކޮށްފައި ތިއްބެވި އެތައް ބޭފުޅުންނެއް އެކަމާ ކަންބޮޑުވުން ފާޅު ކުރަމުން ދަނިކޮށެވެ.
ހަމައެއް ލަމައެއް ނެތި ރާއްޖޭގައި އުޅެމުން ދިޔަ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ވެސް ކުރީ ސަރުކާރުތަކުން ނުހޯދޭވަރުގެ ކާމިޔާބީއެއް މި ސަރުކާރުން ވަނީ ހޯދައިފައެވެ. ނުގަވައިދުން އުޅޭ ބިދޭސީން އަތުލައިގަތުމަށް ގިނަ ރެއިޑްތަކެއް ހިންގިއެވެ. ނުތާހިރުކޮށް ކާބޯތަކެތި އުފެއްދުންފަދަ ނުގަވައިދުން ކުރަމުން ދިޔަ އެތައް ވިޔަފާރިއެއް ހުއްޓުވިއެވެ. ސަރުކާރުން ހިއްސާ ކުރި ތަފާސްހިސާބުތަކަށް ބަލާއިރު އެއް އަހަރު ތެރޭގައި ރާއްޖޭން 5000 އެއްހާ ބިދޭސީން ވަނީ ޑީޕޯޓް ކޮށްލައިފައެވެ.
ހަމައެއާއެކު ކޮންމެ އަހަރަކު ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކުރަން ޖެހޭ އާސަންދަ އިސްލާހު ކުރުމަށް ވެސް ވަނީ ގިނަ ފިޔަވަޅުތަކެއް އަޅުއްވައިފައެވެ. އޭގެ ތެރޭގައި ހައްދެއް ނެތި ބިލްކުރަމުންދިޔަ ބޭހުގެ އަގު ކޮންޓްރޯލް ކުރުމާއި ޕްރައިވެޓް އިންޝުއަރެންސް ގެންގުޅޭނަމަ އެއަށް ކެނޑުމަށްފަހު އާސަންދަ ދިނުމާއި ތަނަވަސް މީހުންގެ އަތުން އާސަންދައަށް ވަކި އަގެއް ނެގުން ފަދަ ފިޔަވަޅުތައް ހިމެނެއެވެ.
ހަމައެހެންމެ ސަބްސިޑީއަކީ އެންމެނަށް ދޭ އެއްޗެއްގެ ބަދަލުގައި އެންމެ ބޭނުން ޖެހިފައިވާ މީހުންނަށް ދިނުމަށްޓަކައި ޓާގެޓެޑް ސަބްސިޑީގެ ނިޒާމަށް ބަދަލު ކުރުމާއި ޑަބަލް ޕެންޝަން ނުލިބޭ ގޮތް ހެދުމުގެ އިތުރުން ތަނަވަސް މީހުންނަށް އުމުރުން ދުވަސްވީމަ ދައުލަތުން ދޭ އެލަވަންސް ނުދިނުން ފަދަ ފިޔަވަޅުތައް އަޅަން ސަރުކާރުން ވަނީ ނިންމައިފައެވެ.
ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ސިޔާސަތަށް އެއްބާރުލުން ދެއްވުމުގެ ގޮތުން ރައީސްގެ މުސާރައިން 50 ޕަސެންޓް އަމިއްލަފުޅަށް އުނި ކުރެއްވުމާއި ސިޔާސީ މުވައްޒަފުންގެ މުސާރައިގެ 10 ޕަސެންޓް އުނިކުރެއްވުމަށް ނިންމެވި ނިންމެވުން ހިމެނެއެވެ. އަދި ކުންފުނިތަކުގެ ވެރިންނަށް ވެސް އެންމެ ބޮޑުކޮށް ދެވޭނީ 90000 ރުފިޔާގެ މުސާރައެއް ކަމަށް ވަނީ ނިންމައިފައެވެ.
ވޭޕަކީ ރާއްޖެއަށް ކުރިމަތިވެފައިވާ ބޮޑު ނުރައްކަލަކަށްވާއިރު ރައީސް ވަނީ މިމަހުގެ 15 އިން ފެށިގެން ރާއްޖޭގައި ވޭޕް ބޭނުން ކުރުން މުޅިން މަނާކޮށްފައެވެ. އަދި ސިއްހަތަށް އިންތިހާއަށް ނުރައްކާތެރި ސިނގިރޭޓުން ނަގާ ޑިއުޓީ ވަނީ ބޮޑުކޮށްފައެވެ. އެއާއެކު ސިނގިރޭޓް ފޮއްޓެއްގެ އަގު 110 ރުފިޔާއިން 230 ރުފިޔާއަށް ވަނީ ބޮޑުވެފައެވެ.
ހައްދެއް މިނެއް ނެތި ސިފައިންނާއި ފުލުހުންނަށް ދެމުން ދިޔަ މެޑިކަލް ވެލްފެއާއަކީ ވެސް އެހެން ސަރުކާރަކަށް އަތްލަން ނުކެރިފައި އޮތް ކަމެކެވެ. އެކަމަކު ރައީސް މުއިއްޒުގެ ސަރުކާރުން މިހާރު ވަނީ އެ ސްކީމުގެ އިސްރާފު ހުއްޓުވުމަށް ޕްރައިވެޓް އިންޝުއަރެންސްއަކަށް އަންނަ އަހަރުގެ ކުރީކޮޅުން ފެށިގެން ދިއުމަށް ނިންމައިފައެވެ.
ހިސާބު ނުޖަހާ ކަންކަން ކުރުން
ރައީސް ނުވަތަ ސަރުކާރަކުން ކަމެއް އިއުލާނު ކޮށްފިނަމަ އެކަމެއް ތަންފީޒު ވާނެ ކަމުގެ ޔަގީންކަން އޮތުމަކީ ކޮންމެހެން ވެސް ބޭނުންތެރި ކަމެކެވެ. ގާނޫނު ތަންފީޒު ވާނީ އޭރުން ކަމަށްވާތީއެވެ. އެހެންކަމުން ސަރުކާރުން ކަމެއް އިއުލާނު ކުރަން ވާނީ އެކަމަށް ބޭނުންވާ ދިރާސާ ހެދުމަށް ފަހު، ކަންކަން ޔަގީން ކުރުމަށް ފަހުއެވެ. ތަންފީޒު ކުރެވޭނީ އޭރުން ކަމަށްވާތީއެވެ. ނަމަވެސް ސަރުކާރުން ނިންމާ ނިންމުންތައް ބަދަލު ވުމަކީ ބައެއް ފަހަރު ހިނގާ ކަމެކެވެ. އަދި މި ސަރުކާރުގައި އެކަން ތަންކޮޅެއް ގިނަކަން ފާހަގަކުރެވެއެވެ.
މި ސަރުކާރުން އިއުލާން ކުރި އެންމެ ބޮޑު މަޝްރޫއު ކަމަށް ވާ ރަސްމާލެއަށް ވެސް ވެގެން ދިޔައީ އެ ކަހަލަ ގޮތެކެވެ. ރާއްޖޭގައި މިހާތަނަށް ނުހިންގާ ވަރުގެ މަޝްރޫއެއްގެ ގޮތުގައި ބޮޑު ރަށެއް ތަރައްގީ ކުރުމަށް ނިންމައި ރަސްމާލެ ހިއްކަން މިދިޔަ ޑިސެމްބަރު 18 ގައި ފެށީ އަށް މަސް ދުވަހުގެ ތެރޭގައި ނިންމާލާށެވެ. ނަމަވެސް އެ މަސައްކަތް ކުރިއަކަށް ނުދިޔައެވެ. އެ ބޮޑު ހުވަފެން އެއްވެސް ތާކުން ތާކު ނުޖެހި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހުއްޓުވީ ފަށާއިރު ކޮންމެހެން ކުރަން ޖެހޭ ކަންކަން ނުކޮށް ޕްރޮޖެކްޓް ފެށުމުގެ ސަބަބުންނެވެ. އަލުން ކުރި މަސައްކަތް ކުރަން ޖެހި މިމަހުގެ 10 ވަނަ ދުވަހު އެޗްޑީސީއިން އަލުން ވަނީ ރަސްމާލެ ހިއްކަން ފަށައިފައެވެ.
މިއަހަރުގެ ޖެނުއަރީ މަހުގެ 22 ވަނަ ދުވަހު ރައީސް މުއިއްޒު ވަނީ މާލެއާއި ރަސްމާލެ ގުޅުވާލާނީ ދުނިޔޭގެ ފުރަތަމަ، ކަނޑުއަޑީގެ ބިންގަރާހުން ކަމަށް އިއުލާން ކުރައްވައިފައެވެ. ރައީސް ވިދާޅުވީ، 'އަންޑަވޯޓާ ޓަނަލް' ހަދާނީ އޭގެ އެތެރެއިން ރޭލުގައި ދަތުރުކުރާއިރު ކަނޑުއަޑީގެ ރީތި މަންޒަރުތައް ހަދާފައިވާ ޓަނަލްއަކަށް ކަމަށެވެ.
ނަމަވެސް މިދިޔަ އޮކްޓޫބަރު މަހުގެ 28 ވަނަ ދުވަހު ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ ކަނޑުއަޑީގެ އޯޕަން ސީ ޓަނަލް އެޅުމަށް ބޭނުންވާ ޓެކްނޮލޮޖީ އަދި ނެތް ކަމަށެވެ. ނަމަވެސް މިއީ ރައީސްގެ ވަރަށް ބޮޑު ތަސައްވުރެއް ކަމަށް ވިދާޅުވިއެވެ.
އިންޑިއާއާއި ރާއްޖޭގެ ގުޅުން ހީނަރު ދުވަސްވަރު ރައީސް ވަނީ ކާބޯތަކެއްޗާއި ބޭސް ފަރުވާގެ ކަންކަމުގައި ވަކި ގައުމަކަށް ބަރޯސާވެފައި އޮތްއޮތުން ނިމުމަކަށް ގެންނަވާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން އާސަންދައިގެ ދަށުން ތައިލޭންޑާއި ޔޫއޭއީއަށް ފަރުވާއަށް ދެވޭނެ މަގު ފަހިކޮށްދެއްވާނެކަން އިއުލާން ކުރެއްވިއެވެ. ނަމަވެސް ވެރިކަމަށް އެއް އަހަރު ވެފައިވާއިރު އެފަދަ ކަމެއް ވުމުގެ އެއްވެސް ކަމެއް އަދި ފެންނާކަށް ނެތެވެ.
ރައީސް މުއިއްޒު ކަންކަމާ މާ ބޮޑަށް ރިއެކްޓް ކުރައްވާ ކަމަށް ވެސް ދެކެވޭ ވާހަކަތައް ގިނައެވެ. އެފަދަ އެއް ހާދިސާއަކީ އޮގަސްޓް 25 ވަނަ ދުވަހު ބޭންކް އޮފް މޯލްޑިވްސްއިން ރުފިޔާ ކާޑަށް ދެމުން އައި ޑޮލަރުގެ ހިދުމަތް މެދުކަނޑާލަން ނިންމުމުން ދެން ކަން ހިނގިގޮތެވެ. މުޅި ސަރުކާރު ޑިފެންސަށް ފޭބީއެވެ. އެ ދުވަހުން އެ ދުވަހަށް ބޭންކުގެ އެ ނިންމުން ބަދަލު ކުރަން މަޖުބޫރުކޮށް އެކަން ކުރީއެވެ. އަދި އެވަރުން ހުއްޓާލެއްވީއެއް ނޫނެވެ. ފުލުހުން ލައްވާ ބަޔާނެއް ނެރުވައި އެކަމަކީ އިދިކޮޅާއި ބޭންކާ ގުޅިގެން ސަރުކާރާ ދެކޮޅަށް ހިންގަން އުޅުނު ކަމެއްކަމަށް ދޭހަވާ މޭރުމަކުން ވާހަކަ ދައްކައި ޖިނާއީ ތަހުގީގެއް ފެށީއެވެ. އަދި ރައީސް އިސްވެ ހުންނަވައި ބައެއް ވަޒީރުންނާއެކު ޕީއެންސީ ޖަގަހަ ޖަލްސާއެއް ބާއްވަވައި ބޭންކުން އަމަލު ކުރިގޮތަކީ "މާލީ ބަގާވާތެއް" ގެންނަން އުޅުނީ ކަމަށް ސިފަ ކުރެއްވެވިއެވެ. ހަމައެހެންމެ ރާއްޖޭގައި އެހާ ޒަމާންވީ އަދި ރައްޔިތުންގެ އިތުބާރު ވަރަށް ބޮޑަށް ބޭނުންވެފައިވާ ބޭންކުގެ އަގު ވަރަށް ބޮޑަށް ވެއްޓޭ ގޮތަށް ވާހަކަ ދެކެވުނެވެ.
ޕަލަސްތީނުގައި އިސްރާއީލުން ހިނގަމުންދާ ގަތުލްއާންމާ ގުޅިގެން އިސްރާއީލު ރައްޔިތުން ރާއްޖެ ނާދެވޭ ގޮތަށް ހަދަން ކެބިނެޓުން ނިންމި ނިންމުމަކީ ވެސް މުޅި ދުނިޔޭގެ ސަމާލުކަން ލިބިގެން ދިޔަ ކަމެކެވެ. އަދި އެކަން ކުރަން ސަރުކާރުން ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހަށް ހުށަހެޅިއެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް އެކަން އޮތީ ނުވެއެވެ. އިސްރާއީލު މީހުން ރާއްޖެ އައިސް، ގޮސް އުޅުމަކަށް އެއްވެސް ހުރަހެއް ނެތެވެ.
ހަމައެހެންމެ ރާއްޖޭގައި ލޭނު މަސްވެރިކަން ކުރަން ހުއްދަ ދޭން ސަރުކާރުން ނިންމުމަށް ފަހު ރައީސް ފަހުން ވަނީ އެ ނިންމުން ބަދަލު ކުރައްވައިފައެވެ.
ރައީސް ވެރިކަމަށް ވަޑައިގަތީ ސިޔާސީ މަގާމުތަކުގެ އަދަދު 700 އަށް ވުރެން އިތުރު ނުކުރައްވާނެކަމުގެ ވައުދާއެކުއެވެ. ނަމަވެސް ފެނިގެން ދިޔައީ ރާއްޖޭގެ މިހާތަނަށް އެހެން ސަރުކާރަކުން އައްޔަން ނުކުރާވަރަށް ޑެޕިއުޓީ މިނިސްޓަރުންފަދަ ސިޔާސީ މަގާމުތަކަށް ގިނަ އަދަދެއްގެ ބަޔަކު އައްޔަން ކުރައްވަމުން ގެންދެވިތަނެވެ. އެންމެ ބޮޑު މައްސަލައަކީ ތަކުރާރުކޮށް ސުވާލު ކުރި ނަމަވެސް ސަރުކާރުގައި ތިބީ ސިޔާސީ ކިތައް މުވައްޒަފުންކަން ހާމަ ނުކުރުމެވެ. ސަރުކާރުން އެކަން ގެންގުޅެނީ ސިއްރެއްގެ ގޮތުގައެވެ. އިގްތިސާދު ރަނގަޅު ކުރަން ސަރުކާރުން ފިޔަވަޅުތައް އަޅާއިރު ވެސް ސިޔާސީ މަގާމުތަކުގެ އަދަދުތައް ހާމަ ނުކުރާތީ ގިނަ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ.
ސަރުކާރު ފާސްވާ ވަރުވިތަ؟
ދިވެހީންގެ ރާއްޖެއަށް ދިވެހީން ދަތުރު ކުރާތާ 365 ދުވަސް މިއަދަށްވީއެވެ. ލައްކަ މަންޒަރު ފެނި ލައްކަ އަޑުތައް އިވިއްޖެއެވެ. މި ސަރުކާރުން ދަތުރު ކުރީ ވަރަށް ވެސް ގަދަ ކަނޑެއްގައެވެ. އެންމެ ބޮޑު ގޮންޖެހުމަކަށްވީ އިގްތިސާދު އޮތް ހާލެވެ.
ސަރުކާރަށް އެއް އަހަރު ފުރުނުއިރު ސަރުކާރުގެ ހިންގުންތެރިކަމާ މެދު ގޮތް ނިންމުމަކީ ރައްޔިތުން ކުރަން ޖެހޭ ކަމެކެވެ. ސުވާލަކީ ސަރުކާރަށް ދޭނީ ކޮން ރިޕޯޓެއްތޯއެވެ؟ އޭ ޕްލަސް؟ އޭ، ބީ، ސީ، ޑީ؟ ނުވަތަ ޔޫ އެއްތޯއެވެ؟