ރާއްޖޭގެ އިސްލާހީ ފިޔަވަޅު ލަސް، ޚަރަދު ކުޑަކުރުން އަވަސް ކުރަންޖެހޭ: ވޯލްޑް ބޭންކް

އެމްއެމްއޭ: ވޯލްޑް ބޭންކުން ބުނީ ރާއްޖެއިން އިސްލާހީ ފިޔަވަޅުތައް އެޅުން ލަސްވެއްޖެ ކަމަށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސަރުކާރުން މާލީ އިސްލާހީ ފިޔަވަޅުތަކެއް ހުށަހެޅި ނަމަވެސް އެ ކަންކަން ތަންފީޒުވާތަން ނުފެންނަ ކަމަށާއި ޚަރަދު ކުޑަކުރުމުގެ އަވަސް ފިޔަވަޅުތަކެއް ދިވެހިރާއްޖެއިން އަޅަންޖެހޭ ކަމަށް ވޯލްޑް ބޭންކުން މިއަދު ބުނެފިއެވެ.

ވަކިވަކި ގައުމުތަކަށް ވޯލްޑް ބޭންކުން އަހަރަކު ދެ ފަހަރު އެކުލަވައިލާ އިގުތިސާދީ އަދާހަމައިގައި ވަނީ ރާއްޖެއިން މާލީ އިސްލާހީ ފިޔަވަޅުތައް ތަންފީޒުކުރުން ލަސްވެއްޖެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ވޯލްޑް ބޭންކުން ބުނީ، މެދުރާސްތާގައި ދަރަނި ކުޑަކުރުމަށާއި އިންވެސްޓަރުންގެ އިތުބާރު އުފައްދަން އިސްލާހީ އަވަސް ފިޔަވަޅުތަކެއް ރާއްޖެއިން އަޅަންޖެހޭ ކަމަށެވެ. އެ ގޮތުން، މި އަހަރުގެ ފެބްރުއަރީ މަހު މާލީ އިސްލާހީ ފިޔަވަޅުތަކެއް އިއުލާނުކުރިކަން ފާހަގަކޮށް، ވޯލްޑް ބޭންކުން ބުނީ، އެ ފިޔަވަޅުތައް ތަންފީޒުވާވަރު ދަށް ކަމަށެވެ.

މެދުރާސްތާގައި އާމްދަނީ އިތުރުކުރަން އެކުލަވައިލި ޕްލޭނަށް އެ އިދާރާއިން ވަނީ މަރުޙަބާ ކިޔައިފައެވެ.

https://sun.mv/197038

އެކަމަކު، ޕަބްލިކް އިންވެސްޓްމަންޓާއި، ސަރުކާރުގެ ކުންފުނިތަކާއި، ސަބްސިޑީތައް ރިފޯމް ކުރުން އަވަސްކުރަންޖެހޭކަން އެ އިދާރާއިން ވަނީ ފާހަގަކޮށްފައެވެ.

ރާއްޖޭގެ އިގުތިސާދު 7.7 އިންސައްތައާއި 4.5 އިންސައްތައިގައި މި އަހަރުގެ ފުރަތަމަ ދެ ކުއާޓަރުގައި ކުރިއެރިއެވެ. އަދި، މި އަހަރު 8.5 އިންސައްތައިގައި ފަތުރުވެރިކަން ވަނީ ކުރިއަރައިފައެވެ. ތަފާސްހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގެ އިންފްލޭޝަން ވެސް ހުރީ 0.5 އިންސައްތައިގައި ހިފެހެއްޓިފައެވެ. އެކަމަކު، ކާބޯތަކެތީގެ އަގުތައް 6.7 އިންސައްތައިގައި ބޮޑުވެފައިވާކަން ވޯލްޑް ބޭންކުން ފާހަގަކުރިއެވެ.

ވޯލްޑް ބޭންކުން ވަނީ ފައިސާ ދިނުން ލަސްވުމުގެ ސަބަބުން މައިގަނޑު ސިނާއަތްތައް ކަމަށްވާ ސިއްހީ ދާއިރާއާއި ކޮންސްޓްރަކްޝަން ފަދަ ދާއިރާތަކަށް ނޭދެވޭ އަސަރުކުރާކަން ފާހަގަކޮށްފައެވެ.

ވޯލްޑް ބޭންކް: އެ ބޭންކުން ބުނީ މާލީ އިސްލާހީ ފިޔަވަޅުތައް ލަސްވެއްޖެ ކަމަށް --

"ޚަރަދުތައް ކުޑަކުރުމާއި މާލީ އިސްލާހުތައް އަދި ސަބްސިޑީތައް ޓާގެޓުކުރުމަކީ އިގުތިސާދީ ހިރާސްތަކުން އަރައިގަންނަން މުހިންމު ކަމެއް،" ވޯލްޑް ބޭންކުން މި ސަރަހައްދަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިރެކްޓަރު ޑޭވިޑް ސިސްލެން ވިދާޅުވިއެވެ.

ރާއްޖޭގެ މާލީ ހާލަތު ގޯސްވެ، ބައިނަލްއަގުވާމީ އެންމެ ބޮޑު ދެ ރޭޓިން އެޖެންސީން ވަނީ ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކޮށްފައެވެ. އެ ގޮތުން، މޫޑީސްއިން ވަނީ ރާއްޖޭގެ ރޭޓިން 'ސީއޭއޭ2'އަށް ދަށްކޮށްފައެވެ. އޭގެ ކުރިން މިދިޔަ އޮގަސްޓު މަހުގެ 29 ގައި ފިޗުން ވެސް ވަނީ ރާއްޖޭގެ ރޭޓިން 'ސީސީ'އަށް ދަށްކޮށްފައެވެ.

ބޭރު ފައިސާގެ ރިޒާވް ވެސް ވަނީ 443.9 މިލިއަން ޑޮލަރަށް ވެއްޓިފައެވެ. އެއީ، މަހެއްހާ ދުވަހުގެ އިމްޕޯޓަށް ބޭނުންވާ ވަރުގެ އަދަަދެކެވެ.

ބޭރު ދަރަނި އިންތިހާއަށް ބޮޑުވެފައިވާއިރު، ދަރަނި މިހާރު ހުރީ ޖީޑީޕީގެ ނިސްބަތުން 116.5 އިންސައްތައިގައެވެ. ބޭރުގެ ދަރަނި އަދާކުރަން މިދިޔަ ޕީޕީއެމްގެ ސަރުކާރުގައި އުފެއްދި ސޮވެރިން ޑިވޮލޮޕްމަންޓް ފަންޑުގައި ވެސް ހުރީ 65 މިލިއަން ޑޮލަރެވެ. އެއީ، އެކަށޭނަ އަދަދެއް ނޫން ކަމަށް ވޯލްޑް ބޭންކްގެ ރިޕޯޓުގައި ވަނީ ބުނެފައެވެ.

މާލީ ހާލަތާ ގުޅިގެން ކަންބޮޑުވުން ބޮޑުވި ނަމަވެސް، ސަރުކާރުން ވަނީ މި ހާލަތުން އަރައިގަނެވޭނެކަމުގެ ޔަގީންކަން ދީފައެވެ.

comment ކޮމެންޓް