ފައިދާ ލާފައި ވެސް 88.65 ރުފިޔާއަށް ވިއްކެން ހުރި މެރޮޕީނެމް އިންޖެކްޝަން ރާއްޖޭގައި ވިއްކަމުން ދަނީ 428.40 ރުފިޔާއަށެވެ. އެއީ، 339 ޕަސެންޓްގެ ޕްރޮފިޓް މާޖިންއެއްގައެވެ. ޑައިކްލޯފެނެކްގެ ބޭސް ގުޅައެއް ފައިދާ ލުމަށް ފަހު 89 ލާރިއަށް ވިއްކެން ހުރިއިރު މިހާރު ރާއްޖޭގެ މާކެޓުގައި ވިއްކަމުން އަންނަނީ ގުޅައެއް 6.12 ރުފިޔާއަށެވެ.
މިހެންގޮސް އެތައް ބޭހެއް އެތައް ހާސް ޕަސެންޓް ޕްރޮފިޓް މާޖިންއެއްގައި އެ ދަނީ ވިއްކަމުންނެވެ. އެކަމުގެ ބުރަ އެންމެ ބޮޑަށް އުފުލަން ޖެހިފައިވަނީ ދައުލަތަށެވެ. އާސަންދައަށް މަޖިލީހުން ފާސްކުރާ ބަޖެޓަށް ވުރެ ބޮޑު ހޭދައެއް ކޮންމެ އަހަރަކު ކުރަންޖެހި އެ ނިޒާމުވަނީ ދައުލަތަށް ބޮޑު ބުރައަކަށް ވެފައެވެ.
ގޯހުން ގޯހަށް ދިޔައިރު ވެސް ނުހުއްޓުވި
ހިތުހުރި އަގެއް ޖަހައި އާސަންދައަށް ބިލުކޮށްގެން ބޭސް ވިއްކުމުގެ ނަތީޖާއަކީ 2018 ވަނަ އަހަރު ބޭހަށް ދައުލަތުން 659 މިލިއަން ރުފިޔާ ހަރަދުކުރަން ޖެހުނުއިރު މިހާރު އެ އަދަދު 1.1 ބިލިއަން ރުފިޔާއަށް އެރުމެވެ. ބަޔަކު މުއްސަނދިވަމުން އެ ދިޔައީ ދައުލަތަށް ނުއަގުގައި ބޭސް ވިއްކައިގެންނެވެ.
މިހާރުގެ ހަގީގަތަކީ ރާއްޖޭން އަސާސީ ހުރިހާ ބޭހެއް ނުލިބޭ ކަމެވެ. މިއީ ޒަމާނުންސުރެ ހައްލުނުވެ އޮތް މައްސަލައެކެވެ. ރާއްޖެއަށް އެތެރެ ކުރާ ބޭހުގެ ރައްކާތެރިކަން މޯލްޑިވްސް ފުޑް އެންޑް ޑުރަގު އޮތޯރިޓީ (އެމްއެފްޑީއޭ)އިން ކަށަވަރުކުރި ނަމަވެސް އެ ބޭހުގެ "އެފިކަސީ"އަށް މުހިންމުވާ ހުރިހާ ކަމެއް ކަށަވަރެއް ނުކުރެވެއެވެ. ރާއްޖެއަށް އެތެރެކުރާ ބޭސް ގަނެފައި ހުންނަނީ ތިންވަނަ ފަރާތެއްގެ އަތުންނެވެ.
ރާއްޖޭގައި ބޭހުގެ ވިޔަފާރި ބޮޑަށް ކޮންޓްރޯލްކޮށް އެ މާކެޓު ހިންގަނީ އަމިއްލަ ފަރާތްތަކުންނެވެ. އެކަމުގެ ނަތީޖާއަކީ ދިވެހީން އެންމެ އެކަށީގެންވާ ކޮލެޓީގެ ބޭސް ހެޔޮ އަގުގައި ނުލިބުމެވެ. ރާއްޖޭގައި ބޭސް ވިއްކަމުން ދަނީ ދުނިޔޭގެ ނިސްބަތަށް ވުރެން 15 ގުނަ ބޮޑު އަގެއްގައި ކަމަށް ކަމާ ބެހޭ އިދާރާތަކުގެ ތަފާސްހިސާބުތަކުން ދައްކައެވެ. އެ ހިސާބުތައް ދައްކާ ގޮތުން ރާއްޖޭގައި ބޭސް ވިއްކާ އަގު މި ސަރަހައްދުގެ އެހެން ގައުމުތަކާ އަޅާބަލާއިރު 70 ޕަސެންޓް ބޮޑެވެ. އަދި ރާއްޖޭގައި ތަފާތު ބްރޭންޑްތަކުގެ ބޭސް ވިއްކުން ވަރަށް އިތުރެވެ.
ޔޫރަޕް ކޮލެޓީ ބޭސް ލިބެން ފަށައިފި
މިކަން މި ގޮތަށް ހިނގާކަން އެންމެނަށް ވެސް އެނގެއެވެ. އެކި ޕްލެޓްފޯމްތަކުގައި އެ ވާހަކަ ދެކެވެއެވެ. ނަމަވެސް، އެކަން ހުއްޓުވަން އެއްވެސް ސަރުކާރަކަށް ވެސް އޮތީ ނުކެރިފައެވެ. ނަމަވެސް، ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު މި ވަނީ އެ މުހިންމު ފިޔަވަޅު އަޅުއްވާފައެވެ. އެއީ، ބޭހުގެ ބަލްކް ޕްރޮކިއުމަންޓް ސިޔާސަތު ތަންފީޒުކުރަން ފެށުމެވެ.
މިއަދު އަމަލުކުރަން ފެށި ބަލްކް ޕްރޮކިއުމެންޓަކީ ދިވެހި ސަރުކާރުން ޔޫއެންޑީޕީއާ ގުޅިގެން އެސްޓީއޯ މެދުވެރިކޮށް ރައްޔިތުންނަށް ބޭނުންވާ ފެންވަރު ރަނގަޅު، އަދި ރައްކާތެރި ބޭސް ޕޫލް ޕްރޮކިއުމެންޓެއްގެ ތެރެއިން، ބަލްކް ޕްރޮކިޔާކޮށް ރާއްޖެ ގެނައުމެވެ.
ބަލްކް ޕްރޮކިއުމެންޓް ނިޒާމުގެ ތެރެއިން ފެންވަރު ރަނގަޅު ބޭސް ގެނައުމަށް ޔޫއެންޑީޕީއާއެކު އެއްބަސްވުމެއް ހެދީ ނިމިދިޔަ ސަރުކާރުގައި، މިދިޔަ އަހަރުގެ ޖޫން މަހުގެ އެކެއްގައެވެ. އެ އެއްބަސްވުމުގައި ވަނީ ޔޫއެންޑީޕީން ރާއްޖެއަށް ބޭސް ސަޕްލައިކޮށްދިނުމުގެ އިތުރުން، ޔޫއެންޑީޕީގެ ކޯޕަންހޭގަންގައި ހުންނަ ގްލޯބަލް ހެލްތު ޕްރޮކިއުމަންޓް ސެންޓަރުގެ ކޮލިޓީ އެޝުއަރެންސް ޓީމުން ބޭހުގެ ކޮލިޓީ ކޮންޓްރޯލް ކުރުމަށް އެހީތެރިވެދޭނެ ކަމަށެވެ.
ފެންވަރު ރަނގަޅު ބޭސް ރައްޔިތުންނަށް ކަށަވަރުކޮށްދިނުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެކެވެ. ރައީސްގެ ވިސްނުންފުޅަކީ ހައްލެއްނެތި ބޮއްސުންލައިފައިވާ ޒަމާންވީ މި މައްސަލަ ހައްލު ކޮށްދެއްވުމެވެ.
މި ޕްރޮޖެކްޓްގެ މައިގަނޑު މަގުސަދެއް ކަމަށް ސަރުކާރުން ބުނަނީ އަސާސީ ހުރިހާ ބޭހެއް ރާއްޖޭން ލިބޭނެކަން ކަށަވަރުކުރުމެވެ. އެއީ، ޔޫރަޕުގައި ބޭނުން ކުރުމަށް ހުއްދަ ދީފައިވާ ބޭސްތަކެވެ. މިއަދުން ފެށިގެން އެސްޓީއޯގެ ފާމަސީތަކުން އެ ފެންވަރުގެ ހަތް ބޭހެއް ލިބޭނެ ކަމަށް ސަރުކާރުން ބުނެއެވެ. އެ ބޭސްތައް ދިވެހީންނަށް ފޯރުކޮށްދެނީ މިހާރު މާކެޓްގައި ހުރި އެއަށް ވުރެ ދަށް ބޭސް ވިއްކާ އަގަށް ވުރެ އެތައް ގުނައެއް ކުޑަ އަގުތަކެއްގައެވެ. ނަތީޖާއަކީ އާސަންދައަށް ބޮޑު ލުޔެއް ލިބުމެވެ.
ސަރުކާރުން ބުނާގޮތުގައި ފެންވަރު ރަނގަޅު ބޭސްކަން ޔަގީންކުރާނީ އެމްއެފްޑީއޭގެ އެންމެ މަތީ މިންގަނޑުންނެވެ. އަދި، މި ޕްރޮޖެކްޓްގެ ދަށުން ރާއްޖެ ގެންނަ ބޭސްތައް ގަންނަނީ ސީދާ ބޭސް ގަންނަ ކުންފުނިންނެވެ. ބޭސް އުފެއްދުމާ ހަމައިން ފެށިގެން ބަލި މީހާގެ އަތަށް ބޭސް ލިބުމާ ހަމައަށް ރައްކާތެރިކަން ކަށަވަރު ކުރެވޭނެ ކަމަށް ސަރުކާރުން ބުނެއެވެ. އަދި، ބޭހުގެ ފެންވަރު "ޑަބަލް ވެރިފިކޭޝަން"ގެ ތެރެއިން ޔަގީން ކުރެވޭނެ ކަމަށް ވެސް ސަރުކާރުން ބުންޏެވެ.
މި ޕްރޮޖެކްޓް ތަންފީޒުކުރަން ނިންމާފައިވަނީ ދެ މަރުހަލާއަކަށް ބަހާލައިގެންނެވެ. ފުރަތަމަ މަރުހަލާ މިއަދު ފެށިއިރު އެންމެ ފުރަތަމަ ދައުރު ކުރަން ފަށާނީ ހަތް ބޭހެކެވެ. ނިޒާމަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތްތައް އެކުއެކީގައި ކުރާނެއެވެ. އަދި، މި މަރުހަލާގައި އިތުރު ތިން ބޭހެއް ދައުރު ކުރަން ފަށާނެއެވެ. އެއަށް ފަހު އޮކްޓޫބަރު މަހު މި ޕްރޮޖެކްޓްގެ ދެވަނަ މަރުހަލާ ފަށައި އިތުރު ބޭސްތައް ގެނައުމަށް ވަނީ ނިންމައިފައެވެ. އެއާއެކު ރާއްޖެއަށް ބޭނުންވާ އަސާސީ ހުރިހާ ބޭހެއް މި ޕްރޮޖެކްޓްގެ ދަށުން ގެނެވޭނެކަން ޔަގީން ކުރެވޭނެއެވެ.
މި އުސޫލާ އެކު ވެސް ވިޔަފާރިވެރީންނަށް ހަގީގީ ގެއްލުމެއް ނެތެވެ. އެއީ، އާސަންދައިގެ އަސާސީ އަގު ކަނޑައަޅާފައިވަނީ ރީޓެއިލް ފައިދާއަކާ އެކު ވިއްކޭ ވަރަށް ކަމަށް ވާތީއެވެ. އެ ގޮތުން، އެސްޓީއޯއިން ގަނޑުކޮށް ގަނެ ފައިދާއެއް ލައިގެން އަމިއްލަ ވިޔަފާރިވެރިންނަށް މި ކޮލެޓީ ބޭސްތައް ވެސް ވިއްކޭނެއެވެ. ނަމަވެސް، މިހާތަނަށް ނަގަމުންދިޔަހާ ބޮޑު ފައިދާއެއް ދެން ނުނެގޭނެއެވެ.
މިއީ އާއްމު ރައްޔިތުންނަށް އުފާވެރި ޚަބަރެކެވެ. ޔޫރަޕް ކޮލެޓީގެ ބޭސް، ދެމެހެއްޓެނެވި ގޮތެއްގައި ދިވެހީންނަށް ލިބެން ފެށީތީއެވެ. ނަމަވެސް، މި ވިޔަފާރީން ބޮޑު ނަފާއެއް ނަގަމުން ދިޔަ ވިޔަފާރިވެރީން މި ކަމާ ދެކޮޅު ހަދާނެކަން ޔަގީނެވެ. ރައީސް މި ކުރެއްވީ އެއްވެސް ރައީސަކަށް ކުރަން ކެރިވަޑައިނުގެން ކަމެކެވެ.