ރައީސް ނެންގެވީ ބޮޑު ޔޫ-ޓާންއެއް: ކީއްވެ؟

ރައީސް މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު މޯދީ: ދެ ބޭފުޅުން ވަނީ ބައްދަލުކުރައްވާފައި -- ފޮޓޯ/ ރައީސް އޮފީސް

އައްޕަތުރޭއާއި ރޯހިތުގެ ވާހަކަ މުޅިން ބަދަލުވެއްޖެއެވެ. ވަކި ބޭފުޅެއް ނޫނެވެ. ޖުމުލަކޮށް ހަމަ މުޅި ސަރުކާރެވެ. އިއްޔެ ދެއްކެވި ވާހަކަފުޅާ މިއަދު އެ ބޭފުޅުން އެ ދައްކަވާ ވާހަކައާއި އެއްބަސްވެވަޑައިގެންނެވި ކަންކަމާ ހާސް ބައި ތަފާތީއެވެ. އިއްޔެގެ ގޯހަށް މިއަދު ރުހުނީއެވެ. ފާޑުކިޔުން މިހާ ބޮޑުވެގެން މިއުޅޭ ސަބަބަކީ މިއީއެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ދެކަނބަލުން ސަރުކާރުގެ މަތީ ފަންތީގެ ވަފުދަކާ އެކު މިހާރު އަވައްޓެރި އިންޑިއާއަށް ކުރައްވަމުން އެ ގެންދަވާ ދަތުރުފުޅާ އެކު ގިނަ ފާޑުކިޔުންތަކެއް މިވަނީ އަމާޒުވެފައެވެ. އިންޑިއާއާއި ބައިނަލްއަގުވާމީ ބައެއް ނޫސްތަކުން މި ދަތުރު ސިފަކުރަނީ "އިންޑިއާ އައުޓް" ރައީސް އިންޑިއާއަށް ވަޑައިގަތުން ގޮތުގައެވެ. އަދި, އިންޑިއާއާ މެދު މި ސަރުކާރުން ގެންގުޅު ސިޔާސަތު ދިމާ އިދިކޮޅަށް އަނބުރާލެއްވީ ކަމަށެވެ. ނުވަތަ ޔޫ ޓާނެއް ނެންގެވީ ކަމަށެވެ. އެގޮތަށް މީޑިއާތަކާއި އާއްމުން ސިފަކުރަނީ ސަބަބުތަކެއް ހުރީމައެވެ. އެ ދުވަހު އިންޑިއާއާ އެކު ކުރި ހުރިހާ ކަމެއް ގޯސްވި ބޭފުޅުންނަށް މިއަދު އެ ހުރިހާ ކަމެއް ރަނގަޅުވީމައެވެ.

ކުރިން އައްޑޫގައި އިންޑިއާއިން އަޅަން އުޅުނު ކޮންސިއުލޭޓަކީ ޖާސޫސީ މަރުކަޒެއްގެ ގޮތުގައި އޭރު އިދިކޮޅުގައި ތިއްބަވައި ސިފަކުރެއްވި ބޭފުޅުން މިއަދު ތިއްބެވީ ވަޒީރުންނަށާއި މަޖިލީހުގެ މެންބަރުގެ ގޮތުގައެވެ. މިއަދު އެ ކަމާ އެ ބޭފުޅުން ރުހި ގަބޫލުވެއްޖެއެވެ. އިންޑިއާގެ އެހީގައި އައްޑޫ ސިޓީގައި ގާއިމުކޮށް ބޭނުންކުރަން ފެށި ޕޮލިސް އެކަޑަމީއަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް އޭރު ސިފަކުރެއްވި ބޭފުޅުންނަށް މިއަދު އެކަން ބަދަލުވެއްޖެއެވެ. މިހެން ގޮސް ކިޔާނެ ކަމެއް ނެތެވެ. އުތުރުތިލަފަޅު ޕްރޮޖެކްޓާއި ރުޕޭ ކާޑުން ފެށިގެން ކުރީގެ ހުރިހާ ގޯހެއް މިއަދު ރަނގަޅު ވެއްޖެއެވެ.

އިންޑިއާގެ ބޮޑުވަޒީރު މޯދީއާއި އެ ގައުމުގެ ރައީސާ އެކު ރައީސް މުއިއްޒު: މޯދީ ވިދާޅުވީ ރާއްޖެއަށް އަބަދު ވެސް ފުރަތަމަ އެހީވީ އިންޑިއާއިން ކަމަށް -- ފޮޓޯ/ ރައީސް އޮފީސް

ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކަށް ބަލާއިރު މި ދުވަސްވަރު އެންމެ އާއްމުކޮށް ދައުރުވަނީ އަވައްޓެރި އިންޑިއާއާ ގުޅޭގޮތުން މި ސަރުކާރުގެ ވެރިން ކުރިން ދައްކަވާފައިވާ ވާހަކަފުޅުތަކެވެ. އެ ވީޑިއޯތަކުން ފެންނަނީ އިންޑިއާގެ ނަން ކިޔާފައި އެތައް ތުހުމަތުތަކެއް ކޮށްފައިވާ ތަނެވެ. އެ ދުވަހު އެ ކަމާ ދެކޮޅަށް ވާހަކަދެއްކެވި އެތައް ކަމަކާ މިއަދު ރުހި ގަބޫލުވި ވާހަކައެވެ.

ހަގީގަތަށް ބަލާއިރު "އިންޑިއާ އައުޓް" މި ހަރަކާތުގެ މޭސްތިރިންނަކީ ރައީސް މުއިއްޒެއް އަދި މި ސަރުކާރުގެ ވެރިންނެއް ނޫނެވެ. އެ ހަރަކާތަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އެންގެވުމަށް އެ މަނިކުފާން އިސްވެ ހުންނަވައި ހިންގެވި ހަރަކާތެކެވެ. ނަމަވެސް, އެ އެންގެވުންތައް ތަންފީޒުކުރެއްވުމަށް މިއަދު ސަރުކާރުގެ އިސްވެރިންގެ ގޮތުގައާއި ސަރުކާރު ޕާޓީގެ މެންބަރުންގެ ގޮތުގައި މަޖިލީހުގައި ތިއްބެވި ބޭފުޅުން އިސްކޮށް އުޅުއްވެވިއެވެ.

ނަމަވެސް, ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށް ފަހު ރައީސް މުއިއްޒުގެ ޚާރިޖީ ސިޔާސަތު ފުރަތަމަ ފެނުނީ އިންޑިއާއާ އެހާ ރައްޓެހި ގޮތަކަށް ނޫނެވެ. މި ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުން ފެށިގެން އެހެން އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ގެންދެވީ ފާޅުގައި އިންޑިއާގެ ބޮޑު ވަޒީރަށާއި އިންޑިއާއަށް ކުޑައިމީސް ކުރައްވަމުންނެވެ.

މީގެ ކުރިން ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގަންނަވާ ބޭފުޅުން ފުރަތަމަ ރަސްމީ ދަތުރު އިންޑިއާއަށް ކުރައްވާއިރު ރައީސް މުއިއްޒު އެ ދަތުރުފުޅުކުރެއްވީ ތުރުކީއަށެވެ. އެއަށް ފަހު ފުރަމާނަ ދަތުރުފުޅެއްގައި ވަޑައިގެންނެވީ ޗައިނާއަށެވެ. އެ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު، ރާއްޖެ ވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވައި ނުސީދާ ގޮތެއްގައި ރައީސް މުއިއްޒު ވިދާޅުވީ، ރާއްޖެ ކުޑަ ނަމަވެސް ބުލީ ނުކުރެވޭނެ ކަމަށެވެ. އަދި، ބޭސްފަރުވާއާއި ކާބޯތަކެއްޗަށް ވަރަށް ބޮޑަށް އިންޑިއާއަށް ބަރޯސާވެފައި އޮތްއޮތުން ނިމުމަކަށް ގެންނަވާނެކަމުގެ ސިގްނަލް ދެއްވެވިއެވެ. އޭގެ ތެރޭގައި އާސަންދައިގެ ދަށުން ތައިލޭޑާއި ޔޫއޭއީއަށް ފޮނުއްވާނެ ވާހަކަ އާއި ތުރުކީއިން ކާޑުގެ ބާވަތްތައް ގެންނަވާނެ ކަމަށް ވިދާޅުވިއެވެ.

ނަމަވެސް، މި ސަރުކާރަށް އެއް އަހަރުވާން ކައިރިވެފައިވާއިރު މުޅި މަންޒަރުވަނީ ބަދަލުވާން ފަށައިފައެވެ. އިންޑިއާއާ ވަރަށް ބީރައްޓެހި ގޮތަކަށް ހިންގަން ފެށި ސަރުކާރުގެ އެންމެ ގާތް އެކުވެރިއަކަށް އިންޑިއާވި މަންޒަރު މި ވަނީ ފެންނަން ފަށާފައެވެ.

މިހާ ބޮޑު އަނބުރާލުމެއް، ކީއްވެ؟

ވޭތުވެދިޔަ އެތައް ސަރުކާރުތަކަކުން އަމަލުކޮށްފައިވާ ނުރަނގަޅު އަދި ދެކޮޅު ނުޖެހޭ މާލީ ސިޔާސަތުގެ ސަބަބުން ރާއްޖޭގެ އިގުތިސާދު މިއޮތީ ވެންޓިލޭޓަރުގައެވެ. އިގުތިސާދީ ހާލަތު ބަޔާންކުރާ ރޭޓިން އެޖެންސީތަކުން ފަހަރަކަށް ފަހު ފަހަރެއް ރޭޓް ދަނީ ދަށް ކުރަމުންނެވެ. ދަރަނީގެ ބިރު އިންތިހާއަށް އެބައޮތެވެ.

https://sun.mv/197616

އިންޑިއާއާ ގާތްގުޅުމެއް ބާއްވަން މަޖުބޫރުވި ސަބަބަކީ މިއީ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެއެވެ. އިންޑިއާއަށް ފުރާވަޑައިގަންނަވަމުން ބީބީސީއަށް ދެއްވި އިންޓަވިއޫއެއްގައި ރައީސް ވިދާޅުވީ، ރާއްޖޭގެ މާލީ ހާލަތު ގޯސްވެ، އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ގެ ޕްރޮގްރާމްގައި ޖެހެން ނުޖެހޭނެ ކަމަށާއި އަވައްޓެރި އިންޑިއާއިން ރާއްޖެއަށް އެހީވާނެކަން ޔަގީންވާ ކަމަށެވެ.

އެކަން މި ދަތުރުން ފެނިގެން ހިނގައްޗެއެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި)އާއެކު 400 މިލިއަން އެމެރިކާ ޑޮލަރު އަދި 30 ބިލިއަން އިންޑިއަން ރުޕީސްގެ ކަރަންސީ ސްވޮޕް ފެސިލިޓީ އެއްބަސްވުމުގައި މިވަނީ ސޮއިކޮށްފައެވެ. މިއީ ބޭރު ފައިސާއަށް އިންތިހާއަށް ބޭނުން ވެފައިއޮތް އަދި ރިޒާވް ދަށްވެފައިވާ މި ގައުމަށް ބޮޑު ލުޔަކަށްވާނެކަން ޔަގީނެވެ.

އިންޑިއާއިން މި އެހީތެރިކަން ހޯދުމުގެ ކުރިން އެހެން ގައުމުތަކުން މިފަދަ އެހީތައް ހޯދަން ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރިއެވެ. ރައީސްގެ އިތުރުން ވަޒީރުންނާއި ސަރުކާރުގެ އެހެން އިސްވެރިން ގައުމުތަކަށް ވަޑައިގެން އެތައް މަޝްވަރާއެއް ކުރެއްވެވިއެވެ. ނަމަވެސް، މާ ބޮޑު އެހީތެރިކަމެއް ލިބިގެންދިޔަ ތަނެއް ނުފެނުނެވެ. އެހެންކަމުން ކުރީގައި ކޮންމެ ފަދަ ކަމެއް ހިނގާފައި އޮތް ނަމަވެސް އަދި ކިތަންމެ ފާޑެއް ވިދާޅުވެވިފައި ވިޔަސް އިންޑިއާގެ ގާތަށް ވަޑައިގަންނަވަން ޖެހުނު މައިގަނޑު ސަބަބަކީ މިއީ ކަމަށް އަޅުގަނޑަށް ފެނެއެވެ.

މިއީ ބޮޑު އިބުރަތެއް، ފިލާވަޅު ލިބިގަނޭ!

ސިޔާސީ ބޭނުމަށް ވެސް ކޮށްފައި ނުކުރާނެ ކަންކަން ހުންނާނެއެވެ. ދުނިޔޭގެ ބޮޑު ބާރަކާއި އަދި ޚާއްސަކޮށް އަވައްޓެރިއަކާ ޖެހި ގަތުމަކީ އެފަދަ ކަމެކެވެ. އިދިކޮޅުގައި އޮވެ، ޕީޕީއެމް/ޕީއެންސީއިން އިންޑިއާއާ ޖެހިގަތީ އެއްގޮތަކަށް ވެސް އެކަން ކުރަންވާނެ ގޮތަކަށް ނޫނެވެ. ކޮންމެ ހާލަތެއްގައި ވެސް ރާއްޖެއަށް އެންމެ އަވަހަށް އަދި އެންމެ ބޮޑަށް އެހީވާ ގައުމާމެދު ދެއްކީ ދައްކަންވާނެ ވާހަކަތަކެއް ނޫނެވެ. އަދި، އޭރު އަމަލުކުރީ އަމަލުކުރަން ވާނެ ގޮތަކަށް ނޫނެވެ.

އިންޑިއާގެ ބޮޑުވަޒީރު މޯދީއާ އެކު ރައީސް މުއިއްޒު: އެ މަނިކުފާނު ވިދާޅުވީ ރާއްޖެ އަންނަ އިންޑިއާ ފަތުރުވެރިންގެ އަދަދު އިތުރުކުރަން ބޭނުންފުޅުވާ ކަމަށް -- ފޮޓޯ/ ރައީސް އޮފީސް

މިއަދު މުޅި މަންޒަރު ފުރުޅިގެން މިދިޔަ ގޮތަކީ ބޮޑު އިބުރަތެކެވެ. ކުރިން ދެއްކި ވާހަކަތައް 180 ޑިގްރީއަށް ބަދަލު ކުރަން ޖެހުމުން އިބުރަތް ލިބިގަންނަން ޖެހެއެވެ. އާނއެކެވެ. ބޭރުގެ ސިފައިން ރާއްޖޭގައި ތިބުމާއި މިނިވަންކަމަށް އަސަރުކުރާނަމަ އެ ވާހަކަ ދައްކަންވާނެއެވެ. އަދި، ފިޔަވަޅު ވެސް އަޅަންވާނެއެވެ. ނަމަވެސް، ކަންކަން ކުރަންވާނީ ޑިޕޮލޮމެޓިކް ރީތި އުސޫލުންނެވެ. ހަޅޭއްލަވާ ފަހަތުން ޒުވާބުކުރަމުން ދުވާ ގޮތަކަށް ނޫނެވެ. އެ ގައުމުގެ ސަފީރު ގޭދޮށުގައި އިއްޔެ މުޒާހަރާކޮށްފައި މިއަދު އެ ގައުމަށް އެހީއަށް އެދެން ދާން ޖެހުނީ އެކަން އޭރު ނުވިސްނުނީތީއެވެ.

އިއްޔެ އެ ގައުމާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ދެއްކި ވާހަކަތައް އެހެރީ ފެންނާށެވެ. މިއަދު އެ ސްކްރީން ޝޮޓްތައް ދައުރުކޮށް އެތައް ފާޑު ކިޔުމެއް އަމާޒުކުރާއިރު ހަނު ހުންނަން އެ ޖެހުނީ ޖަޒުބާރުގައި ޖެހި ކުރަން ނުވާނެ އެތައް ކަމެއް ކުރެވިފައި ހުރުމުންނެވެ. މި ހަގީގަތް މިއަދު ގަބޫލުކޮށް އެ ކަމުން އިބުރަތް ލިބިގަންނަން ޖެހެއެވެ. ސިޔާސީ ބޭނުމަށް ވެސް ކޮށްފައި ނުކުރާނެ ކަންކަން ހުންނަން ވާނެ ކަމެވެ.

ރައީސްގެ އިންޑިއާ ދަތުރުފުޅާ އެކު އަމާޒުވި ފާޑުކިޔުންތަކާ އެކު ވެސް ޚާރިޖީ ސިޔާސަތު ހަމަހަމަ ކުރާތަން ފެނުމަކީ އުފަލެކެވެ. މި ޔޫޓާންގެ ފަހަތުގައި ކޮންމެފަދަ ސަބަބެއް އޮތް ނަމަވެސް މިކަމުން ރަނގަޅު އެބަ ފެނެއެވެ. ހަގީގަތުގައި ރާއްޖޭގައި އޮންނަން ވާނީ ވަރަށް ހަމަހަމަ ޚާރިޖީ ސިޔާސަތެކެވެ. އެއީ، އެއްވެސް ގައުމަކާ ޖެހި ނުގަނެ، އަދި އެއްވެސް ގައުމެއްގެ އުނގަށް ނުވެއްޓި ތަންފީޒުކުރާނެ ސިޔާސަތެކެވެ. ވޭތުވެދިޔަ ތަނުން އިބުރަތް ލިބިގަނެ ދެން ވެސް އެ ގޮތް އިހުތިޔާރުކުރަން ޖެހެއެވެ.

comment ކޮމެންޓް