ގެސްޓްހައުސްތަކަށް އަންނަ ފަތުރުވެރިން އަތުން ނަގައި ގްރީން ޓެކްސް އަންނަ އަހަރުން ފެށިގެން ބޮޑުކުރަން ސަރުކާރުގެ ފަރާތުން ފަތުރުވެރިކަމާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހުގައި 25 ކޮޓަރިއަށް ވުރެ ކުދި ގެސްޓްހައުސްތައް ނުހިމަނަން އިދިކޮޅު އެމްޑީޕީން ހުށަހެޅި އިސްލާހު ބަލައިނުގަންނަން މުޅި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
ފަތުރުވެރިކަމާ ބެހޭ ގާނޫނު ބުނާ ގޮތުން މިހާރު ރަށްރަށުގައި ހިންގާ 50 ކޮޓަރިއަށް ވުރެ ކުދި ގެސްޓްހައުސްތަކަށް އަންނަ ފަތުރުވެރިން އަތުން ގްރީން ޓެކުހުގެ ގޮތުގައި ނަގާނީ ދުވާލަކަށް ތިން ޑޮލަރެވެ. ސަރުކާރުން ވަނީ ގްރީން ޓެކްސް ދެގުނަކޮށް، އިތުރު ދެ ޓެކުހެއް ބޮޑުކުރަން ހުށަހަޅާފައެވެ.
ސަރުކާރުން ހުށަހެޅި އިސްލާހުގައިވަނީ ގްރީން ޓެކުހުގެ ގޮތުގައި މިހާރު ހަ ޑޮލަރު ނަގައި ގެސްޓްހައުސްތަކާއި ރިސޯޓުތަކުން ނަގައި އަދަދު 12 ޑޮލަރަށް ބޮޑުކުރާށެވެ. އަދި، މިހާރު ތިން ޑޮލަރު ނަގައި ކުދި ގެސްޓްހައުސްތަކުން ހަ ޑޮލަރު ނަގާށެވެ.
މި ބިލުތައް ދިރާސާކުރި މަޖިލީހުގެ ސަބް ކޮމިޓީން ހޯމަ ދުވަހު ވަނީ އެއްވެސް ބަދަލެއް ނުގެނެސް ދެ ބިލު ވެސް ފާސްކޮށްފައެވެ.
އެ ބިލުތައް ދިރާސާކުރަން މިއަދު ބޭއްވި މުޅި މަޖިލީހުގެ ކޮމިޓީގައި އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވަނީ 25 ކޮޓަރިއަށް ވުރެ ކުދި ގެސްޓްހައުސްތަކުން ގްރީން ޓެކްސް ބޮޑުނުކުރަން އިސްލާހެއް ހުށަހަޅުއްވައިފައެވެ. އެ އިސްލާހަށް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ނާޒިލު ތާއީދުކުރެއްވިއެވެ.
އެކަމަކު، ޕީއެންސީގެ މެޖޯރިޓީ އޮންނަ މަޖިލީހެއްކަމުން އެ އިސްލާހު ބަލައިނުގަންނަން ވަނީ ފާސްކޮށްފައެވެ. އިސްލާހު ބަލައިގަންނަން ވޯޓުދެއްވީ 11 މެންބަރުންނެވެ. ބޭރުކޮށްލަން 68 މެންބަރުން ވޯޓުދެއްވިއެވެ.
އެހެންވެ، އެ ބިލަށް އިތުރު އިސްލާހެއް ނެތުމުން، ސަބް ކޮމިޓީން ވެސް ފާސްކުރި ގޮތަށް ބިލުތަކަށް ބަދަލެއް ނުގެނެސް ފާސްކުރަން ވޯޓަށް އެހުމުން 67 މެންބަރުންގެ ވޯޓުން ވަނީ ބިލު ފާސްކޮށްފައެވެ. އެއާ ދެކޮޅަށް ވޯޓުދެއްވީ 11 މެންބަރުންނެވެ. އެއީ، އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ މެންބަރުންނެވެ.
މި ބަދަލާ އެކު އަންނަ އަހަރު އެ ޓެކްސްގެ ގޮތުގައި ދައުލަތަށް 963.6 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
ކޮމިޓީން ވަނީ ޓީޖީއެސްޓީ ނަގައި ރޭޓު 17 އިންސައްތައަށް ބޮޑުކުރަން ހުށަހެޅި އިސްލާހު ވެސް ފާސްކޮށްފައެވެ. ދެން ބޮޑުކުރަނީ ދިވެހި އެއާޕޯޓްތަކުން ރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ނަގާ ޓެކުހާއި ފީއެވެ. އެއީ؛
- އިކޮނޮމީ ކުލާހުން ފުރާ ދިވެހިން އަތުން ޓެކްސްގެ ގޮތުގައި 12 ޑޮލަރު ނަގާއިރު އާ އިސްލާހުގައި އެ އަދަދު ބޮޑު ކުރަން ހުށަހަޅާފައެއް ނެތް.
- އިކޮނޮމީ ކުލާހުން ފުރާ ބިދޭސީންގެ އަތުން މިހާރު ނަގާ 30 ޑޮލަރުގެ ބަދަލުގައި ދެން 50 ޑޮލަރު ނެގުމަށް ވަނީ ހުށަހަޅައިފައި.
- ބިޒްނަސް ކުލާހުން ފުރާ ދިވެހިންނާއި ބިދޭސީންގެ އަތުން 60 ޑޮލަރުގެ ޓެކްސްއެއް ނަގާއިރު އިސްލާހުގައި ވަނީ 120 ޑޮލަރު ނެގުމަށް ހުށަހަޅައިފައި.
- ފަސްޓް ކުލާހުން ފުރާ ދިވެހިންނާއި ބިދޭސީންގެ އަތުން 90 ޑޮލަރު މިހާރު ނަގާއިރު އިސްލާހުގައި 240 ޑޮލަރު ނަގަން ވަނީ ހުށަހަޅައިފައި.
- ޕްރައިވެޓް ޖެޓްގައި ފުރާ މީހުންގެ އަތުން މިހާރު 120 ޑޮލަރު މިހާރު ނަގާއިރު އިސްލާހުގައި ވަނީ 480 ޑޮލަރު ނެގުމަށް ވަނީ ހުށަހަޅާފައި.
މީގެ އިތުރުން، އެއާޕޯޓް ޑިވެލޮޕްމެންޓް ފީ ވެސް ބޮޑުކުރަން ވަނީ ހުށަހަޅައިފައެވެ. އެ ފީ ވެސް ބޮޑުކުރަން ނިންމާފައިވަނީ ޑިޕާޗާ ޓެކްސް ބޮޑުކުރި ރޭޓުންނެވެ.
މުޅި މަޖިލީހުގެ ކޮމިޓީން މި ބިލުތައް ފާސްކުރި ނަމަވެސް މަޖިލީހުގެ ތަޅުމުން އަދި ބިލުތައް ފާސްކުރަން ޖެހޭނެއެވެ. އެއަށް ފަހުގައި ބިލުތައް ގާނޫނަކަށް ވާނީ ރައީސުލްޖުމްހޫރިއްޔާ އެ ތަސްދީގުކުރައްވައި ގެޒެޓުކުރުމުންނެވެ.