މަހެއް ތެރޭ ތެލަސީމިއާ ސެންޓަރުގެ މަސައްކަތް ނިންމަން، ސިފައިންނާ ހަވާލުކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ތެލަސީމިއާ ސެންޓަރުގައި ބޭނުންކުރާ ފިލްޓަރުތައް ހަލާކުވެ، ލޭ ޕެކެޓުތަކުން އިސްރާފުވާ މިންވަރު އިތުރުވާތީ ތެލަސީމިއާ ޕޭޝަންޓުންނާއި، އެ މީހުންގެ އާއިލާތަކުން ވަނީ މި މަހު 23 ގައި މުޒާހަރާކޮށްފައެވެ. އެ މުޒާހަރާއާ އެކު ޖެހިގެން އައި ދުވަހު ރައީސް ވަނީ އެ ސެންޓަރަށް ވަޑައިގެންފައެވެ.
އެ ދުވަހު ރައީސް ވަނީ އެ ތަނުގެ ހާލަތު ނޭނގޭ ކަމަށް ވިދާޅުވެފައެވެ. އެހެންވެ، އެ މަނިކުފާނަށް ފާޑުކިޔުން އަމާޒުވިއެވެ.
ރައީސް މިއަދު ފެއްޓެވި 'ރައްޔިތުންނާ އެކު' ޕޮޑްކާސްޓްގައި އެ މައުޟޫއަށް ވާހަކަދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ، ތެލަސީމިއާ ސެންޓަރުގެ ހާލަތު އެނގިވަޑައިގަންނަވާ ކަމަށެވެ. އެ ގޮތުން، އެ ހާލަތާ ގުޅޭ ގޮތުން ކެމްޕޭން ތެރޭގައި ވައުދުތަކެއް ވެސް ވެލެއްވިކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
"އަޅުގަނޑު ދެންނެވި ވާހަކައަކީ މި ގޮތަށް މި ކަންކަން ރަނގަޅުނުކޮށް، ނޫނީ އެޓެންޑްނުކޮށް ހުރިކަމެއް އަޅުގަނޑަކަށް ނޭނގޭ. އެއީ، އަޅުގަނޑު ރިޔާސީ އިންތިޚާބުގައި އަޅުގަނޑާ އެ ބޭފުޅުން ބައްދަލުކުރި. އެ ކަންކަމަށް އަލިއަޅުވާލައި އަޅުގަނޑު ވައުދުތަކެއް ވެސް ވިން،" އެ މަނިކފާނު ވިދާޅުވިއެވެ.
"އެ ކަންކަން ހައްލުކުރަން ހަވާލުކޮށްފައި އަޅުގަނޑު އޮތީ،"
ރައީސް ވިދާޅުވީ، ތެލަސީމިއާ ސެންޓަރަށް ވަޞީލަތްތައް ހަމަކުރުމަށް ނިންމަވައި، އެކަމަށް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެ ގޮތުން ޓެސްޓް ކުރުމަށް ބޭނުންވާ ވަޞީލަތްތައް ހަމަކުރުމާއި، އެކަމަށް ބޭނުންވާ ބަޖެޓުގެ ކަންކަން ހަމަޖެއްސުން ހިމެނޭކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ. އަދި، ފިލްޓަރުގެ މައްސަލައާއި ދެންވެސް ބެލެނިވެރިން ފާހަގަކުރެއްވި މައްސަލަތައް އެ މަނިކުފާނު ވަރަށް ގާތުން ބައްލަވައި، އެ ކަންކަން ޙައްލުކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، މިހާރު ތެލަސީމިއާ ސެންޓަރު ހިންގާ އިމާރާތުގައި އެކި ކަންބޮޑުވުން ހުރިކަން ފާހަގަކުރައްވައި، އެ ސެންޓަރު ބަދަލުކުރުމަށް ކަނޑައަޅާފައިވާ "އޮރެންޖް ހިޔާ"އަށް ޒިޔާރަތްކުރައްވައި އެތަން ބައްލަވާލައްވާފައިވާ ކަމުގައި ރައީސް ވިދާޅުވިއެވެ.

ރައީސް މުއިއްޒު ޕޮޑްކާސްޓްގައި: އެ މަނިކުފާނު ވިދާޅުވީ ނޭނގުނީ ތެލެސީމިއާ ސެންޓަރުގައި ހުރި މައްސަލަތައް ހައްލުނުކުރާކަން ކަމަށް -- ފޮޓޯ/ ރައީސް އޮފީސް
އެ ތަނުގެ މަސައްކަތުގެ، ބޮޑު ބައެއް އަދިވެސް ނުނިމޭތީއާ އެކު، އަދި ކޮންޓްރެކްޓް ވެސް ހަމަވާތީ މި މަހުގެ 28 ވަނަ ދުވަހުން ފެށިގެން، އެތަން ނިންމުމުގެ މަސައްކަތް، ޤައުމީ ކަމެއްގެ ގޮތުގައި ކުރިއަށްގެންދިއުމަށް ސިފައިންނާ ހަވާލުކުރައްވާފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެ މަސައްކަތް ހަވާލުކުރެއްވީ އެއް މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ކަމުގައި ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
އޮރެންޖް ހިޔާއަށް ތެލަސީމިއާ ސެންޓަރުގެ ޚިދުމަތް ބަދަލުކުރުމުގެ ކަންކަން ރަނގަޅަށް އަދި ޚިދުމަތް ހޯދާ ފަރާތްތަކަށް ފަސޭހަވާނެ ގޮތަށް ކުރިއަށްގެންދިއުމަށް އިރުޝާދު ދެއްވާފައިވާނެކަމުގައި ވެސް ރައީސް ވިދާޅުވިއެވެ.
އޮރެންޖް ހިޔާއިން ތެލަސީމިއާގެ ޚިދުމަތް ފޯރުކޮށްދޭން ފެށުމުން ޚިދުމަތް ހޯދާފަރާތްތައް އެ ތަނަށް ދަތުރުކުރުމަށް، އެމްޓީސީސީގެ ބަސްހުއްޓިއެއް ހަމަޖެއްސުމާ އެކު ހިލޭ ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖައްސާނެކަމުގެ އުފާވެރި ޚަބަރު ވެސް އެ މަނިކުފާނު ދެއްވިއެވެ.
ސްޓޭޓް އޮފް ދި އާޓް، ތެލެސީމިއާ ޚިދުމަތްދޭ ތަނެއް ހެދުމަކީ މި ސަރުކާރުގެ ރިޔާސީ ވަޢުދެކެވެ.
ނަން ނުޖަހަން ޝަރުތުކޮށް "ސަން" އާ ވާހަކަދެއްކި ތެލަސީމިއާ އެޑްވޮކޭޓެއް ބުނީ މިއީ މި މައްސަލަ ދިމާވާތާ ތިން ވަނަ ރޯދަމަސް ކަމަށެވެ. އެކި ފަހަރުމަތިން އެމްބީއެސްގެ ވެރިންނާ ބައްދަލުކޮށް އެ މައްސަލަ ހައްލުކޮށްދިނުމަށް އެދިފައިވާނެ ކަމަށް އޭނާ ބުންޏެވެ. ނަމަވެސް މިހާތަނަށް އެކަމަށް އެދެވޭ އަޅާލުމެއް ދީފައިނުވާކަން ވެސް އޭނާ ފާހަގަކުރިއެވެ.
އޭނާ ބުނި ގޮތުގައި ރޯދަމަހު ޚާއްސަކޮށް ޑޮނާ ލިބުން ވަރަށް ދައްޗެވެ. އެހާ ހާލުން ހޯދާ ލޭކޮޅު ނޭޅި އުކާލަން ޖެހުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް އޭނާ ބުންޏެވެ.