އަންނަ އަހަރަށް ލަފާކޮށް މާދަމާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަނީ 60 ބިލިއަން ރުފިޔާއަށް ވުރެ ބޮޑު ބަޖެޓެއްކަން އެނގިއްޖެއެވެ.
މިއީ މިހާތަނަށް ރާއްޖޭގައި ހުށަހަޅާ އެންމެ ބޮޑު ބަޖެޓަށްވާނެއެވެ.
ސަރުކާރުން މި އަހަރަށް ވަނީ އިތުރު 5.1 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފައެވެ. އެހެންވެ، މި އަހަރުގެ ބަޖެޓު ޖުމުލަ 55 ބިލިއަން ރުފިޔާއަށް އަރާނެއެވެ. އެއާ އެކު މި އަހަރުގެ ޖުމުލަ ބަޖެޓު ޑެފިސިޓު 18 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
ސަރުކާރުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މާދަމާ މަޖިލީހަށް ހުށަހަޅަން ނިންމާފައިވާ ބަޖެޓު ޖުމުލަ 64 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
އެކަމަކު، ބަޖެޓާ ގުޅޭ އިތުރު ތަފުސީލެއް އެ އޮފިޝަލް ހާމަކޮށްފައެއް ނުވެއެވެ.
"އެ އަދަދުތަކަށް ބަދަލުތަކެއް ކުދި ބަދަލުތަކެއް އަތުވެދާނެ. އެކަމަކު، 64 ބިލިއަން ރުފިޔާގެ ބަޖެޓެއް އަންނަ އަހަރަށް އަންދާޒާކޮށްފައިވަނީ،" އެ އޮފިޝަލް ވިދާޅުވިއެވެ.
ސަރުކާރާއި މާލީ ވުޒާރާއިން ވެސް މިހާތަނަށް އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭ ގޮތުން ރަސްމީ ސިފައެއްގައި އަދަދެއް ހާމަކޮށްފައެއްނުވެއެވެ. އެކަމަކު، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހަޅަން މާދަމައަށް މަޖިލީހުގެ ޖަލްސާއެއް ތާވަލުކޮށްފައިވާ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
މި ހިނގާ 2024 ވަނަ އަހަރަށް ލަފާކޮށް މިދިޔަ އަހަރު ފާސްކޮށްފައިވަނީ 49.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
އެ ބަޖެޓުން އަހަރުގެ މިހާތަނަށް 37 ބިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވެފައިވާ ކަމަށް މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ. އެކަމަކު، އަހަރު ނިމެންވާއިރަށް ޖުމުލަ ބަޖެޓުގެ 49.9 ބިލިއަންގެ އިތުރަށް ޚަރަދުކުރަންޖެހޭނެ ކަމަށް ލަފާކޮށް، އިތުރު 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް އިއްޔެ ވަނީ މަޖިލީހުން ފާސްކޮށްފައެވެ.
އެހެންވެ، މި އަހަރު ނިމޭއިރު ޖުމުލަ ޚަރަދު 55 ބިލިއަން ރުފިޔާއަށް އަރާނެއެވެ.
ރާއްޖޭގެ ބަޖެޓު އަހަރަކުން އަހަރެއް ބޮޑުވަމުން އަންނައިރު، ދައުލަތުގެ ޚަރަދުތައް ކުޑަކުރަންޖެހޭ ކަމަށް ބޭރުގެ މާލީ އިދާރާތަކުން އަންނަނީ ގޮވާލަމުންނެވެ. އެ ގޮތުން، ދުނިޔޭގެ އެންމެ ބޮޑު ދެ ކްރެޑިޓް ރޭޓިން އެޖެންސީން ވެސް ވަނީ ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކޮށްފައެވެ.
ސަރުކާރުން ވަނީ ޚަރަދު ކުޑަކޮށް، މާލީ އިސްލާހީ ފިޔަވަޅުތަކާ އެކު މާލީ ދަތިތަކުން އަރައިގަނެވޭނެ ކަމަށް ބުނެފައެވެ.