ރާއްޖެއަށް އެންމެ ރަނގަޅު ގޮތަކީ އިދިކޮޅު އެންމެ ބޮޑު ސިޔާސީ ޕާޓީ އެމްޑީޕީ އާއި ޑިމޮކްރެޓްސް ގުޅިގެން މަސައްކަތް ކުރުން ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ހުށަހެޅުއްވި ހުށަޅުމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ތާއީދު ކުރައްވައިފިއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ ރާއްޖެއަށާއި އެމްޑީޕީއަށާއި ޑިމޮކްރެޓްސްއަށް ވެސް މި ވަގުތު އެންމެ ރަނގަޅު ގޮތަކީ ދެ ޕާޓީ ގުޅުން ކަމަށް އެ މަނިކުފާނު ދެކެވަޑައިގަންނަވާ ކަމަށެވެ.
މިކަމާ ގުޅިގެން "ސަން"އާ ވާހަކަ ދައްކަވަމުން ފައްޔާޒް ވިދާޅުވީ، ސަރުކާރު ހަމަމަގަށް އަޅުވައި ގާނޫނު އަސާސީ ހިމާޔަތް ކުރުމުގެ މަސައްކަތުގައި ގުޅިގެން މަސައްކަތް ކުރަން ތިބި އެންމެންނާ އެކު މަސައްކަތް ކުރަން އެމްޑީޕީން އޮތީ ތައްޔާރަށް ކަމަށެވެ.
އެއީ އެ ޕާޓީން މީގެ ކުރިން ވެސް ނިންމާފައިވާ ނިންމުމެއްކަން ފާހަގަކުރައްވާ ފައްޔާޒް ވިދާޅުވީ، އެ ޕާޓީއާއެކު ގުޅިގެން މަސައްކަތް ކުރުމަށް މީގެ ކުރިން ވެސް ޑިމޮކްރެޓްސްއަށާއި ބައެއް އެހެން ޕާޓީތަކަށް ހުށަހަޅާފައި ވާނެކަމަށެވެ.
"އެ ޕާޓީން އޭރު އަޅުގަނޑުމެންނަށް ޖަވާބެއް ލިބިފައި ވަނީ. އެހެން ނަމަވެސް، އެއާއެކު އަޅުގަނޑުމެންނަށް އަދި ކުރިއަށް ދެވިފައެއް ނުވޭ،" އޭނާ ވިދާޅުވިއެވެ.
އޭގެ ފަހުން ޑިމޮކްރެޓްސްގެ ލީޑާޝިޕަށް ބޮޑެތި ބަދަލުތަކެއް އައިކަން ވެސް ފައްޔާޒް ވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން ދެ ޕާޓީ ގުޅިގެން ކުރާ މަސައްކަތްތައް ނުފެށި ވަނީ އެ ޕާޓީތެރޭ އެކަމަށް ތާއީދު ނެތުމުން ކަމަށް ގަބޫލުކުރެވޭ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
"އަޅުގަނޑު ގަބޫލުކުރަނީ ރައީސް ނަޝީދު އެ ކުރެއްވި ޓްވީޓަކީ ޑިމޮކްރެޓްސްއަށް ކުރެއްވި ޓްވީޓެއް ކަމަށް އެއީ އަޅުގަނޑުމެން މިތިބީ އަޅުގަނޑުމެންނާއެކު މި މަސައްކަތުގައި ސަރުކާރު ހަމަމަގަށް އަޅުވަން މަސައްކަތް ކުރަން ތިބި ކޮންމެ ބަޔަކާއެކު ވެސް މަސައްކަތް ކުރަން އެއީ އަޅުގަނޑުމެންގެ ޕާޓީގެ ސްޓޭންޑް،" އޭނާ ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އެމްޑީޕީއާއި ޑިމޮކްރެޓްސް އަކީ ވެސް ކުރީގެ ރައީސް ނަޝީދު ހިއްސާވެގެން އުފެއްދި ދެ ޕާޓީއެވެ.
އެމްޑީޕީގެ ރައީސްކަން ކުރެއްވި ނަޝީދު އެ ޕާޓީން ވަކިވެވަޑައިގަތީ، 2023 ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބާ ދިމާކޮށް އެ ޕާޓީގައި އެ މަނިކުފާނަށް ތާއިދުކުރާ ފެކްޝަނަކާއި އެއިރުގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއިދު ކުރާ ފެކްޝަނެއް އުފެދި ބައިބައިވި ފަހުންނެވެ. އެގޮތުން ރިޔާސީ ޕްރައިމަރީގައި އެ ދެ ބޭފުޅުން ވާދަކުރައްވައި ނަޝީދު ނާކާމިޔާބުވުމުން އެ މަނިކުފާނާއި އެ މަނިކުފާނަށް ތާއިދުކުރައްވާ މެންބަރުން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައި ތުހުމަތުތައް ކުރިއެވެ.
އެއަށްފަހު ނަޝީދަށް ތާއިދުކުރައްވާ މެންބަރުން އެމްޑީޕީން ވަކިވެވަޑައިގެން ޑިމޮކްރެޓްސް އުފެއްދެވީއެވެ. އަދި އެމްޑީޕީގައި ހުންނެވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލުނުކުރެއްވޭ ކަމަށް ވިދާޅުވެ، ޖޫން 21، 2023ގައި އެ މަނިކުފާނު ވެސް ޕާޓީން ވަކިވެވަޑައިގަތެވެ.
އެއަށްފަހު ދަ ޑިމޮކްރެޓްސްއިން ރިޔާސީ އިންތިޚާބުގައި ވާދަކުރުމުން ލިބުނީ ހަތް ޕަސެންޓް ވޯޓެވެ. އަދި ދެވަނަ ބުރުގައި އެމްޑީޕީއަށް ތާއިދު ކުރަން އެ ޕާޓީން ދެކޮޅުހެދިއެވެ.
އޭގެ ފަހުން ޑިސެމްބަރު 2023ގައި ނަޝީދުވަނީ، ރާއްޖެއާއި އެހެން 11 ގައުމަކުން އުފެއްދި ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ ސެކްރެޓަރީ ޖެނެރަލްކަން ކުރައްވަން އެއްބަސްވެވައިޑެން، އަހަރުތަކަކަށް ސިޔާސީ މަސައްކަތުން ދުރަށް ޖެހިވަޑައިގަންނަވާން ނިންމެވިކަން އިއުލާންކުރައްވައިފައެވެ. ނަމަވެސް މިދިޔަ ޖަނަވަރީ މަހު އެ މަނިކުފާނު ވަނީ، ސިޔާސީ ހަރަކާތުން މުޅިން ދުރަށް ނުދާ ކަމަށް ވެސް ވިދާޅުވެފައެވެ.
އަދި އެއްވެސް ސިޔާސީ ޕާޓީއަކާ އިދިކޮޅު ވެވަޑައިނުގަންނަވާނެ ކަމަށާއި އެމްޑީޕީ ވެސް ވަރުގަދަވެ އޮތުން އެއީ އަބަދުވެސް އެދިވަޑައިގަންނަވާ ގޮތް ކަމަށް ނަޝީދު ވަނީ މިފަހުން ވިދާޅުވެފައެވެ.