2 މަސް ތެރޭ 550 އަށްވުރެ ގިނަ މަޝްރޫއު ފެށޭނެ: ރައީސް

ތަރައްގީގެ މަޝްރޫއެއް: -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި މަހާއި އަންނަ މަހުގެ ތެރޭގައި 550 އަށްވުރެ ގިނަ މަޝްރޫއުގެ މަސައްކަތް ފެއްޓޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އިގުތިސާދު ހީނަރުވެ، މަޝްރޫއުތައް ނުހިނގާކަމުގެ ކަންބޮޑުވުން އޮތީ ބޮޑުވެފައެވެ.

ރައީސް މުއިއްޒު އަލަށް މިއަދު ފެއްޓެވި 'ރައްޔިތުންނާ އެކު' ޕޮޑްކާސްޓްގައި ވާހަކަދައްކަވަމުން ވިދާޅުވީ، ހުއްޓިފައި ހުރި މަޝްރޫއުތަކާއި އަލަށް ފަށައި މަޝްރޫއުތަކާ އެކު މި މަހާއި އަންނަ މަހުގެ ތެރޭގައި 550 އަށްވުރެ ގިނަ މަޝްރޫއުގެ ފެށޭނެ ކަމަށެވެ.

"ފަހު 10ގެ ތެރޭގައި ވެސް އަޅުގަނޑުމެން މި ދަނީ މަސައްކަތްކުރަމުން.... އެހެންވީމާ ވަރަށް ބާރަށް ރަށްރަށުގެ މަސައްކަތް ހިނގަމުން ދާނީ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު: ރައީސް ވިދާޅުވީ 550 މަޝްރޫއުގައި ސޮއިކޮށްފައިވާ ކަމަށް --- ފޮޓޯ/ ރައީސް އޮފީސް

އެ މަނިކުފާނު ވިދާޅުވީ، މި އަހަރާއި އަންނަ އަހަރު އޭގެ ތެރެއިން ގިނަ މަޝްރޫއުތަކެއް ނިމޭނެ ކަމަށެވެ.

ރައީސް މުއިއްޒު މީގެ ކުރިން ވެސް ވަނީ މި އަހަރާއި އަންނަ އަހަރަކީ ތަރައްގީގެ މަޝްރޫއުތައް ހިނގައި، ވައުދުތައް ވެސް ފުއްދައިދެއްވާނެ ދެ އަހަރު ކަމަށް ވިދާޅުވެފައެވެ. އެ މަނިކުފާނު ވަނީ މި އަހަރާއި އަންނަ އަހަރު މަޝްރޫއުތައް ހިންގަވާނެ ކަމަށް ވިދާޅުވެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި ފަހުން މި ސަރުކާރުގެ ބައެއް މަޝްރޫއުތައް ކުރިއަށް ގެންދަން ސަރުކާރު ކުންފުނިތަކަކާ އެކު ވަނީ ސޮއިކޮށްފައެވެ. އެ ގޮތުން، ރޯޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާއި ފެނަކަ އަދި އެމްޓީސީސީއަށް ގިނަ މަޝްރޫއުތަކެއް ވަނީ ހަވާލުކޮށްފައެވެ.

މިދިޔަ އަހަރާ އަޅައިބަލާއިރު މަޝްރޫއުތަކަށް ކުރި ހޭދަ ވެސް ވަރަށް ބޮޑަށް ދަށްވެފައިވާއިރު، އަމިއްލަ ކުންފުނިތަކަށް ސަރުކާރުން ދޭންޖެހޭ ބޮޑު އަދަދެއްގެ ދަރަނި ވެސް ނުދައްކާ އެބައޮތެވެ. އެ ފައިސާ ރޯދައިގެ ކުރިން ދައްކާ ނިންމާނެ ކަމަށް ކުރިން ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ އިގުތިސާދީ ހާލަތު ގޯސްވެ، ބޭރު ދަރަނީގެ މައްސަލަ ވެސް އޮތީ ބޮޑުވެފައެވެ. ބޭރުގެ މާލީ އިދާރާތަކުން ޚަރަދުތަކާއި އިސްރާފު ހުއްޓާލަން ކެނޑިނޭޅި ގޮވާލަމުންނެވެ.

comment ކޮމެންޓް