ޓޫރިސްޓުން އަތުން ނަގާ ގްރީން ޓެކްސް ދެ ގުނަކޮށް، އެއާޕޯޓް ޓެކްސް ބޮޑުކުރަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި އޮތް ބިލުތައް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާއި އިގުތިސާދީ ކޮމިޓީގެ ސަބް ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
މި ދެ ބިލު ވެސް މަޖިލީހުން ބަލައިގަނެ، މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވާފައި ވަނީ މިމަހުގެ 16 ވަނަ ދުވަހުއެވެ. އެ ކޮމިޓީގައި ބައެއް މެންބަރުންގެ ޚިޔާލު ތަފާތުވެ، ދެ ބިލު ދިރާސާކުރުމަށް ސަބް ކޮމިޓީއަށް ފޮނުވީ މިމަހުގެ 23 ވަނަ ދުވަހުއެވެ.
މާލިއްޔަތު ކޮމިޓީއާއި އިގުތިސާދީ ކޮމިޓީގެ ސަބް ކޮމިޓީ މިއަދު ބާއްވާފައިވާއިރު، މި ދެ ބިލު ވަނީ ދިރާސާކޮށްފައެވެ.
އެގޮތުން ދިވެހި ރާއްޖޭގެ އެއާޕޯޓްތަކުން ދިވެހި ރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސް އާއި ފީ ނެގުމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ފާސްކޮށްފައި ވަނީ ކޮމިޓީ މެންބަރުންގެ އިއްތިފާގުންނެވެ.
އަދި ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ފާސްކޮށްފައި ވަނީ 13 މެންބަރުންގެ އިއްތިފާގުންނެވެ.
ދެ ބިލު ވެސް ކޮމިޓީން ފާސްކޮށްފައި ވަނީ ބިލުގައި ހިމެނޭ ބައެއް މާއްދާތަކަށް ބަދަލު ގެނައުމަށް ނިންމުމަށް ފަހުއެވެ.
ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުސްތަފާ ހުސައިން ހުށަހެޅުއްވި އިސްލާހުގައިވަނީ:
- ޓޫރިސްޓެއްގެ ބޮލަކަށް ދުވާލަކަށް ހަ ޑޮލަރު ގްރީން ޓެކްސްގެ ގޮތުގައި ނަގަމުން އަންނަ ތަންތަނުން އަންނަ އަހަރުން ފެށިގެން 12 ޑޮލަރު ނެގުމަށް.
- ޓޫރިސްޓެއްގެ ބޮލަކަށް ދުވާލަކަށް ތިން ޑޮލަރު ނަގަމުން އަންނަ ތަންތަނުން އަންނަ އަހަރުން ފެށިގެން ހަ ޑޮލަރު ނެގުމަށް.
މި ބަދަލާ އެކު އަންނަ އަހަރު އެ ޓެކްސްގެ ގޮތުގައި ދައުލަތަށް 963.6 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.
ދެން އިސްލާހު ހުށަހަޅާފައިވަނީ ދިވެހި ރާއްޖޭގެ އެއާޕޯޓްތަކުން ދިވެހި ރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސް އާއި ފީ ނެގުމާ ބެހޭ ގާނޫނަށެވެ. ސަރުކާރުގެ ފަރާތުން ގެމަނަފުށީ ދާއިރާގެ މެންބަރު އަސަދުﷲ ޝިހާބު ހުށަހެޅި އެ އިސްލާހުގައިވަނީ އަންނަ ޑިސެމްބަރު މަހުން ފެށިގެން ޑިޕާޗާ ޓެކްސް ބޮޑުކުރުމަށެވެ. އެގޮތުން:
- އިކޮނޮމީ ކުލާހުން ފުރާ ދިވެހިން އަތުން ޓެކްސްގެ ގޮތުގައި 12 ޑޮލަރު ނަގާއިރު އާ އިސްލާހުގައި އެ އަދަދު ބޮޑު ކުރަން ހުށަހަޅާފައެއް ނެތް.
- އިކޮނޮމީ ކުލާހުން ފުރާ ބިދޭސީންގެ އަތުން މިހާރު ނަގާ 30 ޑޮލަރުގެ ބަދަލުގައި ދެން 50 ޑޮލަރު ނެގުމަށް ވަނީ ހުށަހަޅައިފައި.
- ބިޒްނަސް ކުލާހުން ފުރާ ދިވެހިންނާއި ބިދޭސީންގެ އަތުން 60 ޑޮލަރުގެ ޓެކްސްއެއް ނަގާއިރު އިސްލާހުގައި ވަނީ 120 ޑޮލަރު ނެގުމަށް ހުށަހަޅައިފައި.
- ފަސްޓް ކުލާހުން ފުރާ ދިވެހިންނާއި ބިދޭސީންގެ އަތުން 90 ޑޮލަރު މިހާރު ނަގާއިރު އިސްލާހުގައި 240 ޑޮލަރު ނަގަން ވަނީ ހުށަހަޅައިފައި.
- ޕްރައިވެޓް ޖެޓްގައި ފުރާ މީހުންގެ އަތުން މިހާރު 120 ޑޮލަރު މިހާރު ނަގާއިރު އިސްލާހުގައި ވަނީ 480 ޑޮލަރު ނެގުމަށް ވަނީ ހުށަހަޅާފައި.
މީގެ އިތުރުން، އެއާޕޯޓް ޑިވެލޮޕްމެންޓް ފީ ވެސް ބޮޑުކުރަން ވަނީ ހުށަހަޅައިފައެވެ. އެ ފީ ވެސް ބޮޑުކުރަން ނިންމާފައިވަނީ ޑިޕާޗާ ޓެކްސް ބޮޑުކުރި ރޭޓުންނެވެ.