ބޯންވީ ހިތި ބޭސްތަ؟ ނޫނީ ގަރުދިޔަތަ؟

ސަރުކާރުގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގެ ތެރެއިން: ޚަރަދު ކުޑަކުރަންވީ ސަރުކާރުގެ -- ފޮޓޯ/ ރައީސް އޮފީސް

މާލީ ހާލަތު ގޯސްވެގެން ހިތި ބޭހެއްގެ ވާހަކަދައްކަވާތާ ދުވަސްކޮޅެއް ވެއްޖެއެވެ. އެހެން އޮއްވައި، ރައީސް އޮފީހުގެ މިނިސްޓަރަކު ވަނީ ރައްޔިތުން "ގަރުދިޔައާއި ބަތާ ކައިގެން ތަންކޮޅެއް އާދައިގެ ދިރިއުޅުމަކަށް ތިރިވެލަންޖެހޭ" ކަމަށް ވިދާޅުވެފައެވެ. އެއް ގޮތަކުން ބަލާނަމަ އެއީ ރަނގަޅު ވާހަކައެކެވެ. މައްސަލައަކީ އެ ދައްކަވާ ވާހަކައާއި އަމަލާ ދިމާނުވާތިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ވެސް ކުރިން ކުރެއްވި އަލީ އާރިފް މިހާރު ހުންނަވަނީ މިނިސްޓަރު އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޯ ޕްރެޒިޑެންޝަލް އެފެއާޒް ކިޔާ މަގާމެއްގައެވެ. މަގާމުގެ ނަމަށް ބަލާފައި ބެލެވެނީ އެއީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ މަސައްކަތްޕުޅުތަކުގައި އެހީތެރިވެދެއްވާން އައްޔަންކުރައްވާފައި ހުންނެވި ބޭފުޅެއްގެ ގޮތުގައެވެ.

ޕީއެންސީން އާދިއްތަ ދުވަހުގެ ރޭ ބޭއްވި ހަރުގެ ޖަލްސާއެއްގައި އާރިފް ވަނީ މާލީ ހާލަތާ ގުޅޭ ގޮތުން ވާހަކަދައްކަވައިފައެވެ. ޕޯޑިއަމް ދޮށުގައި އެންމެ ގިނައިރު ވަންދެން ދެއްކެވީ މި ސަރުކާރުން ރައްޔިތުންނަށް ދެމުން އަންނަ އެއްވެސް ލުޔެއް ކަނޑާނުލާނެ ވާހަކައެވެ. އެކަމަކު، އެރި ޖޯޝާއި ފޯރީގައި ފަހުން ވިދާޅުވީ، ރައްުޔިތުން ޚަރަދު ކުޑަކުރަންޖެހޭ ކަމަށެވެ. މައްސަލަ ޖެހުނު ހިސާބަކީ އެއީއެވެ.

"މި ދުވަސްކޮޅު މި ޖެހެނީ އަޅުގަނޑުމެން އަބަދު ޓޭކްއެވޭ ހަދައިގެން ގޭގައި ކޭ ކެއުން ހުއްޓާލައިފައި، ކޮންމެ ވެސް ވަރަކަށް ގޭ ތެރޭގައި އަމިއްލައަށް ކައްކައިގެން ގަރުދިޔައާއި ބަތާ ކައްކައިގެން ކާލައިގެން ތަންކޮޅެއް އާދައިގެ ދިރިއުޅުމަކަށް ތިރިވެލަން،" އާރިފް ވިދާޅުވިއެވެ.

https://sun.mv/194333

ރައްޔިތުން ރުޅި އައީ އެ ހިސާބުންނެވެ. އެ ވާހަކަދެއްކެވި ގޮތުންނެވެ. ވިދާޅުވި ބޭފުޅާގެ ގޮތުންނެވެ.

މީގެ ކުރީގައި ރާއްޖޭގައި ހިންގަމުން އައި ވެރިކަންތަކާއި އެހެން ގައުމުތަކުގެ ސަރުކާރުގެ އޮނިގަނޑަށް ބަލާފައި އާރިފް އެ ހުންނެވި މަގާމަކީ ވެސް ކޮންމެހެން ބޭނުންތެރި މަގާމެއްތޯ އެއީ ކުރަންޖެހޭ ސުވާލެކެވެ. އަމުދުން އެ ދެއްކެވި ވާހަކަފުޅުން އެ ވާހަކަ އާންމުން ދައްކާނެއެވެ. އެ ސުވާލު ކޮންމެ މީހެއްގެ ހިތުގައި ވެސް އުފެދޭނެއެވެ.

ސަރުކާރުން ހާމަނުކުރާތީ، އެ ބޭފުޅާ ދުވަހުން ދުވަހަށް އަދާކުރައްވާ ޒިންމާއަކީ ކޮބައި ކަމެއް ނޭނގެއެވެ. އެކަމަކު، އެ ވަރުގެ މަގާމަކަށް އައްޔަންކުރައްވާފައި އެ ވަރުގެ މުސާރައެއް ދެއްވާނީ ހަމަ ގައިމު ވެސް ސަރުކާރަށް އާރިފްގެ މަސައްކަތް މުހިންމުވީމައެވެ.

ގަރުދިޔަ ބޯންވީ ރައްޔިތުންތަ؟

ގަރުދިޔައިގެ ވާހަކަ އާރިފް ގެންނެވީ މިސާލެއްގެ ގޮތުންނެވެ. ވިދާޅުވާން އުޅުއްވި ކަމަށް ވިސްނެނީ 'ލިބޭ އެއްޗަކުން ޚަރަދުބަރަދު ބަލަހައްޓާށެ'ވެ. ނެތް ވަރުން ޚަރަދުތައް ނުކުރާށެވެ. ހިތް މާ މޮޅުވެގެން އުޅޭ އުޅުން ދޫކޮށްލާށޭއެވެ.

އެއީ، އެ މާނައިގައި ވިދާޅުވި ބަސްފުޅެއް ނަމަ، ރަނގަޅެވެ. މޮޅެވެ. އެކަމަކު، ފުރަތަމަ ގަރުދިޔަ ކާންވާނީ ވެރީންނެވެ.

މިދިޔަ ފަސް އަހަރު، ނުވަތަ މި ސަރުކާރުން އެ ވިދާޅުވާ އިގުތިސާދު އެންމެ ބޮޑަށް ސުންނާފަތިކޮށްލި ފަސް އަހަރު އިގުތިސާދީ ކަންކަމާ ބެހޭ ވަޒީރުކަން ކުރެއްވި ފައްޔާޒް އިސްމާއިލް ވިދާޅުވާ ގޮތުގައި ރައްޔިތުން 'ގަރުދިޔަ ކާންޖެހެނީ' މި ސަރުކާރަށް މާލީ ކަންކަން ނުބެލެހެއްޓިގެންނެވެ. މިހާރު ވެސް ދެކޮޅުޖެހޭ ސިޔާސަތެއްގައި ކަންކަން ކުރައްވައިފިއްޔާ ކަންކަން ވެސް ދެކޮޅުޖެހޭނެއެވެ.

https://sun.mv/194355

"މައްސަލައެއް ނެތް އެމްޑީޕީއާ ހެދި [މި ހާލަތަށް] އައީމާ ސަރުކާރު މި އޮތީ ދީފައި [ޕީއެންސީއަށް]. އެ ބޭފުޅުންގެ އަމަލުތައް ހުރީ ކިހިނެއް ހެއްޔޭ އެކަން ރަނގަޅުކުރާނެ ގޮތަކަށްތޯ ނޫންތޯ؟ ސިޔާސީ ވަޒީފާތައް މަދުތޯވީ ގިނަތޯވީ؟ ކުންފުނިތަކުގެ ވަޒީފާތައް ކިހިނެއްތޯވީ؟" ފައްޔާޒް އިގުތިސާދީ ހާލަތާ ގުޅޭ ވާހަކައިގެ ތެރެއިން ވިދާޅުވިއެވެ.

"މި ވަގުތު ދިރިއުޅުމުގެ ހާލަތު ދަށްކޮށްލާށޭ. ޓޭކްއަވޭއާ އެއްޗެހި ނުކައި ގަރުދިޔަ ކާށޭ. ރަނގަޅު މައްސަލައެއް ނެތް. [އެކަމަކު] ރައްޔިތުންނަށް ވޯޓު ހޯދުމުގައި ވިދާޅެއްނުވޭ ގަރުދިޔަ ކާންޖެހޭ ވާހަކައެއް،"

މިއީ މިދިޔަ ފަސް އަހަރު ކަންކަން ގޯހުން ގޯހަށް ގޮސްގެން ހިނގައިގެން އުޅޭ މައްސަލައެއް ކަމަކަށް ފައްޔާޒް ގަބޫލެއް ނުކުރައްވައެވެ. އެކަމަކު، އެ ބަހުސަށް ދާކަށް ބޭނުމެއް ނޫނެވެ. ހަގީގަތުގައި މިހާރު ރައްޔިތުންނަށް މައްސަލައަކަށް ވެގެން މި އުޅެނީ ސަރުކާރުގެ ބަހާއި އަމަލު ދިމާނުވާތީއެވެ. ވާންވީ ގޮތެއް ވެސް ހަގީގަތުގައި ސާފެއް ނޫނެވެ.

ގަރުދިޔަ ކާންވީއެއް ކަމެއް، ނޫނީ އަދިވެސް ޓޭކްއަވޭ ކާންވީއެއް ކަމެއް ވެސް ޔަގީނެއް ނުވެއެވެ.

https://sun.mv/193903

"[ގަރުދިޔަ ކާ] ވާހަކަ އެއް ބޭފުޅަކު ދައްކަވާއިރުގައި އިކޮނަމިކް މިނިސްޓަރު އަރާ އެބަ ވިދާޅުވޭ އެ ބޭފުޅުންގެ ޖަލްސާތަކުގައި އެއްވެސް ހާސްކަމެއް ނެތޭ. ހާސް ކަނޑާލާށޭ. ހުރިހާ ކަމެއް ހުރީ ރަނގަޅަށޭ. ރައީސް މުއިއްޒުގެ ގާބިލުކަމުން ގޮސް މިހާރު ހުރިހާ ކަމެއް ރަނގަޅުކޮށްލައިފިއޭ،" ފައްޔާޒް ވިދާޅުވިއެވެ.

މިހާރު އިދިކޮޅުގައި އޮތް، ރާއްޖޭގެ އެންމެ ބޮޑު ޕާޓީގެ ޗެއާޕާސަންކަން ކުރައްވާ ފައްޔާޒްގެ ހިތުގައި ވެސް މާލީ ހާލަތާ މެދު ސުވާލު އުފެދިއްޖެއެވެ. ސަރުކާރުގެ އެކި ވެރިން ދައްކަވާ ވާހަކަ ދިމައިނުވާ ކަމަށާއި އެހެންވެ، ވާންވީ ގޮތެއް ސާފުވެވަޑައިނުގަންނަވާ ކަމަށް އޭނާ ގަބޫލުކުރައްވައެވެ.

ރައްޔިތުންވީ ގަރުދިޔައަށް ތިރިވެލާށެވެ. ސަރުކާރުން އޮތީ ބިލުތައް ނުދެއްކިފައެވެ. އަމިއްލަ ވިޔަފާރިވެރިންނަށް ފައިސާ ދޫނުކުރެވި ގިނަ ދުވަސްތަކެއްވެފައި އެބަހުއްޓެވެ. އެކަމަކު، ސަރުކާރުން އެ ވިދާޅުވީ ފުށިދިއްގަރުފަޅު ނުވަތަ ރަސްމާލެ މަޝްރޫއު ވެސް ހުއްޓައިނުލާ އަލުން ފައްޓަވައިގެން ވެސް ކުރިއަށް ގެންދަވާނެ ކަމަށެވެ.

ފުށިދިއްގަރުފަޅު ހިއްކަން ފެށުން -- ފޮޓޯ/ ރައީސް އޮފީސް

"މި ވަގުތަކަށް އަޅުގަނޑުމެން ބޭނުން ކަމެއް ނޫން އެއީ [ރަސްމާލެ]އަކީ. އަދި، އެއިން މަންފާއެއް ރައްޔިތުންނަށް ލިބޭނީ ވެސް އެންމެ އަވަހަށް ވެސް 10 ވަރަކަށް އަހަރު ފަހުން. އެހެންނަމަވެސް އިގުތިސާދުގެ ހާލަތު ވަރަށް ވަރުގަދަކޮށް އޮތީމާތާ އެ ކަންކަން އެ ގެންދަވަނީ،" ފައްޔާޒް ނުރުހުން ފާޅުކުރެއްވިއެވެ.

"މި ހުރިހާ ކަމެއް ކުރަމުންދާއިރުގައި ރައްޔިތުންތޯ ގަރުދިޔަ ކާންވީ؟ އެހެންވީމާ އެ މެނޭޖު ނުކުރެވުނީއޭ އެނގޭތޯ،"

ބަހާއި އަމަލު ސީދާ ވާންޖެހޭ

މާލީ ހާލަތު ގޯސްވެގެން ބޮޑެތި މާލީ އިސްލާހީ ފިޔަވަޅުތަކެއް ރައީސް އިއުލާނުކުރެއްވިއެވެ. އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ދެން އިތުރަށް ސިޔާސީ މަގާމުތަކަށް ބޭފުޅުން އައްޔަން ނުކުރައްވާނަމޭ ވިދާޅުވިތާ ފަސް މަހެއްހާ ދުވަސް ފަހުން ސިޔާސީ މަގާމުތަކުން ބައެއް ބޭފުޅުން ވަކިކުރައްވާނެ ކަމަށް ވެސް އިއުލާނުކުރެއްވިއެވެ.

އެކަމަކު، ބޮޑު ދެ އިއުލާނުގެ ފަހުން ވެސް ބޮޑު މުސާރައެއް ދޭންޖެހޭ މަގާމުތަކަށް ބޭފުޅުން އައްޔަންކުރައްވައިފިއެވެ. ރައްޔިތުން ރުޅިއައީ އެހެންވެއެވެ.

"އަޅުގަނޑުމެންނަށް އަސްލު ވަރަށް ބޮޑަށް އޮޅިއްޖެ. ރައްޔިތުންނަށް އެބަޖެހޭ ސާފުކޮށް އެނގެން އިގުތިސާދީ ހާލަތު އޮތީ ރަނގަޅަށްތޯ ގޯސްކޮށްތޯ؟ ދައުލަތުގެ މާލީ ހާލަތު އޮތީ ރަނގަޅަށްތޯ؟ ގޯސްތޯ؟ މެނޭޖްވާނެތޯ؟ ދަރަނި ދެއްކޭނެތޯ؟ ވަޒީފާތަކުން މީހުން ކަނޑާނެތޯ؟ ކާ އެއްޗެހީގެ ސަބްސިޑީ ކަނޑާލާނެތޯ؟ އާސަންދަ ކަނޑާލާނެތޯ؟ މި ސާފުކޮށް ވިދާޅުވާން އެބަޖެހޭ،" ފައްޔާޒް ވިދާޅުވިއެވެ.

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް: އޭނާ ވިދާޅުވީ ސަރުކާރުގެ ބަހާއި އަމަލު ދިމާނުވާ ކަމަށް -- ފޮޓޯ/ އެމްޑީޕީ

ފައްޔާޒް އެ ވިދާޅުވާ ވާހަކައިގައި ހަގީގަތެއް އެބަ އޮތެވެ. ބައެއް މަޝްރޫއުތަކަށް މި ސަރުކާރުން އެއްވެސް ޖެހިލުމެއް ނެތި އެބަ ޚަރަދުކުރެއެވެ. ޚަރަދު ކުޑަކުރަން ޖެހި، މާލީ ހާލަތު އައިސް މަޖުބޫރުކުރަނީ ބައެއް ކަންކަމުގައެވެ.

"ދައުލަތުގެ މާލިއްޔަތު މިހާ ގޯސްކޮށް އުޅޭތީ މީހުންގެ ވަޒީފާތައް ކަނޑާ، މީހުންގެ މުސާރަތައް ކަނޑާ، ކުޑަކޮށް، ކާބޯތަކެތީގެ ސަބްސިޑީތައް ކަނޑާލާ ހިސާބަށް ދާއިރުގައި ބޮޑެތި ސިންގާހާ ބޭނުން ނޫން ޕްރޮޖެކްޓްތައް ކުރިއަށް ގެންދާ ކަމަށްވަންޏާ އަޅުގަނޑަށް އަންޑަސްޓޭންޑެއްނުވޭ މި ކިހިނެއް ވާ ކަމެއް ކަމެއް،" އޭނާ ފާހަގަކުރެއްވިއެވެ.

ހަގީގަތުގައި ވެސް ފައްޔާޒް އެ ވިދާޅުވަނީ ތެދުފުޅެކެވެ. ދުވަސްކޮޅެއް ކުރީގައި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވެސް ވިދާޅުވީ އެ ވާހަކައެވެ.

ހިތި ބޭހެއް ބޯންޖެހޭތޯ ނޫންތޯ ވެސް ރައްޔިތުންނަށް ސާފުވާން ޖެހެއެވެ. އިގުތިސާދީ ހާލަތަކީ ކޮބައިތޯ، ކުރެވެން ހުރި ކަންކަމަކީ ކޮބައިތޯ ވެސް ރައްޔިތުންނަށް ސާފުވާން ޖެހެއެވެ. އެ ހިތި ބޭހެއް، މި ހާލަތުގައި ނަމަ ގަރުދިޔައެއް ބޯން ޖެހިއްޖެ ނަމަ އެންމެ ފުރަތަމަ ބޯން ޖެހޭނީ ސަރުކާރުންނެވެ. އެއީ، އެންމެ ފުރަތަމަ ޚަރަދު ކުޑަކޮށް، ފަހަށް ރައްކާ ކުރަން ފަށަން ވާނީ ދައުލަތުގެ މާލިއްޔާއިންނެވެ.

ރައްޔިތުންގެ ފައިސާއިން ވެރިން ގަރުދިޔައާއި ބަތާ ނުކައި، ޓޭކްއަވޭ ކާނަމަ، ރައްޔިތުން، އެ މީހުންގެ އަމިއްލަ ފައިސާއިން ކުރާ ކަންކަމާ އަދި ނުބެހޭށެވެ. ފުރަތަމަ ގަރުދިޔައަށް ތިރިވެލަންވީ ސަރުކާރުންނެވެ.

comment ކޮމެންޓް