"ކޯޓުގައި އެއްބަސްވެގެން ވެސް ފަރުވާއެއް ނުލިބުނު، ދިރިއުޅުމެއް ބޭނުން!"

މަގުތަކާއި މައިދާންތައް ޑްރަގް ބޭނުންކުރާ މީހުންގެ ތަންމަތި ތަކަކަށް: މާލޭގެ މަސްމާރުކޭޓުގެ ފުރަތަމަ ފަންގިފިލާގައި މީހަކު ނިދާފައި. މިތަނަކީވެސް ޑްރަގް ބޭނުންކުރާ ގިނަ ބަޔަކު ނިދަން ގޮސް އުޅޭ ތަނެއް -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ވެރިރަށް މާލޭގެ ކަންކަން މަތިން "ބިތްޖެހިފައި" ތިބި ޒުވާނުން ހުސްނުވެއެވެ. މަސްތުގެ ދުނިޔެއަށް ގެއްލި ގޮތް ހުސްވެފައި ތިބި މީހުންތައް އެކި ދިމަދިމާގައެވެ. އޭގެ ތެރެއިން ގިނަ މީހުން ތިބީ ދިރިއުޅުން ގެންދާނެ މިސްރާބެއް ނޭނގިފައެވެ. އެހީއަށް އެދޭނެ ގޮތެއް ނޭނގިފައެވެ. އެހީއަށް އެދި، އެހީއެއްް ނުލިބި ދެން ހަދާނެ ގޮތެއް ނޭނގި ގޮތް ހުސްވެފައެވެ.

މީގެ ދެ ދުވަހެއް ކުރިން ބާޒާރު މަތިން ހަމަ އެފަދަ ދެ މީހަކާ ބައްދަލުވިއެވެ. މަސްމާރުކޭޓު ކަންމަތީ ޕޭމަންޓުގައި ފޮތިގަނޑެއް ފަތުރާލައިގެން، އޭގެ މަތީ އެކި ސާމާނު އަތުރައިލައިގެން އަހްމަދު މުނައްވަރު (އަސްލު ނަމެއް ނޫން)، އާއި އޭނާގެ އެކުވެރިޔާ ދާއޫދު އިބްރާހިމް (އަސްލު ނަމެއްނޫން) އިނީ އޭގެން އެއްޗެއް ވިކި ވިޔަފާރިއެއް ވޭތޯއެވެ. އެއީ އޭގެ އަނެއް ދުވަހަށް ކާންބޯން ޚަރަދު ހަމަޖައްސަން ފައިސާ ފޮއްޗެއް ލިބޭތޯއެވެ.

މަސްމާރުކޭޓު ކަންމަތީ ސަލާންޖެހި ދެ މީހަކު އެ މީހުންގެ ވާހަކަ "ސަން"އަށް ކިޔައިދެނީ -- ސަން ފޮޓޯ/ ނާއިލް ހަފީޒް

މިއީ މުނައްވަރާއި ދާއޫދު މުޅި މާލޭގައި ދުވާލު ހިނގައިގެން ހޯދާ ތަކެއްޗެއެވެ. ކުޑަކުދިން ކުޅެން ގެންގުޅޭ ކުދި ރޭސީން ކާރާއި، ހުސްފުޅިއާއި، އުކައިލަން ގޭގެއިން ނެރެފައިހުރި ބާ ދަބަސް ދަބަހާއި، ފައިވާން ވެސް މި ދެ މީހުންގެ ކަންމަތީ "ފިހާރައިގައި" ހުރީ ވިއްކަން އަތުރައިފައެވެ.

"މިއީ މަގުމަތިން، ހޮވައިގެން ގެނެސްފައި މަގުމަތިން ގޭގެއިން އުކައިލަން ބޭރުކޮށްފައި ހުންނަ އެއްޗެހި ހަމަ، ފަސް ރުފިޔާ، ދިހަ ރުފިޔާއަށް މި ހުރީ" މުނައްވަރު ބުންޏެވެ.

މި އެއްޗެހި އެ މީހުން ވިއްކަން ވެސް ވިއްކައެވެ. އެ މީހުން ބުނި ގޮތުގައި ބައެއް ފަހަރުފަހަރު 400 އެއްހައި ރުފިޔާ ލިބޭ ދުވަސް ދުވަސް ވެސް ދެއެވެ.

ވަޒީފާއަކަށް ނުދަނީ ކީއްވެތޯ ސުވާލުކުރުމުން އޭނާ ކުރު ޖަވާބެއް ދިނެވެ.

"ވަޒީފާއެއް ނުލިބިގެންނު މިހެން މި އުޅެނީ، ވަޒީފާއެއް ލިބިއްޖެޔާ ދާން ބޭނުންވޭ ހަމަ އަހަރުމެން ވެސް،" އޭނާ ބުންޏެވެ.

މަސްމާރުކޭޓު ކައިރީ، ހޮވައިގެން ގެނައި ތަކެތި ވިއްކަން އަތުރާފައި -- ސަން ފޮޓޯ/ ނާއިލް ހަފީޒް

މި މީހުންނަށް މިއަދު ދިރިއުޅުމުގައި ކުރިއަށްދާނެ ގޮތެއް ނުފެނި ގޮތް ހުސްވެ ތިބެން ޖެހިފައިވާ ސަބަބަކީ މަސްތުވާތަކެތީގެ ތެރެއަށް ވަދެވިފައިވުމެވެ. މިއަދު އެ މީހުން ބޭނުންވަނީ މި ކަމުން ސަލާމަތްވާނެ ގޮތެކެވެ.

އެހެންނަމަވެސް އޭނާ ބުނި ގޮތުގައި އެ މީހުންނަށް ނެތީ ފަރުވާ ލިބޭނެ ގޮތެކެވެ. މީގެ ކުރިން މައްސަލައެއްގައި ކޯޓަށް ގެންދިޔައީމާ އޭނާއަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެއްކަން އަމިއްލައަށް އިއުތިރާފުވީމާ ވެސް ވީ ކަމެއް ނެތެެވެ.

"ކޯޓަށް ގެންދިޔައިމާ ގާޒީ ކުރިމަތީ އަހަރެންމީ ހަކުރު ބޯ މީހެކޭ ބުނީމާ ވެސް ނެތް ލިބުނު ފަރުވާއެއް،" މުނައްވަރު ކިޔައިދިނެވެ.

މިއީ ތަކުރާރުކޮށް ދެތިން ރެއަކު މި މީހުން އެ ސަރަހައްދުން ފެންނާތީ އެ މީހުންނާ ވާހަކަދައްކައިލުމުން އެނގުނު މިންވަރެވެ.

މިހާ ހިސާބުން ދެން ސުވާލު އުފެދެނީ ނޭޝަނަލް ޑްރަގް އެޖެންސީން ކިހާ މަސައްކަތެއް ކުރޭތޯއެވެ. ފަރުވާ ބޭނުންވާ ބަޔަކު މުޖުތަމައުއުގައި ހަދާނެ ގޮތެއް ނެތި ތިބިއިރު ހަމަ ފާހަގަނުވަނީތޯ އުފެދޭ ސުވާލެވެ. ފުލުހުން މަގުތައްމަތީ ފޯރިމަރާއިރު މި މަންޒަރުތައް ފެނުނު ނަމަވެސް އިތުރަށް ސުވާލުކޮށް، ކަމެއް ދެނެނުގަންނަނީބާއެވެ.

މަގުތަކާއި މައިޒާންތައް ޑްރަގް ބޭނުންކުރާ މީހުންގެ ތަންމަތި ތަކަކަށް: މަސްވެރިންގެ ޕާކުގައި ހުރި ޖޯލިފައްޗެއްގައި ތަންމަތި އަޅައިގެން މީހަކު ނިދާފައި. ގެދޮރުނެތި މަގުމަތި ވެފައިވާ ބައެއް މީހުންވެސް އެތަނުގައި ނިދާ އުޅޭ -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

"ބިތްޖެހިފައި" ތިބި މި މީހުން އިދާރާތަކަށް ނުފެނުނީ ކީއްވެ؟

މަސްތުވާތަކެއްޗާ ބެހޭ ގާނޫނެއް ރާއްޖޭގައި އޮވެއެވެ. އެއަށް އަމަލުކުރަމުން އަންނަތާ އަހަރުތަކެއް ވެސް ވެއްޖެއެވެ.

އެކަމަކު ވެސް މިއަދާ ހަަމައަށް އައިއިރު މަގުތައް މަތީ ސަލާންޖަހަން ތިބޭ މީހުންނާއި، ހަދާނެ ގޮތެއް ނެތި އާންމު ތަންތާ ތިބޭ މީހުންނާމެދު ފިޔަވަޅެއް އެޅިފައި ނުވަނީ ގާނޫނުގައި އުނިކަމެއް ހުރުމަކުން ވެސް ނޫނެވެ. އެއީ ގާނޫނުގެ ވަކި ބަޔަކަށް ތަބާވުމުގެ ސަގާފަތާ އެއްގޮތަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނާ މެދު ވެސް އަމަލުކުރެވެމުން އައީމައެެވެ.

ޚުދު ފުލުހުން ވެސް މިކަމަށް އެއްބަސްވެއެވެ. އެގޮތުން އޮކްޓޯބަރު 20ވަނަ ދުވަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަދި ޑްރަގު އެންފޯސްމެންޓް ޑިޕާޓްމަންޓުގެ ހެޑް، ނާހިދު ހުސެއިން ވިދާޅުވި މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 103ވަނަ މާއްދާ ދުވަހަކު ވެސް ބޭނުން ނުކުރާ ކަމަށެވެ.

އެ މާއްދާގައި ބުނަނީ މިފަދައިންނެވެ:

(ހ) މަސްތުވާތަކެތި ބޭނުންކުރުމުގެ ނުވަތަ ޕެޑްލްކުރުމުގެ ކުށުގެ ތުހުމަތުގައި މީހަކު ހައްޔަރުކުރެވޭހިނދު، އޭނާއަކީ، މަސްތުވާތަކެއްޗަށް ދެވިހިފާފައިވުމުގެ ސަބަބުން، އެ ޙާލަތުގައި ވެސް ފަރުވާ ލިބިދޭންޖެހޭ މީހެއް ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއަށް ފެނިއްޖެނަމަ، ކުށުގެ ތުހުމަތުގައި މީހުން ބަންދުކުރުމަށް ކަނޑައަޅާފައިވާ ފުލުހުންގެ މަރުކަޒެއްގައި އޭނާ ބަންދުކުރުމުގެ ބަދަލުގައި އޭނާ ބަންދުކުރާނީ، މި ޤާނޫނުގެ 47 ވަނަ މާއްދާގެ ދަށުން ޤާއިމުކުރާ ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރެއްގައެވެ.

އެހެންވީމާ، އޭގެ މާނައަކީ މަސްތުވާތަކެއްޗަށް ދެވިހިފައިފައިވާ މީހެއްކަން ސާފުކޮށް ފުލުހުންނަށް އެނގުނު ނަމަވެސް އެ މީހަކު މީގެކުރިން ފަރުވާގެ ނިޒާމުގެ ތެރެއަށް ނުވައްދާ ކަމެވެ. އަދި އަދަބު ތަންފީޒުކުރުމަށްފަހު އަނެއްކާ ވެސް މަގުތަކަށް ދޫކޮށްލަނީ ކަމެެވެ.

އެންޑީއޭ އާއި ފުލުހުން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ނާހިދު -- ސަން ފޮޓޯ/ އަމަން ލަތީފް

ނާހިދު ވިދާޅުވީ މީގެކުރިން މަސްތުވާތަކެތީގެ ފަރުވާދީފައިވަނީ މީހުން އަމިއްލައަށް ބޭނުންވެގެންނެވެ. ނުވަތަ މައްސަލައެއްގެ ތެރެއިން ހުކުމެއް ކޮށްގެންނެވެ.

ނަމަވެސް 103ވަނަ މާއްދާގެ ދަށުން މަސްތުވާތަކެތީގެ ފަރުވާދޭންޖެހޭ މީހެއްކަމަށް ފުލުހުންނަށް ފެންނަ މީހުންނަށް ވެސް ފަރުވާ ދޭނެއެވެ. އޭރުން މަސްތުގެ ވަބާއަށް ދެވި ހިފައިފައި ހުންނަ މީހާ ސަލާން ޖަހައިގެން ބަންދުކުރުމާ ހަމައިން ނިންމައި ނުލާނެއެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ މާއްދާއަށް އަލަށް އަމަލުކުރަން ފަށައި، މިހާރު އެފަދަ މީހުން ދެނެގަތުމުގެ ޚާއްސަ މަސައްކަތްތަކެއް ވަނީ ފެށިފައެވެ. އެ މަސައްކަތުގެ ތެރެއިން މަގުމަތީ ސަލާންޖަހަން އުޅޭ މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި، ވައްކަމާ ފޭރުމުގައި ހަރަކާތްތެރިވާ މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި، މަގުމަތީ މަސްތުގެ ހާލަތުގައި އުޅޭ މީހުންގެ އިތުރުން މިސްކިތްތަކުގައި ނިދާ އުޅޭ މަސްތުވާތަކެތި ބޭނުންކުރާ މީހުން ބަންދުކޮށް ރިމާންޑް ސެންޓަރުތަކަށް ގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

"...އަދި މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ބަންދުން ނުވީއްލި މި ފަރާތްތަކުގެ ފަރުވާގެ ކަންކަން ކުރިއަށްގެންދަން ކުރަންޖެހޭ ކަންކަން ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން ދަނީ ކުރަމުން. މި ފެށުނު މަސައްކަތުން ކުރިއަށްއޮތް ތަނުގައި ރައްޔިތުންނަށް މަގުމަތިން ހެޔޮ ބަދަލުތަކެއް ފެންނާނެކަމަކީ އަޅުގަނޑު ޔަގީންކުރާކަމެއް،" ނާހިދު ވިދާޅުވިއެވެ.

ތަންފީޒީ ބާރުތަކުން ގާނޫނުތައް ފުރިހަމައަށް ތަންފީޒުކުރަން ޖެހޭކަން މިއަދުގެ ހާލަތުން ސާފުވެއެވެ.

"ފަރުވާގެ ދޮރުތައް އޮތީ ހުޅުވިފައި"

ނެޝަނަލް ޑްރަގް އެޖެންސީން ނިމުނު ހަފުތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އެޖެންސީގެ އެކްޓިން ސީއީއޯ މުޙައްމަދު ރާޝިދު ވިދާޅުވި ގޮތުގައި 1،500 މީހުން މި ވަގުތު ވެސް އަންނަނީ ފަރުވާ ހޯދަމުންނެވެ.

އޭގެ ތެރޭގައި ސެންޓަރުގައި ތިބިގެންނާއި، މުޖުތަމައުގައި ތިބިގެން ފަރުވާ ހޯދާ 400އެއްހާ މީހުންނާއި، އަދި ބޭސް ދީގެން ފަރުވާ ދޭ މީހުން ހިމެނޭކަމަށް ރާޝިދު ވިދާޅުވިއެވެ.

އެންޑީއޭ އާއި ފުލުހުން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ އަމަން ލަތީފް

މީގެ އިތުރުން ނިމިދިޔަ އޯގަސްޓު މަހު ރާޝިދު ވިދާޅުވި ގޮތުގައި ޑުރަގް ކޯޓުގެ އަމުރުގެ ދަށުން ނުވަތަ އަމިއްލައަށް ބޭނުންވެގެން ހިންމަފުށީގެ ޑްރަގް ޓްރީޓްމެންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރުން ފަރުވާ ހޯދަން ޖެހޭ މީހުންގެ ކިޔޫއެއް މިހާރު ނެތެވެ.

އެހެންކަމުން ދެން ފަރުވާ ލިބުން އަވަސްވާނެކަމަށް އޭނާ ވިދާޅުވިއެވެ.

"ފަރުވާގެ ދޮރުތައް މިހާރު ވާނީ ހުޅުވިފައި،" މާދަމާ ވެސް ފަރުވާ ބޭނުންނަމަ ލިބޭނެކަން ފާހަގަކުރައްވައި އެންޑީއޭ ބޯޑުގެ ޗެއާޕާސަން ލުބުނާ މުޙައްމަދު ޒާހިރު ވިދާޅުވިއެވެ.

ސަލާން ޖެހުން އާންމުވީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. މަސްތުވާތަކެތީގެ ޝިކާއަރަކަށްވެފައި ތިބި މީހުންގެ ތެރެއިން ގިނަ ބަޔަކު ބޭނުންވީ ދިރިއުޅުމެކެވެ.

އެ މީހުން ބޭނުންވީ މިކަމުން އަރައިގަންނަން އެހީވާނެ ބައެކެވެ. ނަމަވެސް އެ އެހީތެރިކަން މިހާ ހިސާބަށް އައިއިރު ވެސް ނުލިބި އޮތުމުގެ ނަތީޖާއަކަށްވީ މަގުތައް މައްޗަށް އެފަދަ މީހުން ގިނަވުމެވެ. މި ކަން ހައްލުކުރެވޭނީ އެ ކަމަށް ހުރި ގާނޫނުތައް ފުރިހަމައަށް ތަންފީޒުކޮށްގެންނެވެ.

"އަހަރެން ވެސް ބޭނުން ވަޒީފާއަކަށް ދާން. އަހަރުމެންނަށް ވެސް ބަލައިދީ މިކަމުން ސަލާމަތް ވެވޭނެ ގޮތެއް،" މުނައްވަރު ބުންޏެވެ.

comment ކޮމެންޓް