އެންމެން މި ތިބީ ދަރައިވިކިފައި؛ ހެޔޮ ދަރަނި ދަސްކުރަންޖެހޭ!

ލިބޭ އެއްޗަކުން ނުފުދޭތީ ކްރެޑިޓް ކާޑެއް ނެގީ ބައެއް ޚަރަދުތައް ފޫބައްދާށެވެ. ރާއްޖެއިން ބޭރަށް ޗުއްޓީއަށް ވެސް ދާތީ، އެ ކާޑުގެ ބޭނުން ވަރަށް ހިފެއެވެ. އެކަމަކު، އެ ކާޑަށް 12،000 އަށްވުރެ ގިނަ ޑޮލަރުން ދަރަނިވެރިވެ، ނުދެއްކި، މައްސަލަ އެންމެ ފަހުން ކޯޓަށް ދިޔައީއެވެ.

ކްރެޑިޓް ކާޑަށް އެރި ފައިސާގެ ޖުމުލަ، އިންޓްރެސްޓާ އެކު ދައްކަން ސިވިލް ކޯޓުން ހުކުމްކުރިޔަސް އެ ދެއްކޭނެ ގޮތެއް ވެސް ނެތެވެ. މިއީ ޒުވާނެއްގެ ވާހަކައެވެ. އޭނައަށް ކަންވީ ގޮތެވެ. އެކަމަކު، އޭނާގެ އެކަނި ހާލަތެއް ނޫނެވެ.

ސިވިލް ކޯޓުގައި ކްރެޑިޓް ކާޑާ ގުޅޭ ހައެއްކަ މައްސަލަ ނުނިންމާ ދުވަހެއް މަދުވާނެއެވެ.

"އެވްރެޖް ގޮތެއްގައި ކްރެޑިޓް ކާޑާއި ނޫނީ ލޯނުތަކާ ގުޅޭ 20، 15 މައްސަލަ ސިވިލް ކޯޓުން އެބަ ނިންމާ ކޮންމެ ދުވަހަކު ވެސް. ހަމަ ހުސް ދަރަނި ނުދައްކައިގެން ބޭންކުން ދައުވާކޮށްފައި ހުންނަ މައްސަލަ،" ޝަރުޢީ ދާއިރާ ކަވަރުކުރާ ނޫސްވެރިޔަކު ބުންޏެވެ.

"ގިނައީ ހަމަ ޒުވާނުން. 50،000 ރުފިޔާގެ ލޯނުތަކުން ފެށިގެން އެތައް ލައްކަ ރުފިޔާއެއްގެ ލޯނުތައް ނުދައްކައިގެން ކޮންމެ ދުވަހަކު އެބަހުރޭ އެތައް ހުކުމެއްކޮށްފައި،"

ޒުވާނުންތަކެއް މޫދަށް އެރެނީ: ޒުވާން އާބާދީގެ 19 އިންސައްތަ މަސައްކަތްނުކުރާ ކަމަށް ތަފާސްހިސާބުތަކުން ދައްކާ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މަރުކަޒީ ބޭންކް، އެމްއެމްއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ނަމަ މިދިޔަ އޮގަސްޓުގެ ނިޔަލަށް 'ކޫސަނި' އެއްޗެހި ގަންނަން ނަގައި ލޯނާއި ކްރެޑިޓް ކާޑު ބޭނުންކުރާ މިންވަރު 29 އިންސައްތައަށް އިތުރުވިއެވެ. ވިޔަފާރިތަކަށް ދޫކުރި ލޯނުތަކަށް ވުރެ އަމިއްލަ މީސްމީހުންނަށް ދޫކުރި ލޯނުތައް ގިނައެވެ.

އެހެން ހިސާބެކެވެ. ޒުވާން އާބާދީގެ 19 އިންސައްތަ މީހުން އަތުންފައިން އެއްވެސް ކަމެއް ނުކުރެއެވެ. ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ހިސާބުތައް ބުނާ ގޮތުން ޒުވާނުންގެ 19 އިންސައްތައަކީ ނުވެސް ކިޔަވައި، ވަޒީފާއަކަށް ވެސް ނުދާ މީހުންނެވެ. މިއީ ކަންބޮޑުވާންޖެހޭ ކަމެކެވެ. ގައުމީ މައްސަލައެކެވެ.

ދިރިއުޅުން މި އޮންނަނީ ދަރަނިވެރިވާ ގޮތަށް

ދިވެހި އާބާދީގެ ގާތްގަނޑަކަށް 40 އިންސައްތަ މީހުން އުޅެނީ މާލޭގައެވެ. މި ހަލަބޮލިކަމުގައެވެ. ބޮޑު ކުލި ދައްކައިގެން އުފަލެއް އަރާމެއް ނެތި ހަތަރުދަމު މަސައްކަތުގައެވެ.

މާލޭގައި ގޭބީސީއެއްގެ މީޑިއަން އާމްދަނީއަކީ 20،000 އެއްހައި ރުފިޔާއެވެ. އެކަމަކު، ހެޔޮވަރުގެ ޖާގައަކާ އެކު ދެ ކޮޓަރީގެ އެޕާޓްމެންޓެއް ލިބެނީ 18،000 އެއްހައި ރުފިޔާއަށެވެ. ކުޑަކުޑަ ތަންކޯކޮޅު 15،000 އެއްހައި ރުފިޔާއަށް ނުލިބެއެކޭ ނޫނެވެ.

"މުސާރައިގެ 60 އިންސައްތަ މި ޚަރަދުކުރަނީ ކުއްޔަށް. ދެން ކާނާއަށް. ގިނަ ފަހަރަށް މަހުން މަހަށް މައިންބަފައިންނަށް ދިއްކޮށްލާނެ އެއްޗެއް ވެސް އަތުގައި ނޯވޭ،" މާލޭ ސްކޫލެއްގައި ޓީޗަރަކަށް އުޅޭ ދިވެހި ޒުވާނަކު ބުންޏެވެ.

"އެހެންވީމާ ބޮޑު ޚަރަދެއް ކުރަންވެއްޖިއްޔާ މި ޖެހެނީ ދަރަނިވެރިވާން،"

މާލޭގެ މަތިން ނަގާފައިވާ ފޮޓޯއެއް: މިއީ ދުނިޔޭގެ ވެސް އެންމެ ކޮންޖެސްޓެޑް ސިޓީ -- ސަން ފޮޓޯ/ ފަޔާޒް މޫސާ

މިއީ މީހުން ކަންބޮޑުވާ ކަމެކެވެ. ހަތަރުދަމު ވިސްނަން ވެސް ޖެހޭ މައްސަލައެކެވެ. އެކަމަކު، ދަރަންޏަކީ ހަމަ ތިޔަބުނާހާ ސުންޕާ އެއްޗެއްހެއްޔެވެ؟ އެއީ، ހަމަ އެހާ ގެއްލުންހުރި އެއްޗެއްހެއްޔެވެ؟ އެހާ ގޯސް އެއްޗަކީ ހެއްޔެވެ؟

"ހުދު ގަމީހެއް ލައިފައި ހުއްޓަސް، މިއީ މުޅިން ދަރަނިވެރިން،" މިއީ ރާއްޖޭގެ އުފެދުނު އެންމެ ވަރުގަދަ އެއް ވިޔަފާރިވެރިޔާ، ޗަމްޕާ ބްރަދާޒްގެ ޗެއާމަން މުޙައްމަދު މޫސާ (އުއްޗު) ވިދާޅުވި ވާހަކައެކެވެ. ވިދާޅުވީ، ބޭންކްތައް ބައްލަވައިލެއްވީމާ އޭނާ ނަންގަވާފައި އޮތްހާ ދަރަނި ފެންނާނެ ކަމަށެވެ. އެއީ، އެކަމަކު، މޮޅު ދަރަންޏެވެ.

ޒުވާނުން ނެގި ދަރަންޏަށް ކޫސަނި ކިޔާފައި އުއްޗު ނެންގެވި ދަރަންޏަށް މޮޅު މިކީ އުއްޗު ހުދު ގަމީހެއް ތުރުކުރައްވާތީކީ ނޫނެވެ.

ހެޔޮ ދަރަންޏާއި ގޯސް ދަރަނި ދަސްކުރަންޖެހޭ

ރާއްޖޭގައި އެކައުންޓެއް ހުޅުވޭ އުމުރަށް ގޮސްފައިތިބި މީހުންގެ 85 އިންސައްތަ މީހުން އުޅެނީ ބޭންކް އެކައުންޓް ހުޅުވައިގެންނެވެ. އެކަމަކު، އެ މީހުން މާލީ ކަންކަމަށް އެހާ އަހުލުވެރިއެއް ނޫނެވެ. އެއީ، މުޅި ދުނިޔޭގެ ގިނަ ގައުމުތަކުގައި ދިމާވާ މައްސަލައެކެވެ. މި ގައުމުގައި އެކަންޏެއް ނޫނެވެ.

https://sun.mv/198158

މިއީ ގައުމެއްގެ ސިފައިގައި މާލީ އިސްލާހީ ފިޔަވަޅުތައް އަޅަން ވެސް ހުރި ގޮންޖެހުމެއް ކަމަށް ދިރާސާތަކުން ދައްކައެވެ.

މަދުން އާމްދަނީ ލިބޭ މީހުންނާއި އަންހެނުންގެ މެދުގައި އަމުދުން މާލީ ކަންކަމާ ގުޅޭ އިލްމު ނުހުންނަ ކަމަށް ދިރާސާތަކުން ދައްކައެވެ. މާލީ ކަންކަން، ހެޔޮކޮށް ގޮތްގޮތް ނިންމަން ނޭނގުމުގެ ނަތީޖާއަކީ ގައުމެއް ނަމަ ބަނގުރޫޓުވުމެވެ. މީހެއް ނަމަ، ދަރައިވިކެނީއެވެ. ގޮތް ހުސްވާ ހިސާބަށް ކަންތައްތައް ދަނީއެވެ.

މާލީ ކަންކަން އެނގުމާއި ނޭނގުމުގެ ތަފާތަކީ ފުރަތަމަ ފަށަމުން ބުނި ޒުވާނާއާއި އުއްޗުއާގެ ތަފާތެވެ.

އުއްޗުއަކީ ރާއްޖެއާއި ރާއްޖޭން ބޭރުގައި އެތައް ރިސޯޓެއް ހިންގަވާ ބޭފުޅެކެވެ. ބޭރުގެ ބޭންކްތަކުން ލޯން ނަންގަވަނީ ރަށްރަށް ތަރައްގީކުރާށެވެ. ރިސޯޓު ހައްދަވާށެވެ. ފައިސާ ލިބޭ ބޮޑެތި އިންވެސްޓްމަންޓްތަކަށެވެ. ދަރަނި ދެއްކޭނެ ގޮތާއި ދަރަނި ދައްކާނެ ގޮތުގެ ތަރުތީބު ހިސާބުތަކެއް ޖައްސަވައިގެންނެވެ.

މީހަކު ޑޮލަރުތަކެއް ގުނަނީ: މާލީ ކަންކަން ދަސްކުރުމަކީ ފައިސާ ސަލާމަތްކުރެވޭނެ އެންމެ މޮޅު ގޮތް --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ފުރަތަމަ ބުނި ޒުވާނާ ދަރަނި ނެގީ ޗުއްޓީ ހޭދަކޮށްލަން ބޭރަށް ޖައްސައިލާށެވެ. އަންހެނުންނާ އެކު ވިޔަފާރިކޮށްލާށެވެ. ޒުވާނުން ދަރަނި ނަގަނީ 'ކޫސަނި' ކަންކަމަށޭ މި ބުނަނީ ކޮންސިއުމާ ޑިއުރެބްލްސް ނުވަތަ ދެތިން އަހަރު ބޭނުންކޮށްލެވޭ ގެޖެޓްސް ފަދަ އެއްޗެހި ގަންނާތީއެވެ. ލޯނު ނަގައިގެން ސައިކަލާއި ފޯނާއި ފާޑުފާޑުގެ ސަކަރާތް ޖަހާތީއެވެ.

ލޯނާއި، މޯގޭޖާއި، ކްރެޑިޓް ކާޑާއި ފަހަށް ރައްކާކުރުމާއި އިންވެސްޓްކުރުމަކީ ވެސް އިލްމެކެވެ.

ދަރަންޏަކީ އޭގެ ޒާތުގައި ސުންޕާ އެއްޗެއް ނޫނެވެ. ގޯސް އެއްޗެއް ނޫނެވެ. އެއީ، މިލިއަނަރުން، ބިލިއަނަރުންގެ ވިޔަފާރީގައި ބައިވެރިއެކެވެ. ދަރަނި ގޯސްވަނީ ވެސް ހެޔޮ ވަނީ ވެސް އެ ބޭނުންކުރާ ގޮތުންނެވެ. މިންވަރުންނެވެ.

ރިސްކަށް ބަލައިގެން، ފައިދާ ގުނައިގެން ނަގާނަމަ ދަރަންޏަކީ ފައިދާއެކެވެ. މޮޅު އެއްޗެކެވެ. އެކަމަކު، ގޯސްކޮށް އެ ބޭނުންކުރެވިއްޖެ ނަމަ އެއީ މީހާގެ ހިތްމަރާލައި، މާޔޫސްކޮށްލާނެ އެއްޗެކެވެ. މުޅި މީހާ ދަރައިވިކޭނެއެވެ. ހެޔޮ ދަރަންޏާއި ގޯސް ދަރަނި ދަސްކުރަންޖެހެނީ އެހެންވެއެވެ. ދަރައިނުވިކޭށެވެ.

comment ކޮމެންޓް