ގަރުދިޔަ ވެސް ކައިގެން ތަންކޮޅެއް އާދައިގެ ދިރިއުޅުމަކަށް ރައްޔިތުން ތިރިވެލަން އެބަޖެހޭ: އާރިފް

އަލީ އާރިފް: އޭނާ ވިދާޅުވީ، ރައްޔިތުން ތަންކޮޅެއް އާދައިގެ ދިރިއުޅުމެއް އުޅެންޖެހޭ ކަމަށް -- ފޮޓޯ/ ފަޔާޒު މޫސާ

މިއީ ދަތި ދުވަސްކޮޅެއް ކަމަށާއި އެހެންވެ ގޭގައި ގަރުދިޔައާއި ބަތާ ކައްކައިގެން ތަންކޮޅެއް އާދައިގެ ދިރިއުޅުމަކަށް ރައްޔިތުން ތިރިވެލަން އެބަޖެހޭ ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފް މިއަދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މާލީ ހާލަތު ގޯސްވެ، ސަރުކާރުން ވަނީ މާލީ އިސްލާހީ ގިނަ ފިޔަވަޅުތަކެއް އިއުލާނުކުރައްވައިފައެވެ.

ވެރިކަންކުރާ މައި ޕާޓީ، ޕީއެންސީން ރޭ މާލޭގައި ބޭއްވި ޖަގަހަ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ރައީސް އޮފީހުގެ މިނިސްޓަރު އާރިފް ވިދާޅުވީ، މިއީ ދަތި ދުވަސްކޮޅެއް ކަމަށެވެ. އެކަމަކު، މި ރާއްޖޭގެ ކުރިމަގު ފެންނަނީ ވަރަށް ފާގަތިކޮށް ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މި ދުވަސްކޮޅު ބޭރުން ކާ އެއްޗެހި ގެނައުމުގެ ބަދަލުގައި ގޭގައި ގަރުދިޔައާއި ބަތާ ކައްކައިގެން ތަންކޮޅެއް އާދައިގެ ދިރިއުޅުމަކަށް ރައްޔިތުން ތިރިވެލަން ޖެހޭ ކަމަށެވެ.

"މި ދުވަސްކޮޅު މި ޖެހެނީ އަޅުގަނޑުމެން އަބަދު ޓޭކްއެވޭ ހަދައިގެން ގޭގައި ކޭ ކެއުން ހުއްޓާލައިފައި، ކޮންމެ ވެސް ވަރަކަށް ގޭ ތެރޭގައި އަމިއްލައަށް ކައްކައިގެން ގަރުދިޔައާއި ބަތާ ކައްކައިގެން ކާލައިގެން ތަންކޮޅެއް އާދައިގެ ދިރިއުޅުމަކަށް ތިރިވެލަން،" އާރިފް ވިދާޅުވިއެވެ.

https://sun.mv/194049

އޭނާ ވިދާޅުވީ، ސަރުކާރުން ރައްޔިތުންނަށް ދެމުން އައި އެއްވެސް ޚިދުމަތެއް ވެސް އަދި ފައިސާއެއް ވެސް ދިނުން ހުއްޓައިނުލާ ކަމަށެވެ. އެ ގޮތުން، އާސަންދަ ވެސް އަދި އެކަނިވެރި މައިންނަށް ދޭ އެލަވަންސް ވެސް އެ ނޫން އެއްވެސް އެލަވެންސެއް ކަނޑައިނުލާކަން އޭނާ ފާހަގަކުރެއްވިއެވެ.

އެކަމަކު، މާލީ ހާލަތާ ގުޅިގެން ބޮޑެތި ހަފުލާތަކާއި ޖަލްސާތައް ތަންކޮޅެއް ކުޑަ ޚަރަދަކުން ނިންމާލަނީ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"މީހަކު ބައްޔެއް ވީމާ އެއަށް ޝިފާ އޮތީ ހިތި ބޭހެއް ބޮއެގެން ކަމަށްވަންޏާ އެ ހިތި ބޭސް ބޯން އެބަޖެހޭ. އެއީ މަޖުބޫރުކަމެއް،" އޭނާ ވިދާޅުވިއެވެ.

"ޗާޕުކުރާ މެޝިނަށް ކަރުދާސް ލާފައި، ބަޓަނަށް ފިތާލީމާ ޗާޕުވެދާނެ. އެކަމަކު، އެއީ ޒިންމާދާރު ވެރިން ކުރާނެ ކަމެއް ނޫން. އިޚުލާސްތެރި ވެރިން ކުރާނެ ކަމަކީ އުނދަގުލަސް ދައްޗަސް ކަންކަން ރަނގަޅުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅެއް އެޅުން،"

އާރިފް ވިދާޅުވީ، މިއީ ދަތި ދުވަސްކޮޅެއް ކަމަށާއި އެކަމަކު ރާއްޖެ ބަނގުރޫޓު ނުވާނެ ކަމަށެވެ.

މާލީ ގޮންޖެހުންތައް ބޮޑުވެ، ސަރުކާރުން ވަނީ ސިޔާސީ ބައެއް މަގާމުތައް މަދުކޮށް އިސްލާހީ ފިޔަވަޅުތައް އަޅުއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ އިއުލާނުކުރައްވައިފައެވެ. އެކަމަކު، އޭގެ ފަހުން ވެސް ބައެއް ބޭފުޅުން މަގާމުތަކަށް އައްޔަންކުރެއްވި ކަމަށް ވިދާޅުވެ، ބައެއް އިދިކޮޅު ބޭބޭފުޅުން ވަނީ ފާޑުކިޔުން އަމާޒުކޮށްފައެވެ.

comment ކޮމެންޓް