ކުދި ވިޔަފާރިތައް ސަލާމަތްކުރަން މިހާރުވެސް ފައިސާ ޗާޕުކުރަން ޖެހޭ: ފައްޔާޒު

އެސްއެސް ޓީވީގެ "ބާރު ހަތަރެއް" ޕްރޮގްރާމުގައި ފައްޔާޒު: ވިދާޅުވީ ކުދި ވިޔަފާރިތައް ސަލާމަތްކުރަން މިހާރުވެސް ފައިސާ ޗާޕުކުރަން ޖެހޭ ކަމަށް

ކޮންސްޓްރަކްޝަން ދާއިރާގެ ހުރިހާ ވިޔަފާރިތައް "ފުނޑެނީ" ކަމަށާއި، ކުދި ވިޔަފާރިތައް ސަލާމަތްކުރަން މިހާރު ވެސް ފައިސާ ޗާޕުކުރަން ޖެހޭކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

މިރޭ އެސްއެސް ޓީވީން ގެނެސްދިން "ބާރު ހަތަރެއް" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ، ފައިސާ ޗާޕު ކުރާ ހަމަތަކަކާ އުސޫލުތަކެއް އޮންނަ ކަމަށެވެ. އެގޮތުން ޚަރަދަށް ޒިންމާވުމުގެ ގާނޫނުގައި މިއަދާހަމައަށް އޮތީ ދައުލަތުގެ ތިން އަހަރުގެ ރެވެނިއުގެ އެވްރެޖް އަދަދުގެ އެއް ޕަސަންޓު ސަރުކާރަށް އަބަދު ވެސް ޗާޕު ކުރެވޭ ގޮތަށް ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

"އެއީ އޯވަޑްރޯ ކުރަން އެމްއެމްއޭ މެދުވެރިކޮށް. އެއީ ކޭޗްފްލޯ ފަސޭކޮށްލުމަށާ ކަންކަމަށް 90 ދުވަހުގެ މުއްދަތަކަށް. ރެވެނިއު ލިބުނީމަ ސަރުކާރުން ޖެހޭނެ އަނބުރާ ދައްކަން،" ފައްޔާޒު ވިދާޅުވިއެވެ.

އަދި ހާއްސަ ހާލަތެއް ދިމާވެއްޖެ ނަމަ، މަޖިލީހަށް ހުށަހެޅޭ ގޮތުގެ މަތިން ވަކި ލިމިޓެއް ނެތި ޗާޕު ކުރުން ވެސް ގާނޫނުގައި އޮންނަ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ، އެމްޑީޕީގެ ސަރުކާރުން ކުރިކަމަކީ އާންމު ރައްޔިތުންގެ ދިރިއުޅުން ބިކަވިޔަ ނުދީ ވިޔަފާރިތައް ކޮޅަށް ޖަހައިދިނުން ކަމަށެވެ. އަދި މިއަދުގެ އިގްތިޞާދު ވަރުގަދަކޮށް އޮތީ ކޮވިޑުތެރޭ ފައިސާ ޗާޕުކޮށް ވިޔަފާރިތަކަށް އެހީވުމުން ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ފައިސާ ޗާޕުކުރި ނަމަވެސް، ލޯނުތަކަށާއި އިގްތިޞާދަށް އަސަރު ނުކުރާނެކަން ފާހަގަކުރައްވާ ފައްޔާޒު ވިދާޅުވީ، ފައިސާ ޗާޕުކުރުމުން އެއްޗެހީގެ އަގު އުފުލޭނީ ކަމަށެވެ.

"ފައިސާ ޗާޕުކޮށްގެނެއް ނޫން އިގްތިޞާދަށް ގޮތެއްވީ. އަޅުގަނޑު މިހާރު ވެސް މި ދަންނަވަނީ މި ސަރުކާރަށް ވެސް މިހާރުވެސް އިގްތޞާދީ މާހިރުންގެ ލަފާގެ މަތިން ކިހާވަރެއް ޗާޕުކުރެވޭނެތޯ ބަލާ، މިވަގުތައް ނޭވާއެއް ލުމަށްޓަކާ ޗާޕުކުރާށޭ،" ފައްޔާޒް ވިދާޅުވިއެވެ.

އެއަށްފަހު ސަރުކާރުގެ މަގާމުތައް މަދުކޮށް، ޚަރަދު ކުޑަކުރުމަށްފަހު އެފައިސާ އަނބުރާ ސިސްޓަމުން ބޭރުކުރަން ފައްޔާޒް އެދިވަޑައިގަތެވެ.

މީގެއިތުރަށް އޭނާ ވިދާޅުވީ، ސަރުކާރުން މާލީ ހާލަތާ ގުޅުވާ އެކި ފަހަރު ވާހަކަ ދައްކަނީ އެކި ގޮތަށްކަމަށެވެ. އެކަމުގެ ސަބަބުން އިންވެސްޓާ ކޮންފިޑެންސް ގެއްލި، ބޭރުގެ އިންވެސްޓަރުން ވެސް ޖެހެނީ ފަހަތަށް ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

"ސިޔާސީގޮތުން އެމްޑީޕީގެ ބޮލުގައި އެއްޗިސްތަކެއް އަޅުވަން ދައްކާ ވާހަކައިގެ ސަބަބުން ގޮސް އެމީހުން އަމިއްލައަށް އިގްތިޞާދު މި ފުނޑުފުނޑު ކޮށްލަނީ،"

އޭނާގެ އެންމެ ބޮޑު ކަންބޮޑުުމަކީ ސަރުކާރު ނާގާބިލުވުންކަން ފާހަގަކުރައްވާ ފައްޔާޒް ވިދާޅުވިއެވެ. އަދި ރައްޔިތުންނަށް ރާއްޖޭގެ މާލީ ހާލަތު ސާފުކޮސްދޭން ޖެހޭކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރާއްޖެއަށް މިހާރު ދިމާވެފައި އޮތް އިގުތިސާދީ ހުރަސްތަކުން އަރައިގަންނަން ޚަރަދު ކުޑަކުރުން ނޫން ގޮތެއް ނެތް ކަމަށް ވޯލްޑް ބޭންކުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ އިކޮނޮމިސްޓް އަދި ރެޒިޑެންޓް ކޯޑިނޭޓާ އެރްދެމް އަތާސް ވަނީ ވިދާޅުވެފައެވެ.

މާލީ ހާލަތަށް ބަލައި ފިޗުން ވަނީ ރާއްޖޭގެ ކްރެޑިޓް ރޭޓިން ވެސް ދަށްކޮށްފައެވެ. އެއީ، ދައުލަތުގެ ދަރަނި ބޮޑުވުމާއި ބޭރުން ފައިސާ ހޯދަން ހުރި ދަތިތައް ފާހަގަކޮށް، ގެނައި ބަދަލެކެވެ.

ގައުމުގެ މާލީ ހާލަތާއި އިގްތިޞާދު މިހާރު އޮތް ގޮތުން ސިޔާސީ މަގާމުތައް މަދުކުރުމަށާއި، ބައެއް ހަރަކާތްތައް ނުބޭއްވުމަށް މީގެ ކުރިން ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ ނިންމަވައިފައެވެ.

comment ކޮމެންޓް