''ހުދު ގަމީހަކާއި ސޯޓެއް ލިއެއްކަމަކު، މިއީ ހުސް ދަރަނި''

ރާއްޖެއަކީ ވެސް އާމްދަނީ ހޯދޭނެ އަގުހުރި ވަސީލަތްތަކެއް ހުރި ތަނެއްކަން އެ ބޭފުޅުން އެ ދުވަހު ވެސް، އަދި މިއަދު ވެސް ދެކެވަޑައިގަންނަވައެވެ. މީގެ 50 އެއްހައި އަހަރުކުރިން މިއަދު ރާއްޖެ މި ދެކޭ ޓޫރިޒަމް ތައާރަފުކުރެއްވި ބާނީން އެ ކަން ފެއްޓެވީ އެހެންވެއެވެ. އެ ބޭފުޅުން މިއަދު ވެސް ކުރައްވާ އުންމީދު ފޮންޏެވެ.

ނަމަވެސް، މި ސިނާއަތް ހަރުދަނާކުރުމަށް އެކުލަވައިލާ އުސޫލުތަކާއި ގަވައިދުތަކަކީ ސަރުކާރުތަކުގެ އަތްމަތީގައި އޮތް ކަމެއްކަމުން، އެ ބޭފުޅުންނަށް އޮތް ގޮތަކީ އެ ނިމުންތަކަށް ޚިޔާލު ހުށަހެޅުއްވުމާއި، އެ ކަންކަން ތަންފީޒުކުރުމަށް އެއްބާރުލުން ދެއްވުމެވެ.

ރާއްޖޭގެ ޓޫރިޒަމްގެ ބާނީންގެ ތެރޭ ހިމެނިވަޑައިގަންނަވާ ޗަމްޕާ ބްރަދާޒްގެ ޗެއާމަން މުޙައްމަދު މޫސާ (އުއްޗު) އާއި ޗަމްޕާ ކްރައުންގެ ޗެއާމަން ހުސައިން އަފީފް "ސަން"އަށް ދެއްވި ޚާއްސަ ބަސްދީގަތުމުގެ ތެރެއިން ފާޅުކުރެއްވީ ހަމަ އެ ޝުއޫރުތަކެވެ. ހިއްސާކުރެއްވީ ކަންބޮޑުވުންތަކާއި، ޚިޔާލުތަކެވެ.

ޗަމްޕާ ދެބެއިންނަށް ސަޓާގެ ފޭސް އޮފް ސައުތު އޭޝިއާ އެވޯޑް ހަވާލުކުރުން -- ފޮޓޯ/ ހައިރައިޒް

ޓެކްސް ބަދަލު، ރިސޯޓުތަކަށް ޑިމާންޑު ދަށްވާނެ

ނިމިދިޔަ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު އެމްއެމްއޭއިން ބޭރު ފައިސާއާ ބެހޭ ގަވައިދެއް އެކުލަވައިލިއެވެ. އެއާއެކު ކުއްލިއަކަށް ފެންމަތިވީ ފަތުރުވެރިކަމުގެ ސިނާއަތުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ވިޔަފާރިވެރިންގެ ޝަކުވާއެވެ.

ޓޫރިސްޓު ރިސޯޓުތަކުން ކޮންމެ މަހެއްގެ ތެރޭ އަންނަ ކޮންމެ ޓޫރިސްޓަކަށް 500 އެމެރިކާ ޑޮލަރުގެ ރޭޓުން އެ މަހެއްގައި އައިސްފައިވާ ޖުމުލަ ފަތުރުވެރިންނަށް ޖެހޭ އަދަދު މާރުކުރަން މަޖުބޫރުކުރުމަކީ ގިނަ ބޮޑެތި ވިޔަފާރިވެރިން ގަބޫލުކުރާ ގޮތުގައި "ވަރަށް ހެތްވާ" ކަަމެކެވެ. ގެސްޓު ހައުސްތަކަށް އަންނަ ކޮންމެ ފަތުރުވެރިއަަކަށް 25 ޑޮލަރު މާރުކުރަންޖެހުމަކީ ވެސް ވިޔަފާރިވެރިންނަށް ދައްޗެކެވެ.

މީގެ އިތުރުން ވެސް އެއާޕޯޓު ޑިވެލޮޕްމަންޓް ފީއާއި، ރިސޯޓުތަކާއި ގެސްޓުހައުސްތަކުގެ ގްރީން ޓެކްސް ބޮޑުކުރުމުން ދެން ވިސްނަން ޖެހެނީ ފަތުރުވެރިކަމަށް ކުރާނެ އަސަރަކާ މެދުގައެވެ. ބޮޑު އަގު ދީފައި ތަރައްގީކޮށްފައިހުރި ރިސޯޓުތަކަށް ވާނެ ގޮތަކާމެދުގައެވެ.

އުއްޗު ސުވާލު އުފެއްދެވި ހިސާބަކީ އެއީއެވެ. އެއް ގައުމަކަށް އަންނަ ފަތުރުވެރިއެއްގެ އަތުން ވަކި ތަނަކަށް ދިޔައީތީ ނަގާ ޓެކްސްގެ އަދަދު ތަފާތުވުމެވެ.

ގެސްޓު ހައުސްތަކުން ނަގާ ޓެކްސްގެ އަދަދު ރިސޯޓުތަކާ އަޅައިބަލާއިރު އެތައް ގުނައެއް ކުޑަވުމުގެ މާނައަކީ ފަތުރުވެރިންނަށް އެ ތަންތަނުން ލިބޭ ޚިދުމަތުގެ އަގު ވެސް ރިސޯޓުތަކާ އަޅައިބަލާއިރު މާ ބޮޑަށް ހެޔޮވުމެވެ. މިއީ ރިސޯޓުތަކަށް އަންނަން އޮންނަ ޑިމާންޑު ކުޑަވާނެ ކަމެއް ކަމަށް އޭނާ ދެކެވަޑައިގަންނަވައެވެ.

ޖުލައި 19، 2021: ފަތުރުވެރިން ރާއްޖޭ މައި އެއާ ޕޯޓްގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"އަނެއްކާ އެ ތަނުން [ގެސްޓް ހައުސްއިން] ހަމަ ގެސްޓަކަށް މި ނަގަނީ ގްރީން ޓެކްސް ވެސް ތިން ޑޮލަރު، ހަމަ ގެސްޓެއް އަންނަނީ އަނެއް ތަނަށް [ރިސޯޓަށް] ވެސް، ހަމަ ގެސްޓެއް، އެއް ގައުމަކަށް. އޭނަ އަތުން 12 ޑޮލަރު. އެހެންވީމާ އަނެއްކާ ވެސް އެއްކަލަ ތަންތަނަށް ދޯ މީހުން ގިނަވާނީ،" އުއްޗު ވިދާޅުވިއެވެ.

މިއީ ރިސޯޓުތަކަށް ކޮންމެހެން ނުގޮސް ވެސް ރާއްޖެ ޒިޔާރަތްކުރަން ބޭނުންވާ ފަތުރުވެރިޔާއަށް އެހެން މާ އަގުހެޔޮ ގޮތްތައް ޚިޔާރުކުރަން ނުސީދާކޮށް ބާރު އެޅުމެވެ.

"އެހެންވީމާ ރިސޯޓުތަކަށް ބޮޑަށް އައުމުގެ ބަދަލުގައި ގެސްޓު ހައުސްތަކަށް ބޮޑަށް އަންނާނެކަމަށް ބެލެެވެނީ. އެހެންވާނެތާ މިއީ އެއް ގައުމެއް، ދިވެހިރާއްޖެ. އެކަމު ހައިއެންޑް ތަންތަނަށް ތަންކޮޅެއް އިސް ބޭފުޅުން އަންނާނެ. އެބައި ހީވަނީ ތަންކޮޅެއް ގިނަވާނެހެން،"

"ޗައިނާ މީހުން ވެސް ވަރަށް އެބަ އާދޭ. އަޅުގަނޑުމެން ކުރީގައި ޗައިނާ ޗެންގްޑޫ ޔުނިވާސިޓީ މީހުންތައް މިހާރު ކައިރީ ހުރި ގެސްޓް ހައުސްތަކަށް އަންނަނީ. އެ މީހުން މިހާރު އެ ތިބީ އެ ތަން ހިންގަން ވެސް،" އުއްޗު ވިދާޅުވިއެވެ.

ނަމަވެސް، އުއްޗު ދެކެވަޑައިގަންނަވާ ގޮތުގައި ސަރުކާރުން ނިންމާ ނިންމުމެއް ނިންމާނީ ވިޔަފާރިވެރިންނަށް ވެސް ގެއްލުން ނުވާނެ ގޮތްގޮތަށް ވިސްނައިފައެވެ. އެހެންކަމުން އެ ކަމަށް އެއްބާރުލުން ދިނުމުގެ ވިސްނުން ގެންގުޅުން އެއީ ރަނގަޅު ގޮތްކަމަށް އޭނާ ދެކެވަޑައިގަންނަވައެވެ.

ޗަމްޕާ ބްރަދާޒްގެ ޗެއާމަން މުޙައްމަދު މޫސާ (އުއްޗު) -- ފޮޓޯ/ ހައިރައިޒް

"ހުދު ގަމީހެއް ލައިފައި ހުއްޓަސް، މިއީ މުޅިން ދަރަނިވެރިން"

އެންމެން ވެސް ގަބޫލުކުރަނީ ރިސޯޓެއް ތަރައްގީކުރަނީ ވިޔަފާރިވެރިއެއް އަތުގައި ފައިސާ ހުރީމާ ކަމަށެވެ. ނަމަވެސް، އުއްޗު ވިދާޅުވި ގޮތުގައި "ހުދު ގަމީހެއް ލައި ސޯޓުކޮޅެއް ލައިގެން ހުއްޓެއްކަަމަކު" އެއީ ވެސް ހުސް ދަރަނިވެރިންނެވެ.

"އަޅުގަނޑުމެން، މުޅިން ދަރަނިވެރިން އަޅުގަނޑުމެންނަކީ. ހުދު ގަމީސް ލައި ސޯޓު ބުރީގައި ތިއްބަކަސް. ވަރަށް ބޮޑަށް ޑެޓެޑް. ބޭންކް އޮފް މޯލްޑިވްސް ތަންތަން ބަލައިލީމާ، އެޗްއެސްބީސީ ތަންތަން ބަލައިލީމާ އެނގޭނެ ނަގާފައި ހުރި ލޯނު އެނގޭތޯ،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މި ހުރިހާ ފައިސާއެއް އިންވެސްޓުކުރައްވަނީ ރާއްޖެއަށް ކަމަށެވެ. ލޯނަކުން ލިބޭ ފައިސާއިން ރަށެއް ތަރައްގީކޮށް، އެ ރަށުން ލިބޭ ފައިސާއިން އިތުރު ރަށްތައް ތަރައްގީކުރުމަކީ އެއީ އޭނާ އިންވެސްޓުކުރައްވާ ގޮތް ކަމަށް ވިދާޅުވިއެވެ.

އުއްޗު ވިދާޅުވީ، ބޭރު އިންވެސްޓަރަކު ކުރާ އިންވެސްޓްމަންޓަކުން ލިބޭ އާމްދަނީގެ ބޮޑުބައި ދަނީ ރާއްޖެއިން ބޭރަށް ނަމަވެސް ދިވެހި އިންވެސްޓަރުން ކުރާ އިންވެސްޓްމަންޓުތަކުން ލިބޭ އާމްދަނީ ވަންނަނީ ރާއްޖޭގެ ބޭންކުތަކުގެ ތެރެއިން ކަމަށެވެ.

"އެކަމު ބައެއް ބޭފުޅުން ހިތްހަމަނުޖެހިގެން ފެމުނު މިޔަރަށް ގޮވައި، މަހުޖަނުންނަށް ގޮވައި ވަރަށް އެއްޗެހި ގޮވާނެ ބައެއް ރިސޯޓު އޯނަރުންނާ ދިމާއަށް. އެކަމަކު، އަޅުގަނޑު އެންމެ އުފާވާ ކަމަކީ އެކަހަލަ އެއްޗެހި ގޮވީމާ އެންމެ އުފާވާ ކަމަކީ،" ފާޑުކިޔާ ގިނަ މީހުން ނުދަންނަ ހަގީގަތް ހާމަަކުރައްވަމުން ވިދާޅުވިއެވެ.

މުސްތަގުބަލާ މެދު ކުރައްވާ އުންމީދު

މި ނިންމުންތަކާ އެކު މި ސިނާއަތުގައި ވެސް ކުރިއަށް އޮތްތަނުގައި އަންނާނެ ބަދަލުތަކެއް ހުންނާނެއެވެ. މުސްތަގްބަލާމެދު ކުރައްވާ އުންމީދާ ގުޅޭ ގޮތުން ސުވާލުކުރުމުން އުއްޗު ދެއްވީ ވަރަށް ސާދާ ޖަވާބެކެވެ.

"މާދަން ވާނެ ގޮތެއް ކާކަށް އެނގެނީ،" އުއްޗު ވިދާޅުވިއެވެ.

ނަމަވެސް، އުއްޗުގެ ކޮއްކޮ، އަފީފް ވިދާޅުވި ގޮތުގައި ފަތުރުވެރިކަމުގެ މުސްތަގުބަލު އުޖާލާކުރުމަށްޓަކައި ދެން ކުރަންވީ އެންމެ މުހިންމު ކަމަކީ ފަތުރުވެރިކަމުގެ ވިޔަފާރީގެ ތެރެއިން ދައުލަތަށް ދައްކަން ޖެހިފައިވާ ފައިސާ ނުދައްކައި ތިބި ހުރިހާ ވިޔަފާރިވެރިން އަތުން ލިބެންޖެހޭ ފައިސާ ހޯދުމެވެ.

ޗަމްޕާ ކްރައުންގެ ޗެއާމަން ހުސައިން އަފީފް -- ސަން ފޮޓޯ/ ނާއިލް ޙަފީޒް

ހަމައެއާއެކު ރާއްޖެގައި ނުހެދި ހުރި ހުރިހާ ރަށްތަކެއް ހަދަންވީ ކަމަށާއި އެ ތަންތަނުން ވެސް އާމްދަނީ ލިބޭނެ މަގު މަގުފަހިކުރުމަކީ އިތުރު ހަރުފަތަކަށް ސިނާއަތް ކުރިއެރުވުމަށް ޓަކައި ކުރަންވީ ކަންތައް ކަމަށް އަފީފް ވިދާޅުވިއެވެ.

"އަޅުގަނޑަށް ހީވަނީ ކުރަންވީ އެންމެ ބޮޑު ކަމަކީ ދަރައިފައި ތިބި އެންމެންގެ ލާރިތައް ހޯދުން. ޓޫރިޒަމް އިންޑަސްޓްރީއަަށާއި އެ ޓެކްސްތަކާއި ރެންޓާއި، އެ އެއްޗެހި ނުދައްކައި ހުރި ލާރި ހޯދުން، ނުހެދި ހުރި ހުރިހާ ރަށްތައް ހަދަންވީ އެނގޭތޯ،" އޭނާ ވިދާޅުވިއެވެ.

ދެ ބެއިންގެ ވެސް ވިސްނުންފުޅު ހުރީ މި ސިނާއަތުގެ ކުރިއެރުމާއި ތަރައްގީއަށެވެ. ރާއްޖެއަށް އާމްދަނީ ލިބެން އޮތް މަގެއްވާނަމަ އެ މަގަކުން ހިނގުމަށެވެ. ނިންމުންތަކަށް އެއްބާރުލުން ދިނުމަށެވެ.

comment ކޮމެންޓް