ރައްޔިތުންގެ މަޖިލީހަށް ފަސޭހައިން ކުއްލި މައްސަލަތައް ހުށަނޭޅޭ ގޮތް ހަދަން މަޖިލީހުގެ މެޖޯރިޓީ ޕާޓީ ޕިއެންސީން މިއަދު ގޮވާލައިފިއެވެ.
ސަރުކާރަށް ނިސްބަތްވާ މެންބަރުން އެގޮތަށް ގޮވާލާފައި ވަނީ، މިއަދުގެ ޖަލްސާއަށް ހުށަހެޅި ކުއްލި މައްސަލައަކާ ގުޅިގެންނެވެ.
އެއީ ސްޓޫޑެންޓް ލޯން ސްކީމްގައި ރާއްޖެއިން ބޭރުން ކިޔަވަމުންދާ ދަރިވަރުންނަށް ސަރުކާރުން ޖަމާކޮށްދޭންޖެހޭ ފައިސާ ޖަމާނުކޮށްނުދޭކަމަށް ބުނެ އިދިކޮޅު އެމްޑީޕީން ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ހުށަހެޅި ކުއްލި މައްސަލައެވެ.
އެ މައްސަލަ ވަނީ ޕީއެންސީ މެންބަރުންގެ އިއްތިފާގުން މިއަދު ބަލައިނުގަނެ މަޖިލިސް ތަޅުމުން ބޭރުކޮށްލާފައެވެ.
މިއަދުގެ ޖަލްސާގައި ކޮޕީރައިޓް ގާނޫނަށް ހުށަހެޅި އިސްލާހަށް ބަހުސްކުރި ވަގުތުގައި ބައެއް މެންބަރުން ވަނީ ކުއްލި މައްސަލަ ހުށަހަޅަން މިހާރު އޮންނަ ފަސޭހަ އުސޫލަށް ބަދަލު ގެނައުމަށް ގޮވާލާފައެވެ.
އެގޮތުން މާފަންނު ހުޅަނގު ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު މުސްތަފާ އިބްރާހީމް ވިދާޅުވީ މުހިންމު އެތައް ކަމެއް މަޖިލީހުގައި ކުރަން ހުއްޓައި، ކުއްލި މައްސަލަތައް ހުށަހަޅަނީ މި މަޖިލިސް ބޭކާރު މަޖިލީހަކަށް ހެދުމަށްޓަކައި ކަމަށެވެ.
އަދި އެއީ އެމްޑީޕީން މަޖިލީހުގެ ވަގުތު ބޭކާރުކުރުމަށްޓަކައި ކުރާ މަސައްކަތެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އިއްޒަތްތެރި ރައީސް. އަޅުގަނޑު ވެސް ތަކުރާރުކޮށް އެދެން މިފަދަ ބޭކާރު ބިލުތައް ނުވަތަ ކުއްލި މައްސަލަތައް މި ނުވަންނާނެ ގޮތަކަށް މި ކަންކަން ފަރުމާކުރަން. ކޮންމެ ދުވަހަކު އަޅުގަނޑުމެން މަސައްކަތް މި ފައްޓަނީ ކޮންމެވެސް ކަހަލަ ތާކުންތާކު ނުޖެހޭ ކަމެއްގެ ތެރެއިން. އެއްވެސް ކަހަލަ އުސޫލެއް އަސްލެއް ނެތް ކަމެއްގެ ތެރެއިން. މިހެން ނުވާނެ ގޮތަކަށް މަޖިލިސް ކުރިއަށް ގެންދިޔުމަށްޓަކައި ކޮންމެވެސް ކަހަލަ އަދަދެއް އޮވެގެން ނޫނީ ދެން މިހާރު މިތަނަށް ކުއްލި މައްސަލަ ހުށަނޭޅޭނެ ގޮތަކަށް މިކަންކަން ފަރުމާކުރުމަށް ގޮވާލަން، މާފަންނު ހުޅަނގު ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު މުސްތަފާ
ހަމައެއާއެކު ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ވެސް ވަނީ، އިދިކޮޅުން ހުށަހަޅާ ކުއްލި މައްސަލަތަކަކީ ބޭކާރު ގޮތުގައި މަޖިލީހުގެ މަސައްކަތްތަކަށް ހުރަސް އެޅުމަށް ކުރަމުންދާ ކަމެއްގެ ގޮތުގައި ތުހުމަތުކުރައްވާފައެވެ.
އެ ވާހަކައަށް ތާއީދުކޮށް ސަރުކާރަށް ނިސްބަތްވާ ގިނަ މެންބަރުން ވަނީ މަޖިލީހުގައި ބޭކާރު މަސައްކަތްތައް ކުރުމަށް ފުރުސަތެއް ނުދޭނެ ކަމަށް ވިދާޅުވެފައެވެ. އަދި އެއީ އެމްޑީޕީން ކުރަމުންދާ 'ފިނޑި' އަމަލެއް ކަމަށް ގިނަ މެންބަރުން ވަނީ ވިދާޅުވެފައެވެ.
އެކަމާ ގުޅިގެން މެންބަރު ނާޒިލް ވިދާޅުވީ ޕީއެންސީން މަޖިލީހުގެ މަސައްކަތަށް ބުރޫ އަރާ، ހުރަސް އަޅައޭ ބުނާއިރު މިއަދުގެ ޖަލްސާގައި އެޖެންޑާ ކޮށްފައި އޮތީ އެންމެ ކަމެއް ކަމަށެވެ. އެހެންކަމުން ރައްޔިތުންގެ ހައްގުގައި ހުށަހެޅޭ މިފަދަ ކުއްލި މައްސަލަތައް ބަލައިނުގަތުމަކީ ކަންބޮޑުވާ ކަމެއްގެ ގޮތުގައި ނާޒިލް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން މި ސަރުކާރުން ސިޔާސީ މަގާމުތަކަށް އައްޔަނުކޮށްފައިވާ މީހުންގެ އަދަދާއި ސަރުކާރު ކުންފުނިތަކުން މުސާރައިގެ ގޮތުގައި ހޭދަކުރަމުންދާ އަދަދު ހާމަކުރުމަށް އިންކާރު ކުރަމުންދާތީ އެ މައުލޫމާތު ހާމަކުރުމަށް ސަރުކާރަށް ގޮވައިލައި ރައްޔިތުންގެ މަޖިލީހުގެ މިދިޔަ ބުދަ ދުވަހުގެ ޖަލްސާއަށް އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ހުށަހެޅި ކުއްލި މައްސަލަ ވެސް ވަނީ ބޭރުކޮށްލައިފިއެވެ.
ވިހި ވަނަ މަޖިލީހުގެ ސުޕަ މެޖޯރިޓީ ކާމިޔާބުކުރުމަށް ފަހު ސަރުކާރުން މީގެ ކުރިން ބުނީ، މި މަޖިލީހަކީ ރައްޔިތުންނާ ގުޅުން ހުރި ކަންކަމުގައި ހުށަހެޅޭ މައްސަލަތަކަށް ބަހުސްކޮށް އެކަންކަމަށް ހައްލު ގެނައުމަށް މަސައްކަތް ކުރާނެ މަޖިލީހަކަށް ވާނެ ކަމަށެވެ.
ވަކިން ޚާއްސަ ގޮތެއްގައި ސަރުކާރާ ދެކޮޅު ޕާޓީތަކަށް ނިސްބަތްވާ މެންބަރުންނަށް ވެސް ހަމަހަމަކޮށް ފުރުސަތުތައް ދީގެން މަސައްކަތްކުރާނެ މަޖިލީހަކަށް ވާނެ ކަމަށެވެ.