ސިޔާސީ މަގާމުތަކުގެ އަދަދާއި މުސާރަ ހާމަ ކުރަން ގޮވާލި މައްސަލަ ބޭރުކޮށްލައިފި

ގަލޮޅު ދެކުނު ދާއިރާގެ، އިދިކޮޅު އެމްޑީޕީގެ މެންބަރު މީކާއީލް ނަސީމް: އޭނާ ހުށަހެޅުއްވި ސިޔާސީ މަގާމުތަކުގެ އަދަދާއި މުސާރަ ހާމަ ކުރަން ގޮވާލި ކުއްލި މައްސަލަ ބޭރުކޮށްލައިފި -- ފޮޓޯ/ މަޖިލިސް

މި ސަރުކާރުން ސިޔާސީ މަގާމުތަކަށް އައްޔަނުކޮށްފައިވާ މީހުންގެ އަދަދާއި ސަރުކާރު ކުންފުނިތަކުން މުސާރައިގެ ގޮތުގައި ހޭދަކުރަމުންދާ އަދަދު ހާމަކުރުމަށް އިންކާރު ކުރަމުންދާތީ އެ މައުލޫމާތު ހާމަކުރުމަށް ސަރުކާރަށް ގޮވައިލައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.

މި ސަރުކާރުން 2،000އަށް ވުރެ ގިނަ ސިޔާސީ މަގާމަށް މީހުން އައްޔަންކޮށް، 700 މިލިއަން ރުފިޔާ މުސާރަ ދިނުމަށް މަހަކު ޚަރަދު ކުރަމުން އަންނަ ކަމަށް ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

https://sun.mv/193717

އެއާއެކު މި ކުއްލި މައްސަލަ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ.

އެ ކުއްލި މައްސަލައަށް ބަހުސްކުރަން ނެގި ވޯޓުގައި މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވީ އެންމެ 11 މެންބަރުންނެވެ. އެ މައްސަލަ ބަލައިނުގަތުމަށް 56 މެންބަރުން ވަނީ ވޯޓުދެއްވާފައެވެ.

އެއާއެކު އެ ކުއްލި މައްސަލަ ވަނީ މަޖިލީހުން ބޭރުކޮށްލާފައެވެ.

މީކާއިލް ހުށަހެޅުއްވި ކުއްލި މައްސަލާގައި ވަނީ، ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ވާޖިބު އަދާކުރެއްވުމަށްޓަކައި ބޭނުންވާ މަގާމުތަކަށް މީހުން އައްޔަނުކުރުމަށް ދީފައިވާ އިޚުތިޔާރުގެ ބޭނުން ހިފައި، ސަރުކާރުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ބޭނުންވާ ވަރަށްވުރެ އިތުރަށް އަދި އެއްވެސް ހައްދެއް ނެތި ސިޔާސީ މަގާމުތަކަށް މީހުން އައްޔަނުކޮށްފައިވާކަމެވެ.

އަދި މުސާރައިގެ ގޮތުގައި އެ އިދާރާތަކާ ކުންފުނިތަކުން ހޭދަކުރަންޖެހޭ އަދަދު ބޮޑުވެ އެ ކުންފުނިތަކުގެ ހިންގުމަށް ދަތިވާ ހާލަތަށް ގޮސްފައިވާ ކަމަށް މައުލޫމާތު ލިބޭ ކަމަށް ވެސް އެ މައްސަލާގައި ފާހަގަކޮށްފައިވެއެވެ.

މީކާއިލް ވިދާޅުވީ، ސިޔާސީ މަގާމުތަކުގެ އަދަދުތައް ސާފުކޮށްދިނުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފިނޭންސް މިނިސްޓަރަށް ދެންނެވުމުން ވެސް އެ މައުލޫމާތު ކޮމިޓީއަށް ފޯރުކޮށްދީފައި ނުވާ ކަމަށެވެ.

އެހެންކަމުން އެ ކަމަކީ ސަރުކާރު ޖަވާބުދާރީ ކުރުމަށް ހުރަސްއެޅޭ ކަމެއްގެ ގޮތުގައި މީކާއިލް ފާހަގަކުރެއްވިއެވެ.

ސަރުކާރުގެ ފަރާތުން ހުށަހެޅި ދަރަންޏާ ބެހޭ ބިލަށް ބަހުސްކުރައްވާ މީކާއިލް ވިދާޅުވީ، ދަރަންޏާ ބެހޭ ބިލާ ސަރުކާރުގެ ޕެރޯލާއި ގުޅުން އޮންނަކަމަށެވެ. އެހެންކަމުން ސަރުކާރުގެ ސިޔާސީ މަގާމުތައް ހާމަކުރަން ހުށަހެޅުމުން އެ މައްސަލަ ބޭރުކޮށްލީތީ ކަންބޮޑުވާ ކަމަށް މީކާއިލް ވިދާޅުވިއެވެ.

ދިވެހި ރައްޔިތުންގެ އަތުން މުސާރަ ދޭ ސިޔާސީ މީހުންގެ އަދަދު ވެސް ރައްޔިތުންނަށް ނޭނގޭ. މައުލޫމާތު ލިބޭ ގޮތުން އިއްޔެ ވެސް ޑެޕިއުޓީ މިނިސްޓަރަކު ވަނީ އައްޔަނުކޮށްފައި. މާލީ ހާލަތާ އަޅުވާ މި ސަރުކާރުން އަޅާ މުހިންމު ފިޔަވަޅުތައް އަޅަން މަރުހަބާ ކިޔަން. ނަމަވެސް ސިއްރު ސިއްރުން މިކަން (ސިޔާސީ މަގާމުތަކަށް އައްޔަނުކުރުން) ކުރަމުން ދަނީ، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް

މީކާއިލް ވިދާޅުވީ މަޖިލީހަށް ހުށަހަޅާފައިވާ ދަރަންޏާ ބެހޭ ބިލަކީ ވަރަށް ވެސް ފުރިހަމަ ބިލެއް ކަމަށެވެ. އެހެންނަމަވެސް މިކަމުގެ މަގުސަދު ހާސިލުވާނެތޯ ސުވާލު އުފެދޭ ކަމަށް މީކާއިލް ވިދާޅުވިއެވެ.

އެ މަގުސަދު ހާސިލުކުރުމަށްޓަކައި ސަރުކާރުގެ ސިޔާސީ މަގާމުތައް އިތުރުވަމުންދާ އިތުރުވުން ހުއްޓަންޖެހޭ ކަމަށް މީކާއިލް ވިދާޅުވިއެވެ.

ސިޔާސީ މަގާމުތައް 700އަށް ވުރެ އިތުރުނުކުރައްވާނެ ކަމަށް ވައުދުވެވަޑައިގެން ވެރިކަމަށް ވަޑައިގެންނެވި ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން ގިނަ އަދަދެއްގެ މީހުންނަށް ސިޔާސީ މަގާމުތައް ދީ، އެ އަދަދުތައް ހާމަނުކުރާތީ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ.

https://sun.mv/193663

ސިޔާސީ މަގާމުތަކުގެ އަދަދު ރައްޔިތުންގެ މަޖިލީހުން ވެސް ހޯދަން މަސައްކަތް ކުރި ނަމަވެސް މިހާތަނަށް ސަރުކާރުން ހާމަކޮށްފައިނުވެއެވެ.

ގައުމުގެ މާލީ ހާލަތު ގޯސްވެ، ދަރަނި އަދާކުރުމަށް ހުރަސްތައް ގިނަ ކަމަށް ބޭރުގެ މާލީ އިދާރާތަކުން އިންޒާރު ދެމުންއަންނައިރު، މި ހާލަތުން އަރައިގަތުމަށް އެ ފަރާތްތަކުން އެންމެ ބޮޑަށް ބާރު އަޅަނީ ޚަަރަދު ކުޑަކުރުމަށެވެ.

މިދިޔަ ބުރާސްފަތި ދުވަހު ރައީސް ވަނީ، ގައުމުގެ މާލީ ހާލަތާއި އިގްތިޞާދު މިހާރު އޮތް ގޮތުން ސިޔާސީ މަގާމުތައް މަދުކުރުމަށް ނިންމަވައިފައިވާކަން އިއުލާން ކުރައްވައިފައެވެ. އަދި ޚަރަދު ކުޑަކުރުމަށް ޓަކައި އެކި މުނާސަބަތުތަކުގައި ބާއްވާ ހަފުލާތައް ކުޑަކުރުން ނުވަތަ ނުބޭއްވުން ހިމެނޭކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

comment ކޮމެންޓް