ބްރޯޑްކޮމުން ފަޒީން ވަކިކުރުމުގެ މައްސަލަ ކުރިޔަށްގެންދަން ކޮމިޓީން ނިންމައިފި

ބްރޯޑްކޮމްގެ ނައިބު ރައީސް މުހައްމަދު ފަޒީން --

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ނައިބު ރައީސް, މުޙައްމަދު ފަޒީންގެ މައްޗަށް ތުހުމަތުކުރެވޭ ޖިންސީ ފުރައްސާރައިގެ މައްސަލައިގައި އޭނާ މަގާމުން ވަކިކުރުމުގެ މަސައްކަތް ފެށުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއްސަސާތަކުގެ ކޮމިޓީން މިރޭ ނިންމައިފިއެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިރޭ ބޭއްވި ބައްދަލުވުމުގައި، އެ ކޮމިޓީން "ބަލަމުންދާ މައްސަލަ" މަޖިލީހުގެ ތަޅުމަށް ފޮނުވަން ހުށަހެޅުއްވީ ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފެވެ. ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަލީ އިބްރާހީމް ތާއީދު ކުރެއްވި އެ ހުށަހެޅުންވަނީ މުޅި އިއްތިފާގުން ފާސްކޮށްފައެވެ.

މި މައްސަލައިގައި އިތުރު ފުރުސަތަކަށް ދިނުމަށް އެދިފައިވުމާއެކު، ޝަރީފްވަނީ އެ މައްސަލައިގައި އިތުރު ފުރުސަތެއް ދިނުމަށް ހުށަހަޅުއްވައިފައެވެ.

"އަޅުގަނޑުމެންގެ މުޅި ކޮމިޓީގެ ވިސްނުމަކީ ވެސް ވީހާ ވެސް ބޮޑަށް މިނިވަންކަމާއެކު ވަކި ފަރާތަކަށް ނުޖެހި ވަރަށް ސާފުކޮށް ގެންދާ މައްސަލައެއްވީމާ، އަޅުގަނޑަށް ފެނޭ ހަމަ ވީހާ ފުޅާ ދާއިރާއެއްގައި އެކަން ކުރުމަށް ޓަކައި ދެވެން އޮތް ހުރިހާ ފުރުސަތެއް ދީގެން ކުރިޔަށް ގެންދަން" ޝަރީފް ވިދާޅުވިއެވެ.

ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމް ތާއީދު ކުރެއްވި އެ ހުށަހެޅުން ވެސް ވަނީ މުޅި ކޮމިޓީގެ އިއްތިފާގުންވަނީ ފާސްކޮށްފައެވެ.

ކޮމިޓީގައި ބަލަމުންދާ އެ މައްސަލައަކީ ސީދާ ކޮން މައްސަލައެއްކަން އިނގޭ ގޮތަށް އެއްވެސް ތަފުސީލެއް ހިއްސާއެއް ނުކުރެއެވެ.

އެހެން ނަމަވެސް މި މައްސަލައަކީ ފަޒީން މަގާމުން ވަކި ކުރުމާ ގުޅޭ މައްސަލަކަން "ސަން"އަށްވަނީ އެނގިފައެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި ފަޒީންގެ މައްޗަށް ތުހުމަތު ކުރަނީ އެތަނުގައި މަސައްކަތް ކުރާ އަންހެން މުވައްޒަފަކަށް ޖިންސީ ގޯނާ ކުރި ކަމަށެވެ.

މިކަމާ ގުޅިގެން "ސަން" އަށް މައުލޫމާތު ދެއްވަމުން މީގެ ކުރިން ފަޒީން ވިދާޅުވީ، އޭނާގެ މައްސަލައެއް މަޖިލީހުން ބަލަމުން އަންނަ ކަމަށެވެ. އަދި އެ މައްސަލައާ ގުޅޭގޮތުން އިތުރަށް ވާހަކަ ދައްކާކަށް ފަޒީން ބޭނުމެއް ނުވިއެވެ.

ކުރިން ރާއްޖެ ޓީވީގައި ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރެއްވި, ފަޒީން, ބްރޯޑްކޮމްގެ ނައިބު ރައީސްގެ މަގާމަށް އައްޔަނުކުރީ ނިމިދިޔަ އެމްޑީޕީ ސަރުކާރުގައެވެ.

comment ކޮމެންޓް