ރައްޔިތުންގެ މަޖިލީސް މެންބަރުން ރާއްޖޭން ބޭރުން ބޭސްފަރުވާ ކުރުމަށް ޚާއްސަ ކާޑެއް ތައާރަފުކުރަން އެލައިޑް އިންޝުއަރެންސްގައި އެދުމަށް މަޖިލީހުގެ އާންމު ކޮމިޓީން ފާސްކޮށްފިއެވެ.
އެގޮތަށް އެލައިޑުގައި އެދެން ފާސްކޮށްފައި ވަނީ މިދިޔަ ހަފުތާގެ ހޯމަ ދުވަހު ބޭއްވި ކޮމިޓީ ބައްދަލުވުމުގައެވެ. އެ ކަން ހުށަހަޅުއްވީ ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީއެވެ.
އޭނާ ކޮމިޓީގައި ވިދާޅުވީ، މަޖިލީސް މެންބަރުންގެ ހެލްތު އިންޝުއަރެންސް އެލައިޑަށް އިތުރު މުއްދަތަކަށް ދޭން ހުށަހެޅުއްވުމަށް ތާއިދުކުރާ ކަމަށެވެ. އެގޮތަށް އެލައިޑަށް މުއްދަތު އިތުރުކުރާނީ ދައުލަތުގެ ބަޖެޓަށް އިތުރު 'ބާރެއް' ނާރާނެ ގޮތަށް މެންބަރުންނަށް މިހާރު ވެސް ލިބެމުންދާ އިންޝުއަރެންސް ހަރުދަނާކުރުމަށް ކަމަށް އިބްރާހިމް ދީދީ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެލައިޑަށް ދޭ މުއްދަތު، ބަޖެޓުން އިތުރު ޚަރަދުނުކޮށް، އިތުރުކުރުމަށް ކޮމިޓީގައި ދެން ތިބި މެންބަރުން ވެސް ޚިޔާލު ފާޅުކުރައްވާފައިވާ ކަމަށެވެ.
އެއާއެކު މިހާރަށް ވުރެ ހަރުދަނާކޮށް މަޖިލީސް މެންބަރުންނަށް ސިއްހީ އިންޝުއަރެންސްގެ ޚިދުމަތް ހޯދަން ޚާއްސަ ކާޑެއް ތައާރަފުކުރަން އެލައިޑުގައި އެދުމަށް މެންބަރު އިބްރާހިމް ދީދީ ހުށަހެޅުއްވިއެވެ.
އެ ހުށަހެޅުމަށް ހޮޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުއްސައްތާރު މުހައްމަދު ތާއީދުކުރެއްވިއިރު، ހުށަހެޅުން ފާސްވީ ކޮމިޓީއަށް ހާޒިރުވެވަޑައިގެންނެވި އަށް މެންބަރުންގެ ތާއިދާއެކުގައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ޚާއްސަކޮށްފައިވާ ސިއްހީ އިންޝުއަރެންސް ޚިދުމަތް ހޯދުމުގައި ތަކުލީފުތަކެއް ދިމާވާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު އަހުމަދު ރިޔާޒު ކުރިން ކޮމިޓީއެއްގައި ވަނީ ޝަކުވާ ކުރައްވައިފައެވެ. އެ ޝަކުވާ އޭނާ ކުރެއްވީ މެންބަރުންގެ އިންޝުއަރެންސް މެދުވެރިކޮށް ރާއްޖެއިން ބޭރުން ފަރުވާއެއް ހޯދުމުގައި ދަތިތަކެއް ދިމާވުމުންނެވެ.
އެއާއެކު ރިޔާޒު ވަނީ މެންބަރުންނަށް ޚާއްސަކޮށްފައިވާ އިންޝުއަރެންސަށް މެންބަރުންގެ އަތުން ވަރަށް ބޮޑު އަދަދެއް ނަގާ ކަމަށާއި އެހެންވުމުން އެ ޚިދުމަތް ހޯދުމުގައި ތަކުލީފެއް އުފުލަން ޖެހިގެން ނުވާނެ ކަމަށް ވިދާޅުވެފައެވެ.